Majlis 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ސެޕްޓެމްބަރު 10، 2021ގައި މާލޭގައި ކުރި މުޒާހަރާއެއްގައި އަންހެނުން އަޑުއުފުލަނީ. (ފޮޓޯ/ޓްވިޓާ/ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް)

ސިޔާސީ

އަންހެނުން ޕާޓީގެ ހުރިހާ ކަމެއްގައި؛ ނުލިބެނީ މަގާމް

ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި، އިންތިހާބުތަކުގައި އަދި އިންތިހާބީ މަގާމުތަކުގައި އަންހެނުން އިންތިހާއަށް މަދަސް، ގްރާސްރޫޓް ފެންވަރުގައި އަންހެނުންގެ ދައުރު އިންތިހާއަށް ބޮޑު

ލ. ގަމަށް ނިސްބަތްވާ އަމާނީ މުހައްމަދު ނެގީ މިސާލެކެވެ. ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ ގޮނޑި 2014ގައި ކާމިޔާބުކުރެއްވި މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާ ވާދަކުރަން ނުކުތް ނަމަ އޭނާއަށް ވޯޓު ދޭނެ މީހަކު ވީސް ހެއްޔެވެ؟

"ފައްޔާޒަކީ ބައިނަލްއަގުވާމީ ލޯޔަރެއް، މަޝްހޫރު އާއިލާއެއްގެ ބޭފުޅެއް، ލާރި ހުރި ބޭފުޅެއް. ދެން އަޅުގަނޑަށް ކާކު ވޯޓު ދޭނީ؟" އަމާނީ، 43، ސުވާލުކުރި އެވެ.

އަމާނީ ސިޔާސީ ކަންކަމުގައި އުޅޭތާ 15 އަހަރު ވެއްޖެ އެވެ. ފުރަތަމަ އެމްޑީޕީގައި އަދި މިހާރު ޕީޕީއެމްގައި އޭނާ ބައިވެރިނުވާ އެއްވެސް ބާވަތެއްގެ މަސައްކަތެއް ނެތެވެ. ޕާޓީގެ އެކި ކަހަލަ އެއްވުންތައް ބޭއްވުމާއި ފިކުރު ޕްރޮމޯޓްކުރުމާއި ޕާޓީއަށް މެމްބަރުން އިތުރުކުރުމާއި އިންތިހާބުތަކުގައި ކެމްޕެއިންކުރުމުގައި، ހަތަރު ކުދިންގެ މަންމަ، އެންމެ އާދައިގެ މަސައްކަތްތަކުން ފެށިގެން ގޮސް ގަވާއިދުން ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވުމާ ހަމައަށް ހިލޭސާބަހަށް ހިދުމަތްކޮށްދެނީ ބަދަލެއް ބަދަލެއް ލިބޭނެ ކަމަށް ބަލައިގެނެއް ނޫނެވެ.

އެކަމަކު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ އުއްމީދު އަމާނީ އެންމެ ކުރިންސުރެ ވެސް ގެންގުޅެ އެވެ. އޭނާއަކީ މަޖިލީހަށް ކުރިމަތިލާން އެކަށޭނަ މީހެއް ކަމަށް ބުނެ ސިޔާސީ ބައެއް ލީޑަރުން އިސްވެ އޭނާ ގާތު ވާހަކަދައްކާފައި ވެސް ވެ އެވެ.

އަމާނީއަކަށް އަދި އެ ފުރުސަތެއް ނުލިބެ އެވެ. މިވީ 15 އަހަރު ތެރޭ އޭނާއަށް އާދެވުނީ، 2018ގެ ފަހުކޮޅު ލިބުނު، ޕީޕީއެމްގެ ކައުންސިލް މެމްބަރުކަމާ ހިސާބަށެވެ.

އެއީ ވެސް ނިސްބަތުން މަދު އަންހެނަކަށް ފިޔަވައި ނުދެވޭ ހިސާބެކެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސް ސަފުގަ އާއި އިންތިހާބުތަކުގަ އާއި އިންތިހާބީ މަގާމުތަކުގައި އަންހެނުން އިންތިހާއަށް މަދު ނަމަވެސް ޕާޓީތަކުގެ ގްރާސްރޫޓް ފެންވަރުގައި އަންހެނުންގެ ދައުރު އިންތިހާއަށް ބޮޑެވެ. ޖަލްސާތަކާއި އެއްވުންތައް އިންތިޒާމްކޮށް ބައިވެރިވުމާއި މުޒާހަރާކުރުމާއި ޕާޓީއަށް މެމްބަރުން އިތުރުކޮށް އިންތިހާބުތަކުގައި ކެމްޕެއިންކުރުމަށް ދޮރުން ދޮރަށް ހިނގުމުގައި ވެސް ގިނަ އަދަދެއްގެ އަންހެނުން ހަރަކާތްތެރިވެ އެވެ. އެކަމަކު ވަރަށް މަދުން ނޫނީ ޕާޓީގެ އިސް މަގާމުތަކާއި ލީޑަޝިޕުން އަންހެނަކަށް ޖާގަ ލިބިފައެއް ނެތެވެ. އަދި ޕާޓީތަކުން އިންތިހާބުތަކަށް ނެރޭ އަންހެން ކެންޑިޑޭޓުން ނުހަނު މަދުވެފައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ފަދަ، ބާރުވެރި ސިޔާސީ މަގާމްތަކުގައި އަންހެނުން ނުލާހިކު މަދެވެ.

އެމްޑީޕީގެ ކެމްޕެއިނަކަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު 18 މާޗު 2022ގައި ޅ. ކުރެންދުއަށް ވަޑައިގަތުމުން އަންހެނުން މަރުހަބާގެ ނެށުމެއް ހުށަހަޅައިދެނީ. (ފޮޓޯ/އެމްޑީޕީ)

އަމާނީ ގަބޫލުކުރާ ގޮތުގައި ޕާޓީތަކުން އަންހެނުންނަށް ފުރުސަތު ދޭން ބޭނުން ނުވަނީއެއް ނޫނެވެ. އޭނާ ދެކެނީ، އާއްމުގޮތެއްގައި އަންހެނުންނަށް ވުރެ ނުފޫޒާއި ފައިސާގެ ގޮތުން ބާރުވެރީ ފިރިހެނުން ކަމުން، އަންހެނުން ބަލައިގަންނަން އާއްމުން ބޭނުން ނުވާތީ ޕާޓީތަކަށް އަންހެން ކެންޑިޑޭޓުން ނެރެވެން ނެތީ ކަމަށެވެ.

"މިސާލަކަށް އަމާނީ ހޮވައިފިއްޔާ މުއްސަނދި މީހާއަށް ވުރެ ވަފާތެރިވާނެއޭ، ގާތުން މަސައްކަތްކުރާނޭ، ގެއަށް ވެސް އަންނާނޭ، ތިމަންނަމެން ފެންވަރުގައި އުޅޭނެއޭ، އެ ބައި ކަންނޭނގެ، ރައްޔިތުންނަށް ނުވިސްނެނީ،" އަމާނީ ބުންޏެވެ. "ރައްޔިތުންނަށް ވިސްނެނީ މުއްސަންޖެކޭ، ދެން އޯކޭ ވާނެއޭ އަޅާނުލިޔަސް، މުއްސަނދި މީހާ އޯކޭވާނެއޭ ކާޑު ޖަހާލާފައި ގޭގައި އޮތަސް."

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަމާނީ މުހައްމަދު ޕާޓީގެ މަސައްކަތްތަކުގައި: ދުވާލު ދަރިންގެ ކަންކަމުގައި އުޅެފައި ރޭގަނޑު ސިޔާސީ މަސައްކަތަށް ނުކުންނަ މައެއް.

'އަންހެނުންގެ ވިސްނުމެއް ނުވަދޭ'

ޕާޓީތަކުގައި އަންހެނުން އަދާކުރާ ބޮޑު ދައުރާ އެއްވަރެއްގެ ހައިސިއްޔަތެއް އެމީހުންނަށް ނެތުމަކީ އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ބާރުއަޅާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ. ރާއްޖޭގެ މަދު އަންހެން ސިޔާސީ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންވާ ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދު ވިދާޅުވިގޮތުގައި ކުރާ މަސައްކަތާ އަޅާބަލާ އިރު ލިބޭ އަހަންމިއްޔަތުކަން ކުޑަކަމުގެ ޝަކުވާ އަންހެނުން އަމިއްލައަށް ވެސް ކުރެ އެވެ.

"ބައެއް މީހުން އަޅުގަނޑު ގާތު ވެސް ބުނޭ ޖަލްސާއަށް ތަން ތައްޔާރުކުރަން ވެސް އުޅެނީ ތިމަންނަމެންނޭ. އަދި ބުނާނެއޭ ސައި ތައްޔާރުކުރަން. ގިނަ ފަހަރު އެ ހުރިހާ ކަމެއް ކޮށްފައި ގެއަށް ގޮސް ތެޅިފޮޅިގަނެގެން ފެންވަރާލައިގެން އާދެވޭ އިރު ތިމަންނަމެންނަށް ކުރިމަތިން ގޮނޑިއެއް ވެސް ނުހުންނާނެއޭ، އެންމެ ފަހަތަށޭ ދާން ޖެހޭނީ،" އަނީސާ ވިދާޅުވި އެވެ.

ޖަލްސާތަކުގައި ބައިވެރިވާ އަންހެނުން އެހާ ގިނަ އިރު ވެސް އާއްމުގޮތެއްގައި ޕޯޑިއަމްގައި ވާހަކަދައްކާލަން ފުރުސަތު ލިބޭނީ ވެސް މަދު އަންހެނަކަށްކަން އަނީސާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ޕާޓީތަކުގެ މަތިފަޑީގައި އަންހެނުން މަދުކަމުން "ޕާޓީގެ ސިޔާސަތުގެ ތެރެއަށް އަންހެނުންގެ އަޑެއް، އެ މީހުންގެ ވިސްނުމެއް ނުވަދޭ" ކަމަށެވެ.

"ޕާޓީގެ ޑިސިޝަން މޭކިން ލެވެލްގައި އަންހެނުންގެ ބަސް ހަމަ އެއްގޮތަކަށް ވެސް ނެތޭ ބުންޏަސް ރަނގަޅުވާނެ،" އަނީސާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކާއި ނިންމާ ނިންމުންތަކަށް ބެލިޔަސް ކަން އޮތީ އެހެންނެވެ. އަންހެނުންގެ ތަޖުރިބާތަކާއި ވިސްނުންތައް ހިމެނުމުގެ ފުރުސަތު ވަރަށް ހަންޏެވެ. މަޖިލީހުގެ 87 މެމްބަރުންގެ ތެރޭގައި ތިއްބެވީ އެންމެ ހަތަރު އަންހެން ބޭފުޅުންނެވެ. މިއީ ކުރީގެ މަޖިލީހަށް ވުރެ ވެސް ނިސްބަތުން ދަށް އަދަދެކެވެ. 

ހުރަސްތައް

އިންޓަނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޓޯރަލް ސިސްޓަމްސް (އައިފެސް) އިން 2014ގައި ކުރި ދިރާސާއަކުން ފާހަގަކުރެވުނު ގޮތުގައި ސިޔާސީ އިސް ސަފުން ޖާގަ ހޯދުމާއި އިންތިހާބުތަކުގައި ވާދަކުރުމަށް އަންހެނުންނަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ.

  • އަންހެނުންނަށް އޮތް މައިގަނޑު އެއް ހުރަހަކީ އާއިލީ ޒިންމާތަކަކީ ހަމައެކަނި އަންހެނުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތެއް ކަމަށް ސަގާފީގޮތުން ގަބޫލުކުރެވިފައި އޮންނަ އޮތުމެވެ. އަދި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ބަލައިދޭނެ ހިދުމަތްތައް ރާއްޖޭގައި ގާއިމްކޮށްފައި ނެތުމެވެ.

އައިފެސްގެ ދިރާސާ އިން ފާހަގަވި ގޮތުގައި އިންތިހާބުތަކުގައި ބައިވެރިވާން ޝައުގުވެރިވާ ބައެއް އަންހެނުންނަށް، ބައްދަލުވުންތަކާއި ތަމްރީންތަކުގައި ބައިވެރިވުމަށް ރަށުން ބޭރަށް ދަތުރުކުރެވޭކަށް ނޯވެ އެވެ. ޕާޓީގެ ފަރާތުން ރަށު ފެންވަރުގައި ހިންގާ ހަރަކާތްތަކުގައި ފުލް-ޓައިމްކޮށް އުޅެން ނުޖެހޭތީ އަންހެނުންނަށް ފަސޭހައީ އެ ބާވަތުގެ މަސައްކަތްތައް ކުރުންކަން އެ ދިރާސާ އިން އެނގިފައިވެ އެވެ. އޭގެ ބަދަލުގައި ލީޑަޝިޕް ރޯލެއް އަދާކުރާ ނަމަ ގޭތެރޭގެ މަސައްކަތްތަކާއި ދަރިން ބެލުމުގެ ހުރިހާ ޒިންމާތަކެއް އަދާނުކުރެވޭނެ ކަމާއި އެއީ އާދަކާދައިގެ ގޮތުން ހަމައެކަނި އަންހެނުންނަށް ނިސްބަތްކުރެވޭ ޒިންމާތަކެއްކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

"ގިނަ އަންހެނުންނަކީ އަދި މިކަން މިހެން ކުރިޔަސް ގޭތެރޭގެ ޒިންމާތައް އިންތިހާއަށް ބޮޑު ބައެއް ވީމަ އެ މީހުންނަށް ވަގުތު ދެވޭ ވަރު ފިރިހެނުންނަށް ވުރެ ތަންކޮޅެއް ދަށްކޮށް އުޅޭނީ،" ދުވާލު ކުދިންގެ ކަންކަމުގައި އުޅެފައި ރޭގަނޑު ސިޔާސީ މަސައްކަތަށް ނުކުންނަ އަމާނީ ބުންޏެވެ. "އެކަމަކު ވެސް ޕާޓީތަކުގައި ގިނައިން މަގުމަތީގެ ހަރަކާތްތަކާއި ބުރަ މަސައްކަތްތައް ކުރާ ތަން ފެންނަނީ އަންހެނުން."

  • އަންހެނުންނަށް ދިމާވެފައި އޮތް ބޮޑު އަނެއް ހުރަހަކީ މާލީ ދަތިތަކެކެވެ.

ރާއްޖޭގެ ޖެންޑާ އިންޑެކްސް ގެޕް ދައްކާގޮތުގައި އަންހެނުންނަށް ލިބޭ އާމްދަނީ ފިރިހެނުންނަށް ވުރެ ދަށެވެ. އާމްދަނީ ލިބޭ މަސައްކަތްތައް ކުރާ އަންހެނުން ފިރިހެނުންނަށް ވުރެ މަދު ވެސް މެ އެވެ. އެހެންކަމުން ކެމްޕެއިނަށް އަމިއްލައަށް ހޭދަކުރުމުގެ ގާބިލްކަމެއް ގިނަ އަންހެނުންގެ ކިބައިގައި ނުހުންނާނެ އެވެ. ރާއްޖޭގެ އިންތިހާބުތަކުގައި ވާދަކުރާ ގިނަ އަންހެނުންނަކީ ނުފޫޒުގަދަ އާއިލާތަކަށް ނިސްބަތްވާ އަދި އާއިލާގެ މާލީ އެހީތެރިކަން ލިބިގެން ކުރިމަތިލާ މީހުންނެވެ. އެފަދަ އެހީތެރިކަމެއް ނެތް އަންހެނަކަށް އިންތިހާބެއްގައި އެކަށީގެންވާ ގޮތަކަށް ވާދަކޮށްލެވުމަކީ ނާދިރު ކަމެކެވެ. އައިފެސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކެންޑިޑޭޓުންނަށް ފައިސާ ދޭ ވިޔަފާރިތަކުން ވެސް މުޅިންހެން ކަހަލަ ގޮތަކަށް އެހީތެރިވަނީ ފިރިހެނުންނަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިންގައި 3 ފެބުރުއަރީ 2021ގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ށ. ކޮމަންޑުއަށް ވަޑައިގެންނެވި އިރު، މަރުހަބާ ކިޔުމަށް އެ ރަށު މީހުން އެއްވެފައި (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އަމާނީ ވެސް ބުނަނީ މަޖިލީހަށް ކުރިމަތިލުމަކީ އޭނާގެ ކިތަންމެ ބޮޑު ހުވަފެނަކަށް ވިޔަސް "އަޅުގަނޑުގެ ކިބައިގައި އެ ކެޕޭސިޓީ ނެތި އެ ހިސާބަށް ދެވޭނީ ކޮންމެވެސް ބޭފުޅެއްގެ އެހީތެރިކަމާ އެކު" ކަމަށެވެ. ކެޕޭސިޓީއޭ އޭނާ ބުނީ ފައިސާގެ މާނައިގަ އެވެ.

"ރާއްޖޭގައި އާއްމުކޮށް މަޖިލީހަށް ވާދަކޮށް ހަދަނީ އަމިއްލައަށް ކޮންމެވެސް ވަރަކަށް ވިޔަފާރިކޮށްގެން ލާރިކޮޅުކޮޅު ގެންގުޅޭ އަދި ރައްޔިތުންގެ މެދުގައި ކޮންމެވެސް މަގުބޫލުކަމެއް އޮންނަ ބޭފުޅުން،" އަމާނީ ބުންޏެވެ.  

"ގިނަ ފަހަރަށް ހަމަ ވަރަށް މަދު މީހެއް ފިޔަވައި ގިނަ އަންހެނުންނަކީ ވަކި ފަރުދެއްގެ ގޮތުގައި އެ މީހުންގެ އަމިއްލަ ފައިމަތީގައި އެހާ ބޮޑު ބާރެއް އޮންނަ ބައެއް ނޫން. ފިރިއަކު ހުރިއްޔާ ގިނަ އަންހެނުން ފިރިމީހާ އިސްކޮށްފައި، ފިރިމީހާ ބޮޑުކޮށްފައި، ވިޔަފާރިއެއް އޮތަސް ފިރިމީހާގެ ނަން އިންނާނީ."

އައިފެސްގެ ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި ވޯޓު ގަނެވިއްކުމުގެ ސަގާފަތެއް އޮތް ރާއްޖޭގައި ކެމްޕެއިންކުރުމުގެ ހަރަދު އިންތިހާއަށް ބޮޑެވެ. އަދި އެ ހަރަދުކުރުމުގެ ގާބިލްކަން ހުރީ ފިރިހެނުންގެ ކިބައިގަ އެވެ. ފިރިހެން ކެންޑިޑޭޓުންގެ ގިނަ ބަޔަކު 6.9 މިލިއަން ރުފިޔާ އާއި 12.9 މިލިއަން ރުފިޔާއާ ދެމެދުގެ ބޮޑެތި އަދަދުތައް ކެމްޕެއިނަށް ހޭދަކުރާ ކަމުގެ މައުލޫމާތު ލިބިފައި ހުރި އިރު، އެފަދަ މަތީ އަދަދެއް ހޭދަކުރިކަން އެނގެން އޮތް އަންްހެން ކެންޑިޑޭޓުން ވަރަށް މަދުކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި މެމްބަރުން ބައިވެރިވަނީ (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

ކޯޓާ މުހިއްމުވަނީ ކީއްވެ؟

ފިރިހެނުންނާ ތަފާތުކޮށް އަންހެނުންނަށް ބޮޑެތި ހުރަސްތަކެއް ހުންނާތީ ސިޔާސީ މައިދާނުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދެވޭނީ، މާހިރުން ވިދާޅުވާގޮތުގައި، ހާއްސަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެހެން ގައުމުތަކުން ވެސް ހާލަތު ރަނގަޅުކުރީ އެފަދަ ފިޔަވަޅުތަކުންނެވެ.

އަނީސާ ވިދާޅުވިގޮތުގައި އެފަދަ ފިޔަވަޅުތަކެއް ކޮންމެހެން އަޅަން ޖެހެނީ ޒަމާނުއްސުރެ އަންހެނުންނަށް ކުރިމަތިވެފައި ހުރި ހުރަސްތަކާ ހެދި، އަންހެނުންނަށް ފިރިހެނުންނާ އެއް ހަމައެއްގައި ވާދަކުރެވޭނެ ގޮތެއް ނެތުމުންނެވެ.

"[އަންހެނުންނާއި ފިރިހެނުންނާ ދެމެދު] މިހާ ބޮޑު ޑިސްޕެރިޓީއެއް އޮތް އިރު، އަންހެނުންނަށް ވެސް ފުރުސަތު އެބައޮތޭ ބުންޏަސް، އަންހެނުންނަކަށެއް އެކްސެސްއެއް ނުވެވޭ އެ މަގާމްތަކަަކަށް،" އަނީސާ ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝޭހް ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރެއްވުމަށް 23 ޑިސެމްބަރު 2021ގައި ބޭއްވި ޖަލްސާގައި އަނީސާ (މ) ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ މަޖިލިސް)

އަންހެނުންނަށް ހާއްސަ ވަގުތީ ފިޔަވަޅުތަކެއް ތައާރަފްކުރުމުގެ ދެ މަގްސަދެއް އޮންނަކަން އަނީސާ ފާހަގަކުރެއްވި އެވެ. އެއީ ޒަމާނުއްސުރެ އެއްފަރާތްވެފައި ތިބުމުގެ ސަބަބުން އަންހެނުންނަށް ނުލިބި އޮތް އަމިއްލަ ނަފްސުގެ އިތުބާރު އެ މީހުންނަށް ހޯދައިދިނުމާއި ސިޔާސީ މަގާމްތައް އަދާކުރަން އަންހެނުން ވެސް ވަކި ދެރަ ނޫންކަން އާއްމުންނަށް ދައްކައިދިނުމެވެ.

"ފުރުސަތު ދީގެން އަންހެނުން އެ މަގާމުތަކަށް އައިމަ އެ މީހުންނަށް އެބަ ލިބޭ އަމިއްލަ ނަފްސަށް އިތުބާރު. ހަމަ އެ ގޮތަށް ވޯޓު ދޭން ތިބި ރައްޔިތުންނަށް ވެސް އިތުބާރު ހޯދައިދޭން، އަންހެނުންނަށް ވެސް ސިޔާސީ ކަންކަން ހަމަ ރަނގަޅަށް އެބަކުރެވޭކަން. އެންމެ ފަހުން މިސާލަކަށް ދެ ދައުރުން، 10 އަހަރު ތެރޭ، އެ އިތުބާރު އުފެއްދިފައި އޮންނާނީ،" އަނީސާ ވިދާޅުވި އެވެ.

މިފަހުން ތައާރަފްކުރި ލޯކަލް ކައުންސިލްތަކުގެ ކޯޓާ ފިޔަވައި ރާއްޖޭގައި އަންހެނުންނަށް ހާއްސަ އެފަދަ ފިޔަވަޅެއް ނެތުމުން، އަންހެނުންނާ މެދު ކުރާ ހުރިހާ ބާވަތެއްގެ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ އދގެ މުއާހަދާ (ސީޑޯ)ގެ ކޮމިޓީން މިދިޔަ އަހަރު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި އެ ކޮމިޓީން ވަނީ ސިޔާސީ ޕާޓީތަކާއި އިންތިހާބުތަކަށް ގާނޫނީ ބަދަލުތަކެއް ގެންނަން ސަރުކާރަށް ލަފާދީފަ އެވެ. 

ބައެއް ޕާޓީތަކުގައި ކޮންމެވެސް ސިފައެއްގައި ކޯޓާ ސިސްޓަމް ގެންގުޅެ އެވެ. މިސާލަކަށް ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން އެ ޕާޓީގެ ހަތަރު ނާއިބު ރައީސުންގެ ތެރެއިން އެކަކީ އަންހެނަކަށް ވާން ޖެހެ އެވެ. ޕީޕީއެމްގެ ކައުންސިލުން ވެސް 10 ގޮޑި އަންހެނުންނަށް ވަނީ ހާއްސަކޮށްފަ އެވެ. އެމްޑީއޭގެ ވެސް ތިން ޑެޕިއުޓީ ލީޑަރުންގެ ތެރޭގައި އަންހެނަކު ހިމެނެން ޖެހެ އެވެ. މަގުމަތީ ހަރަކާތްތަކުގައި އަންހެނުންގެ ބައިވެރިވުން ވަރަށް ވަރުގަދައަށް ފެނިފައިވާ އެންމެ ބޮޑު ޕާޓީ އެމްޑީޕީގައި އެފަދަ ކޯޓާއެއް ނެތެވެ. އެކަމަކު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަަދު ދީދީ ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އަދާކުރެއްވި އެވެ.

ޕީޕީއެމްގެ މުޒާހަރާއެއްގައި އަންހެނުން ބައިވެރިވަނީ (ފޮޓޯ/ޕީޕީއެމް)

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ އަނީސާ ވިދާޅުވިގޮތުގައި އަންހެނުންނަށް ފުރުސަތު އެންމެ ފަހިކޮށް އޮތީ އެ ޕާޓީގަ އެވެ. އެމްއާރުއެމްގެ ކޮންމެ ގުނަވަނެއްގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމަށް ޕާޓީގެ އަސާސީ ގަވާއިދުގައި ވަނީ ކަނޑައަޅައިފަ އެވެ.

"އުއްމީދު މި ކުރަނީ މިހެން ހެދީމާ ޕާޓީގެ އެންމެ އިސް މަގާމްތަކުގައި ނުވަތަ މި ހުރިހާ ގުނަވަންތަކެއްގައި އަންހެނުން ތިބޭ ކަމަށް ވަންޏާ އެ މީހުންގެ ވިސްނުން ވަންނާނެ ކަމަށް، އެ ގުނަވަންތަކުން ނިންމާ ހުރިހާ ނިންމުމަކަށް،" އަނީސާ ވިދާޅުވި އެވެ.

ސީޑޯ ކޮމިޓީން ވަނީ އަންހެނުންގެ ހިއްސާ ބޮޑުކުރުމަށް ޕާޓީތަކަށް ލާޒިމްކުރުމަށް ހުށަހަޅައިފަ އެވެ. އެ ކޮމިޓީން ލަފާދީފައިވާ ކަންކަމުގެ ތެރޭގައި:

  • ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި އަންހެނުންނަށް ކޯޓާ ކަނޑައެޅުމަށް ގާނޫނަށް އިސްލާހުތައް ގެނައުން

  • ޕާޓީގެ ނިންމުންތައް ނިންމާ ފެންވަރުގަ އާއި ލީޑަޝިޕްގެ މަގާމްތަކުގައި އަންހެނުން ހަމަހަމައަށް ތަމްސީލްވާކަން ކަށަވަރުކުރުން

ޕާޓީތަކަށް ފައިސާ ދިނުމުގެ ޝަރުތަކަށް އަންހެނުން

އިންތިހާބުތަކުގައި އަންހެނުން ވާދަކުރާ ނިސްބަތް ކުޑަވުމުގެ މައްސަލަ ލޯކަލް ކައުންސިލްތަކުގެ ފެންވަރުގައި ހައްލުކުރުމަށް މި ސަރުކާރުން ގެނައި ބޮޑު ބަދަލުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ %33 ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ. އެއާ އެކު މިދިޔަ އިންތިހާބުގައި ކައުންސިލްތަކަށް ކުރިމަތިލި އަދި ހޮވުނު އަންހެނުން އެތައް ގުނައެއް އިތުރުވި އެވެ. އެކަމަކު އަންހެނުންނަށް ހާއްސަ ގޮނޑިތައް ފިޔަވައި އެހެން ގޮނޑިތަކަށް އަންހެނުން ކުރިމަތިލީ އަދަދު މަދުކަމުންނާއި ކައުންސިލްތަކުގެ އިސް މަގާމުތަކަށް ކުރިމަތިލީ އަންހެނުން ވެސް މަދުވެފައި އެ މަގާމުތަކަށް އެއްވެސް އަންހެން މެމްބަރަކު އިންތިހާބުވެފައި ނުވާތީ ހިއުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

  • ސީޑޯ ކޮމިޓީން ވަނީ ކައުންސިލްތަކަށް ގެނައި ބަދަލެކޭ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުން ވެސް އަންހެނުންނަށް ކޯޓާ ދިނުމަށް ލަފާދީފަ އެވެ.

އައިފެސްގެ ދިރާސާގެ ބައެއް ބައިވެރިން ބުނެފައިވާގޮތުގައި ހާލަތު ބަދަލުކުރުމަށް ސިޔާސީ ޕާޓީތަކަށް އަދާކުރެވިދާނެ ދައުރު ބޮޑެވެ. އެގޮތުން އަންހެނުން ލީޑަޝިޕް މަގާމުތަކަށް ގެނައުމަށް ޕާޓީތަކުގެ އެތެރޭގައި މަސައްކަތްކޮށް، އިންތިހާބުތަކަށް އަންހެނުން ނެރެ އެ މީހުންނަށް ތާއީދު ހޯދައިދޭން މަސައްކަތްކުުރުން މުހިއްމެވެ.

އަނީސާ ވަކާލާތުކުރައްވަނީ މާލީ "އިންސެންޓިވް" އަކުން ޕާޓީތަކަށް އެކަން މަޖުބޫރުކުރުމަށެވެ. އޭނާ ވިދާޅުވިގޮތުގައި ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާއިން، ޕާޓީގެ އެތެރޭގެ މަގާމްތަކުގައި އަންހެނުން ތިބި އަދަދާއި ޕާޓީގެ ފަރާތުން އިންތިހާބުތަކަށް އަންހެނުން ނެރޭ ނިސްބަތަށް ބަލައިގެން ވަކި މިންވަރެއް ދޭ ގޮތަށް ގާނޫނުގައި ކަނޑައަޅަންވީ އެވެ. އޭރުން، ގިނަ ގޮނޑި ކާމިޔާބުކުރަން ޕާޓީން ބޭނުންވާނެތީ، އަންހެނުން ނެރޭ ދާއިރާތަކަށް ވެސް ޕާޓީން ކެމްޕެއިންކޮށްދީ ހަދާނެކަން އަނީސާ ފާހަގަކުރެއްވި އެވެ.

"ޕާޓީ ހިންގަން ބޭނުންކުރާ ފައިސާގެ ބޮޑު ބައި އެ ދެނީ ދައުލަތުގެ ބަޖެޓުން. އަޅުގަނޑުމެންގެ ކޮންމެ ބަޔަކު ވެސް ބޭނުންވާނެ ޕާޓީ ހިންގަން ގިނަ ފައިސާ ހޯދަން. އެހެންވީމާ އެ ވާނީ ވަރަށް ބޮޑު ހިތްވަރަކަށް. އެ ފައިސާ ލިބޭނެ އެއް ގޮތެކޭ ގިނައިން އަންހެނުން އިންތިހާބުވާ ގޮތަށް ނެރެފީ ވިއްޔާ،" އަނީސާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ހަމައެކަނި އަންހެން މެމްބަރުން ކަމަށްވާ (ކ-ވ) މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ، ރޮޒައިނާ އާދަމް، ޖީހާން މަހުމޫދު އަދި ހިސާން ހުސައިން: ހަތަރު މެމްބަރުން ވެސް ނިސްބަތްވަނީ އެމްޑީޕީއަށް. (ފޮޓޯ/މަޖިލިސް)

ގޮނޑި ޖެހުމާއި ތަން ސާފުކުރުމާއި ދިދަ ޖެހުމާއި ޓީޝާޓު ބެހުމުން ފެށިގެން ގޮސް ދޮރުން ދޮރަށް ހިނގުމުގައި ވެސް ޕާޓީގެ މަސައްކަތްތަކުގައި ބައިވެރިވާ އަމާނީ މި ދުވަސްވަރު ރޭގަނޑުގެ ހުރިހާ ވަގުތެއްހެން ހޭދަކުރަނީ ޕާޓީގެ ޓީވީ ސްޓޭޝަންގަ އެވެ. އޭނާ ފެންނަ ޓީވީ ޕްރޮގްރާމްގައި މެހްމާނެއްގެ ގޮތުގައި ބައިވެރިވެ ވާހަކަދައްކާ ހަމައެކަނި އަންހެނަކީ އަމާނީ އެވެ. އެކަމަކު، އޭނާ ބުނިގޮތުގައި، އެ ފުރުސަތަށް އެދިއެދި ވެސް އިތުރު ކިތަންމެ އަންހެނުންނެއް ޕާޓީގައި އެބަ ތިއްބެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަމާނީ ޕާޓީގެ ހަރަކާތްތަކެއްގައި

"އަންހެނުން އަސްލު ހަގީގަތުގައި ވެސް ހަމަ ދެ ޕާޓީގައި ވެސް [އެމްޑީޕީ އާއި ޕީޕީއެމް] ވަރަށް ބޮޑެތި ރޯލުތައް ކުޅެފައި އެބަހުރި،" އަމާނީ ބުންޏެވެ.

އަމާނީ ގަބޫލުކުރާ ގޮތުގައި އެ ރޯލުތަކުގެ ތެރެއިން އުސްމިންތަކަށް ދިޔުމަށް އަންހެނުންނަށް އޮތް ހުރަހަކީ އާއްމުންގެ ހޭލުންތެރިކަން ކުޑަވުމެވެ. އޭނާގެ އެދުމަކީ އެކަން ބަދަލުކުރަން މަސައްކަތް ފެށުމެވެ. 

"ފައިސާ ހުރެގެން، ބޮޑު ސެޓްފިކެޓެއް އޮވެގެން ނޫންކަން، ރައްޔިތުންނަށް ކަންކަން ވަނީ އެކަން ތަޖުރިބާ ވެސް ކުރެވިއްޖެ. އެހެންވީމާ އަންހެނުން އެ ކުރާ މަސައްކަތަށް، އެ ހިތްވަރަށް، ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަމުން ސިޔާސީ މަސައްކަތަށް އެ ދޭ ވަގުތުތަކާ އެއްޗެހި، ރައްޔިތުން ވެލިއުކުރަން ވެއްޖެއޭ ބުނަން އޮތް ވާހަކައަކީ،" އަމާނީ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް