Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ފާޑުކިޔުންތެރިންނަށް ނަމްޒާ އަބަދުވެސް ގެނެސްދިނީ ފަސް ތަރީގެ ޝޯއެއް

ނަމްޒާގެ މި ދަތުރުގައި ފަސް އެނބުރި ބެލުމެއް ނެތްކަން ޔަގީނެވެ. 'ޓޫރިޒަމް އަންލިމިޓެޑް'ގެ ފުރަތަމަ އެޕިސޯޑުގައި އޭނާގެ މި ދަތުރު ފެށި ފާލަމުގެ ކޮޅަށް ދެވެން އަދި ގާތް ވެސް ނުވެ އެވެ.
17 އޮކްޓޯބަރު 2022
14

ކުލަ އިސްކިރީނުން އައިމިނަތު ނަމްޒާ ފެންނަތާ 22 އަހަރުވީ އެވެ. ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގެ ދާއިރާ އަށް 60 އަހަރު ފުރުމާ ދިމާކޮށް މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ކުލަގަދަ އެވޯޑް ހަފުލާގައި ނަމްޒާގެ އަގު ވަޒަންކުރީ 'ރާއްޖޭގެ އެންމެ މޮޅު ޓީވީ ޕްރެޒެންޓަރު'ގެ އެވޯޑާއި ޝަރަފުންނެވެ.

ތާރީހީ އެ ހަފުލާގައި ނަމްޒާއަކަށް ބައިވެރިއެއް ނުވެވުނެވެ. ނަމަވެސް މި އިންޓަވިއުގައި ބައިވެރިވި އެންމެ ޝަރަފުވެރި 'މެހުމާނަކީ' އެންމެ މޮޅު ޓީވީ ޕްރެޒެންޓަރުގެ އެ އެވޯޑެވެ.

އިންޓަވިއު ރިކޯޑަށް ފިއްތާލުމާ އެކު ލޮލުގައި އަޅައިގަތީ ނަމްޒާގެ ލިވިން ރޫމުގެ ކަނެއްގައި ބަހައްޓާފައި ހުރި ބިއްލޫރި ޖެހި ހަރެއްގެ ތެރެއިން ފެންނަން ހުރި ރަން ކުލައިގެ އެ އެވޯޑެވެ. އެވޯޑް ބަހައްޓާފައި ހުރީ އެ ހަރުގެ އެންމެ ތިރީގަ އެވެ. އެކަމަކު ކާމިޔާބީގެ މި ހަރުފަތުގައި އުމުރުން 40 އަހަރުގެ މި ޓީވީ ޝަހުސިއްޔަތު ހާސިލުކޮށްފައިވާ ފޮނިކަމުގެ ސިގްނަލް އެ ކުޑަކުޑަ 'ސެޓްލައިޓް' އެވޯޑުން މުޅި ރާއްޖެ އަށް ފޮނުވަމުން ގެންދާތާ އެތައް އަހަރެއްވީ އެވެ.

ނަމަވެސް ނަމްޒާގެ ހިތް އަދިވެސް އޮތީ، ޝަރަފްވެރި އެ އެވޯޑް ވެސް ބަހައްޓާފައި ހުރި 'އެންމެ ތިރީ' ހަރުފަތުގައިކަން ޔަގީނެވެ.

ނަމްޒާގެ ކެރިއަރު 20 ހަރުފަތް މައްޗަށް އަރައިގެން ގޮސް ފަސް ތަރީގެ އެވޯޑަކުން ވިދައި ބަބުޅަމުން ދިޔަ ނަމަވެސް މުޅި މި ތަޖުރިބާ އާއި އިހުސާސް އޭނާ އަށް އަދިވެސް ވެފައި ވަނީ އެންމެ ފުރަތަމަ ފިޔަވަޅަށެވެ. ކޮންމެ ދުވަހެއް ވެސް އޭނާ އަށް މިހާރު ވެސް ކުލަވެގެން އަންނަނީ ފިލާވަޅަކާއި ދަސްކުރުމުގެ އައު ތަޖުރިބާއެއްގެ ގޮތުގަ އެވެ.

ސަބަބު ވަރަށް ވެސް ސާފެވެ. އަދި އޭނާ ކިޔައިދިނީ މިހެންނެވެ.

"ވަރަށް ގިނަ ފަހަރަށް ހިތަށް އަރާނީ ނުލިބޭ އެއްޗެހިތައް، ހާސިލުނުވާ ކަންކަން. އެހެން މީހަކަށް ފުރުސަތެއް ލިބުނީމަ ނުވަތަ ކަމެއް ހާސިލުވީމަ އަބަދުވެސް އެ ވާހަކަ ދެކެވޭނީ. މިހެން ދިމާވާއިރު ވަރަށް ގިނަ ފަހަރަށް ހަނދާން ނައްތާލެވެނީ އަޅުގަނޑުމެންނަށް އަސްލު ލިބިފައި ހުރި ފުރުސަތުތައް މަތިން. ޝުކުރުކުރަން ހަނދާންނެތެނީ،" ބިސްތޮށި ކުލައިގެ އެލް ސޯފާ މަތީގައި ޖައްސާލައިގެން އިނދެ ނަމްޒާ ފެށި އެވެ.

"އަޅުގަނޑަށް ދަސްވި ކަމަކީ މިއީ. ކިތަންމެ ކުޑަކުޑަ ކަމެއް ވެސް ދިރިއުޅުމުގައި ރަނގަޅަށް ހުރެއްޖެ ނަމަ އެކަމަކާ ދޭތެރޭގައި އަބަދުވެސް ޝުކުރުވެރިވާން ޖެހޭނޭ. އޭރުން އަބަދުވެސް އެހެން ފުރުސަތުތައް ތިމާ އަށް ފަހިވާނެއޭ."

ދެން އޭނާ ކިޔައިދިނީ ކާމިޔާބީގެ އައްސޭރިއަކަށް އޭނާ ގެންގޮސްދިން ރޯޅި އާއި ރާޅުތަކުގެ ތެރެއިންނެވެ. މިހެންނެވެ.

"އަޅުގަނޑު މި ދާއިރާގައި 22 އަހަރު ހިފަހައްޓާލިއިރު އެތައް ބަޔަކު އައި އަޅުގަނޑު ހުރި ހަރުފަތުން ވައްޓާލަން. އެތައް ބަޔަކު އައިސް ކުރިމަތީގައި ހުރި ހަރުފަތުގައި ހުއްޓިގެން ހުރެ، ކުރިއަށް ދާނެ ފުރުސަތު އަޅުގަނޑަށް ނުދޭން މަސައްކަތްކުރި."

"އެކަމަކު އަޅުގަނޑުގެ ހިތަށް އެ ދުވަހު ވެސް އެރީ ދެން ވެސް، އަދިވެސް އަޅުގަނޑު ދާނީ ކުރިއަށޭ. އެކަކު އަޅުގަނޑުގެ ފަހަތުގައި ހުއްޓަސް އަދި އެކަކު ނެތަސް، ލިބުނު ފުރުސަތެއްގައި އަޅުގަނޑު ދާނީ ކުރިއަށޭ."

އެ ހިތްވަރާއި އިތުބާރު އަބަދުވެސް އަމިއްލަ ނަފުސަށް އޮތަތީއެވެ. އަދި ލިބުނު އެންމެ ކުޑަ ފުރުސަތަށް ވެސް ޝުކުރުވެރިވުމުގެ އާދައެއް އޮތަތީ އެވެ.

ނަމްޒާގެ މި ދަތުރުގެ ވާހަކަ އޭނާ ރަން އަކުރުން މިއަދު ލިޔާއިރު މިއީ ހަގީގަތުގައި ވެސް އޭނާ އެ ބުނާ ކަހަލަ ވާހަކައެކެވެ. އޭނާގެ ފަހަތުގައި އެންމެ ފުރަތަމަ ހަމަ އެކަކު ވެސް ނެތެވެ. އެކަމަކު އޭނާގެ މި ޝޯއަކީ މިއަދު އެންމެ ގިނަ ދިވެހިން ބަލާ އެއް ޝޯ އެވެ.

ނަމްޒާ 'އެންމެ މޮޅު ޓީވީ ޕްރެޒެންޓަރު'ގެ އެވޯޑާ އެކު: އޭނާ އެންމެފަހުން ޓީވީއެމުން ގެނެސްދިން 'އިހުސާސް' ޝޯއަކީ ވަރަށް ބޮޑު ހިޓެއް.

އަބަދުވެސް ސުވާލަށް ދިނީ ފަސް ތަރީގެ ޖަވާބެއް

އަމީނިއްޔާ ސްކޫލްގެ ހަނދާންތައް ކަޅާއި ހުދުން އޭނާ ކިޔައި ދެމުންދިޔައިރު އެއީ ތަފާތުކުރުމުގެ ސިންގާ މާހައުލަކަށް ނޭވާލަމުން ދިޔަ ދަރުބާރެކެވެ. ނަމްޒާ ހަނދާންކޮށްދިނީ އޭރު ވެސް އަދި މިހާރު ވެސް ކޮންމެވެސް ވަރަކަށް ރާއްޖޭގެ މަދަރުސާތަކުގައި އޮންނަ ސަގާފަތެއްގެ ވާހަކަ އެވެ.

"ވަކި އާއިލާއަކުން އަންނަ ކުއްޖަކަށްވީމަ، މިނިސްޓަރެއްގެ ދަރިއަކަށްވީމަ އޭރު އެ އޮންނަ ތަފާތުކުރުން. ވަކި ބައެއްގެ، ވަކި އާއިލާއެއްގެ ކުދިންނަށް ސްކޫލްގައި އެންމެ މޮޅު އެންމެ ރަނގަޅު ފުރުސަތުތައް ވެސް ލިބޭނީ. އެއް ލެވެލްއެއްގައި ކުދިން ތިއްބަސް ފުރުސަތު ދޭއިރު ދޭނީ މޮޅު އާއިލާގެ ކުއްޖާ އަށް،" ނަމްޒާ ކިޔައިދިނެވެ.

"ކުރިއަށް ނެރޭއިރު، ޑާންސެއްގައި ވެސް އެންމެ ކުރީ ލައިނުގައި އެންމެނަށް ފެންނަ ގޮތަށް ތިބޭނީ އެންމެ ދޮން އެންމެ ރީތި ކުދިން، ނުވަތަ އެންމެ މޮޅެތި އާއިލާތަކުގެ ކުދިން."

ނަމަވެސް ކިލަނބުވެފައި އޮތް އެ މާހައުލުގައި ވެސް އޭނާގެ ހުނަރު ކިލަނބުވެގެން ނުދިޔަ ސަބަބަކީ އަބަދުވެސް، ކޮންމެ ކަމެއްގައި ވެސް އެންމެނަށް ވުރެ ކުރިއަށް އޭނާ ނެރުނު ޝައުގުވެރިކަމެވެ. ދެގޮތެއްނުވެ ދެއްކި ހިތްވަރެވެ.

"މަންމަ އަޅުގަނޑު ސްކޫލަށް ފޮނުވާނީ ވަރަށް ރަނގަޅަށް ފިލާވަޅުތައް ދަސްކޮށްދީފައި. އެހެންވީމަ ކޮންމެ ސުވާލެއް ކުރިޔަސް ވަރަށް ޕްރައުޑްވެފައި އެންމެ އަވަހަށް އަތް މައްޗަށް ނަގާނީ އަޅުގަނޑު،" ހީގެންފައި ނަމްޒާ ކިޔައިދިނެވެ.

"މިސާލަކަށް ކޮން ކުއްޖެއްހޭ މާދަމާ ފަހާފޮއްޓެއް ސްކޫލަށް ގެންނާނީއޭ އަހާލިޔަސް އެންމެ ފުރަތަމަ ވެސް އަތް މައްޗަށް ނަގާނީ އަޅުގަނޑު. މިސާލަކަށް އެސެމްބްލީގައި ވާހަކަ ދައްކަން ޖެހުނަސް، އެއީ ވެސް ވަރަށް ލޯބިން ވަރަށް ކުރާހިތުން އިސްނަގައިގެން ކުރި ކަމެއް."

ތަފާތުކުރުމުގެ މާހައުލެއް އުފެދިފައި އޮތަސް ނަމްޒާ އުފެއްދި ޝައުގުވެރިކަމާއި ހިތްވަރު އެ ހުރިހާ ހުރަސްތަކެއް ގިރާކުރީ އެވެ. އަދި އެންމެފަހުން އެންމެ މަގްބޫލު އަދި އެންމެ ހުނަރުވެރި އެއް ދަރިވަރަކަށް އޭނާ ބަދަލުކޮށްލީ އެވެ. ވަކިން ހާއްސަކޮށް ވާހަކަ ދެއްކުމާއި ބަހުސްކުރުމާއި ޖަލްސާތައް ހުށަހަޅައިދިނުމުގައި އެފަދަ ދެވަނައެއް ނެތް ހުނަރުވެރިއަކަށް އޭނާ ބަދަލުކޮށްލީ އެވެ.

އެކަމަކު ދެން ވެސް އޭނާ ފަހަތުން ދުވަމުން އައީ އަބަދުވެސް އޭނާގެ ހުނަރުވެރިކަމާ މެދު ސުވާލު އުފެއްދި މީހުންގެ ބައިގަނޑެކެވެ. އޭނާގެ ހުނަރަށް އަތްޖަހައި ހިތްވަރު ދިން މީހުންނަށް ވުރެ އަބަދުވެސް އެންމެ ގިނަވީ އޭނާ އަށް ފުރައްސާރަ އާއި މަލާމާތުގެ ތީރުތައް އުކި މީހުންނެވެ.

އެކަމަކު ދެން ވެސް އެ އަޒުމަކަށް ގުޑުމެއް ނޭރި އެވެ.

"އެންމެ ކަމެއް ހިތުގައި އަޒުމު ކަނޑައެޅިން އެންމެ ފުރަތަމަ ދުވަހު ވެސް. ދުވަހަކު ވެސް ރައްދެއް ނުދޭނަމޭ މީހަކަށެއް. ގަބޫލުކުރަން އުނދަގޫ ވާހަކަ ވެސް އެބަހުރި އަޑުއިވިފައި ނަމްޒާއޭ ކިޔައިގެން މީހުން ދައްކާ. އެކަމަކު އެ ލެވެލް އަށް އެއްޗެހިކީމަ އަމިއްލަ ސެލްފް ޑިފެންޑްކުރަން ވެސް، ރައްދެއް ނުދެން އެއްވެސް މީހަކަށް،" އަބަދުވެސް ތަޖުރިބާކުރަން ޖެހުނު ހިތިން އޭނާ ކިޔައިދިނެވެ.

"އަޅުގަނޑު ބޭނުންވީ ރައްދު ދިނުމުގެ ބަދަލުގައި އަޅުގަނޑުގެ ހުނަރުން ސާބިތުކޮށްދޭން. ސްކޫލްގައި ވެސް މިވެނި މީހެއްގެ ދަރިއަކަށްވީމައެއް ނޫން ނަމްޒާ އަށް ފުރުސަތު ލިބުނީ. ކަމެއް ކުރެވުނީ، އަދި ދަސްވީ."

"ޓީވީގައި ޝޯއެއް ހުށަހަޅަން ދިޔައިރު ވެސް އަޅުގަނޑުގެ އެއްވެސް ބެކަޕެއް ނެތް. އަޅުގަނޑަށް ޕްރޮގްރާމަކުން ފުރުސަތެއް ދޭ ނަމަ ލިބިފައި ހުރީ އަޅުގަނޑަށް އެކަމެއް ކުރެވިދާނެކަން ޕްރޮޑިއުސަރަކަށް ގަބޫލުކުރެވިގެން."

"އެހެންވީމަ އަބަދުވެސް އައި ވޯންޓެޑް ޓު ޕްރޫވް މައިސެލްފް. އައިއޭމް ސްޓިލް ޓްރައިން ޓު ޕްރޫވް މައިސެލްފް."

އެންމެ މޮޅު ޕްރެޒެންޓަރަކަށް ވުމަކީ ގޯލެއް ވެސް ނޫން

ޓީވީއެމް އިން ޕްރޮގްރާމް ހޯސްޓެއްގެ ގޮތުގައި ނަމްޒާ ފެނިގެން ދިޔަ ފުރަތަމަ ޝޯ އަކީ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އިނގިރޭސި ބަހުން އުފެއްދި އަދި އެ ދުވަސްވަރު ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔަ 'ޓޫރިޒަމް އަންލިމިޓެޑް' ޝޯ އެވެ. އެ ޝޯގެ އޮޑިޝަނުގައި ބައިވެރިވިއިރު ނަމްޒާ އަށް ވާނީ ގާތްގަނޑަކަށް 18 އަހަރެވެ. އޭލެވެލްގެ ކިޔެވުމަށް ފަހު އޭނާ އޭރު ދިޔައީ ގިޔާސުއްދީން ސްކޫލްގައި އިނގިރޭސި އާއި ހިސާބު ވެސް ކިޔަވައިދެމުންނެވެ. އެސިސްޓަންޓް ޓީޗަރެއްގެ ގޮތުގަ އެވެ.

ނަމްޒާގެ ރަސްމީ ދާއިރާއަކީ ކިޔަވައިދިނުމުގެ ދާއިރާ އެވެ. އޭނާ އަކީ ޓީޗަރެކެވެ. އަދި މިއަދު ވެސް ވަރަށް ގިނަ ވަގުތު ހޭދަކުރަނީ ކިޔަވައިދިނުމުގެ ތަފާތު އެކި މަސައްކަތްތަކުގަ އެވެ. އެހެންކަމުން އެންމެ މޮޅު ޓީވީ ޕްރެޒެންޓަރުގެ މަގާމަކީ ދުވަހަކު ވެސް އޭނާގެ ދުރުމީގައި އަމާޒުކޮށްފައި އޮތް ގޯލެއް ނޫނެވެ.

ނަމަވެސް ނަމްޒާ އަކީ އޭނާ ކުރި ކޮންމެ ކަމެއްގައި ވެސް ވަކި ގޮތަކަށް ކުރިއަށް ދާން ބޭނުންވި މީހެކެވެ. ކަމަކަށް ކަމެއް ކުރަން ބޭނުންވި މީހެއް ނޫނެވެ. ބައެއް މީހުންނަށް ބައެއް ފަހަރަށް ނަމްޒާ ކަމުނުދަނީ ވެސް މި ސަބަބާ ހެދި ކަމަށް ވެދާނެ އެވެ. ނުވަތަ "ޑިފިކަލްޓް" މީހެއްގެ ގޮތުގައި އޭނާ ސިފަކުރެވެނީ ވެސް މި ސަބަބާ ހެދި ކަމުގައި ވެދާނެ އެވެ.

އެކަމަކު ނަމްޒާ އަބަދުވެސް ޔަގީން ކަށަވަރުކޮށްދިނީ ކޮލިޓީ އެވެ. އޭނާގެ ގޯލަކީ އަބަދުވެސް އެއީ އެވެ. އަދި ކޮންމެ ކަމެއްގައި ވެސް ލޯތްބާއި އިހުތިރާމް ލިބޭ ފަދަ ކަމެއް ކުރުމެވެ.

"ދެން މި މަސައްކަތުގައި ދެމިހުރުން. އެއީ އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް. ބޭނުންވަނީ އުމުރުން 60 އަހަރުވިޔަސް 70 އަހަރު ވިޔަސް މި ދާއިރާގައި ދެމިހުންނަން،" ނަމްޒާ ބުންޏެވެ.

"އާންމުކޮށް މި ދާއިރާއިން ފެންނަ މޫނުތައް ވަރަށް އަވަހަށް ގެއްލިގެންދާތަން މި ފެންނަނީ. އަޅުގަނޑު ހިތަށް އެރީ އެގޮތަށް އެހާ ފަސޭހައިން އަޅުގަނޑެއް ނުގެއްލޭނަމޭ އަދި. ކޮންމެވެސް ހިސާބެއްގައި އަބަދުވެސް ހުންނާނަމޭ."

"އަދި އަޅުގަނޑު ޓީވީ އިން ޝޯ ހުށަހަޅަނީ ނުވަތަ އިވެންޓް ހޯސްޓްކޮށްދެނީ ވެސް ޓީވީން ފެނިގެން މަޝްހޫރުވާކަށް ނޫން. އެކަމަކު އެ ކުރާ ކަމެއް ކުރެވުނު އެންމެ ރަނގަޅަކަށް ކުރަންވެގެން."

ނަމްޒާގެ ގޯލަކީ އަދި އަމާޒަކީ ވެސް އެއީ އެވެ. ފަހަތުގައި އެކަކު ނެތަސް އޭނާގެ އެއްވެސް ޝަކުވާއެއް ވެސް ނެތެވެ.

"އަޅުގަނޑަށް ދަސްވި ކަމަކީ، ތިމާ ކުރާ ކަމެއް ވަރަށް މޮޅޭ ކިޔާފައި އަބަދު އަތްޖަހާނެ ބަޔަކު ފަހަތުގައި ނެތަސް ކުރިއަށް ދާން ބޭނުން ނަމަ އަމިއްލަ މީހާ ވެސް ފުދެއޭ އެކަން ހާސިލުކުރަން. އަމިއްލަ ނަފުސަށް އެ ޔަގީންކަން އޮވެއްޖެ ނަމަ ކޮންމެވެސް ހިސާބަކުން ހާސިލުވާނެއޭ ބޭނުންވާ ކަންކަން،" އޭނާ ބުނެލި އެވެ.

"އަދި އެކަން ހާސިލުވީމަ، އެ ދުވަހަކު އެންމެން ވެސް ތިބޭނެއޭ ފަހަތުގައި. އެހެންވީމަ ބައެއް ފަހަރު، ތިމާގެ ގާބިލުކަން ޕްރޫވްކޮށްދޭށޭ ޖެހެނީ."

ނަމްޒާގެ މި ދަތުރުގައި ފަސްއެނބުރި ބެލުމެއް ނެތްކަން ޔަގީނެވެ. 'ޓޫރިޒަމް އަންލިމިޓެޑް'ގެ ފުރަތަމަ އެޕިސޯޑުގައި އޭނާގެ ދަތުރު ފެށި ފާލަމުގެ ކޮޅަށް ދެވެން އަދި ގާތް ވެސް ނުވެ އެވެ.

ކޮމެންޓް (14)

ޔޫނުސް

6 ނޮވެމްބަރު 2022
ވ ރީތި މި އާޓިކަލް ލިޔެފް އޮތް ގޮތް.ނަމްޒާ އިޒް ދަ ބެސްޓް
0 0

ހަސަން

19 އޮކްޓޯބަރު 2022
ނަމްޒާ ގެ އެންމެ ސަޅި ކޮލިތލޓީ އަކީ ދިވެހި ބަހައްދޭ އަހައްމިޔަތުކަން، އެއީ ހަމަ ދަ ބެސްޓް
4 0

މިސް

17 އޮކްޓޯބަރު 2022
ނަމްޒާ މިސް ހަނދާންވޭ ތާޖުއްދީންގަ ކިޔަަވަދިން ދުވަސްކޮޅުން ފެށިގެން! އެންމެ ނައިސް މިސް އޭރުވެސް!
23 0

ފާތިމާ

17 އޮކްޓޯބަރު 2022
ނަމްޒާގެ ޓޫރިޒަމް އަންލިމިޓެޑް ޝޯ ބަލައިލަން ފެންނާނީ ކޮންތާކުންބާ؟؟
27 3

ފައިސަލް

17 އޮކްޓޯބަރު 2022
ނަމްޒާއަށް 40 އަހަރު ވެއްޖެ؟ ހާދަ ގަބޫލު ކުރަން ދައްޗޭ! މިހާރުވެސް ހާދަ ރީއްޗޭ! ދެން އެހާ މޮޅުވެސްމެ އިނގޭ!
25 1

ސައީދު

17 އޮކްޓޯބަރު 2022
ހަދާން ހުރޭ އަހަރުމެނަ ކިޔެވިއިރު އެމް.އީ.އެސް ގެ ބުސްތާނު ދުވަސްތްކުގެ ހުރިހާ މުބާރާތެއްގަވެސް އަމީނިއްޔާ ސްކޫލުން ވަނަ ގެންދާނީ ނަމްޒާ. އޭރުވެސް ވަރަށް ކޮންފިޑެންޓް ކުއްޖެއް ނަމްޒާއަކީ! ސާބަސް ތި ކުރާ މަސައްކަތަށް!
27 0

މޯޑު..

17 އޮކްޓޯބަރު 2022
ނަމްޒާގެ ފުރަތަމަ ޝޯތަށް ވެސް ބެލިން. ޓޫރިޒަމް އަންލިމިޓެޑް އަަކީ އޭރު ދެއްކި ވަރަށް ތަފާތު ޕޮރުގުރާމެއް. ބާރަށް ވާހަކަ ދެއްކީމަ އެހާ ނުގުޅެ. އެކަމަކު ތީ ހަމަ ވަރަށް މޮޅު ޕްރެެޒެންޓަރ އެއް. ކީޕް އިޓް އަޕް.
30 0

ޒަހީނު

17 އޮކްޓޯބަރު 2022
ނަމްޒާގެ ޝޯތައް ކަމުދަނީ ރީތިކަމުން ވާހަކަ ދައްކާލެއް. ރީތި ދިވެހި ބަހުން ވާހަކަދައްކާތީ. މި މަސައްކަތުގައި ދެމި ހުންނާނެ ވާހަކަ ބުނީމަ ވަރަށް އުފާވެއްޖެ. އާ ޝޯއެއް އަވަހަށް ފެންނާނެ ކަމަށް ހީކުރަން.
39 0

ކަތީބު

17 އޮކްޓޯބަރު 2022
ނަމްޒާ ގެ ޝޯތައް ކަމުދަނީ ރީތި ދިވެހިބަހުން ވާހަކަދައްކާތީ. ވަރަށް އުފާވެއްޖެ ތިކުރާ މަސައްކަތުގައި ދެމި ހުންނާނެ ވާހަކަ ބުނެފައި އޮތީމަ! ނަމްޒާގެ އާ ޝޯއެއްގެ އިންތި
47 2

ނަން ވަރައްރީތި

17 އޮކްޓޯބަރު 2022
@ކަތީބު އަސްލުވެސް ނަމްޒާވަރުގެ ޕްރެޒެންޓަރ އެއް ނެއް ކީޕް އިޓް އަޕް ❤️❤️
12 0

މަރީ

17 އޮކްޓޯބަރު 2022
ޝީ އިޒް ދަ ބެސްޓް! ބެސްޓް ޓީޗަރ އެންޑް ބެސްޓް ޓީވީ ޕްރެޒެންޓަރ!
40 1

އިއްބެ

17 އޮކްޓޯބަރު 2022
ވަރަށް ހުނަރުވެރި މޮޅު ޕްރެޒެންޓަރެއް. ހިތްތިރި އަހުލާޤު ރަނގަޅު ކަނބަލެއް! އަބަދުވެސް ކާމިޔާބީއަށް އެދެން.
41 2

ނާޒު

17 އޮކްޓޯބަރު 2022
ބްރޯޑް ކާސްޓް އެވޯޑުގައި ދިން އެންމެ ހައްޤު އެވޯޑު. މިވަރު ޕްރެޒެންޓަރެއް އަދި ރާއްޖެއަކު ނެތް!
54 3

ޒަހީނު

17 އޮކްޓޯބަރު 2022
@ނާޒު މީ ހަމަ އެއްވަނައިގެ ވާހަކައެއް!
30 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް