ނާޒިމް ސައްތާރު: އޭނާގެ ބަންދަށް އިތުރު ހަތް ދުވަސް ކޯޓުން މިއަދު ވަނީ ޖަހާފައި

ނާޒިމް ސައްތާރުގެ ބަންދަށް އިތުރު 7 ދުވަސް ޖަހައިފި

މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރި ދެވަނަ ފަހަރު

އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުން ފެންނަ ކަމަށް ތުހުމަތު ކުރެވޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު ހަތް ދުވަސް މިއަދު ދީފި އެވެ.

ފެށުން -  ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާ އެކު މާލޭގެ ކޮޓަރިއެއްގައި އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ކޯޓު އަމުުރެއްގެ ދަށުން ނާޒިމް ހައްޔަރު ކުރީ، އޭނާއާ އާއިލީ ގޮތުން ގުޅުން އޮންނަ ބައެއްގެ ރިސޯޓެއްގައި ހުއްޓާ ފުލުހުން އެ ރިސޯޓަށް ގޮސް، މިދިޔަ މަހު 28ގަ އެވެ. އޭނާ ހައްޔަރު ކުރުމަށް ފަހު، އއ. ރަސްދޫ ކޯޓުން ހަތް ދުވަސް ބަންދަށް ޖެހި އެވެ.

ތަފްސީލު -  ކުރިން ދިން ބަންދުގެ މުއްދަތު މިއަދަށް ހަމަވާތީ ކްރިމިނަލް ކޯޓަށް މިއަދު އޭނާ ހާޒިރު ކުރުމުން ބަންދަށް ހަތް ދުވަސް ޖެހިކަން ފުލުހުންގެ ތަރުޖަމާނަކު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.

ނާޒިމް ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް މީގެ ކުރިން ދޮގުކުރައްވައިފަ އެވެ. އަދި ބޭބޭފުޅު ނަޝީދު ވަނީ ނާޒިމް ހައްޔަރު ކުރުމުން ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އެއާއެކު ނަޝީދަށް ބައެއް އާންމުންގެ ފާޑުކިޔުންތައް އަމާޒުވި އެވެ.

ނަޝީދު ވިދާޅުވެފައިވަނީ ޖިނާއީ އިޖުރާއަތްތަކާ ހިލާފަށް ނާޒިމް ހައްޔަރުކޮށްފައި ވަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ސަރުކާރުގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސަން ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

ގުޅުންހުރި - އަލަމްގީރުއާއެކު އިތުރު ދެ ފިރިހެނަކު ގްރޫޕު ހަދައިގެން އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ރޭ ވަނީ ލީކްކޮށްލާފަ އެވެ. 

އެ ވީޑިއޯއިން ފެންނަ އެކަކީ ޓީޗަރެއް ކަމަށް ތުހުމަތުވޭ

ވީޑިއޯއިން ފެންނަ ދެވަނަ މީހަކީ ހޯމް މިނިސްޓްރީގެ މުވައްޒަފެއް

އެ ދެ މީހުން ވެސް ވަޒީފާއިން މިހާރު ވަނީ ސަސްޕެންޑްކޮށްފައި

ފަސްމަންޒަރު - އަލަމްގީރުއާ އެކު ދިވެހިން އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށް ބުނާ އިތުރު ވީޑިއޯތައް ވެސް މީގެ ކުރިން ލީކްވި އެވެ. އެ ވީޑިއޯތަކުން ފެންނަ ކަމަށް ބުނާ މީހުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ނާޒިމްގެ އިތުރުން ހައްޔަރުކޮށްފައި ވަނީ:

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) 

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި (ޑީއީޑީ) މަސައްކަތްކުރާ ފުލުހެއް ކަމަށްވާ އަބްދުއްރަހުމާނު ރަފީއު

މީގެ އިތުރުން، އަލަމްގީރު ނުހިމެނޭ މައްސަލައެއްގައި، އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް

Placeholder

ބަރަހަނާ ވީޑިއޯތައް

ބަރަހަނާ ވީޑިއޯތައް