Majlis 2024

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި، ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވޯޓުލައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ލައިވް

މިއީ އެމްޑީޕީ އާއި ސަރުކާރު އެއްކޮށް މަސައްކަތްކޮށް 2023 ކާމިޔާބުކުރަން ދިން ވޯޓެއް: ފައްޔާޒު

މިއީ އެމްޑީޕީގެ ތާރީހުގައި ވެސް އެތެރޭގެ އިންތިހާބެއްގައި ވާދަވެރިކަން އެންމެ ބޮޑުވި ފަހަރު
14 މޭ 2022
 
18:34 May 14, 2022

ފައްޔާޒު މިހާރު ގެންދަވަނީ އޭނާގެ ކެމްޕެއިން ޖަގަހައިގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން. އޭނާ ވިދާޅުވީ މިއަދުގެ އިންތިހާބުން އެނގިގެން ދިޔައީ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުބާރު އޮތް މިންވަރު.

 
18:24 May 14, 2022

ފައްޔާޒުގެ ސަޕޯޓަރުން އުފާ ފާޅުކުރަނީ.
 
18:02 May 14, 2022

އެމްޑީޕީ 'ހިންގާލުމުގައި' ދެގޮތެއް ނުވެ ހުންނާނަން: ފައްޔާޒު

އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ފުރަތަމަ ފަހަރަށް ފައްޔާޒު ވަނީ ދެންމެ ވާހަކަދައްކަވާފައި. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ އެމްޑީޕީ އާއި ސަރުކާރު އެއްކޮށް މަސައްކަތްކޮށް، 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެމްޑީޕީގެ މެމްބަރުން ދިން ވޯޓެއް ކަމަށް.

 
17:34 May 14, 2022

ފައްޔާޒުއާ އެކު އެއް ޓީމެއްގެ ގޮތުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ކެމްޕޭނު ކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވަނީ ބޮޑު ތަފާތަކުން އެ މަގާމު ހޯއްދަވާފައި.

 
17:14 May 14, 2022

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި މިހާތަނަށް ގުނި ފޮށިތަކުގެ ނަތީޖާ އަތޮޅުތަކަށް ބެހިފައިވާ ގޮތް:

 
16:30 May 14, 2022

ފައްޔާޒުގެ ޓީމުން ކާމިޔާބީ އިއުލާނުކޮށްފި

ފައްޔާޒުގެ ޓީމުން ކާމިޔާބީ އިއުލާނުކޮށްފި. ފައްޔާޒުގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު ކުރެއްވި ޓުވީޓެއްގައި ވަނީ ފައްޔާޒަށް ތާއީދުކުރި ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައި.

 
14:26 May 14, 2022

އެމްޑީޕީގެ ޗެއާޕާސަންގެ ރޭހުގައި މިހާތަނަށް ގުނާ ނިމުނު ފޮށިތަކުގެ ނަތީޖާ:

 
14:16 May 14, 2022

 
14:02 May 14, 2022

އިންތިހާބުގެ ވޯޓު ގުނަން މިހާރު ވަނީ ފަށާފައި.

 
13:17 May 14, 2022

 
13:14 May 14, 2022

  • ވެހެމުންދިޔަ ވާރޭގެ ތެރޭގައި އެމްޑީޕީގެ މެމްބަރުން ވޯޓުލާން މަރުކަޒުތަކަށް ދަނީ. (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)
  • ވެހެމުންދިޔަ ވާރޭގެ ތެރޭގައި އެމްޑީޕީގެ މެމްބަރުން ވޯޓުލާން މަރުކަޒުތަކަށް ދަނީ. (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)
  • ވެހެމުންދިޔަ ވާރޭގެ ތެރޭގައި އެމްޑީޕީގެ މެމްބަރުން ވޯޓުލާން މަރުކަޒުތަކަށް ދަނީ. (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)
 
13:07 May 14, 2022

ވޯޓުލާން އެއްވެސް މީހަކު ކިއޫގައި ނެތް ސެންޓަރުތަކުގައި ހުރި ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފި.

 
13:05 May 14, 2022

ވޯޓުލުން 6 ޖަހަންދެން އިތުރުކުރީ ވޯޓު ފޮށި ބަންދުކުރަން އެންމެ ފުރަތަމަ ކަނޑައަޅާފައިވާ ގަޑި ކަމަށްވާ 4ގެ ފަހުން ކަމަށް އިމްތިޔާޒު ފަހުމީގެ ގާނޫނީ ޓީމުން ބުނެފި. އެހެންވެ، ވޯޓުލުން ހުއްޓާލަން އެދިފައިވާނެ ކަމަށް އެ ޓީމުން ބުނޭ.

 
10:50 May 14, 2022

ވޯޓުލުން 6 ޖަހަންދެން ކުރިއަށްގެންދާނެ

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުން 6 ޖަހަންދެން ކުރިއަށްގެންދަން ނިންމައިފި.

 
09:01 May 14, 2022

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި، އަންހެނުން ރޫހުގެ ރައީސްކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ސަފާތު (ކ) އަދި ރޮޒައިނާ ވޯޓުލައްވަނީ.
 
08:53 May 14, 2022

ރޮޒައިނާ އާއި ސަފާތު ވޯޓުލައްވައިފި

އެމްޑީޕީގެ އަންހެނުން ރޫހުގެ ރައީސްކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި ސަފާތު އަހްމަދު ޒާހިރު ވޯޓުލައްވައިފި.

ރޮޒައިނާ ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލްގައި ބައްހަޓާފައި ހުރި ގަލޮޅު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށް. ސަފާތު ވޯޓުލެއްވީ ހުރަވީ ސްކޫލްގައި ބައްހައްޓާފައި ހުރި ހުޅުމާލެ ދާއިރާގެ ވޯޓު ފޮއްޓަށް.

 
08:23 May 14, 2022

ލިބުނީ އެންމެ ޝަކުވާއެއް؛ ދަނީ ވަރަށް އޮމާންކޮށް: އެމްޑީޕީ

މިއަދު ކުރިއަށްދާ އެމްޑީޕީގެ ވާދަވެރި އެތެރޭގެ އިންތިހާބުގައި މިހާތަނަށް ލިބުނީ އެންމެ ޝަކުވާއެއް ކަމަށާއި އިންތިހާބުގެ ކަންކަން ކުރިއަށް ދަނީ ވަރަށް އޮމާންކޮށް ކަމަށް އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ބުނެފި.

އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް މަނިކު ދެންމެ 'ދައުރު'އަށް ވިދާޅުވީ، ސީރިއަސް ބޮޑު މައްސަލައެއް އަދި ދިމާ ނުވާ ކަމަށާއި ހުރިހާ ފަރާތްތަކެއް ވެސް އެއްބާރުލުން ލިބެމުންދާ ކަމަށް.

"ވަރަށް ރީތިކޮށް، ވަރަށް ހަމަޖެހިގެން އިންތިހާބުގެ ކަންކަން ކުރިއަށް ދަނީ، ދެ ފަރާތުން ވެސް ވަރަށް ގުޅިގެން. ސީރިއަސް ކަމެއް ނެތް،" އޭނާ ވިދާޅުވި.

"ލިޔުމުން މިހާތަނަށް ލިބުނީ އެންމެ ޝަކުވާއެއް."

ހުށަހެޅި ޝަކުވާއަކީ، ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ ޓީމުން ހުށަހެޅި ޝަކުވާއެއް. އެއީ މާލޭގައި ހުރި ފޮއްޓަކަށް ވޯޓުލީ މީހަކު ވޯޓު ކަރުދާސް ދެއްކި ކަމަށް ބުނާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި.

 
08:15 May 14, 2022

 
07:54 May 14, 2022

އެމްޑީޕީގެ ޗެއާޕާސަންއާ އެކު އެ ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު، ލ. މާވަށު ވޯޓުލާ މަރުކަޒުން ވޯޓު ކަރުދާސް ދޫކުރި އިރު ފާހަގަ ޖަހާފައިވާ ކަމަށް، ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް، މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޓީމުން ބުނެފި.

އިމްތިޔާޒްގެ ކެމްޕެއިން ތަރުޖަމާނު، އުނގޫފާ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާވަށުގައި ހުރި ވޯޓު ފޮށްޓަށް ވޯޓުލާން ދިޔަ މީހަކަށް ދޫކުރި ވޯޓު ކަރުދާހުގައި ކެންޑިޑޭޓު ނަންބަރު ދޭއްގައި ފާހަގަ ޖަހާފައިވާ ކަމަށް ބުނެ ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. ކެންޑިޑޭޓު ނަންބަރު 2 އަކީ ފައްޔާޒް.

 
07:30 May 14, 2022

ފަހުން ވޯޓުލާން ފެށި ފޮށިތައް ބަންދު ކުރާނީ 5 ޖަހާއިރު: އެމްޑީޕީ

މިއަދު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެކި ސަބަބުތަކާ ހުރެ ގަޑިއަށް ވޯޓުލާން ނުފެށުނު ފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 5 ޖަހާއިރު ކަމަށް އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ބުނެފި.

އެމްޑީޕީގެ މި އިންތިހާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތަކީ ހެނދުނު 9 އިން ހަވީރު 4 އަކަށް.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ ރައީސް އިބްރާހިމް މަނިކު މިއަދު 'ދައުރު'އަށް ވިދާޅުވީ،  މިހާރު ހުރިހާ ފޮޓެއްގައި ވެސް ވޯޓުލާން ފަށާފައިވާ ކަމަށް. އަދި ގަޑިއަށް ނުފެށުނީ މަދު ފޮށިތަކެއް ކަމަށް އޭނާ ވިދާޅުވި.

ކުރިން ހަމަޖެއްސި ބައެއް އޮފިޝަލުން ނައުމާއި އެކި އެކި ސަބަބުތަކާ ހުރެ ބައެއް ފޮށިތަކުގައި ގަޑިއަށް ނުފެށުނު. އެ ފޮށިތައް ބަންދު ކުރާނީ ހަވީރު 5 ޖަހާއިރު

އިބްރާހިމް މަނިކު - އިންތިހާބާ ބެހޭ ކޮމިޓީގެ ރައީސް

އޭނާ އިތުރަށް ވިދާޅުވީ: 

  • ދެން ހުރި ފޮށިތައް ކުރިންވެސް ކަނޑައަޅާފައިވާ ގަޑިއަށް 4 އަކަށް ބަންދުވާނެ

  • ވޯޓް ގުނަން ފަށާނީ ވޯޓް ފޮށި ބަންދު ކުރާތާ 15 މިނެޓް ފަހުން 

  • ވޯޓުގެ ވަގުތީ ނަތީޖާ ވޯޓްލާ މަރުކަޒުގައި ވަގުތުން އިއުލާން ކުރާނެ

 
07:05 May 14, 2022

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވޯޓުލައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
 
06:21 May 14, 2022

އިމްތިޔާޒު ފަހުމީ ވޯޓުލައްވައިފި

ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިމްތިޔާޒް ފަހުމީ ވޯޓުލައްވަައިފި

 
05:50 May 14, 2022

ރައީސް ސޯލިހް ވޯޓުލައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވޯޓުލައްވައިފި. އެ މަނިކުފާނު ވޯޓުލެއްވީ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް.

 
05:47 May 14, 2022

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި، ޗެއާޕާސަންގެ ރޭހުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވޯޓުލައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
 
05:47 May 14, 2022

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
 
05:36 May 14, 2022

ފައްޔާޒު ވޯޓުލައްވައިފި

ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވަނީ ވޯޓުލައްވާފައި. ފައްޔާޒު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް.

 
05:30 May 14, 2022

ނަޝީދު ވޯޓުލައްވައިފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވައިފި. ނަޝީދު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް.

 
05:18 May 14, 2022

ޗެއާޕާސަންގެ މަގާމު އެހާ މުހިންމުވަނީ ކީއްވެ؟

އާންމުންކުރާނެ އެއް ސުވާލަކީ، ޗެއާޕާސަންގެ މަގާމުގެ އިންތިހާބު އެހާ މުހިންމު ވެގެން މި އުޅެނީ ކީއްވެ؟ މީގެ ކުރު ޖަވާބަކީ އެމްޑީޕީގެ އިދާރީ ހުރިހާ ކަމެއްގެ ބާރު އޮތީ ޗެއާޕާސަނަށް ކަމަށް ވުން. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޗެއާޕާސަންއަކީ "ޕާޓީގެ އެތެރޭގެ ކަންތައްތައް ރާވާ އިންތިޒާމުކޮށް ހިންގާ ބެލެހެއްޓުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތެވެ." އެމްޑީޕީގެ ބާރު މިހާރު ކިރެމުން ދަނީ ރައީސް ސޯލިހާއި ކުރީގެ ރައީސް ނަޝީދުގެ ދެމެދުގައި ކަމަށް ވާތީ، ދެ ބޭފުޅުންނަށް ވެސް ޕާޓީގެ ސީދާ ކޮންޓްރޯލް ލިބިވަޑައިގަންނަވާނީ އެ ބޭފުޅެއްގެ ނުފޫޒު ހިނގާނެ ޗެއާޕާސަނެއް ހުންނަވައިގެން. މި އިންތިހާބު ހޫނުވެ، ވާދަވެރިކަން ބޮޑުވެފައި މި އޮތީ އެ ސަބަބާ ހެދި. އަދި ދެ ބޭފުޅުންނަށް އިންތިހާބު މުހިންމު ވަނީ ވެސް އެހެންވެ.

 
05:16 May 14, 2022

މީގެ ކުރިން ޕާޓީއެއްގެ އެތެރޭގެ އިންތިހާބުގައި ކެންޑިޑޭޓުން ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ގޮސް، ކެމްޕެއިން ކޮށްފައެއް ނުވޭ. އެކަމަކު ފައްޔާޒު އާއި އިމްތިޔާޒު ވަނީ ހުރިހާ ރަށަކަށް ވަޑައިގެން، އެތައް ހާސް ގެޔަކަށް ޒިޔާރަތްކުރައްވާފައި. އޭގެ އިތުރުން ދެ ޓީމުގެ ދެމެދު ބަދަލުކުރި ވާހަކަތަކަށް ބަލާއިރު މިއީ އެމްޑީޕީގެ އެތެރޭގެ ވަރަށް ބޮޑު ހަމަނުޖެހުންގަނޑެއްގެ ގޮތުގައި ވެސް ސިފަކުރެވޭ.

 
05:12 May 14, 2022

އެންމެ ވާދަވެރި އެތެރޭގެ އިންތިހާބު

މިއަދު ވޯޓު ލުން ފަށައިގެން މި އުޅެނީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ އެތެރޭގެ އެންމެ ވާދަވެރި އިންތިހާބުގައި. އެމްޑީޕީގެ އިދާރީ ހިންގުމުގެ ބާރު ހޯދުމުގެ މި ވާދަވެރިން ކުރިއަށް މި ދަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ މެދުގައި. ދެ ބޭފުޅުން ސީދާ ވިދާޅުނުވި ނަމަވެސް ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ނިސްބަތްވެވަޑައިގަންނަވަނީ، ދެ ރައީސުންނަށް.

 
05:10 May 14, 2022

މިއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި އެންމެ ވާދަވެރި ކެމްޕޭނެއް ކުރި އިންތިހާބު. މި އިންތިހާބު ބެލެވިފައި ވަނީ ރައީސް ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދާ ދެމެދު އޮތް ވާދަވެރިކަމުގެ ބައެއްގެ ގޮތުގައި.

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންއާ އެކު އެ ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިގެން ކުރިއަށް އެބަދެ އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނު 9ގައި ފެށި ވޯޓުލުން ހަވީރު 4އާ ޖެހެންދެން ކުރިއަށްދާނެ އެވެ.

ތަފްސީލް - މިއަދުގެ އިންތިހާބުގައި އެމްޑީޕީގެ މެމްބަރުން ވޯޓުލަނީ ފަސް މަގާމަކަށް ބޭފުޅުން ހޮވުމަށެވެ. އެއީ:

  • 1-

    ޗެއާޕާސަން 

  • 2-

    އަންހެނުންގެ ގޮފީގެ ރައީސް އާއި ނައިބު ރައީސް 

  • 3-

    ޒުވާނުންގެ ރޫހުގެ ރައީސް އާއި ނައިބު ރައީސް

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މިއަދު ވޯޓުލުން ކުރިއަށް ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މިއަދު ވޯޓުލުން ކުރިއަށް ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މި އިންތިހާބުގައި:

  • 90،000 މީހުންނަށް ވޯޓުލެވޭ

  • ޖުމްލަ 282 ވޯޓު ފޮށި ބަހައްޓާފައިވޭ

  • މާލޭގެ މެމްބަރުން ވޯޓުލުމަށް 15 ފޮށި؛ އެއީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ދާއިރާއަކަށް ފޮއްޓެއް

  • މާލޭގައި އުޅޭ ރަށްރަށުގެ މެމްބަރުން ވޯޓުލުމަށް މަޖިލީހުގެ ކޮންމެ ދާއިރާއަކަށް މާލޭގައި ފޮއްޓެއް ބަހައްޓާފައިވޭ

ފަސްމަންޒަރު - އިންތިހާބުގެ އެންމެ މުހިންމު އަދި ވާދަވެރިކަން އޮތީ ޗެއާޕާސަންގެ މަގާމަށެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ނުކުންނަވައިގެން އުޅުއްވަނީ، އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންގެ ފަރާތްޕުޅުންނެވެ. އެއްވެސް ބޭފުޅަކު ރަސްމީކޮށް އެގޮތަށް ވިދާޅުވި ނުވިޔަސް ފައްޔާޒު ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގަ އެވެ. އިމްތިޔާޒަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑޭޓެވެ.

ވެރިކަމުގައި ރައީސް ސޯލިހު ހުންނެވި ނަމަވެސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނަޝީދު ނުކުންނަވާނެ އެވެ. އެހެންކަމުން އެމްޑީޕީގައި ނުރަސްމީކޮށް އޮތް ވާދަވެރިކަން ގުޅެނީ އެކަމާ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް