ފެމިލީ ކޯޓުގެ އިސް ގާޒީ ހުޒެއިފާ މުހައްމަދަށް ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން މަގާމުގެ ފަތްކޮޅު ހަވާލު ކުރައްވަނީ: އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ވަނީ ނިންމާފައި. (ފޮޓޯ/ޖޭއެސްސީ)

ފެމެލީ ކޯޓުގެ އިސް ގާޒީ ހައި ކޯޓަށް އައްޔަންކުރަން ނިންމައިފި

ހުޒައިފާ އަކީ ރާއްޖޭގެ ސުޕީރިއާ ކޯޓަކަށް އައްޔަންކުރި ފުރަތަމަ އަންހެން އިސް ގާޒީ

ފެމިލީ ކޯޓުގެ އިސް ގާޒީ ހުޒައިފާ މުހައްމަދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިިފި އެވެ.

އެނގުން މުހިންމު - ހުޒައިފާ އަކީ ރާއްޖޭގެ ސުޕީރިއާ ކޯޓަކަށް އައްޔަންކުރި ފުރަތަމަ އަންހެން އިސް ގާޒީ އެވެ. ފެމެލީ ކޯޓުގެ އިސް ގާޒީ ކަމަށް ހުޒައިފާ އައްޔަންކުރީ މިދިޔަ މާޗު މަހުގެ 30ގަ އެވެ.

ވީ ކިހިނެއް؟ - ހައި ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ސަމީރު މިދިޔަ އޭޕްރީލް މަހު އިސްތިއުފާ ދެއްވުމުން ހުސްވި ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލުމުން، ހުޒައިފާއާ އެކު އެ މަގާމަށް ކުރިމަތިލެއްވީ ޝުކުރުﷲ ޝަކީލް، ސިޔާމާމަންޒިލް/އއ.ފެރިދޫ  އެވެ.

ތަފްސީލް - ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދެ މީހުންގެ ތެރެއިން މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް އިންޓަވިއު ކުރުމަށް ފަހު، ފަނޑިޔާރުން އައްޔަންކުރާ ކޮމިޓީން "ހައިލީ ރިކޮމެންޑެޑް"ކަމަށް ކޮމިޝަނަށް ލަފާ ދިނީ ހުޒައިފާ ކަމަށެވެ.

ހުޒައިފާއަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ފަތްކޮޅު އެރުވުން އޮންނާނީ މި މަހުގެ 27ގަ އެވެ.

ހުޒެއިފާ އަކީ ކާކު؟

  • ފަނޑިޔާރުކަމުގައި 14 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވޭ

  • މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޯޕަރޭޓިވް ލޯ ހާސިލުކުރައްވާފައިވޭ

  • އޭނާ އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރީ 11 ޖުލައި 2007ގައި

އެނގުން މުހިންމު - ހައި ކޯޓު އެކުލެވިގެންވަނީ އިސް ފަނޑިޔާރާ އެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ. ހުޒައިފާ އައްޔަންކުރުމުން ހައި ކޯޓުގައި ތިއްބަވާނީ ނުވަ ފަނޑިޔާރުންނެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުއްރައޫފް އިބްރާހިމް އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 31ގަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވަނީ އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް