Majlis 2024

އެރިޔަދޫ އައިލެންޑް ރިސޯޓް. (ފޮޓޯ/އެރިޔަދޫ)

ސިވިލް ކޯޓު

އެރިިޔަދޫ ރިސޯޓު ސަބްލީސް ކުރުން ސިވިލް ކޯޓުން ހުއްޓުވައިފި

އެރިޔަދޫ ސަބްލީސް ކުރުން ކޯޓުން ހުއްޓުވީ އެސްބީއައި އިން ނަގާފައިވާ ލޯނަކާ ގުޅިގެން އެ ރަށް ވިއްކާލުމުގެ ހުއްދަ އެ ބޭންކަށް ދީފައިވާތީ
28 ނޮވެމްބަރު 2022

ރިސޯޓު ރަހުނުކުރުމަށް ފަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން ކޮށްފައިވާ ހުކުމެއް ދެމިއޮތުމުން، އެ ބޭންކުގެ ހުއްދަ ލިބިގެން މެނުވީ ކ. އެރިޔަދޫ ރިސޯޓް ސަބްލީސް ނުކުރަން ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

މައްސަލައިގެ ފެށުން - އެރިޔަދުއަކީ އެސްބީއައިއަށް ވިއްކާލަން ހުއްދަ ދީފައިވާ ރަށެކެވެ. ރަށް ވިއްކާލަން އެސްބީއައިއަށް ހުއްދަ ލިބުނީ 2006ގައި ކްރިސްޓަލް ލެގޫންސް ރިސޯޓްސް ކުންފުންޏަށް ދޫކުރި ލޯނަކަށް ފައިސާ ނުދައްކައިގެން ސިވިލް ކޯޓުން ކުރި ހުކަމަކުންނެވެ.

އެރިޔަދޫ ރަހުނުކުރި ލޯނު:

  • އެސްބީއައި އިން ލޯނު ދިނީ ދެ ބުރަކަށް

  • 10 މިލިއަން ޑޮލަރާއި 64 މިލިއަން ރުފިޔާ ދޫކުރިި

  • މި ލޯނަށް ތިން ކުންފުންޏަކާއި އަށް މީހަކު ޔަގީންކަން ދިން

  • އެ ކުންފުނިތަކަކީ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންސް، ވީބީ ބްރަދާސް އަދި އައިމާ

  • ރަހުނުކުރި ރަށްތަކަކީ ގދ. ކޮނޮއްޓާ ރިސޯޓާއި އެރިޔަދޫ ރިސޯޓް އަދި މާފުށި ޕިކްނިކް އައިލެންޑް

މި މައްސަލައިގައި ކޯޓުން 2015ގައި ހުކުމް ކުރުމާ ހަމައަށް، 20.5 މިލިއަން ރުފިޔާ އާއި 2.8 މިލިއަން ޑޮލަރު ނުދައްކައިވާ ކަމަށް ކޯޓަށް ސާބިތުވި އެވެ. އަދި އަށް މަސްދުވަހުގެ ތެރޭގައި ލޯނަށް ފައިސާ ނުދައްކައިފި ނަމަ، ރަހުނުކޮށްފައިވާ ރަށްތައް ވިއްކާލަން ސިވިލް ކޯޓުން ހުއްދަ ދިނެވެ.

ނަމަވެސް، ރަށް ވިއްކާލަން އެސްބީއައި އިން އިއުލާނުކުރުމުން، ލޯނަށް ގެރެންޓީ ދީފައިވާ އެއް ކުންފުނި އަދި ރަށުގެ ހެޑްލީސް އޮންނަ، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންސް އިން ހުށަހެޅި މައްސަލައަކާ ގުޅިގެން ސިވިލް ކޯޓުން 2021ގައި ނެރުނު އަމުރަކާ އެކީ ރަށް ވިއްކާލުން އޮތީ ހުއްޓުވާފަ އެވެ.

ވީ ކިހިނެއް؟ - އެރިޔަދޫ ސަބްލީސް ކުރުން ހުއްޓުވަން އެސްބީއައި އިން ސިވިލް ކޯޓުގެ އަމުރަކަށް އެދުނީ، ޕްލެޓިނަމް އިން އެ މަސައްކަތް ކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެސްބީއައި ކޮޅަށް ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދްރީސް ނެރުއްވި އަމަރުގައިވާ ގޮތުގައި:

  • އެރިޔަދޫ ސަބްލީސް ކުރެވޭނީ ލިޔުމުން އެސްބީއައިގެ ހުއްދަ ލިބިގެން

  • ޕްލެޓިނަމްއަށް އެންގީީ އެސްބީއައިގެ ހައްގަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ނުކުރަން

  • ޓޫރިޒަމް މިނިސްޓްރީއަށް އެންގީ ރަށް ސަބްލީސް ކުރުމުގެ ކުރިން އެސްބީއައިގެ ހުއްދަ ހޯދަން

ތަފްސީލް - އެސްބީއައި އިން ކޯޓުގައި ބުނި ގޮތުގައި، މި ރަށް ސަބްލީސް ކުރަން ޕްލެޓިނަމް އިން ފަށާފައިވާ މުއާމަލާތްތަކުގެ އެއްވެސް މައުލޫމާތެއް ބޭންކާ ހިއްސާކޮށްފައެއް ނުވެ އެވެ. މިކަމުގައި ބޭންކުގެ ކަންބޮޑުވުމަކަށްވީ ސަބްލީސް ކުރުމުގެ މުއާމަލާތާ ގުޅޭ މައުލޫމާތު ހިއްސާނުކުރާތީ، ބޭންކަށް ލިބިދާނެ މާލީ ގެއްލުމަކާ ގުޅިގެންނެވެ. 

އެގޮތުން އެސްބީއައި އިން ފާހަގަކުރި ކަންކަމުގެ ތެރޭގައި:

  • ސަބްލީސް ކުރަން އުޅެނީ ބޭންކަށް ވިއްކަން ހުއްދަ ދީފައިވާ މުދަލެއް

  • އެ ހައްގު ބޭނުން ނުކުރެވި ވަނީ ކޯޓު އަމުރަކުން؛ މި މައްސަލަ ދަނީ ކުރިއަށް

  • ސަބްލީސް ކުރަން ނަގާ ފައިސާ އާއި ސަބްލީސް ކުރާ މުއްދަތެއް ނޭނގޭ

  • ބޭންކުން އެއްބަސްނުވާ ޝަރުތުތަކަކަށް ވިއްކާލައިފި ނަމަ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެ

މި މައްސަލައިގައި ސިވިލް ކޯޓުން އަމަރު ނެރުނީ، ޕްލެޓިނަމްގެ ގައިރު ހާޒިރުގައިކަމުން އެސްބީއައިގެ ވާހަކަތަކާ ގުޅިގެން އެ ކުންފުނީގެ ބަހެއް ކޯޓަކުން ނުހޯދަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް