ވާހަކަ

ވާހަކަ: ރިހުން

ހަނގާކުރުމުގެ ޝިކާރައަށް ކުދިން ވެގެން ދާއިރު، ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަންކަން ހިއްސާކުރާނެ މީހަކު ނެތުމެވެ. މައިންބަފައިންނަށް ދަރިންނަށް ވަގުތު ނުދެވުމަކީ ވެސް ބޮޑު ގޮންޖެހުމެކެވެ.

އެޕިސޯޑް 4

ކުރީ ދުވަހުގެ ބަޔާ ގުޅޭ

އާނއެކެވެ. ލީޝާ އެބުނީ ތެދެކެވެ. ނަމަވެސް އަހަރެން ކުރީ ކީއް ހެއްޔެވެ؟ އަހަރެންނަށް މީހަކު ކަމުދިޔުން އެއީ ކުށެއް ހެއްޔެވެ؟ އަހަރެން މި ސިފައިގައި ހުރުމަކީ އަހަރެންގެ މައްސަލައެއް ހެއްޔެވެ؟ އަހަރެންނަކީ ބޮޑާ ކުއްޖެއް ނޫނެެވެ. ހަގީގަތުގައި އަހަރެންނަކީ ކިހާ މުއްސަނދި އާއިލާއެއްގެ ކުއްޖެއް ކަމެއް އަހަރެންގެ ކުލާސް ކުދިންނަކަށް ނޭނގޭނެއެވެ. އަހަރެންގެ އެއްވެސް ކަމަކުން އަދި އަމަލަކުން ވެސް އެކަމެއް އެ މީހުންނަކަށް ނުދައްކަމެވެ. އަހަރެން އުޅޭ ސާދާ ދިރިއުޅުމަށް އެމީހުން ދީގެން އުޅެނީ "ނުކެރޭ، ފިނޑި" މި ކަހަލަ ލައްގަނޑެކެވެ.

އަހަރެންގެ ސިފަ މީހުންނަށް ކިތަންމެ ހުތުރު ވިޔަސް އަހަރެން ވަނީ އިސްލާމީ ރީތި އަޚުލާގުން ޒީނަތްތެރި ވެފައެވެ. އަހަރެން ދުވަހަކު ވެސް ގަސްދުގައި ދޮގެއް ނުހަދަމެވެ. މީހުންނަށް ދެރައެއް ދީ އޮޅުވައެއް ނުލަމެވެ. މައިންބަފައިން ލަދުގަންނަ ވަރުގެ އެއްވެސް ކަމެއް ނުކުރަމެވެ. ބޮޑު ފާފައަކަށް އަރައެއް ނުގަންނަމެވެ. ދެން އަހަރެންގެ ސިފަ މިހެން ހުރުމަކީ މައްސަލައެއް ހެއްޔެވެ؟

އާނއެކެވެ. އަހަރެން ވަނީ ހަނގާކުރުމުގެ ޝިކާރައަކަށް ވެފައެވެ. ފުރަތަމަ ފެށުނީ ސުކޫލުންނެވެ. މިހާރު ޓިއުޝަނުން ވެސް އަހަރެންނަށް އެކަމާ ކުރިމަތިލާން ޖެހިއްޖެއެވެ. ކޮންމެ ދުވަހަކު އެތައް ޖެއްސުމެއް ކުރެއެވެ. ހުތުރުހާ ނަންނަމުން އަހަރެންނަށް ގޮވައެވެ. ގެންގުޅޭ އެއްޗެއްސަށް ގެއްލުން ދެއެވެ. އެކި ސިފަސިފައިގެ ޖަނަވާރުންގެ ނަމުން ވެސް އަހަރެންނަށް ގޮވައެވެ. އަހަރެން ވަރަށް ބޮޑަށް ހިތުގައިޖެހެއެވެ. ކިތަންމެ ދުވަހަކު ރޮވެއެވެ. ދުވަހަކު ވެސް ސުކޫލަށް ނުދާނަމޭ ހިތް ބުނެއެވެ. އެކަމަކު އަނެއް ދުވަހު ތެދުވާ އިރު ހިތުގައި ވަނީ އެހެން ކަމެކެވެ. މައިންބަފައިން ފަޚުރުވެރިވާ ފަދަ ދަރިއަކަށް ވާނަމެވެ. ނަމަވެސް މިއަދު އަހަރެން ވަރުބަލިވެއްޖެއެވެ.

ދުވަހަކަށް ފަހު ދުވަހެއް އަހަރެންނަށް ފޮތްތަކާ ދުރަށް ދެވެން ފެށިއެވެ. ކިޔެވުމަށް ބަދަލު އަންނަން ފެށިއެވެ. ޓިއުޝަނަށް ދިއުން ހުއްޓުނެވެ. ކޮޓަރިން ބޭރަށް ނުކުމެ އުޅުން މަދުވިއެވެ. ކެއުމާ ދުރުވެ މީހާ ހިކެން ފެށިއެވެ. ކިޔެވުމުގެ ނަތީޖާ ދަށްވަމުން ގޮސް ސްކޫލުގެ ފަރާތުން މަންމައާ ބައްދަލު ކުރާ ހިސާބަށް ދިޔައެވެ. އަހަރެން ގްރޭޑް ހަޔަކުން ފެށިގެން ކިޔަވަމުން މި ދަނީ މި ސުކޫލުގައެވެ. އަހަރެންގެ މަންމަ އަދި ބައްޕަ ވެސް ދުވަހަކު ވެސް މި ސުކޫލުގެ އޮޅި ގިރާކުރިހެނެއް ހިއެއް ނުވެއެވެ. ބެލެނިވެރިންގެ ކޮންމެ ކަމަކަށް ވެސް އަންނާނީ ގޭގައި ގެންގުޅޭ މީހެކެވެ. އަހަރެންގެ ހިތުގައި ޔަގީންކަން އޮތީ މަންމަ ނާންނާނެ ކަމަށެވެ.

އަހަރެން އުއްމީދު ނުކޮށް ހުއްޓައި މަންމަ ޕްރިންސިޕަލާއި ޓީޗަރުންނާ ބައްދަލު ކުރިއެވެ. އަހަރެންގެ ކިޔެވުމާއި އުޅުމަށް އައި ބަދަލުތައް މަންމައަށް ކިޔައިދިނީ އަހަރެންގެ ޣައިރު ހާޒިރުގައެވެ.

ގެއަށް ދިއުމަށް ފަހު މަންމަ އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިއަށް ދިޔައެވެ. އަދި ބައްޕައަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަހަރެންނަށް އެނގެއެވެ. މިއަދު މަންމަ އާއި ބައްޕަ އަހަރެންގެ ސަބަބުން ލަދުގަންނާނެއެވެ. އަހަރެންނަށް މި ކުރެވުނީ ކިހާ ދެރަ ކަމެއް ހެއްޔެވެ؟

އަހަރެންގެ ލޮލުން މިއަދު ކަރުނައެއް ނައެވެެ. ރޯން ބޭނުންވިއެވެ. ނަމަވެސް ރޮވޭ ގޮތެއް ނުވިއެވެ. އެ ވަގުތު ދޮރު ހުޅުވާލާފައި މަންމަ އާއި ބައްޕަ ކޮޓަރިއަށް ވަނެވެ. އަހަރެންގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. މަންމައަށް ރޮވުނެވެ. ބައްޕަ އައިސް އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އަހަރެންގެ ހުރިހާ ވޭނަކާއި ހިތާމައެއް އެއްފަހަރާ ފިލިއެވެ. އެ ފިރުމުންތަކަށް، އެ ލޯތްބަށް އަހަރެން ވަނީ ފެންބޮވައިގެންފައެވެ. މިއަދު އެ ކަރުހިއްކުން ފިލުވައިދިނީތީ އަހަރެން ޝުކުރުވެރިވަމެވެ.

"ދަރިފުޅާ، މަންމަމެންނަށް މައާފު ކުރޭ." މަންމަގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ.

"މަންމާ ތިހެން ނުބުނޭ. މަންމަމެން އަހަރެން ގާތު މައާފަށް އެދޭ ވަރުގެ ކަމެއް ދުވަހަކު ވެސް ނުކުރެވޭނެ." އަހަރެން މިއަދު އެއްވެސް އެއްޗެއް ބޭނުމެއް ނޫނެވެ. މަންމަގެ ލޯތްބާއި ބައްޕަގެ ރައްކާތެރި ދެ އަތް ވަނީ އަހަރެންގެ ވަށާލައިގެންނެވެ. މިއަދު އަހަރެންނަށް ފުދެއެވެ.

"ދަރިފުޅާ. ދަރިފުޅު ޖެހޭނެ ތި ތަހައްމަލު ކުރި ކަންތަކުގެ ފިލާވަޅެއް ދޭން. ދަރިފުޅު ވާނެ އެހެން ކުދިންނަށް މިސާލަކަށް ވާން." މިއީ ބައްޕަ އެހާ ލޯބިން އަހަރެންނާ ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. "އާނ. ދަރިފުޅާ. ތީ ވަރަށް ހިތްވަރު ގަދަ ކުއްޖެއްނު؟ ބައްޕަމެން އަބަދުވެސް ވާނީ ދަރިފުޅާއެކު."

އަހަރުގެ ނިމޭ ޖަލްސާ އޮންނަ ދުވަހެވެ. އެޑިޔުކޭޝަން މިނިސްޓަރާއި ސުކޫލްގެ ޕްރިންސިޕަލާއި ޓީޗަރުންނާއި ސުކޫލުގެ އިސްވެރިންގެ އިތުރުން ބެލެނިވެރިންނާއި ދަރިވަރުން ވެސް ތިއްބެވެ.

ބިސްމީގެ ބަރަކާތުން އަހަރެން ވާހަކަ ދައްކަން ފެށީމެވެ.

"ފުރަތަމަ ވެސް ޝުކުރު އަދާ ކޮށްލަން ބޭނުން ވަނީ އަޅުގަނޑަށް ތިފަދަ ލޯބިވާ މައިންބަފައިން ދެއްވީތީ،" އަހަރެންގެ މަންމަ އާއި ބައްޕައަށް އިޝާރާތް ކޮށްފައި ބުނީމެވެ.

"އިންސާނާ ހެއްދެވީ އެންމެ ރީތި ސޫރާގައި ކަމަށް ގުރުއާނުގައި އޮވޭ. ދެން އަޅުގަނޑުމެން މިއީ ކޮންބައެއްތޯ އެ ކަމަށް ފާޑު ކިޔަން؟" އަހަރެން ވާހަކަ ދެއްކި އިރު މަޑު ތުރުތުރެއް އަޑުގައި ހުއްޓެވެ. ނަމަވެސް ހިތްވަރު ކޮށްފައި ކުރިއަށް ދިޔައީމެވެ.

"ފާޑުކިޔުމަކީ އިންސާނާގެ ކުރިއެރުން. އެކަމަކު ގުދުރަތީ ގޮތުން ލިބިފައިވާ ކޮންމެ ސިފައަކީ ވެސް ރިވެތި ސިފައެއް. އެކަންކަމަށް ހަޖޫޖަހައި މަލާމާތް ކޮށް އުޅޭނީ އެއްވެސް ގޮތެއް ފޮތެއް ނެތް މީހުން. އިލްމާއި ހިލްމު އުނގެނިފައި ތިބޭ މީހުން އުޅޭނީ ތިމާ ކުރިއަރައިދަމުން ވެއްޓިފައިވާ މީހާގެ އަތުގައި ހިފައި ތެދުވަން އެހީތެރިވާން." އަހަރެން ވާހަކަ ދެއްކީ އަހަރެންނަށް ދަސްވެފައި ހުރި މިންގަނޑުންނެވެ.

"އަޅުގަނޑުމެންނަކީ މުސްލިމުން. އެކަކު އަނެކަކަށް މަލާމާތް ކުރުމަކީ އިހު ޒަމާނު ޖާހިލުންގެ ސިފައެއް. ދުނިޔޭގައި އެކި ނަސްލުގެ މީހުން އުޅޭ. ދޮން މީހުންނާއި ކަޅު މީހުން. ކުރު މީހުންނާއި ދިގު މީހުން. ފަލަ މީހުންނާއި ހިކި މީހުން. އަޅުގަނޑުމެން ހެއްދެވި ފަރާތުން އެ ތަފާތު ކުރުމެއް ނުގެންގުޅުއްވާ. އެ މީހުންނަށް ވެސް ރޯދި ބަރަކާތް ދެއްވަވާ. އެކަމަކު އެއީ އެ ފަރާތަށް އަޅުކަން ކުރާ ބައެއް ވެސް ނޫން." އަހަރެން އެކި މޫނުތަކަށް ވަކި ވަކިން ބަލާލީމެވެ.

"ކޮން ފޮތެއްގައިތޯ އޮތީ ވަކި ގޮތަކަށް ވަކި ބައްޓަމަކަށް ތިބޭ މީހުންނަށޭ ދިރިއުޅުމުގައި ކުރިއަށް ދެވޭނީ؟ ކާމިޔާބު މީހަކަށް ވެވޭނީ؟ ނުވަތަ ކާކުތޯ ބުނީ އެހެން؟ ކާކުތޯ ބުނީ ވަކި ވައްތަރެއްގެ މީހުންނަށޭ މީހުންގެ ލޯތްބާއި އިހުތިރާމް ލިބެން ޖެހޭނީ؟" ސުވާލު ކޮށްފައި އަހަރެން އިރުކޮޅަކު ވާހަކަ ދެއްކުން ހުއްޓާލީމެވެ. އެންމެންގެ ލޯ ވެސް އަމާޒު ވެފައި ވަނީ އަހަރެންނަށެވެ.

"އެންމެންނަށް ވެސް އިހުތިރާމައި ލޯބި ލިބެން ޖެހޭ. އެއީ ވަކި ގޮތަކަށް ތިބޭ ބަޔަކަށް ހައްގުވާ އެއްޗެއް ނޫން. ހުރިހާ އެންމެންނަށް ކުރިއަރައި ދިޔުމުގެ ފުރުސަތު ލިބެން ޖެހޭ. އެއީ ވަކި ގިންތިއަކަށް އޮންނަން ޖެހޭ ކަމެއް ނޫން. މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމަކީ އިސްލާމް ދީން އަޅުގަނޑުމެންނަށް ނަހީ ކުރައްވާފައިވާ ކަމެއް. އަޅުގަނޑު ވެސް ހެއްދެވީ ތިޔަ ދޮން، ލޫޅާފަތި، ބުރު ސޫރަ ރީތި ބޭފުޅާ ހެއްދެވި ފަރާތުން." އަހަރެން ހިފަހައްޓައިގެން ހުރި ކަރުނަތައް ފައިބައިގަތެވެ. މަޑުމަޑުން ގިސްލެވެން ފެށުމުން އިސްދަށަށް ޖެހީމެވެ. އިސް އުފުލާލެވުނީ އަތްތިލަބަޑިއެއްގެ އަޑު އިވުމުންނެވެ. އެޑިޔުކޭޝަން މިނިސްޓަރު ތެދުވެ އަހަރެން ގާތަށް ހިންގަވަމުން އަތް ޖަހަނީއެވެ. ހޯލުގައި ތިބި ހުރިހާ އެންމެން އެއް އަޑަކަށް އަތްތިލަބަޑި ޖެހިއެވެ. ތައުރީފުތައް އޮހުނެވެ. އަހަރެން އެންމެ އުފާވީ މަންމަ އާއި ބައްޕަ ފަހުރުވެރިވާ ފަދަ ދަރިއަކަށް ވެވުމުންނެވެ.

- ނިމުނީ -

ކޮމެންޓް

Placeholder

ވާހަކަ

ވާހަކަ