Majlis 2024

މަސްދަރު ހާމަކުރަންޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މިއަދު މަޖިލިސް ދޮށުގައި އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ހެއްކާ ބެހޭ ބިލުން މިނިވަން ނޫސްވެރިކަން ނެތި ހިނގައިދާނެ: އެމްއެމްސީ

މީޑިއާ ކައުންސިލުން ބުނީ މި ބިލުގައި ހިމެނޭ މަސްދަރު ހާމަކުރަން މަޖުބޫރުކުރާ މާއްދާގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް

މަސްދަރު ހާމަކުރަން މަޖުބޫރު ކުރާ މާއްދާ ހިމަނައިގެން ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދު ފާސްކޮށްފައި ވަނީ އޭގެ ސަބަބުން މިނިވަން ނޫސްވެރިކަމާއި ތަހުގީގީ ނޫސްވެރިކަން އެއްކޮށް ނެތިގެން ހިނގައިދާނެކަން ފާހަގަކޮށްފައި ވަނިކޮށް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ނޫސްވެރިން ލިޔާ ލިޔުމެއްގެ މަސްދަރު ހާމަ ކުރެވޭ ގޮތަށް ފުޅާ ދާއިރާއެއްގައި ފުރުސަތު ދީފައި އޮތް ހެއްކާ ބެހޭ ބިލާ ގުޅޭ ގޮތުން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ ބިލު ނިންމި ގޮތަށް މަޖިލީހުން މިއަދު އެ ބިލު ވަނީ ފާސްކޮށްފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ހުށަހަޅާފައިވާ އެ ބިލުގައި މަސްދަރު ހާމަކުރުން އޮތީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަކޮށްފަ އެވެ. ބިލު ދިރާސާ ކުރި ޖުޑީޝަރީ ކޮމިޓީން ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އެ މާއްދާތަކަށް ގެނައި ނަމަވެސް، އަދިވެސް އޮތީ އޭގެ ނާޖާއިޒު ފައިދާ ނެގޭނެ ގޮތަށެވެ. އެހެންވެ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖު ވެސް ކުރި އެވެ.

ބުނީ ކީކޭ؟ - އެ މާއްދާ އޮތް ގޮތަށް ބިލު ފާސްކުރުމާ ގުޅިގެން އެމްއެމްސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮމެޓީ މަރުހަލާގައި:

  • ހެއްކާ ބެހޭ ބިލުގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރާ މާއްދާ (136 ވަނަ މާއްދާ) އެއްކޮށް ބިލުން އުނިކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި އެދުނު ކަމަށް

  • ނޫސްވެރިންގެ މަސްދަރު ހާމަކުރުމާ ގުޅޭގޮތުން އެމްއެމްސީން ހޯދި ހޯދުންތަކުގެ އަލީގައި އެކުލަވައިލި ދިރާސާ ކަރުދާސް ކޮމެޓީއާ ހިއްސާކުރި ކަމަށް

  • ކޮމެޓީ ބައްދަލުވުމުގައި ކުރި މަޝްވަރާތަކަށް ފަހު އަލުން އެ މާއްދާއަށް ކޮމެޓީން ބަދަލުތަކެއް ގެނެސް، އެމްއެމްސީގެ ކޮމެންޓު ހޯދަން އެދިފައި ވަނިކޮށް އިތުރު ވަގުތު ނުދީ އެ ދުވަހުން ދުވަހަށް ބިލު ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވި ކަމަށް

އެމްއެމްސީން އެ ބިލާ ގުޅޭ ގޮތުން ކޮމެންޓު ފޮނުވީ އިއްޔެ އެވެ. އަދި ކޮމެޓީން އެ ބިލުގައި 136 ވަނަ މާއްދާ ހިމަނާފައިވާ ގޮތަށް ފާސްކުރަން މަޖިލީހުން އެޖެންޑާ ކުރުމުން، އެމްއެމްސީން ބުނީ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ވެސް އެކަން ގެނައި ކަމަށެވެ.

"މިއީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ލިބި، މިނިވަން ނޫސްވެރިކަމާއި ތަހުގީގީ ނޫސްވެރިކަން އެއްކޮށް ނެތިގެން ގޮސްދާނެ ކަމެއް ކަމުގައި ފާހަގަކޮށްފައިވާނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ތަފްސީލު - އޭގެ ސަބަބުތަކުގެ ގޮތުގައި އެމްއެމްސީން ފާާހަގަކުރި ކަންކަމަކީ:

  • އެ މާއްދާ މިހާރު އޮތް ގޮތުން ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހުގީގުކުރާ ފަރާތުން ނުވަތަ ޕީޖީ ނުވަތަ ދައުވާ ލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެދި ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރަން ޝަރީއަތުން މަޖުބޫރު ކުރެވޭނެ

  • ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ އެއްވެސް ގާނޫނެއްގައި ތަފްސީލުކޮށް ކަނޑައަޅާފައި ބަޔާންކޮށްދީފައިވާ ކުށްތަކަށް ނުވާއިރު، ވަރަށް ފުޅާކޮށް މާނަކުރެވިދާނެ ކަމަކަށް ވާތީ އޭގެ ނާޖާއިޒު ފައިދާ ނެގޭ ގޮތަށް ހުޅުވޭނެ

  • ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ހުރިހާ ކުށްތަކަކީ ރަށަކަށް ނުވަތަ މީހެއްގެ ފުރާނައަށް، ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އަންނާނެ ކަމަކަށް ނުވާއިރު، އެ ކަންކަމަށް ކޮމެޓީން ރިއާޔަތް ނުކުރާ ކަމަށް

  • ޓެރަރިޒަމްގެ ކުށް އެކަނި ހިމަނަން ނިންމާ ހާލަތެއްގައި ވެސް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ހަތް ވަނަ އަދި 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކަށް އެކަނި ހަނިކުރުން މުހިންމު ކަމަށް އެމްއެމްސީން ފާހަގަކުރި

  • ޕީޖީ ނުވަތަ ދައުވާ ލިބޭ ފަރާތުން މަސްދަރު ހޯދަން އެދުމުގެ ބަދަލުގައި އާންމު އުސޫލެއްގެ ގޮތުން އެ ކަންކަމަކީ ތަހުގީގީ މަރުހަލާގައި ހޯދަން ޖެހޭ މައުލޫމާތަކަށް ވުމާ އެކު، ހަމައެކަނި ތަހުގީގީ އިދާރާ އިން އެދުމުން، އެ ނޫން އެއްވެސް ގޮތެއް ނެތިގެން މެނުވީ މަސްދަރު ނުހޯދޭނެ ގޮތަށް ހިމެނުމަށް އެމްއެމްސީން އެދުނު

ހެއްކާ ބެހޭ ބިލު ފާސްކުރުމުގެ ކުރިން، އެމްއެމްސީގެ ފުރަތަމަ ހުށަހެޅުމަކީ އެ ބިލުން 136 ވަނަ މާއްދާ އުނިކުރަން ކަމަށް ވާއިރު، އެ މާއްދާ އުނިނުކުރަން ނިންމާ ހާލަތުގައި ވެސް އެ ކަންކަމަށް ރިއާޔަތްކުރަން އެމްއެމްސީން އޮތީ އެދިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް