ރާއްޖޭގައި ގާއިމްކޮށްފައިވާ އިނގިރޭސިވިލާތުގެ ހައި ކޮމިޝަންގެ އޮފީސް ހުޅުވުމަށް 15 ފެބްރުއަރީ 2022ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ފޮރިން މިނިސްޓްރީ)

އިނގިރޭސި ވިސާއަށް އޮގަސްޓް 1-3އަށް ރާއްޖޭން ހުށަހެޅޭނެ

ފޮރިން މިނިސްޓްރީގައި މި ވަގުތީ ވިސާ ސެންޓަރު ގާއިމްކުރަނީ ދިވެހިންނަށް، ހާއްސަކޮށް ދިވެހި ދަރިވަރުންނަށް ފަސޭހަކޮށްދިނުމަށް

އިނގިރޭސިވިލާތުގެ ވިސާއަށް ރާއްޖޭގައި ތިބެގެން ހުށަހެޅޭ ގޮތް ހެދުމަށް އަންނަ އޮގަސްޓް 1 އިން 3އަށް ރާއްޖޭގައި ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް ގާއިމްކުރަން ނިންމައިފި އެވެ.

އެނގުން މުހިންމު - ޗުއްޓީ އަށާއި އެ ނޫން ވެސް ބައެއް ކުރު ވިޔަފާރި ދަތުރުތަކުގައި ދިވެހިންނަށް ވިސާއާ ނުލައި އިނގިރޭސިވިލާތަށް ގޮސް އެ ގައުމުގައި އަހަރަކު ގިނަވަގެން ހަ މަސްދުވަސް ހޭދަކުރެވުނަސް، އެހެން ހުރިހާ ބޭނުމަކަށް އެ ގައުމަށް ދެވެނީ ދުރާލާ ވިސާ ނަގައިގެންނެވެ. ރާއްޖޭގައި މި ފަހުން އިނގިރޭސިވިލާތުގެ ހައި ކޮމިޝަނެއް ގާއިމްކޮށްފައި ވިޔަސް، ދިވެހިން އަދިވެސް ވިސާ ނަގަން ދާން ޖެހެނީ އަވަށްޓެރި ލަންކާ އަށެވެ.

ބުނީ ކީކޭ؟ - ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އަހަރަކު އެއް ފަހަރު ރާއްޖޭން އިނގިރޭސިވިލާތުގެ ވިސާ ނެގުމުގެ އިންތިޒާމް ފޮރިން މިނިސްޓްރީން ހަމަޖައްސައިދެ އެވެ. 

ކޮވިޑާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ވަގުތީ ވިސާ ސެންޓަރެއް މި ހުޅުވަނީ، ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ދިވެހިންނަށް، ހާއްސަކޮށް އިނގިރޭސިވިލާތަށް ކިޔަވަން ދާ ދިވެހި ދަރިވަރުންނަށް ފަސޭހަކަމާ އެކު ވިސާއަށް އެދެވޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ.

ވިސާ ޕްރޮސެސް ފެށުމަށް އިނގިރޭސި ހައި ކޮމިޝަންގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ވަގުތީ ވިސާ ސެންޓަރުން ހިދުމަތް ދޭނީ، އެ މިނިސްޓްރީން ބުނި ގޮތުގައި، އޮގަސްޓް 1 އިން 3 އަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް