Majlis 2024

ކޮރަލް ސްޕޯނިން ނުވަތަ މުރަކައިގެ ބިސްތައް ދޫކޮށްލާ މަންޒަރު: މި ބިސްތައް ނަގައިގެން، ޓޭންކެއްގައި މުޑުވައްކުރުމުގެ މަސައްކަތް ވަނީ ފަށާފައި. (ފޮޓޯ/ރީފްސްކޭޕާސް)

ތިމާވެށި

މުޑުވައްކޮށްގެން މުރަކަ އާލާކުރަން ރާއްޖޭގައި ފަށައިފި

ލަނޑާގިރާވަރު ރިސޯޓުގައި މިކަން ކުރަން ފެށީ، ރާއްޖޭގެ އެކި ފަރުތަކުން ދޫކުރާ ކޮރަލް ސްޕޯނިން ނުވަތަ ބިސް ނަގައިގެން
27 ނޮވެމްބަރު 2021

ރާއްޖޭގައި ފުރަތަމަ ފަހަރަށް މުރަކައިގެ ބިސް ނަގައި އެ މުޑުވައްކޮށްގެން، މުރަކަ އާލާކުރަން ފަށައިފި އެވެ.

އެނގުން މުހިއްމު - މުރަކަ ހުދުވުމުގެ މައްސަލައާ ގުޅިގެން ހަލާކުވެ، ނެތި ދިއުމުގެ ބިރު ހީވެފައިވާ މުރަކައިގެ ފަރުތައް ދިރުވުމަށް އާއްމު ގޮތެއްގައި ދެ ގޮތަކަށް މަސައްކަތް ކުރެ އެވެ. އެއީ:

  • 1-

    މުރަކަ އިންދުން

  • 2-

    މުރަކަ ސްޕޯން ކުރާއިރު ނުވަތަ ބިސް ދޫކުރާ އިރު، އެ ނަގައިގެން މުޑުވައްކުރުން

ވީ ކިހިނެއް؟ - ފޯސީޒަންސް ލަނޑާގިރާވަރުގެ މެރިން ޑިސްކަވަރީ ސެންޓަރުގައި މުޑުވައްކޮށްގެން މުރަކަ އާލާކުރަން ފަށާފައި ވާއިރު، މިއީ ދުނިޔޭގައި ވެސް ވަރަށް މަދުން ކުރާ ކަމެކެވެ. މިގޮތަށް މުރަކަ އާލާކުރަނީ، މުރަކަ ސްޕޯންކުރާ އިރު ނުވަތަ ބިހާއި ދަރިފަނި ދޫކުރާ އިރު، އެ ނަގައިގެން، ޓޭންކެއްގައި މުޑުވައްކޮށްގެންނެވެ. ތަފާތު މުރަކަތަކުން ދޫކުރާ ބިސް ނަގައިގެން ޓޭންކެއްގައި މުޑުވައްކުރުމުން ދެން އުފެދޭ މުރަކަ ސިއްހަތު ރަނގަޅުވެފައި، ތަފާތެވެ. މިއީ މުޅިން އާ ޖެނެޓިކްތައް ހިމެނޭ އާ 'ބްރީޑެ'ކެވެ.

މެރިން ޑިސްކަވަރީ ސެންޓަރުގައި މިކަން ކުރީ، ރާއްޖޭގެ ފުރަތަމަ މެރިން ބަޔޮލޮޖިސްޓުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަރިޔަމް ސަލީމް ހިންގަވާ 'ރީފް ސްކޭޕާސް' ކުންފުނިންނެވެ.

މުރަކަ އާލާކުރުމުގައި އަލަށް ކުރަން ފެށި މި ދިރާސާއަކީ، މަރިޔަމް ދެކެވަޑައިގަންނަވާ ގޮތުގައި، ވަރަށް އުއްމީދީ ފެށުމެކެވެ. މުރަކަ ނެތިދިއުމުގެ ބިރު ހީވެފައިވާ ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. މީގެ ބޭނުން އަޅުގަނޑުމެންނަށް ހިފޭނެ،" މަރިޔަމް ވިދާޅުވި އެވެ.

ބިސް އުފެދެމުން އަންނައިރު ނަގާފައިވާ މަންޒަރެއް. (ފޮޓޯ/ ރީފްސްކޭޕާސް)
ކޮރަލް ސްޕޯނިން ކައިރިން ފެންނަ މަންޒަރެއް: ކޮރަލް ސްޕޯންކުރަނީ ގިނަ ފަހަރަށް އަހަރަކު އެއް ފަހަރު. (ފޮޓޯ/ރީފް ސްކޭޕާސް)

މުރަކަ މުޑުވައްކުރުމަކީ ކުރަން އެހާ ފަސޭހަ ކަމެއް ނޫނެވެ. އެކަމުގައި ކުރިމަތިވާ ގޮންޖެހުންތައް ކުންފުނީގެ މެނޭޖަރު ސައިމަން ޑިކްސަން ކިޔައިދެއްވި އެވެ. އެންމެ ބޮޑު ގޮންޖެހުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ކޮރަލް ސްޕޯން ކުރާލެއް މަދުވުމެވެ. އެގޮތުން:

  • ގިނަ ފަހަރަށް ކޮރަލް ސްޕޯން ކުރަނީ [ބިސް ދޫކުރަނީ] އަހަރަކު އެއް ފަހަރު

  • ސްޕޯން ކުރުމުގައި، ވަރަށް ތަފާތު މާހައުލެއް ބޭނުންވޭ

  • މޫސުން ބަދަލުވާ ގޮތާއި އޮއެވަރާއި ފެންގަނޑުގެ ފިނިހޫނުމިނާއި މުރަކަތަކުގެ އުމުރު މުހިއްމު ދައުރެއް ކުޅޭ؛ އެހާ މަދުން ސްޕޯން ކުރަނީ، މި ފަދަ މާހައުލެއް ގާއިމްވާ މިންވަރު މަދުވުމުން

  • ބިހާއި ދަރިފަނި ނެގުމުގެ އިތުރަށް، އެ މުޑުވައްކުރުމުގެ ޓެކްނިކް ވެސް އުނދަގޫ

އެކަމަކު މި ޓެކްނިކް ކާމިޔާބުވުމުން، މުރަކަތައް "ދަނޑެއް"ގެ ގޮތުގައި ހެދިގަނެ އެވެ. މިއީ ތަފާތު، ގިނަ އަދި ސިއްހަތު ރަނގަޅު މުރަކަތަކެކެވެ.

ސައިމަން ވިދާޅުވީ ވޭތުވެ ދިޔަ އަށް ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ފަރުތައް މޮނީޓާކޮށް، ކޮރަލް ސްޕޯން އެއްކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް ހާއްސަ ޓޭންކުތަކުގައި މުޑުވައްކުރާތާ ހަތަރު ދުވަސް ތެރޭގައި "ލާވާ" އުފެދި ނަތީޖާ ފެނެ އެވެ.

އެކަމަކު، އަލަށް އުފެދުނު މި މުރަކަތައް މޫދަށް ބަދަލުކުރުމަށް މަދުވެގެން ހަ މަސް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ ވަގުތު. ރާއްޖޭގައި މި ފަދަ ކަމެއް ފަށައިގަތުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުފަލެއް ލިބުނު ކަމެއް." ސައިމަން ވިދާޅުވި އެވެ.

އާއްމުކޮށް ރާއްޖޭގައި މުރަކަ އިންދަނީ، މުރަކައިގެ އެތިކޮޅުކޮޅު ނަގައިގެން، ގޮފިކޮޅުތަކެއްގެ ގޮތުގައި ދަގަނޑު ފްރޭމްތަކެއްގައި އައްސައިގެންނެވެ. އެ ފްރޭމްތައް ދެން މޫދަށް ފައްތަނީ އެެވެ. މި މަސައްކަތް އެންމެ ފުރަތަމަ ފެށީ ވެސް ފޯ ސީޒަންސް ކުޑަހުރާ އާއި ރީފްސްކޭޕާސް ގުޅިގެން 2000ގަ އެވެ. އެއީ 1998ގައި ކުރިމަތިވި މުރަކަ ހުދުވުމުގެ މައްސަލައަށް ފަހު އެވެ.

މިހާރު އެހެން ވަރަށް ގިނަ ރިސޯޓުތަކުން ވެސް ކުރަމުން އަންނަ މި މަސައްކަތުގައި:

  • މުރަކަކޮޅުތައް ނަގަނީ ބޮޑެތި ފަރުތަކުން

  • ފްރޭމްތަކުގައި އައްސާ މުރަކަކޮޅުތައް ހެދޭނީ އޭގެ އަސްލު މުރަކައާ އެއްގޮތަށް

  • ފްރޭމްތަކުގައި އައްސާފައި ހުންނަ މުރަކަތައް ހަ މަސް ވަންދެން ކައިރިން މޮނީޓާ ކުރަން ޖެހޭ

ފްރޭމްތަކުގައި އިންދާފައި ހުރި މުރަކަތަކެއް ބޮޑުވެފައި ވާއިރު އެ ތަނަށް ގިނަ އަދަދެއްގެ މަސް ޖަމާވެފައި: މި ގޮތަށް ގިނަ އަދަދެއްގެ މުރަކަ މިހާރު ވަނީ އާލާކޮށްފައި. (ފޮޓޯ/ރީފްސްކޭޕާސް)

މަރިޔަމް ވިދާޅުވި ގޮތުގައި، ދެ އަހަރުގެ ތެރޭގައި، އެ މުރަަކަތައް ހެދިގަނެ ރީތި ބަގީޗާއަކަށް ވެދެ އެވެ. ތަފާތު ވައްތަރުގެ ރީތި މަސްތައް އައިސް މުޅި ތަން ފުރާލަ އެވެ.

ސައިމަން އާއި މަރިޔަމް ދެކިވަޑައިގަންނަވާ ގޮތުގައި، މުރަކަ އާލާކުރުމަށް ބޭނުންކުރާ މި ދެ ގޮތާ އެކު، މި މަސައްކަތް ވަރަށް ބޮޑަށް ފުޅާކުރެވި، ގިނަ އަދަދަކަށް މުރަކަ ހެއްދި ދާނެ އެވެ. އެއީ، މުރަކަތަކަށް ކުރިމަތިވާ އެންމެ ބޮޑު މޫސުމީ މައްސަލަ ކަމަށްވާ ކޮރަލް ބްލީޗިން ނުވަތަ މުރަކަ ހުދުވާ އިރު ނެތިދާ މުރަކަތަކުގެ ބަދަލެއްގެ ގޮތުން ކުރެވިދާނެ ކަމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް