ސައުތު ކޮރެޔާ ކުޅުންތެރިންނާ ޕައުލޯ ބެންޓޯ ސަލާންކުރަނީ: މުބާރާތުގެ ގަދަ 16 އިން ބަލިވުމުން އޭނާ ވަނީ ސައުތު ކޮރެޔާގެ ކޯޗުކަން ދޫކޮށްލަން ނިންމާފައި

ސައުތު ކޮރެޔާގެ ކޯޗު ބެންޓޯ މަގާމުން ވަކިވަނީ

6 ޑިސެމްބަރު 2022

ގަތަރު ވޯލްޑް ކަޕްގެ ގަދަ 16ގައި ރޭ ބްރެޒިލް އަތުން 4-1 އިން ބަލިވެ ކެޓުމާ އެކު، ސައުތު ކޮރެޔާގެ ކޯޗު ޕައުލޯ ބެންޓޯ އެ މަގާމުން ވަކިވާން ނިންމާ އެކަން ރޭ އިއުލާންކޮށްފި އެވެ.

ޕޯޗުގަލްގެ އުމުރުން 53 އަހަރުގެ ބެންޓޯ ސައުތު ކޮރެޔާގެ ކޯޗުކަމާ ހަވާލުވީ 2018 ގަ އެވެ.

"އަހަރެމެންގެ ކުރިމަގާ މެދު ވިސްނާ އިރު ޔަގީނުން ވެސް ސައުތު ކޮރެޔާގެ ގައުމީ ޓީމާ އެކު ނުތިބޭނެ،" ބެންޓޯ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ ނިންމުން އޭނާ ނިންމީ މިދިއަ ސެޕްޓެމްބަރު މަހު އެވެ. އަދި އެއީ ބަދަލުކުރެވޭނެ ނިންމުމެއް ނޫން ކަމަށް ވެސް ބުންޏެވެ.

 ބެންޓޯ، ގަތަރު ވޯލްޑް ކަޕްގެ ތެރޭގައި އިންޓަވިއު ދެނީ

"ކުޅުންތެރިންނާއި ސައުތު ކޮރެޔާގެ ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ކައިރީގައި ވެސް އެ ވާހަކަ މިހާރު ބުނެފިން،" ބެންޓޯ ބުންޏެވެ.

"މިއަދު އެކަން އަހަރެން މި ޔަގީންކޮށްދިނީ. އަހަރެން އެ އެންމެންނަށް ޝުކުރުއަދާކުރަން."

ބެންޓޯ ބުނި ގޮތުގައި ކުޅުންތެރިން ވަނީ އެ މީހުންނަށް ކުރެވޭނެ އެންމެ މަތިން މަސައްކަތްކޮށްފަ އެވެ. އެހެންކަމުން އެ ކުޅުންތެރިންގެ މެނޭޖަރަކަށް ވުމަކީ ލިބުނު ޝަރަފެއް ކަމަށް ވެސް ބުންޏެވެ.

ސައުތު ކޮރެޔާއިން ގަދަ 16 އިން ޖާގަ ހޯދީ ގްރޫޕްގެ ފަހު މެޗުގައި ބެންޓޯގެ ގައުމު، ޕޯޗުގަލް 2-1 އިން ބަލިކޮށްފަ އެވެ. އޭނާ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކުރިން ކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް