ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ފެބްރުއަރީގައި ޅ. ހިންނަވަރަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ހިންނަވަރުން 9-600: ރައީސް ހުންނެވި ގޮތް ސާފު

ރަސްމީކޮށް އެއްވެސް ފަރާތަކުން ވިދާޅުނުވި ނަމަވެސް، ރައީސް ތާއީދުކުރެއްވި ކެންޑިޑޭޓަކީ ފައްޔާޒް

އިއްޔެ ނިމިގެން ދިޔަ އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި އެންމެ ތަފާތު ބޮޑު ނަތީޖާއެއް ނެރެފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އުފަން ރަށް، ޅ. ހިންނަވަރުންނެވެ. ރައީސްގެ ތާއީދާ އެކު އިންތިހާބުގައި ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކެމްޕެއިނަށް އެ ރަށަށް ވަޑައިގަތުމުން އެމްޑީޕީގެ ސަޕޯޓަރުން ނުކުމެ ދެއްކި ތާއީދު، ވޯޓު ފޮށިން ވެސް ފެނިގެން ދިޔަ އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން، ހިންނަވަރުގައި ބެހެއްޓި ފޮއްޓަށް ވޯޓުލީ މީހުންގެ %99 މީހުންނަށް ފެނުނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް އެންމެ އެކަށީގެންވާ މީހަކީ ފައްޔާޒް ކަމަށެވެ. ފައްޔާޒްއާ ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)އަށް އެ މަގާމު ދޭން ފެނުނީ އެ ރަށުން ވޯޓުދިން %1 މީހުންނަށެވެ.

މާލޭގައި ބެހެއްޓި އެ ދާއިރާގެ ފޮށިން ވެސް ފައްޔާޒް ވަނީ ބޮޑުތަނުން ކާމިޔާބުކުރައްވާފަ އެވެ. ހިންނަވަރުގެ ދެ ފޮށިން އިމްތިޔާޒަށް ލިބިވަޑައިގަތީ 50 ވޯޓެވެ.

ހިންނަވަރުގައި ބެހެއްޓި ފޮށީގެ ނަތީޖާ:

  • 1-

    އިމްތިޔާޒް: 9 ވޯޓު

  • 2-

    ފައްޔާޒް: 600 ވޯޓު

މާލޭގައި ބެހެއްޓި ހިންނަވަރު ދާއިރާގެ ފޮށީގެ ނަތީޖާ:

  • 1-

    އިމްތިޔާޒް: 43 ވޯޓު

  • 2-

    ފައްޔާޒް: 238 ވޯޓު

ޖުމްލަ ނަތީޖާ:

  • 1-

    އިމްތިޔާޒް: 52 ވޯޓު (%6)

  • 2-

    ފައްޔާޒް: 838 ވޯޓު (%94)

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރާއީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލައްވަނީ. ( ފޮޓޯ/ރައީސް އޮފީސް)
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރާއީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލައްވަނީ. ( ފޮޓޯ/ރައީސް އޮފީސް)

ހިންނަވަރުން ލިބުނު ނަތީޖާއާ ގުޅިގެން، ފައްޔާޒްގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު ވިދާޅުވީ އޭގެން އެނގިގެން ދިޔައީ ހިންނަވަރުގެ ރައްޔިތުން ބޭނުންވަނީ އެމްޑީޕީ ސަރުކާރާ އެކު ކުރިއަށް ދިއުމަށް ކަމަށެވެ.

"އަޅުގަނޑުމެން އަބަދު ވެސް ކިޔަމުން މި ދިޔައީ ސަރުކާރާ އެކު 2023 ހޯދަން. އަނެއް ކޮޅަކުން އެ މޭރުމަކުން ނޫން ފެނިގެން ދިޔައީ،" އޭނާ ވިދާޅުވި އެވެ.

ހިންނަވަރުން މިވަރުގެ ތަފާތު ބޮޑު ނަތީޖާއެއް ނުކުތް އިރު، އިމްތިޔާޒްގެ ކެމްޕެއިން ޓީމު އެ ރަށަށް ދިއުމުން، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއަށް ބަޔަކު ފުރައްސާރަކުރި ކަމަށް ވެސް އަޑު ފެތުރުނެވެ. ހިންނަވަރަކީ އީވާގެ ބައްޕަ އަބްދުﷲ މުހަންމަދު (ދޭލިޔާ)ގެ ރަށަށް ވުމާ އެކު އީވާއަށް ފުރައްސާރަކުރި ކަމަށް ބުނުމުން ބަޔަކަށް ބަލައިގަތުމަށް އުނދަގޫވި އެވެ. ނަމަވެސް އެފަދަ ކަމެއް ނުހިނގާ ކަމަށް ފައްޔާޒްގެ ޓީމުން ވެސް އަދި އިމްތިޔާޒްގެ ޓީމުން ވެސް ޔަގީންކޮށްދިނެވެ.

އެ ދުވަހުގެ ކަން ހިނގާދިޔަ ގޮތް ދެ ޓީމުން ވެސް ކިޔައިދިނީ އެއް ގޮތަކަށެވެ. އީވާ އެ ރަށަށް ވަޑައިގަތުމުން މީހަކު ކުރީ ސުވާލެކެވެ. މީގެ ކުރިން އެއްވެސް ކެމްޕެއިނެއްގައި އީވާ އެ ރަށަށް ވަޑައިގެންފައި ނުވާތީ، މި ކެމްޕެއިން ހާއްސަވީ ސަބަބެއް އޮޅުންފިލުވުމަށެވެ. 

ޅ. އަތޮޅުން އަގުލަބިއްޔަތު ނަގާނީ އިމްތިޔާޒް ކަމަށް އޭނާގެ ކެމްޕެއިން ޓީމުން ގަބޫލުކުރި އެވެ. ނަމަވެސް ޅ. އަތޮޅުގެ ނަތީޖާ އޮތީ ފައްޔާޒްގެ ކޮޅަށެވެ.

ހިންނަވަރު:

  • 1-

    އިމްތިޔާޒް: 52 ވޯޓު (%6)

  • 2-

    ފައްޔާޒް: 838 ވޯޓު (%94)

ކުރެންދޫ:

  • 1-

    އިމްތިޔާޒް: 135 ވޯޓު (%30)

  • 2-

    ފައްޔާޒް: 311 ވޯޓު (%70)

ނައިފަރު:

  • 1-

    އިމްތިޔާޒް: 297 ވޯޓު (%57)

  • 2-

    ފައްޔާޒް: 227 ވޯޓު (%43)

ޅ. އަތޮޅުގެ ޖުމްލަ ނަތީޖާ:

  • 1-

    އިމްތިޔާޒް: 484 ވޯޓު

  • 2-

    ފައްޔާޒް: 1376 ވޯޓު

ރައީސް ސޯލިހުގެ ރަށުން އަދި އެ މަނިކުފާނުގެ އަތޮޅުން، އެ މަނިކުފާނު ތާއީދުކުރެއްވި ކެންޑިޑޭޓަށް މިވަރުގެ ތާއީދެއް ލިބުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އިންތިހާބުގެ ފޯރިގަދަ ކެމްޕެއިންގެ ތެރެއިން، ރައީސް ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ވެސް ހިންނަވަރަށް ވަޑައިގެންފަ އެވެ.

ހިންނަވަރަށް ފަހު ދެން އެންމެ ތަފާތު ބޮޑު ނަތީޖާއެއް ފެނުނީ ކ. ކާށިދޫންނެވެ. ކާށިދޫން ވެސް ފައްޔާޒް ވަނީ %92 ވޯޓު ހޯއްދަވައިފަ އެވެ.

ކާށިދޫ ދާއިރާ:

  • 1-

    އިމްތިޔާޒް: 44 ވޯޓު (%8)

  • 2-

    ފައްޔާޒް: 484 ވޯޓު (%92)

މިނިސްޓަރު ކަމަށް އައްޔަންކުރުމުގެ ކުރިން ފައްޔާޒް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ލ. ގަމު ދާއިރާގެ މެމްބަރުގެ ގޮތުގަ އެވެ. ޗެއާޕާސަންކަމުގެ އިންތިހާބުގައި އެ ދާއިރާ ކާމިޔާބުކުރެއްވީ ފައްޔާޒް އެވެ.

ލ. ގަމު ދާއިރާ:

  • 1-

    ފައްޔާޒް: 778 ވޯޓު (%65)

  • 2-

    އިމްތިޔާޒް: 414 ވޯޓު (%35)

އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި އިމްތިޔާޒް ވަނީ އޭނާ ތަމްސީލުކުރައްވާ މާފަންނު އުތުރު ދާއިރާ އާއި އޭނާއަށް ތާއިދުކުރެއްވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަމްސީލުކުރައްވާ މައްޗަންގޮޅި މެދު ދާއިރާ އާއި އަދި އީވާ ތަމްސީލުކުރައްވާ ގަލޮޅު އުތުރު ދާއިރާ ވެސް ކާމިޔާބުކުރައްވައިފަ އެވެ.

މާފަންނު އުތުރު:

  • 1-

    އިމްތިޔާޒް: 178 (%75)

  • 2-

    ފައްޔާޒް: 58 (%25)

ގަލޮޅު އުތުރު:

  • 1-

    އިމްތިޔާޒް: 202 (%76)

  • 2-

    ފައްޔާޒް: 64 (%24)

މައްޗަންގޮޅި މެދު:

  • 1-

    ފައްޔާޒް: 130 (%45)

  • 2-

    އިމްތިޔާޒް: 160 (%55)

އިއްޔެ ނިމުނު އިންތިހާބުގައި ނ. ހެނބަދޫން ވަނީ ފައްޔާޒަށް %100 ވޯޓު ދީފަ އެވެ. އެ ރަށުން ވޯޓު ދިން 102 މީހުން ވެސް ޗެއާޕާސަން ކަމަށް އިހްތިޔާރުކުރީ ފައްޔާޒް އެވެ. އިމްތިޔާޒަށް އެންމެ ވޯޓެއް ވެސް ނުލިބެ އެވެ.

ފަސްމަންޒަރު - ޗެއާޕާސަންކަމުގެ އިންތިހާބުގައި ފައްޔާޒު އާއި އިމްތިޔާޒު ވާދަކުރެއްވި ނަމަވެސް، ދެ ބޭފުޅުން ތަމްސީލުކުރައްވަނީ އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންނެވެ. މި އިންތިހާބުގައި އޮތީ ދެ ފަޅީގެ ވާދަވެރިކަމެވެ. އެއްވެސް ބޭފުޅަކު ރަސްމީކޮށް އެގޮތަށް ވިދާޅުވި ނުވި ނަމަވެސް، އިއްޔެގެ ވޯޓު ނިމިގެން ދިޔައިރު ބޮޑު ތަފާތަކުން މޮޅުވީ ރައީސް ސޯލިހުގެ ފަޅި އެވެ. 

ޗެއާޕާސަންކަމުގެ އިންތިހާބަކީ 2023ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއަށް މުހިންމު އިންތިހާބަކަށް ވާއިރު، ރިޔާސީ އިންތިހާބުގައި އެ ޕާޓީން ނެރޭނެ ކެންޑިޑޭޓެއް އަދި ނޭނގެ އެވެ. ޕްރައިމަރީ ބާއްވާނީތޯ ނުވަތަ ރައީސް ސޯލިހަށް ދެ ވަނަ ދައުރަކަށް ޓިކެޓު ދޭނީތޯ ވެސް ނޭނގެ އެވެ. ހަމައެކަނި ޔަގީންވަނީ، ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނެ ކަމެވެ.

ކޮމެންޓް (2)

ހިންނަވަރު

15 މޭ 2022
ބައެއް މީހުންނަށް ވާ ގޮތަކީ، ބޮޑު މަގާމެއް، ނޫނީ ތަނަވަސްކަމެއް ލިބިއްޖެ ނަމަ، ތިމާ އައި ތަން ހަނދާން ނެތެނީ. އެހެން ނުވާ މީހުންނަށް، އެ ތަނަކުން ވެސް ގަދަރު ކުރާނެ. ބަސް ވެސް ވިކޭނެ
2 0

މުޙައްމަދު

15 މޭ 2022
@ހިންނަވަރު 💯 ގެ ވާހަކަ އެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް