Majlis 2024
ފެޝަން

'ގަތާ ޓޭލްސް' ކިޔައިދެނީ އުވިގެންދާ ކަސަބު އެޅުމުގެ ވާހަކަތައް

ނަދުހާ ބޭނުންވަނީ ރާއްޖޭގެ ކަސަބު އެޅުމުގެ މަސައްކަތްތެރިކަމުގެ ތާރީހާއި އޭގެ މުހިއްމު ސިފަތައް ދިރާސާކޮށް އެ މައުލޫމާތުތައް އެންމެންނަށް ގެނެސްދޭން
27 ސެޕްޓެމްބަރު 2022
2

ފާތިމަތު ނަދުހާ އަބްދުލް މުހުސިން (ނަދޫ) މަސައްކަތް ކުރަނީ ސިއްހީ ދާއިރާގައި ރޭޑިއޯގްރަފައެއްގެ ގޮތުގަ އެވެ. އޭނާ އޭޑީކޭ ހޮސްޕިޓަލުގެ ވަޒީފާއިން ކެނޑިގެން ގޭގައި މަޑުކޮށްލި ދުވަސްކޮޅެއްގައި ބޮޑުދައިތަ އަދި ކުރީގެ ފެހުންތެރިއެއް ކަމަށްވާ މަރިޔަމް މަސްރޫރާއަށް ލިބާހެއް ތައްޔާރުކުރަން ފުރުސަތު ލިބުމުން، އޭގައި ކަސަބު އަޅަން ނަދުހާއާ ހަވާލު ކުރި އެވެ. 

"އޭރު އަސްލު ނޭނގޭ ކަސަބު އަޅާކަށް ވެސް. ދެން ގޫގުލް ސާޗު ކޮށްގެން އެކި އިމޭޖަޒް ބަލައިގެން އެޅީ،" ނަދުހާ ކިޔައިދިނެވެ. "ދެން ބައްޕައަށް ދެއްކީމަ ބުނީ ކަސަބު އަޅާފައި ތި އޮތީ ނުބައިކޮށޭ. އެހިސާބުން ވިސްނުނީ މީގައި ވަކި ޕެޓާންއެއް ގެންގުޅެންޖެހޭކަން. ދެން ކިއުރިއަސް ވެގެން ހޯދަން ފެށީ. އެގޮތަށް، މި މަސައްކަތުގެ ތެރެއަށް ވަދެވުނީ." 

މީގެ އަހަރެއްހާ ދުވަސް ކުރިން ނަދުހާ ފެށީ ރާއްޖޭގައި ކަސަބު އެޅުމުގެ ތާރީހާއި ކަސަބުގައިވާ އެކި ބައިތައް އަދި އެ މަސައްކަތް ކުރާ މާހިރުންގެ މައުލޫމާތު އެއްކުރުމަށެވެ.

ނަދުހާ ބުނިގޮތުގައި ރާއްޖޭގެ މި މުހިއްމު ސަގާފީ މަސައްކަތާ ބެހޭގޮތުން ހަރުދަނާ ރެކޯޑެއް ނުވަތަ ޑޮކިއުމެންޓޭޝަނެއް އެކުލަވައިލައިފައެއް ނެތެވެ. މިކަމުގެ ތެރެއަށް ވަތް ފަހުން އަދި މިހާތަނަށް ނަދުހާ ތައްޔާރުކޮށްފައި ވަނީ ހަތަރު ލިބާހެވެ. އެކަމަކު އޭނާ އެއިން ކޮންމެ ލިބާހެއްގައި ކަަސަބު އަޅަމުން އަންނަނީ ދިރާސާ ވެސް ކުރަމުންނެވެ.

ނަދުހާގެ އަމާޒަކީ ދިވެހި ލިބާސް އުފެއްދުން އެކަންޏެއް ނޫނެވެ. އިހުގެ ލިބާހާއި މިހާރުގެ ލިބާސްތަކުގެ ތަފާތުތަކާއި ރާއްޖޭގައި މިކަން ކުރާ މީހުންނާއި އެމީހުންގެ މަސައްކަތްތައް ޑޮކިއުމެންޓު ކުރަން ވެސް އޭނާ ބޭނުންވެ އެވެ.

ދިވެހި ލިބާހެއް އޭގެ އެންމެ އަސްލު ގޮތުގައި ބަލައިގަންނަނީ އޭތި އުފެއްދުމުގައި ގެންގުޅެފައިވާ ހަމަތަކާއި އުސޫލުތަކުގެ ސަބަބުންނެވެ. ނަދުހާ ކުރިއަށްގެންދާ ދިރާސާއިން އެނގުނު އެންމެ މުހިއްމު އެއް ކަމަކީ އެއީ އެވެ. ކުރީ ޒަމާނުގައި މީހުން ކަސަބު ގެތީ ރަނާއި ރިހި ބޭނުން ކޮށްގެނެވެ. ރައްކާކުރެވިފައިވާ އިހުގެ ލިބާސްތަކުން މިކަން ވަރަށް ސާފުކޮށް ފެންނަން އެބަހުރި ކަމަށް ނަދުހާ ބުންޏެވެ. އެކަން ސާބިތުކޮށްދޭން، އިހުގެ ދިވެހި ލިބާހެއްގެ އެކްސްރޭ ފޮޓޯގަނޑެއް އޭނާ ދައްކައިލި އެވެ. ތެދެކެވެ. އެކްސްރޭ ފޮޓޯގަނޑުގައި ލިބާހުގެ ރޮއްޖާއި ފޮތިގަނޑު ވަކިވެ، ގަތާފައިވާ ރިހި ފަށްތައް ހުދު ކުލައިން ދިއްލިފައި ހުއްޓެވެ. 

"ކަސަބު ގެތުމާއި ކަސަބު އެޅުމަކީ ވަރަށް ބުރަ ކަމެއް. ވަރަށް ވަގުތު ނަގާ ކަމެއް. އެހެންވީމަ މިކަން ކުރާ ބަޔަކު ފްރަންޓަށް ނެރެން ޖެހޭ. އެމީހުންނަށް ކްރެޑިޓު ދޭން ޖެހޭ،" ނަދުހާ ބުންޏެވެ. "ކޮންމެ މީހަކު ވެސް ލިބާހެއް ބަލައިލާފައި ބުނެފާނެ މިއީ މިވެނި މީހަކު ލާ ލިބާހެކޭ. އެކަމަކު މިއީ މިވެނި މީހަކު ހެދި ލިބާހެކޭ ބުނެވޭ ވަރު ކޮށްދޭން އެބަ ޖެހޭ."

ނަދުހާ ބުނިގޮތުގައި އެއީ އޭނާއަށް ވަރަށް މުހިއްމު ކަމެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ކަސަބު ގަތާފައި އަޅާ ގޮތް ތަފާތެވެ. އަދި ކަސަބު އަޅާ މީހުން ގެތުމުގެ އަމިއްލަ ސްޓައިލެއް ގެންގުޅޭކަން ވެސް އޭނާ ފާހަގަ ކުރި އެވެ. ނަމަވެސް މި މައުލޫމާތުތައް އަދިވެސް އެކަށީގެންވާ ގޮތަކަށް ރެކޯޑު ކުރެވިފައެއް ނެތެވެ. މިކަމާ ބެހޭގޮތުން މައުލޫމާތު ލިބެން ނެތުމަކީ ނަދުހާގެ ދިރާސާއަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

"ލިބާހާ ބެހޭގޮތުން އަހްމަދު ޝަފީގްގެ މަދު ލިއުންކޮޅެއް ހުންނަނީ. ދެން ޖެހެނީ އެކި މީހުން ގާތު އަހަން. އެންމެ ކުރީގެ ލިބާސްތަކާ ބެހޭގޮތުން މައުލޫމާތު ދެވޭ ވަރުގެ މީހުންނެއް ވެސް ނެތް. ދެން 1950ގެ އަހަރުތަކުން ފެށިގެން މައުލޫމާތު ލިބެން ފަށާފައި ހުރީ ވެސް،" ނަދުހާ ކިޔައިދިނެވެ. 

"ބޮޑަށް ބަލަން ބޭނުންވަނީ ރާއްޖޭގައި ކުރީ ޒަމާނުގައި ހުރި ލިބާސްތައް. އޭގެ އިތުރު މައުލޫމާތު، ކޮން ޒަމާނެއްގައި، ކޮން އިރަކު ހެދިފައި ހުރި ލިބާސްތަކެއްތޯ. އޭރުން ދިވެހި ލިބާހަށް އައިސްފައި ހުރި ތަފާތުތައް، އެ އިވޯލްވި ގޮތް ފެންނާނީ. ކުރީގައި ވެއްޖެއްޔާ ލިބާހުގެ ކޮނޑުން ކަނޑާފައިވާ ކޮއި ކަނޑާފައިވަނީ ވަރަށް ދިގުކޮށް، ކަރުވަޅު ކުޑަކޮށް. އެކަމަކު ޒަމާނަށް އައި ބަދަލުތަކާ އެކު ކަރުވަޅު މިހާރު ވަރަށް ބޮޑުވެފައި ކޮއި އިންނަނީ ކުޑަކޮށް. ދެން ގެތުމުގެ ތަފާތުތައް ވެސް ހުރޭ. އެ އެއްޗެހި ފާހަގަ ކުރެވޭނީ ޓައިމް ޕީރިއަޑްތައް އެނގުނީމަ." 

މިވަގުތު ނަދުހާ ހޯދަން ބޭނުންވާ އެންމެ މުހިއްމު މައުލޫމާތުތަކަކީ އެއީ އެވެ.

ދިރާސާއިން ލިބޭ މައުލޫމާތުތައް އެކި ގޮތްގޮތަށް އާއްމުންނާ ހިއްސާ ކުރެވޭތޯ ނަދުހާ ބަލަ އެވެ. ޓްވިޓާ އަދި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި #ގަތާޓޭލްސް ބޭނުން ކޮށްގެން މީހުންނަށް މި މައުލޫމާތުތައް ބަލައިލެވޭނެ އެވެ.

ނަދުހާގެ އަމާޒަކީ މި ދިރާސާތައް ފޮތެއްގެ ގޮތުގައި އެކުލަވާލުމެވެ. 

ކޮމެންޓް (2)

މަންމަ

27 ސެޕްޓެމްބަރު 2022
ހިއްވަރު ކޮށްލާ މަގުސަދު ހާސިލުވާނެ އިރާދަ ކުރެއްވިއްޔާ ވަރަށް ކުޅަދާނަ ކުއްޖެއް
4 1

މ. ކަނބުލޮ

27 ސެޕްޓެމްބަރު 2022
ނަދުހާގެ މަސައްކަތަށް ހަމަ ސާބަސް! ވ. އުފާވޭ ދިވެހި ޒުވާނެއްގެ ފަރާތުން ތަރިކަ ރައްކާތެރިކުރުމުގެ ބުރަ މަސައްކަތް ފެންނާތީ. މިކަހަލަ މުހިއްމު ސުރުހީތަކުގެ އިންޓަވިއު ޝައުގުވެރި ގޮތަކަށް ގެނެސްދޭ މުނާލްވެސް ވަރަށް ގަދަ!!
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް