Majlis 2024

މެކްސިކޯއާ ދެކޮޅަށް ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އުފާ ފާޅުކުރަނީ

ލިއޮނެލް މެސީ

މެސީ ހުރެއްޖެ ނަމަ، އެއީ އާޖެންޓީނާއަށް އަބަދުވެސް އުއްމީދެއް

މެސީ ބުނީ ވޯލްޑް ކަޕްގައި ކުރަން ހުރި ކަންކަން އާޖެންޓީނާއަށް ރަނގަޅަށް އެނގޭ ކަމަށް
27 ނޮވެމްބަރު 2022

ލިއޮނެލް މެސީ ހުރެއްޖެ ނަމަ ކޮންމެ އިރަކު ވެސް، ކޮންމެ ހާލަތެއްގައި ވެސް، އާޖެންޓީނާއަށް ދިރުން ގެނެސްދޭނެކަން، މެކްސިކޯ 2-0 އިން ބަލިކޮށް ރޭ ދުނިޔެއަށް ސާބިތުކޮށްދީފި އެވެ.

ގަތަރު ވޯލްޑް ކަޕްގައި ސައުދީ އަރަބިއްޔާ އަތުން ހައިރާންކުރުވަނިވި ގޮތަކަށް ބަލިވެ، ރޭ ކޮންމެހެން ވެސް މޮޅުވާން މަޖުބޫރު މެޗުގައި އެ ދިރުމާއި އުއްމީދު ގެނެސްދިނީ މެޗުގެ 64 ވަނަ މިނިޓްގަ އެވެ. ޕެނެލްޓީ އޭރިޔާގެ ބޭރުން ތިރިން ފޮނުވާލި ބޯޅަ، އެ ވަގުތާ ހަމައަށް މެސީ ހިފަހައްޓަމުން އައި މެކްސިކޯގެ ދިފާއި ކުޅުންތެރިންނަށް ނުހުއްޓުވި، ފެނުނީ ގޯލުގެ ކަނަށް ވަން ތަނެވެ.

ވޯލްޑް ކަޕްގައި މެސީގެ އަށް ވަނަ ލަނޑެވެ. އާޖެންޓީނާއަށް އެންމެ ފަހުން ވޯލްޑް ކަޕް ހޯދައިދިން ތަރި ޑިއެގޯ މެރެޑޯނާ ވޯލްޑް ކަޕްގައި ޖެހި ލަނޑާ އެއްވަރުގެ އަދަދެކެވެ. އިއްޔެއަކީ މެރެޑޯނާ މަރުވިތާ ދެ އަހަރު ފުރުނު ދުވަހެވެ. 

މެސީ މި ވަނީ އާޖެންޓީނާ އަނެއްކާވެސް ވޯލްޑް ކަޕްގެ ފޯރިގަނޑުގެ ތެރެއަށް ވައްދައިދީފަ އެވެ.

މެކްސިކޯގެ ގޮތްދޫނުކުރުމާއި ނުރައްކާތެރި ކުޅުމުގައި އާޖެންޓީނާ ހަމަޔަކަށް އަޅުވާލަން ދެ ވަނަ ލަނޑު 87 ވަނަ މިނިޓްގައި ޖެހީ ބަދަލު ކުޅުންތެރިޔާ ޖެރެމިއަސް ފެނާންޑެޒް އެވެ. ޕެނެލްޓީ އޭރިޔާގެ ބޭރުން މަތިން ފޮނުވާލި މި ބޯޅަ ރީތިވެފައި، މޮޅެވެ.

"އަހަރެމެންނަކަށް މިހާރު ނެތް މި ދޫކޮށްލެވޭކަށް،" މެޗަށް ފަހު މެސީ ބުންޏެވެ.

"އަހަރެމެން ކުޅެން އޮތީ ހުސް ފައިނަލް، އެއްވެސް ގޯހެއް ހަދައިގެން ނުވާނެ. އަހަރެމެންނަށް އެނގޭ މޮޅުވުން ކަން އޮތީ، އެހެން ވޯލްޑް ކަޕެއް އަހަރެމެންނަށް ފެށިއްޖެކަން، އަދި އެކަން ކުރަންވާ ގޮތް ވެސް އެނގޭ."

ދުނިޔޭގެ ފުޓްބޯޅާގައި މެސީއަށް ނުލިބި އޮތީ ހަމައެކަނި ވޯލްޑް ކަޕެވެ. ބްރެޒިލްގައި 2014ގައި އޮތް ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުމަކީ އޭނާއަށް އެ ތައްޓާ އެންމެ ގާތަށް ދެވުނު ފަހަރެވެ. ގަތަރު ވޯލްޑް ކަޕަކީ އޭނާގެ ފަހު މުބާރާތަށް ވުން ކައިރި އެވެ. އެހެންކަމުން މިހާ ހިސާބުން އަދި ދޫކޮށްލެވެން ނެތްކަން، ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މެސީއަށް އެނގެ އެވެ.

ރޭގެ މޮޅާ އެކު އާޖެންޓީނާއަށް ވޯލްޑް ކަޕް އަދި ކިރިޔާ ފެށުނީ އެވެ. ގްރޫޕްގެ ފަހު މެޗުގައި ބައްދަލުކުރަން ޖެހެނީ ނުރައްކާތެރި ޕޮލެންޑާ އެވެ. އެ މެޗުން ބަލިވެއްޖެ ނަމަ މުބާރާތުން ކަޓާނެ އެވެ.

އެކަމަކު ރޭ ދުނިޔެއަށް މެސީ ސާބިތުކޮށްދިނީ އޭނާއަކީ އަދިވެސް އާޖެންޓީނާގެ އުއްމީދުކަމެވެ. މެސީ ހުރެއްޖެ ނަމަ، ހުރިހާ މެޗެއްގައި ނޫނަސް، ކޮންމެވެސް ގޮތަކުން އާޖެންޓީނާ ސަލާމަތްކޮށްދޭނެ ކަމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް