Majlis 2024

ހުޅުމާލޭގެ ފޭސް ދޭއްގައި ކްލިނިކް ހުޅުވަން ބޭއްވި ރަސްމިއްޔާތަށް ބަޔަކު ފެންކޮތަޅު އުކާފައި. (ފޮޓޯ/ އެޗްޑީސީ)

އެޗްޑީސީ

ނައިބު ރައީސް ބައިވެރިވި ހަފްލާއަކަށް ފެންކޮތަޅު އުކައިފި؛ މާބަނޑު އަންހެނަކަށް އަނިޔާ

ހުޅުމާލޭ ދެވަނަ ފޭސްގައި ކްލިނިކް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ފެން ކޮތަޅު އުކީ ހިޔާގެ 15 ވަނަ ޓަވަރުން ކަމަށް އެޗްޑީސީން ބުނި
26 ޖެނުއަރީ 2023

ހުޅުމާލެ ހޮސްޕިޓަލުން ހުޅުމާލޭ ފޭސް ދޭއްގައި ގާއިމްކުރި ކްލިނިކް ރަސްމީކޮށް ހުޅުވަން ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެން މިއަދު ހަވީރު އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތަށް ބަޔަކު ފެންކޮތަޅުތަކެއް އުކައިފި އެވެ.

ވީ ކިހިނެއް؟ - ހުޅުމާލެ ހޮސްޕިޓަލުން ހިޔާގެ 16ވަނަ ޓަވަރުގައި ގާއިމްކުރި ކްލިނިކް ނައިބު ރައީސް ރަސްމީކޮށް ހުޅުވައިދެއްވީ މިއަދު ހަވީރު އެވެ. އެ ރަސްމިއްޔާތު ކުރިއަށް ދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި ހަފްލާގެ ބައިވެރިންނަށް އަމާޒުކޮށްހިޔާގެ ޓަވަރަކުން ފެން ކޮތަޅު އުކާފައިވެ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ހިޔާގެ 16ވަނަ ޓަވަރުގައި ގާއިމްކުރި ކްލިނިކް ނައިބު ރައީސް ފައިސަލް ނަސީމް ރަސްމީކޮށް ހުޅުވައިދެއްވަނީ. (ފޮޓޯ/ ރައީސް އޮފީސް)

އެ އަމަލު ކުށްވެރިކޮށް އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި:

  • ފެންކޮތަޅު އެއްލާފައި ވަނީ ހިޔާގެ 15 ވަނަ ޓަވަރުގައި ހުރި އެޕާޓްމަންޓަކުން

  • އެ ތަނުން ފެންކޮތަޅެއް އެޗްޑީސީގެ މާބަނޑު މުވައްޒަފެއްގެ ގައިގައި ޖެހި، އޭނާއަށް އަނިޔާވެފައިވޭ

ބުނީ ކީކޭ؟ - "ސިޔާސީ ބޭނުމަށް މަދު ބަޔަކު އިސްނަގައިގެން ރާވައި ހިންގާ، މުޖުތަމައުގެ މިންގަނޑުތަކާ ހިލާފު މިފަދަ އަމަލުތައް ތަކުރާރުކޮށް ކުރަމުންގެންދާކަމީ އަޅުގަނޑުމެން ނިހާޔަތަށް ކަންބޮޑުވެ، ހިތާމަކުރާ ކަމެއް،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

"މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލަ ބަލާނެ ވާހަކަ ދަންނަވަން. އަދި މިކަމާ ގުޅިގެން މި ކުންފުނިން އަޅަން ޖެހުނު ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ވާހަކަ ދަންނަވަން."

ހުޅުމާލޭގެ ފޭސް ދޭއްގައި ކްލިނިކް ހުޅުވަން ބޭއްވި ރަސްމިއްޔާތަށް ބަޔަކު ފެންކޮތަޅު އުކާފައި. (ފޮޓޯ/ އެޗްޑީސީ)

އެނގުން މުހިއްމު - ހިޔާގެ 16ވަނަ ޓަވަރުގެ އެންމެ ތިރީ ބުރީގައި ގާއިމްކޮށްފައިވާ ޖެނެރަލް ޕްރެކްޓިސް ޔުނިޓުން އާންމު ބަލިތަކުގެ ޑޮކްޓަރުން ބަލިމީހުން ބަލައި ފަރުވާދޭނެ އެވެ. މީގެ އިތުރުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި:

  • ލެބޯޓްރީގެ ހިދުމަތް 

  • ބޭސްއެޅުމާއި އިންޖެކްޝަން ޖެހުން 

  • ނެބިއުލައިޒް ކުރުން 

  • އީސީޖީ ހެދުން 

  • ކުޑަކުދިންގެ ހެދިބޮޑުވުން ބެލުމާއި ވެކްސިން ޖެހުން

  • އެސްޓީއޯގެ ބޭސްފިހާރައެއް ވެސް ވަނީ ގާއިމްކޮށްފައި

ކްލިނިކުން ހިދުމަތްދެމުން ގެންދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން ހަވީރު 5 އަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް