ރާއްޖެ އައި ޓޫރިސްޓުންތަކެއް ފުރަން ދަނީ: ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ދަރަނި ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައި

ކޮލަމް

ކޮވިޑް-19 އިން އަރައިގަތުމަށް އިތުރު ދަރަނި ނަގަން ޖެހޭބާ؟

ގައުމަށް ބޭރުން ނަގާ ދަރަނި ބޮޑުވާ ނަމަ އެއީ ފިކުރުކުރަން ޖެހޭ ވަރުގެ ކަމެއް
8 ސެޕްޓެމްބަރު 2021

ކޯވިޑް-19 އަށް ފަހު ދިވެހި ދައުލަތުގެ ދަރަނި އާދަޔާ ހިލާފަށް ބޮޑުވެއްޖެ އެވެ. އެ ދަރަނި 2019 ނިމުނު އިރު އޮތް މިންވަރު 2020 ނިމުނު އިރު ވަނީ ދެ ގުނައާ ކައިރިވެފަ އެވެ. މި ކަމާ ކަންބޮޑުވެ ބައެއް ދިވެހި އިގުތިސޯދުވެރިންނާއި ސިޔާސީވެރިންނާއި ރާއްޖޭގައި މަސްލަހަތު އޮންނަ މާލީ އިދާރާތަކުން ވާހަކަދައްކައި ލިޔެ އެބަ ހަދަތެވެ. އެކަމަކު މި ހާލު ޖެހިފައި ވަނީ ދިވެހި ދައުލަތަށް އެކަންޏެއް ނޫނެވެ. ކޮވިޑް-19ގެ ވަބާ ޖެހުނު ހުރިހައި ގައުމަކުން ހެން ނުފޯރާ ވަރަށް ދަރައި ނަގަން ޖެހި، މާލިއްޔަތު ހިންގުމުގައި ހުރި ޖަދަލުތައް އިތުރުވެއްޖެ އެވެ.

ރައުސްމާލީ ނިޒާމުގެ އިގުތިސޯދުތައް ތަރުތީބުވެފައިވާ ގޮތުން، އިގުތިސޯދު ހިންގާން އަޅަން ޖެހޭ ތެލަކީ ފައިސާ އެވެ. ފައިސާ މަދުވާ ވަރަކަށް އިގުތިސޯދު ހިނގުން ދާނީ ބަލިކަށިވަމުންނެވެ. އެހެންކަމުން އިގުތިސޯދަށް ވަންނަ ފައިސާ މަދުވިޔަ ނުދީ، އަދި އިގުތިސޯދުގައި އެ ފައިސާ ދައުރުވާ ބުރު އެނބުރުން މަޑުވިޔަ ނުދީ ހިފެހެއްޓުމަކީ އިގުތިސޯދީ ދިރުން އާރޯކަން މަތީ ދެމެހެއްޓުމަށް ކުރަން ޖެހޭ ކަމެކެވެ. ދިވެހި އިގުތިސޯދަށް އެންމެ މަތީ މިންވަރަކަށް ފައިސާ ވައްދައިދޭ ފަތުރުވެރިކަމުގެ ސިނާއަތް 2020ގެ ފުރަތަމަ ކުއާޓަރުގައި އަދި ދެވަނަ ކުއާޓަރުގެ ދޮޅު މަސް ދުވަހު އެއްކޮށް ހެން ހުއްޓި ދިޔުމުން އިގުތިސޯދަށް ފައިސާ ވަނުން މަދުވެ ފައިސާ ދައުރުވާ ބުރު ހުއްޓުމަކަށް ނުގޮސް އޮތީ ކިރިޔާ އެވެ.

ކުރެހުން 1: ފައިސާ ދައުރުވާ ބުރު.

ފައިސާ ދައުރުވާ ބުރު

ކުރެހުން 1 ގައި އެ ދައްކައިދެނީ ފައިސާ ދައުރުވާ ބުރުގައި ފައިސާ ދައުރުވާ ގޮތުގެ ހުލާސާ ނަމޫނާއެކެވެ.

ފައިސާ ދައުރުވާ ބުރުގައި އިގުތިސޯދަށް ވަންނަ ފައިސާ އިން އެއް ފަރާތެއްގެ ހަރަދަކީ އެހެން ފަރާތެއްގެ އާމުދަނީ އެވެ. މި އާމުދަނީން ބައެއް، ބެންކުގައި ރައްކާކުރާ ނަމަ ދެން ހުންނަ ބާކީ ބައި ހަރަދުކުރަނީ އެވެ.

ބެންކަށް ޖަމާވާ ބައިން ބޮޑު ބައެއް ބެންކުން ބޭނުންކުރަނީ ލޯނު ދިނުމަށެވެ. ލޯނުން ލިބޭ އާމުދަނީ އަކީ ބޭންކެއްގެ މައި އާމުދަނީ އެވެ.

ލޯނު ނަގަނީ ހަމައެކަނި ވިޔަފާރިވެރިންނާއި ވިޔަފާރިތަކެއް ނޫނެވެ. ދައުލަތުންންނާއި ފަރުދުންނާއި ގޭބިސީތަކުން ވެސް ލޯނު ނަގަ އެވެ. ލޯނު ލިބުމުން އެ ލިބޭ ފަރާތަކުން އެއިން ކުރަން ޖެހޭ ހަރަދުތައް ކުރަނީ އެވެ. މިއިން އެހެން ބަޔަކަށް އާމުދަނީ ލިބެ އެވެ. އާމުދަނީ ލިބުމުން އެ އިން ދައުލަތަށް ޓެކުސް ދައްކަން ޖެހެ އެވެ. ޓެކުހަކީ ދައުލަތުގެ އާމުދަނީގެ ބޮޑު ބައެކެވެ. މި އިން ހަރަދުކުރުމުން އެއީ އެހެން ބައެއްގެ އާމުދަނީއަށް ވެދެ އެވެ. މިހެން މި ކަންކަން ދައުރުވަމުން ދައުރުވަމުން ދާ ދިޔުމުން އިގުތިސޯދުގައި ފައިސާ އިތުރުވެ އިގުތިސޯދީ ދިރުން އާރޯވެ، ދައުލަތާއި ވިޔަފާރިތަކާއި ފަރުދުންގެ އާމުދަނީ އިތުރުވެ ދެއެވެ. މި ބުރު ދައުރުވާ އިސްޕީޑު މަޑުވެއްޖެ ނަމަ އިގުތިސޯދު ލޮއީފުވާން ފަށާނެ އެވެ.

ހަރަދުކުރުން

ދިވެހިރާއްޖޭގައި އެއް ހަރަދުވެރިޔަކަށް އަދި، އެއް ވަޒީފާވެރިޔަކަށް އެންމެ ބޮޑު ފަރާތަކީ ދައުލަތެވެ. ހަރަދުކުރެވޭނީ ފައިސާ ނުވަތަ ފައިސާ ލިބޭނޭ ވަސީލަތެއްގެ އެކަށީގެންވާ ގައިމުކަމެއް ލިބިގެންނެވެ. ގެއެއްގެ ހަރަދު ބަރަދު ވެސް ހިންގަނީ އެ މަހަކު އެ ގެއަކަށް ވަންނަ އާމުދަނީއަށް ބުރަވެ ތިބެ ކަމަށް ވާ ފަދައިން، ސަރުކާރު ވެސް ހިންގަނީ އެ މަހަކު އެކި ގޮތްގޮތުން ސަރުކާރަށް ވަންނަ އާމުދަނީއަކުންނެވެ. އަހަރު ފެށޭ އިރު ބަޖެޓުގެ ހުރިހައި ފައިސާއެއް ނަގުދުން ލިބިފައި ހުންނަނީއެއް ނޫނެވެ.

ވަބާގެ އެންމެ އަޑިގަނޑުގައި ފަތުރުވެރިކަމުގެ އާމުދަނީ ހުއްޓުމަކަށް އައުމުން، ދައުލަތުގެ ނަގުދީ ދައުރުވުން (ކޭޝްފްލޯ) ތާށިވެ ދައުލަތް ހުއްޓުމަކަށް ދިޔުމުގެ ބިރު އޮތެވެ. މި ކަމުގައި ހިމެނޭ އެންމެ ކަންބޮޑުވާން ޖެހުނު ކަމަކީ އެ ދަނޑިވަޅުގައި ހާލަތުގެ އެކިއެކި ކަންކަން ދައުލަތުން ހިންގުމަށް ނުކުޅެދި، މުވައްޒަފުންނަށް މުސާރަ ނުދެވި، އިގުތިސޯދަށް ފައިސާ ވެއްދުމަށް ވެސް ނުކުޅެދި ހިނގައިދާނޭ ކަމުގެ ބިރެވެ.

ފައިސާ ލިބެން ނެތަތީ ދައުލަތުގެ ހަރަދު ވަރަށް ބޮޑަށް ކުޑަކުރަން ޖެހޭ ކަމަށް އެ އިރު ވާހަކަ ދެކެވުނެވެ. އެއީ އެންމެ ރަނގަޅު ކަމެކެވެ. އެހެންނަމަވެސް އޭގައި ހިމެނެން ވާނީ ލީކެއް ކަމަށް ބެލެވޭ، މިސާލަކަށް ރާއްޖެ އިން ބޭރަށް ދަތުރުކުރުން ފަދަ، ހަރަދުތަކެވެ. އެ ކަހަލަ ދަނޑިވަޅެއްގައި ރަނގަޅީ އެތެރެއަށް ކުރެވޭ ހަރަދުތައް ހުއްޓައިނުލައި ކުރަމުން ގެންދިޔުމެވެ. މަގުސަދަކީ ކާރިސާގައި އިގުތިސޯދުގެ އެތެރޭގައި ދައުރުވާ ފައިސާ މަދުވަމުން ދާދިޔުން ހުއްޓުވައި ނުވަތަ ވީ ވަރަކުން މަޑުކުރުވައި، ފައިސާ ދައުރުވާ ބުރު ހުއްޓުމަކަށް އަޔަނުދީ ހިފެހެއްޓުމެވެ.

ދަރަނި ނެގުން

ދައުލަތުގެ ދަރަނި، 2015 އިން 2021 އަށް

ލިބޭ އާމްދަނީއަކުން ނުފުދޭ (ބަޖެޓް ޑެފިސިޓް) ހާލަތްތަކުގައި ދައުލަތަކަށް އޮންނަ މައި އިހުތިޔާރަކީ ދަރަނި ނެގުމެވެ. ދައުލަތްތަކުން އާންމުކޮށް ދަރަނި ނަގަނީ ދުވަލީ ފައިސާ މާރުކޭޓުތަކުންނެވެ. ނަމަވެސް ފަތުރުވެރިކަމަށް ބިނާވެފައި އޮންނަ ގައުމަކަށް ފަތުރުވެރިކަން އިނދަޖެހިފައި އޮތް ވަގުތަކު ކުރެޑިޓު ދިނުމަށް މާކަ ބޮޑު ޝައުގުވެރިކަމެއް ދުވަލީ ފައިސާ މާރުކޭޓުތަކަކު ވެސް ނުހުންނާނެތާ އެވެ. ދެން ހުރީ ދުވަލީ (މަލްޓިލޭޓްރަލް، އިންޓަނޭޝަނަލް) ނުވަތަ ސުނާއީ (ބައިލޭޓްރަލް) ވަސީލަތްތަކެވެ. ދަރަނި ނަގަން އުޅޭ އިރު، ދަރަނި ދޭން ތިބި ފަރާތްތަކުން އެ ގައުމަކުން ދަރަނި އަދާކުރަން ކުޅަދާނަވެގެން ވޭތޯ ގައިމުކުރަން ބޭނުންވާނެތެވެ. މި ކަން ދެނެގަތުމުގައި ދުވަލީ މާލީ މާރުކޭޓުތަކުގެ ދައުރުވެރީން އެ ދައުލަތެއްގެ ދަރަނީގެ ހާލަތާއި ހަރަދާއި އާމުދަނީ އާއި މިހިރަމިހިރަ ކަންތައް ބަލަތެވެ.

މި ރޮނގުން ބަލާ އިރު، ދިވެހި ދައުލަތުގެ ހާލަތު އޮތީ ކިހައި ނާޒުކުކޮށް ބާއެވެ؟ ޗާޓު 1 އެދައްކަނީ އިޖުމާލީ ރަށްވެހި އުފެއްދުމުގެ އިންސައްތައިން ދައުލަތުގެ އަހަރީ ދަރަނީގެ މިންވަރެވެ. ޖުމްލަ ދަރަނި މިންކޮށްފައި އެވަނީ ކަނާތު އޮލަނބުގަ އެވެ. ވާތު އޮލަނބުގައި އެވަނީ ހާރިޖީ ދަރަންޏާއި ރަށްވެހި ދަރަންޏެވެ. ބޮޑު ބަންދުގެ އަހަރު 2021 ގައި ޖުމްލަ ދަރަނި އެވަނީ ޖީޑީޕީގެ %121 އަށް ވުރެ މައްޗަށް އަރައިފަ އެވެ. ދުވަހަކު ވެސް މިހާ މައްޗަށް ދަރަނި އަރައިފައެއް ނުވެ އެވެ. 2019 ވަނަ އަހަރުގެ މިންވަރަކީ %62.5 އެވެ.

ދައުލަތުގެ ދަރަނި އަހަރުން އަހަރަށް ބަދަލުވި މިންވަރު

ޗާޓު 2 ގައި އެދައްކައި ދެނީ ދަރަނީގެ މިންވަރަށް އައިސްފައިވާ ބަދަލެވެ.

ކަނާތު އޮލަނބުން އެދައްކަނީ ޖުމްލަ ދަރަންޏެވެ. ވާތު އޮލަނބުން ހާރިޖީ ދަރަންޏާއި ރަށްވެހި ދަރަންޏެވެ. ކޮވިޑް-19ގެ ބޮޑު ބަންދުގެ އަހަރު 2020 ގައި ދަރަނި އެވަނީ %94 އަށް ވުރެ މަތީ މިންވަރަކަށް އިތުރުވެފަ އެވެ. މި އިން ބޮޑު ބައެއް (%104 ގާތަކަށް) އިތުރުވީ ހާރިޖީ ދަރަންޏެވެ. ދާހިލީ ދަރަނި އިތުރުވެފައި ވަނީ %88 އަށެވެ. ދައުލަތް ދަރަނިވެރިވީ ކޮންކޮން ފަރާތްތަކަކަށް ކިހައި މިންވަރަކަށްތޯ މި ކަންކަން މި ލިޔުމުގައި ދިރާސާއެއް ނުކުރަމު އެވެ.

ކޮންމެ ގައުމަކުންމެ ހެން ދަރަނި ނަގަ އެވެ. ދަރަނިން އިގުތިސޯދު ދިރުވަން ސިޔާސަތު ރާވައި ތަންފީޒުކުރުމަކީ އައު ކަމެއް ނޫނެވެ. މިއީ ކޭންޒިއަން އިގުތިސޯދިއްޔާތެވެ. މީގައި ބުނަނީ އިގުތިސޯދު އާރޯކޮށް ދިރުވަން ނަގުދީ ސިޔާސަތު (ފިސްކަލް ޕޮލިސީ) ބޭނުންކޮށް (ވަކިން ހާއްސަކޮށް އިގުތިސޯދީ ކާރިސާއަކާ ގުޅިގެން) މަސައްކަތްކުޅައުމަކީ ނެތް ކަމެއް ނޫން ކަމަށެވެ. ނުވަތަ އެންމެ ރަނގަޅު ކަމެއް ކަމަށެވެ.

އާއްމު ހާލަތުގައި ވެސް ދަރަންޏަށް ޖެހިފައި އޮއްވައި، އިގުތިސޯދީ ކާރިސާއެއް ޖެހިއްޖެ ނަމަ އިތުރަށް ދަރަނި ނަގާން ޖެހި ދަރަނި ގުނަވެގެން ދިޔުމަކީ ވެދާނޭ ކަމެކެވެ. މިއީ އިގުތިސޯދުވެރިންނާއި ދުވަލީ މާލީ އިދާރާތަކުން ވެސް ދަންނަ ކަމެކެވެ. ނަމަވެސް މާލިއްޔާ ދަރަނިން އިގުތިސޯދު ދިރުވުމަށް އެންމެންނަކު އެއްބަހެއް ނުވެވެ އެވެ. މިފަދަ ސިޔާސަތަށް އެންމެ ދެކޮޅުހަދަނީ މަނިޓަރީ އިގުތިސޯދުވެރީންނެވެ. މި ވެރިން ގަބޫލުކުރާ ގޮތުގައި އިގުތިސޯދުގައި ދައުރުވާ ފައިސާ އިތުރުކޮށް މަދުކޮށް ހަދާން ވާނީ ހަމައެކަނި މަނިޓަރީ ސިޔާސަތު ބޭނުންކޮށްގެންނެވެ. އެހެންކަމަކު، ރާއްޖެ އަށް ބަލާ އިރު، މަނިޓަރީ ސިޔާސަތަކީ މި ދައުރު އަދާކުރާ ސިޔާސަތެއް ނޫނެވެ.

ދުވަލީ މާލީ މާރުކޭޓުތައް

ދުވަލީ މާލީ މާރުކޭޓުތަކުގެ ބައިވެރިން ގައުމުތަކުގެ ބޮންޑު ނުވަތަ ސުކޫކު ފަދަ މާލީ ސިކިޔުރިޓީތަކުގައި އިންވެސްޓުކުރާ އިރު، އެ ފަރާތްތަކުން އެ ގައުމެއްގެ ސިޔާދީ (ސޮވެރިން) ދަރަޖަ (ރޭޓިން) އަށް ވެސް ބަލަ އެވެ. ދަރަޖަކުރާ އެޖެންސީއަކުން ގައުމެއްގެ ރޭޓީން ވަކި ވަރަކަށް ވުރެ ދަށްކޮށްފި ނަމަ، އިންވެސްޓަރުން އެ ގައުމެއްގެ ބޮންޑަށް، ސުކޫކަށް އިންވެސްޓްކުރާހިތްވާ ވަރު ކުޑަވާނެ އެވެ. އިންވެސްޓުކުރާ ނަމަވެސް، އެ އަށް އެ ފަރާތްކުން ޖަހާ ފައިސާގެ އަގު (އިންޓްރެސްޓް ރޭޓު) އިހުނަށް ވުރެ މަތި ވާނެ އެވެ.

ދުވަލީ މާލީ މާރުކޭޓުތަކުގައި 2021 ވަނަ އަހަރު މެދާ ހަމައަށް، 31 ގައުމެއް ނަފީ ނަޒަރުން ދަރަޖަކުރި އެވެ. ފިޗުން ވަނީ ތިން ގައުމެއް (ލާއޯސް، ދިވެހިރާއްޖެ، ސްރީ ލަންކާ)ގެ ދަރަޖަ ސީސީސީ އަށް ދަށްކޮފަ އެވެ. އެހެންވެ، މި ތިން ގައުމަށް ވަކި ނަޒަރެއް (އައުޓްލުކެއް) ނަފީކޮށް ނުވަތަ އިޖާބީކޮށް ދެވިފައެއް ވެސް ނުވެ އެވެ. ސީސީސީ ދަރަޖައިން މާރުކޭޓު ދައުރުވެރިންނަށް އިޝާރާތްކުރަނީ އެ ގައުމެއްގެ ދަރަނި އިލްތިޒާމުތައް އަދާކުޅައުމުގެ ހާލަތު ލޮއީފުވެފައި ވާކަމާއި އިލްތިޒާމުތައް އަދާކުޅައުން ބިނާވެފައި ވަނީ ފަހި އިގުތިސޯދީ ހާލަތްތަކެއްގެ މައްޗަށް ކަމެވެ.

ދިވެހިރާއްޖޭގެ ސިޔާދީ ދަރަޖަ އެންމެ ފަހުން އިއުލާންކުރި މޫޑީސް އިން އެވަނީ އޭގެ ކުރިން ވެސް އެ އެޖެންސީ އިން ދިވެހިރާއްޖެ އަށް ދީފައިވާ ރޭޓިން ބީ3 ދަމަހައްޓައިފަ އެވެ. މިއީ ދަރަނީ އަދާކުރެވިދާނެ ކަމާ މެދު ހުރި ބިރުތަކުގެ ދަރަޖަ އުފުލިފައިވާކަން ދައްކައިދޭ ދަރަޖައެކެވެ. މި ދަރަޖަކުރުމުގެ ނަތީޖާއަކަށް ވާނީ އިންވެސްޓަރުން ދިވެހިރާއްޖޭގެ ބޮންޑު އަދި ސުކޫކުގައި އިންވެސްޓް ނުކުރުން، އިންވެސްޓުކުރަން ފަސްޖެހުން ނުވަތަ އިންވެސްޓްކުރަން މަތީ އިންޓްރެސްޓް ރޭޓެއް ޖެހުމެވެ.

އާދަޔާ ހިލާފަށް ދަރަނި ބޮޑުވެފައި ވާ ނަމަ، އަދި އެ އިން ބޮޑު ބައެއް އެއީ ހާރިޖީ ދަރަނި ނަމަ، މާލިއްޔަތު ހިންގުމުގައި އަދި އިގުތިސޯދު ދިރުވުމުގައި ސަރުކާރުން ވަރަށް ސަމާލުވާން ޖެހޭނެ އެވެ. ދުނިޔޭގެ ބޭންކް ފަދަ ދުވަލީ މާލީ އިދާރާތަކުން ވެސް،ރާއްޖޭގެ ދަރަނި އިތުރުވެފައި ވާ މިންވަރު ފާހަގަކުރުމާ ވެސް އެކު ބުނަނީ އިގުތިސޯދު އާރޯކޮށް ދިރުވުމުގައި ދަރަންޏާ މެދު ވަރަށް ސަމާލުވާން ޖެހޭނެ ކަމަށެވެ. އެކަމަކު ދަރަނި ލޮއީފުކަން މި ވަގުތު ހުރިހައި ގައުމަކަށް ވެސް މަތިވެފައި ވާތީ، ރާއްޖެ އަކީ އިސްތިސްނާއެއް ނޫނެވެ.

އެޑިޓަރުގެ ނޯޓު: ޑރ. ފަޒީލް އަކީ ރާއްޖޭގެ މަރުކަޒީ ބޭންކްގެ ކުރީގެ ގަވަރުނަރެވެ. އިގުތިސާދީ ދާއިރާއިން ޕީއެޗު.ޑީ ނަންގަވާފައިވާ ޑރ. ފަޒީލްގެ ސްކޫލް ދައުރުން ފެށިގެން ލިއުންތެރިކަމަށް ހާއްސަ ޝައުގުވެރިކަމެއް ބެހެއްޓި އެވެ. އެގޮތުން އޭރުގެ "ހަވީރު"ގެ ބޭރު ކުޅިވަރު ކަވަރުކުރުމުގެ އިސް ލިއުންތެރިޔަކީ އޭނާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް