ގަތަރުގެ ވޯލްޑް ކަޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: ސްޓޭޑިއަމްތައް މިހާރު މާ ފިނިކަމަށް ބައެއް މީހުން ބުނޭ (ފޮޓޯ/ އަލްޖަޒީރާ)

ކުރިން ދެއްކީ ގަތަރުގެ ހޫނު ވާހަކަ، މިހާރު އުޅެނީ ފިނިވެގެން

ގަތަރުގައި ސްޓޭޑިއަމްތައް ހަދާފައި ހުރީ މާހައުލުގެ ހޫނުމިން މަތިވިޔަސް ސްޓޭޑިއަމް ތެރޭގައި 23 ޑިގްރީގައި ފިނިކަން ބަހައްޓާ ގޮތަށް
26 ނޮވެމްބަރު 2022

ވޯލްޑް ކަޕް ބާއްވާ ގައުމަކަށް 2010ގައި ގަތަރު ހަމަޖެހުމާ އެކު ދެއްކީ އެއީ އެވަރުގެ މުބާރާތެއް ބޭއްވޭ ވަރަށް ވުރެ މާ ހޫނު ގަދަ ތަނެއް ކަމަށެވެ. ސްޓޭޑިއަމްތައް ފިނިކޮށްފައި ބަހައްޓާނެކަމުގެ ޔަގީންކަން ގަތަރުން ދިނުމުން ވެސް، ހުޅަނގުގެ ފާޑުކިއުންތެރިން ދުލެއް ނުދެ އެވެ.

ގަތަރުގައި މިހާރު ވޯލްޑް ކަޕް ކުރިއަށް ދާއިރު ދެން އިވެން މި ފެށީ އެހެން ވާހަކައެކެވެ: ސްޓޭޑިއަމްތައް މާ ފިނީ އެވެ.

އާންމުކޮށް ވޯލްޑް ކަޕް ބާއްވަނީ ހޫނު މޫސުމާ ދިމާކޮށް ޖޫން/ޖުލައިގައި ނަމަވެސް އެ ދުވަސްވަރު މެދުއިރުމަތީގެ ގައުމުތަކުގެ ހޫނު މިން މާ މައްޗަށް ދާނެތީ، ފަސްކުރީ ނޮވެމްބަރާއި ޑިސެމްބަރަށެވެ. އަދި ގަތަރުގެ ސްޓޭޑިއަމްތަކުގެ ފިނިހޫނުމިން 23 ޑިގްރީ ސެލްސިއަސްގައި ހުންނާނެ ގޮތަށް، ބޮޑެތި އޭސީ ސިސްޓަމްތައް އީޖާދުކުރި އެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮތް އަލްބައިތު ސްޓޭޑިއަމްގައި ފިނިހޫނުމިން 23 ޑިގްރީ ސެލްސިއަސްގައި ހުއްޓަސް، މޫދާ ކައިރި ހިސާބެއް ކަމުން ފިނި ވައިރޯޅިތަކުން ދަނޑުގެ ފިނިކަން ބޮޑުވި އެވެ.

ޖުމްލަ އަށް ސްޓޭޑިއަމްގެ ތެރެއިން ހަތް ސްޓޭޑިއަމެއް ހަދާފައި ހުރީ މާހައުލުގެ ހޫނުމިން ކޮންމެ ދަރަޖައެއްގައި ހުއްޓަސް ސްޓޭޑިއަމް ތެރޭގެ ފިނިކަން 23 ޑިގްރީގައި ހިފެހެއްޓޭ ގޮތަށެވެ.

ސްޓޭޑިއަމްތައް އޭސީކޮށްފައި ހުރުމުގެ ފަސޭހަ ކުރިއަށް އޮތް މެޗުތަކުގައި ފެންނާނެ އެވެ. މޫސުމް ލަފާކުރާ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ގަތަރުގެ ހޫނުމިން 30 ޑިގްރީ ސެލްސިއަސްއަށް އަރާނެ އެވެ. އެހެންކަމުން އެ ދުވަސްތަކުގައި ބެލުންތެރިންނަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް