ޝާކިރު ލައިވް އާޓް ޕާފޯމެންސެއް ހުށަހަޅައިދެނީ.

ފަންނުވެރިން

ޝާކިރުގެ ކުރެހުންތަކުން ދައްކާލަނީ މޫދާއި ފަންނުވެރިކަމަށް އޮތް ލޯބި

ކްރޮސްރޯޑްސްގައި އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާ މި މައުރަޒަކީ އޭނާގެ ފުރަތަމަ އަމިއްލަ މައުރަޒު

މިދިޔަ ބުރާސްފަތި ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގެ 'ދަ ގެލެރީ'ގައި ހުޅުވާލި ކުރެހުމުގެ މައުރަޒު 'ތްރީ' އަކީ މުހައްމަދު ޝާކިރު (ޝާކް)ގެ ފުރަތަމަ ސޯލޯ އެގްޒިބިޝަނެވެ.

މައުރަޒު ހުޅުވުމުގެ ގޮތުން އެ ރޭ ބޭއްވި ހަފްލާ ފަށަން އޮތް ގަޑިއަށް ވެހުނު ބޯ ވާރޭގެ ސަބަބުން ރަސްމިއްޔާތު ކުޑަ އިރުކޮޅަކަށް ލަސްވި ކަމުގައި ވިޔަސް، އެ ތަނަށް ދިޔަ ހުރިހާ މެހެމާނުންނަށް ޝާކިރު ހުށަހަޅައިދިނީ އާއްމުކޮށް ނުފެންނަ ފުރިހަމަ ސްޓައިލެއްގެ އެގެޒިބިޝަނެކެވެ.

"އަޅުގަނޑު މި މައުރަޒުން ދައްކައިދޭން ބޭނުންވީ އަޅުގަނޑުގެ ތިން ޕެޝަން،" ޝާކިރު ބުންޏެވެ.

"އެއީ ކޮގްނިޓިވް ތިންކިން ޕްރޮސެސް އަދި މޫދާއި އާޓް. މިކަމާ ބެހޭ ގޮތުން މައުލޫމާތު ހޯދައި ވިސްނަމުން ގޮސް އެ ކަންތައް ޕްރެކްޓިސް ކުރުމަށް ފަހު، އެންމެ ފަހުން އަޅުގަނޑުގެ މަސައްކަތް ދައްކާލަން ތައްޔާރުވީ."

ޝާކިރުގެ 'ތްރީ' މައުރަޒު ހުޅުވުމުގެ ހަފްލާގެ ތެރެއިން.
ޝާކިރުގެ 'ތްރީ' މައުރަޒު ހުޅުވުމުގެ ހަފްލާގެ ތެރެއިން.

މި މައުރަޒުގައި ޝާކިރުގެ 36 ކުރެހުމެއް ދައްކާލަ އެވެ. މައުރަޒު ހުޅުވުމުގެ ހަފްލާގައި ކުރެހުންތައް ބަލައިލަން މަޑުކޮށްލައިގެން ތިބި އިރު، ފަހަތުން ރާއްޖޭގެ ޒުވާން މިއުޒިޝަން ޔޯސާފްގެ މިއުޒިކް ޕާފޯމަންސެއް ވެސް ކުރިއަށްދިއަ އެވެ. އޭގެ ސަބަބުން މުޅި އެ މާހައުލު ވަރަށް ހިތްގައިމެވެ. މި ރަސްމިއްޔާތަށް ޝާކިރުގެ ގާތް ރަހުމަތްތެރިންނާއި ރާއްޖޭގެ ނަން މަޝްހޫރު އެކި ފަންނުވެރިން ތިއްބެވެ. ރަސްމިއްޔާތަށް ދިޔަ ހުރިހާ މެހެމާނުންނާ ބައްދަލުކޮށް، ޝާކިރުގެ މަސައްކަތުގެ ތަރާރަފެއް އޭނާ އަމިއްލައަށް ދިނެވެ.

ޝާކިރު ލައިވް އާޓް ޕާފޯމެންސެއް ހުށަހަޅައިދެނީ.
ޝާކިރު އޭނާގެ ކުރެހުމަކާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން.

މި މައުރަޒަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް ވެސް ހުރެވެނީ، ޝާކިރު ކުރަހާފައިވާ ކުރެހުންތަކާ މެދު ފޫހިކަމެއް ނެތި ވިސްނާލާށެވެ. ބޭނުން ނަމަ އެ ކުރެހުންތައް ބަލައިލަން އިށީނދެލައިގެން ތިބެން ބީން ބޭގް ގޮނޑިތަކެއް ބަހައްޓާފައި ހުއްޓެވެ. މައުރަޒު ރާވާފައިވަނީ ވަރަށް ޒަމާނީ، ބެލުންތެރިންނަށް ތަފާތު ފަންނުވެރި ތަޖުރިބާއެއް ލިބޭނެ ގޮތަށެވެ.

ޝާކިރުގެ މަސައްކަތަށް ބަލައިލުމުން އޭނާ އަކީ މޫދަށް ލޯބި ކުރާ މީހެއްކަން ކަށަވަރުވެ އެވެ. މޫދަށް އެރި ސްނޯކަލް ކުރާއިރު ފެންނަ އެކި މަންޒަރުތައް އޭނާ ވަނީ އެކި ސައިޒުގެ ކެންވަސްތަކުގައި ކުރަހައި ކުލަޖައްސާފަ އެވެ. އިރުގެ ދަޅަ ރާޅުތަކަށް އެޅިފައި ހުންނަ ބައްޓަންތައް އޭނާ ވަރަށް ނަލަކޮށް ކުރަހާފައި ހުއްޓެވެ. ހަމަ އެއާ އެކު، ހުދު ހެދުމެއް ލައިގެން ހުރި އަންހެނެއް މޫދު އަޑީގައި ފީނާ މަންޒަރުން ބަޔާން ކޮށްދެނީ ފުން ވާހަކަތަކަކާއި ތަޖުރިބާތަކެކެވެ. 

މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތަށް ޝާކިރު ވަނީ ވަރަށް ހާއްސަ ކަމެއް ހުށަހަޅައިދީފަ އެވެ. އެއީ އޭނާ ކުރަހާ ތަން ވަގުތުން ދައްކާލުމެވެ. ޔޯސާފްގެ މަޑުމައިތިރި ލަވައަށް ޝާކިރު ފެށީ ކެންވާސްއެއްގައި ކުރަހާށެވެ. ހުދު ފޮށައެއް ބޮލުގައި އައްސައި ހުދު ގަމީހެއް ލައިގެން ހުރި ޝާކިރު ދިޔައީ ވަގުތުން އެންމެންގެ ކުރިމަތީގައި ކުރަހަމުންނެވެ.

ޝާކިރު ވަނީ މީގެ ކުރިން ވެސް އެކި ފަންނުވެރި އިވެންޓުތަކުގައި މިފަދަ ލައިވް އާޓް ޕާފޯމަންސްތައް ހުށަހަޅައިދީފަ އެވެ. އެކަމަކު މިފަހަރުގެ މުނާސަބަތު އޭނައަށް ވަރަށް ހާއްސަ އެވެ. ލަވަ ނިމުމަކާ ހަމައަށް ދިޔައިރު ޝާކިރު ވަނީ އޭނާގެ ކުރެހުން ނިންމާލާފަ އެވެ. އޭގައި އެޅި ކޮންމެ ރޮނގެއް ވެސް އެޅީ ވަރަށް ގަޔާވެގެން ހުރެ، މިއުޒިކާ އެއް ވަރަކަށް ކުރަހައި ކުލަޖައްސަމުންނެވެ.

"މައުރަޒުގައި ދައްކާލި ކުރެހުންތަކުގެ ތެރެއިން 20 ކުރެހުން އަޅުގަނޑު ވިއްކަން،" ޝާކިރު ބުންޏެވެ.

ޝާކިރުގެ 'ތްރީ' މައުރަޒު ހުޅުވުމުގެ ހަފްލާގެ ތެރެއިން.
ޝާކިރުގެ 'ތްރީ' މައުރަޒު ހުޅުވުމުގެ ހަފްލާގެ ތެރެއިން.

އިތުރު ސޯލޯ އެގްޒިބިޝަނެއް ބާއްވަން އުއްމީދު ކުރަންތޯ އެހެމުން ޝާކިރު ބުނީ އެއީ މުސްތަގުބަލުގައި އަދިވެސް ކުރަން ބޭނުންވާ ކަމެއް ކަމަށެވެ. 

"މިހާރު އަޅުގަނޑު ބޭނުންވަނީ ކޮލެބު ކޮށްގެން އަދިވެސް މެޖިކް ކްރިއޭޓު ކުރަން،" އޭނާ ބުންޏެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވާ 'ތްރީ' މައުރަޒު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި މައުރަޒަށް ރޭގަނޑު 6 އިން 8އާ ދެމެދު އާންމުންނަށް ޒިޔާރަތްކުރެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް