Majlis 2024

އަވި އަދި ވައި ބޭނުންކޮށްގެން ހަކަތަ އުފައްދާ ވިއުގަތައް ވަނީ މިދިޔަ އަހަރު ވަރަށް ބޮޑަށް އިތުރުވެފައި. (ފޮޓޯ/ ގެޓީ އިމޭޖަސް)

ދުނިޔޭގައި ބޭނުންކުރާ ކަރަންޓުގެ %10 މިހާރު އުފައްދަނީ އަތްވާއި ވައިން

މިއީ ތާރީހުގައި ވެސް އަވި އަދި ވައި ބޭނުންކޮށްގެން އުފައްދާ ހަކަތައިގެ މިންވަރު %10އަށް އެރި ފުރަތަމަ ފަހަރު

ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް، ދުނިޔެއަށް ބޭނުންވާ ކަރަންޓުގެ %10 މިދިޔަ އަހަރު ފޯރުކޮށްދީފައި ވަނީ އަވި އަދި ވައިން އުފައްދާ އިއާދަކުރަނިވި ހަކަތައިން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ތިމާވެއްޓާއި ހަކަތައާ ބެހޭ ޖަމިއްޔާއެއް ކަމަށްވާ އެމްބާއިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ދުނިޔެއަށް ބޭނުންވާ ޖުމުލަ ކަރަންޓުގެ %10 އަވި އަދި ވައިގެ ހަކަތައިން އުފައްދާ 50 ގައުމެއް އެބައޮތެވެ. 

ކޮވިޑާ ގުޅިގެން މަޑުޖެހިފައި އޮތް ދުނިޔޭގެ އިގްތިސާދު މިދިޔަ އަހަރު ހިނގައިގަތުމާ އެކު ހަކަތަައަށާއި ކަރަންޓަށް އޮތް ޑިމާންޑު ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ. އަދި ބޯޓުދެލިން އުފައްދާ ހަކަތައަށް އޮތް ޑިމާންޑު ވެސް ވަނީ ފާއިތުވެދިޔަ 30 އަހަރުގެ ތެރޭގައި ނާރާހާ މައްޗަށް ގޮސްފަ އެވެ.

މިދިޔަ އަހަރު ހަކަތައަށް އިތުރުވި ޑިމާންޑަކީ އިންޑިއާ ވަރުގެ ގައުމެއް ދުނިޔެއަށް އަލުން އިތުރު ކުރުމުން އަންނާނެ ފަދަ ޑިމާންޑެއް ކަމަށް އެމްބާގެ މި ދިރާސާގައި ވަނީ ސިފަކޮށްފަ އެވެ.

އެކްސްޕޯޓު ކުރުމަށް ޗައިނާގައި އުފައްދާފައި ހުރި ވައިން ހަކަތަ އުފައްދާ ބުރަފަތިތަކެއް. (ފޮޓޯ/ ގެޓީ އިމޭޖެސް)

މިދިޔަ އަހަރު ދުނިޔެއަށް ބޭނުންވި ކަރަންޓުގެ %38 އުފައްދާފައި ވަނީ ސޯލާ އާއި ވައި އަދި އެހެނިހެން ސާފު ވަސީލަތްތައް ބޭނުންކޮށްގެންނެވެ. މީގެ ތެރެއިން ވިންޑް ޓާބައިން އާއި ސޯލާ ޕެނަލްތަކުން އުފެއްދި ހަކަތައިގެ މިންވަރު ވަނީ ފުރަތަމަ ފަހަރަށް %10އަށް އަރާފަ އެވެ. ޕެރިސްގައި 2015ގައި އޮތް ކޮޕް ސަމިޓަށް ފަހު އަވި އަދި ވައިން އުފައްދާ ކަރަންޓުގެ މިންވަރު ވަނީ ދެ ގުނަ މައްޗަށް އަރާފަ އެވެ.

އެންމެ ހަލުވިމިނެއްގައި އިރާއި ވައިގެ ހަކަތައަށް ބަދަލުވެފައިވާ ތިން ގައުމަކީ ނެދަލެންޑްސް، އޮސްޓްރޭލިއާ އަދި ވިއެޓްނާމެވެ. ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި މި ތިން ގައުމުން ވެސް ވަނީ ބޭނުންވާ ހަކަތައިގެ %10 އިއާދަ ކުރަނިވި ހަކަތައަށް ބަދަލުކޮށްފަ އެވެ.

ދުނިޔޭގެ އުތުރު ބިތުގައި އޮންނަ ގައުމަކަށްވެ، ސޯލާ ހަަކަތަ އުފެއްދުމަށް ގޮންޖެހުންތަކެއް ހުރި ކަމުގައިވީ ނަމަވެސް، ތިމާވެށީގެ ރަނގަޅު ސިޔާސަތުތަކުގެ ސަބަބުން ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެވިދާނެކަން ނެދަލެންޑްސްއިން ދައްކައިދެމުން އަންނަ ކަމަށް އެމްބާ ޖަމިއްޔާގެ ހައްނާ ބްރޯޑްބެންޑް ވިދާޅުވި އެވެ.

ވިއެޓްނާމުން ވެސް ވަނީ ހައިރާންވާހާ ހަލުވި މިނެއްގައި އިއާދަކުރަނިވި ހަކަތަ ތަރައްގީކުރަން ފިޔަވަޅުތަކެއް އަޅާފަ އެވެ. އެއް އަހަރު ތެރޭ އެކަނި ވެސް ވިއެޓްނާމުން ވަނީ ސޯލާއިން އުފައްދާ ހަކަތަ %300 މައްޗަށް ޖައްސާލާފަ އެވެ.

ވިއެޓްނާމުގައި ސޯލާއިން ހަކަތަ އުފެއްދުން އިތުރުވެފައި މި ވަނީ އެ ގޮތަށް ހަކަތަ އުފައްދާ ފަރާތްތަކަށް ސަރުކާރުން ފައިސާ ދޭ އިންތިޒާމުތަކެއް ހަމަޖެއްސުމުން ކަމަށް އެމްބާގެ ގްލޯބަލް ލީޑް ޑޭވް ޖޯންސް ފާހަގަކުރެއްވި އެވެ.

ބޯޓުދެއްޔަށް އޮތް ޑިމާންޑު ވެސް މިދިޔަ އަހަރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައި. (ފޮޓޯ/ ގެޓީ އިމޭޖެސް)

މިފަދަ ކުރިއެރުންތަކާ އެކު ވެސް އަދި ޑެންމާކު ފަދަ ގައުމުތަކުން ބޭނުންކުރާ ހަކަތައިގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު މިންވަރެއް އިއާދަކުރަނިވި ހަކަތައިން ހޯދަމުންދިޔަ ނަމަވެސް، ބޯޓުދެލިން އުފައްދާ ހަކަތައިގެ މިންވަރު ވެސް މިދިޔަ އަހަރު ވަނީ ވަރަށް ބޮޑުތަން މައްޗަށް ގޮސްފަ އެވެ. މީގެ މައިގަނޑު ސަބަބެއް ކަމަށް ފާހަގަކުރެވިފައި ވަނީ ހަކަތަ އުފެއްދުމަށް ބޭނުންކުރާ ގޭހުގެ އަގު ދުނިޔޭގެ ބާޒާރުތަކުގައި ބޮޑުވެ ބޯޓުދެލީގެ އަގު އެ ވަރަށް ނޭރުމެވެ. މީގެ ސަބަބުން ހަކަތަ އުފެއްދުމަށް ބޯޓުދެލި ހޯދުން އިންޑިއާ އާއި ޗައިނާ ފަދަ ގައުމުތަކަށް ވަނީ އަގުހެޔޮވެފަ އެވެ.

މި ގަރުނު ނިމުމުގެ ކުރިން ދުނިޔޭގެ ހޫނުމިން މަތިވާ މިންވަރު 1.5 ޑިގްރީގައި ބެހެއްޓުމަށް ބޮޑެތި ގިނަ އިގްތިސާދުތަކަކުން ވަނީ ވަރުގަދަ އަމާޒުތަކެއް ކަނޑައަޅާފަ އެވެ. އަދި 1.5 ޑިގްރީގައި ދުނިޔޭގެ ހޫނުމިން ބެހެއްޓުމަށް ކަނޑައަޅާފައިވާ އަމާޒު ހާސިލުކުރުމަށް ވައި އަދި އަވިން އުފައްދާ ހަކަތަ 2030އާ ހަމައަށް ކޮންމެ އަހަރަކު %20 އިތުރުވާން ޖެހޭ ކަމަށް ސައިންސްވެރީން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް