Majlis 2024

އިންސާނުން އަލުން ހަނދަށް ފޮނުވަން ނާސާއިން ފެށި އާޓީމިސް މިޝަންގެ ފުރަތަމަ ރޮކެޓް ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުން މިއަދު ނައްޓާލަނީ. މި ރޮކެޓްގައި އިންސާނުން ހަނދަށް އުފުލާ އުޅަނދު އޮރާޔަން ހިމެނޭ

އާޓީމިސް

ނާސާގެ ބިޔަ ރޮކެޓް އެންމެ ފަހުން އުދުއްސާލައިފި، ބޮޑު ކާމިޔާބީއެއް

މިއީ އިންސާނުން އަލުން ހަނދަށް ފޮނުވަން ބޭނުންކުރާ އާލާތްތައް ޓެސްޓްކުރުމުގެ އަމަލީ ބޮޑު މަސައްކަތެއް
16 ނޮވެމްބަރު 2022

ފްލޮރިޑާގައި ހުންނަ ކެނެޑީ ސްޕޭސް ސެންޓަރު ހިމެނޭ ސަރަހައްދަށް ވެރިވެފައި އޮތް ރޭގަނޑުގެ އަނދިރިކަން، ކުޑަ އިރުކޮޅަކަށް، އޭގެ ބިޔަ އިންޖީނުގެ އަލިން، ނެތިގެން ގޮސް، މުޅި ހިސާބު ދިއްލައިލި އެވެ. އޭގެ ގަދަފަދަ އަޑުން ހިމޭންކަން ފޫދުއްވާލި އެވެ.

މިއީ އެމެރިކާގެ ޖައްވީ އިދާރާގެ ދިގު އިންތިޒާރެއްގެ ކާމިޔާބު ނިމުމެކެވެ. އަދި އިންސާނުން އަލުން ހަނދަށް ފޮނުވުމުގެ އަމަލީ ބޮޑު މަސައްކަތެއްގެ ފެށުމެވެ.

ނާސާއިން މިހާތަނަށް ޖައްވަށް ދޫކޮށްލި އެންމެ ބިޔަ ރޮކެޓް، އޭގެ ނަމުން ނަމަ، ސްޕޭސް ލޯންޗު ސިސްޓަމް (އެސްއެލްއެސް) އިން އިންސާނުން ހަނދަށް ދަތުރުކުރަން ތައްޔާރުކުރި އޮރާޔަން އުޅަނދު ވެސް ގެންދިޔަ އެވެ. ހަނދަށް އިންސާނުން ފޮނުވާ މިޝަންއަށް ދީފައިވާ ނަމަކީ އާޓީމިިސް އެވެ. މިއަދު އޮތީ ރޮކެޓްގެ ފުރަތަމަ ލޯންޗުކަމުން މިފަހަރުގެ ދަތުރަކީ އާޓީމިސް 1 އެވެ.

އޮރާޔަންގައި އެއްވެސް އިންސާނަކު ނެތެވެ. އެކަމަކު 2024 އަށް ތާވަލްކޮށްފައިވާ އާޓީމިސް 2 ގައި އެސްޓްރޮނޯޓުން ފޮނުވާނެ އެވެ. ހަނދުގެ އޯބިޓަށް އޮރާޔަން ދިޔަކަމަށް ވިޔަސް، އެ ދަތުރުގައި ވެސް ހަނދަކަށް ނުޖައްސާނެ އެވެ. ދެ އެސްޓްރޮނޯޓުން ހަނދުގެ ބިމަށް ފޮނުވާ ދަތުރު މިހާރު ހަމަޖެހިފައިވާ ގޮތުން ކުރާނީ 2025 ގަ އެވެ.

އޮގަސްޓްމަހު އުދުއްސާލަން އެސްއެލްއެސް ތައްޔާރުކޮށްފައި: ޓެކްނިކަލް މައްސަލަތައް ދިމާވެ ދެ ފަހަރަށް ދަތުރު ފަސްކުރަން ޖެހުނު (ފޮޓޯ/ނާސާ)

އެކަމަކު އާޓީމިސް މަޝްރޫއުއަށް އަންނަ ލަސްކަމާ ހެދި އެ ތަރީހު ބަދަލުވުން ވަރަށް ކައިރި އެވެ.

އޮަރާޔަންގެ މުހިންމު ޓެސްޓްތަކެއް

އެސްއެލްއެސް އުދުއްސާ މި ލެވުނީ އޮގަސްޓް އާއި ސެޕްޓެމްބަރުގައި ޖައްވަށް ފޮނުވާލަން ކުރި މަސައްކަތުގައި ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ފަހު ވަގުތު ކެންސަލްކުރުމަށް ފަހު އެވެ. އެކަމަކު މިއަދު އެއްވެސް މައްސަލައެއް ދިމައެއް ނުވެ އެވެ.

"މިއީ މިހާތަނަށް އަހަންނަށް ފެނުނު އެންމެ ބޮޑު ހުޅުގަނޑު. މިއީ މިހާތަނަށް އަހަންނަށް ތަޖުރިބާކުރެވުނު އަޑުފައްގަނޑުގެ އެންމެ ވަރުގަދަ ތެޅިގަތުން،" ނާސާގެ އެޑްމިނިސްޓްރޭޓަރު އަދި ކުރީގެ އެސްޓްރޮނޯޓް ބިލް ނެލްސަން ވިދާޅުވި އެވެ.

ރޮކެޓް ނައްޓާލިތާ ދެ ގަޑިއިރުގެ ތެރޭގައި އޮރާޔަން ހިމެނޭ ބައި އޭގެ އެންމެ ފަހުގެ އިންޖީން ރޯކޮށްލާނެ އެވެ. ދެން އޮންނާނީ ހަނދުގެ މިސްރާބަށް އޮރާޔަން ދޫކޮށްލުމެވެ.

 އިންސާނުން އަލުން ހަނދަށް ފޮނުވަން ތައްޔާރުކޮށްފައިވާ އޮރާޔަން އުޅަނދު

ހުރިހާ ކަމެއް ބަރާބަރަށް ހިނގައްޖެ ނަމަ އަންނަ ހޯމަދުވަހު ހަނދާ 95 ކިލޯމީޓަރު ކައިރިއަށް އޮރާޔަން ދަތުރުކުރާނެ އެވެ. އޭގެ ފަހުން އެތައް ހަފުތާއެއް ވަންދެން ހަނދު ވަށައި ބުރު ޖަހާނެ އެވެ. އޮރާޔަން އެނބުރި ދުނިޔެއަށް އަންނާނީ 11 ޑިސެމްބަރުގަ އެވެ. ވެއްޓޭނީ ކެލިފޯނިއާގެ އައްސޭރިފަށުން 95 ކިލޯމީޓަރު ބޭރަށް، ޕެސިފިކް ކަނޑަށެވެ.

މިހާތަނަށް އިންސާނުން ހަނދަށް ފޮނުވާފައި ވަނީ ނާސާއިން ހިންގި އެޕޯލޯ މަޝްރޫއުގަ އެވެ. އެގޮތުން އެންމެ ފަހު ދަތުރުގައި އިންސާނުން ހަނދަށް ފޭބިތާ 50 އަހަރު ފުރުން މި ޑިސެމްބަރު މަހު ނާސާއިން ފާހަގަކުރާނެ އެވެ. އެޕޯލޯ 17ގައި ދަތުރުކުރި އެސްޓްރޮނޯޓުން 11-14 ޑިސެމްބަރުގައި 1972ގައި 22 ގަޑިއިރު ހަނދުގެ ބިންމަތީގައި ހޭދަކުރި އެވެ.

އިންސާނުން އަލުން ހަނދަށް ފޮނުވަން ބޭނުންކުރާ އޮރާޔަންގެ އެންމެ މުހިންމު ޓެސްޓަކަށް ވާނީ ޑިސެމްބަރު މަހު އަލުން ދުނިޔޭގެ އެޓްމޮސްފިއާއަށް ވަންނަ ވަގުތެވެ. ގަޑިއަކު 38،000 ކިލޯމީޓަރުގެ ބާރު މިނުގައި އެޓްމޮސްފިއާގެ ތެރެއަށް ވަންނަ އިރު އުފެދޭ ހޫނު 3،000 ޑިގްރީ ސެލްސިއަސްއަށް އަރާނެ އެވެ. އެ ގަދަ ހޫނުން ސަލާމަތްވާން އޮރާޔަންގައި ހަރުކޮށްފައި ހުރި ހީޓްޝީލްޑްގެ ފެންވަރު ބެލުމަކީ މި ދަތުރުގެ ވަރަށް މުހިންމު ބައެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް