ގަތަރު ވޯލްޑް ކަޕްގައި ޖަޕާން އާއި ކޮސްޓްރިކާ ބައްދަލުކުރި މެޗުގައި ޖަޕާނުގެ ސަޕޯޓަރުން. (ފޮޓޯ/ އޭއެފްޕީ)

ވޯލްޑް ކަޕްގެ ސަޕޯޓަރުން، މެޗުގެ އެންމެ ވަރުގަދަ ރޫހު

28 ނޮވެމްބަރު 2022
ވޯލްޑް ކަޕްގެ މެޗުތައް ހަމަލޮލުން ބަލަން އެތައް ހާސް ބަޔަކު ގަތަރުގެ އަށް ސްޓޭޑިއަމަށް ވަދޭ. ސަޕޯޓަރުން ފޯރިގަދަކުރަން ގަތަރުގެ އެކި ހިސާބުތައް ވަނީ ޒީނަތްތެރިކޮށްފައި

މުޅި ދުނިޔޭގައި ވޯލްޑް ކަޕްގެ ފޯރި އެވެ. ފުޓްބޯޅައިގެ ތެރެއަށް ޝައުގުވެރިކަން ގޮސް ހުސްވެފަ އެވެ. ގަތަރުގެ އަށް ދަނޑުގައި ދުވާލަކު ހަތަރު މެޗު ކުޅެމުން އެދަނީ، އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގަ އެވެ. ގައުމުތަކުގެ ސަޕޯޓަރުން، އެ ގައުމެއްގެ ގައުމީ ކުލަތަކާއި، ސަގާފީ ހެދުންތަކުން ދަނޑު އޮންނަނީ ފުރާލައިފަ އެވެ.

ވޯލްޑް ކަޕްގައި ވާދަކުރާ ގައުމުތަކުގެ ގިނަ ސަޕޯޓަރުން ދަތުރަށް ތައްޔާރުވަނީ ކުއްލިއަކަށް ނޫނެވެ. ބައެއް ސަޕޯޓަރުން އެތައް އަހަރެއް ކުރިންސުރެ އެކަމަށް ފައިސާ ރައްކާކުރަން ފަށަ އެވެ. އަމިއްލަ ގައުމު ވޯލްޑް ކަޕަށް ކޮލިފައިވިޔަސް ނުވިޔަސް، ފުޓްބޯޅައިގެ ބޮޑު ވާދަކުރުން ހަމަ ލޮލުން ބަލައިލާށެވެ. 

ޖަޕާން ސަޕޯޓަރުން ދަނޑުގައި ފޯރި ނަގަނީ (ފޮޓޯ/ އޭއެފްޕީ)
 ސްވިޓްޒަލެންޑްގެ ސަޕޯޓަރުން ގައުމީ ކުލަތަކުން ޒީނަތްތެރިވެގެން (ފޮޓޯ/އޭއެފްޕީ)
އެންމެ ތަފާތުކޮށް ފެންނަނީ އެފްރިކާގެ ގައުމުތަކުގެ ސަޕޯޓަރުން. ބައެއް ގައުމުތަކުގެ ސަގާފީ ހެދުން ވެސް ދަނޑުތަކުން ފެނޭ (ފޮޓޯ/އޭއެފްޕީ)
އެންމެ ދެރަވި އެއް ބަޔަކީ މުބާރާތް ބާއްވާ ގަތަރުގެ ސަޕޯޓަރުން. ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރު، ފުރަތަމަ ބުރުން ކެޓި ފުރަތަމަ ޓީމަކީ ގަތަރު (ފޮޓޯ/އޭއެފްޕީ)

ގަތަރުން ވަނީ ވޯލްޑް ކަޕަށް ޒިޔާރަތްކުރާ މީހުން ފޯރި ނަގަން އެކި އިންތިޒާމްތައް ހަމަޖައްސައިފަ އެވެ. ދަނޑަށް ނުވަދެވޭ މީހުންނަށް ވެސް ބޮޑެތި ސްކްރީންގައި ބެލޭނެ ގޮތަށް އެކި ތަންތަން ތައްޔާރުކޮށްފައިވެ އެވެ. މަގުތައް ވަނީ ވޯލްޑް ކަޕްގައި ވާދަކުރާ ގައުމުތަކުގެ ގައުމީ ކުލަތަކުން ޒީނަތްތެރިކޮށްފަ އެވެ.

މި ހުރިހާ އުފާވެރިކަމާއި ކުޅިވަރުގެ ރޫހުގެ ތެރޭގައި ސަޕޯޓަރުންގެ އެންމެ ފަހުގެ މަންޒިލަކީ، އޭސީކޮށްފައި ހުރި ސްޓޭޑިއަމްތަކެވެ. މިއީ ވޯލްޑް ކަޕް ބާއްވަން އޭސީކޮށްގެން ސްޓޭޑިއަމްތައް ހެދި ފުރަތަމަ ފަހަރު ވެސް މެ އެވެ.

ގަތަރު ސަރުކާރުން ވޯލްޑް ކަޕަށް ގާތްގަނޑަކަށް 300 ބިލިއަން ޑޮލަރު ހޭދަކުރި ކަމަށް، ބައެއް ރިޕޯޓްތައް ބުނެ އެވެ. ބޭނުމަކީ މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ ވޯލްޑް ކަޕަށް ހެދުމެވެ.

ވޯލްޑް ކަޕްގެ މެޗެއް ބަލަން ދަނޑަށް ވަނުމަކީ ހަޔާތުގައި ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް ސަޕޯޓަރުން ދެކޭ (ފޮޓޯ/އޭއެފްޕީ)
ގަތަރުގެ އެކި ހިސާބުތައް ޒީނަތްތެރިކޮށްފައި ވަނީ މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ގައުމީ ކުލަތަކުން
ވޯލްޑް ކަޕް މެޗެއް ކުޅޭ ދަނޑަށް ވަދެ މެޗެއް ބެލުމަށް ވުރެ ބޮޑު ހިތްހަމަޖެހުމެއް ނެތް. ގަތަރު ވޯލްޑް ކަޕްގެ މެޗަކަށް ސްޓޭޑިއަމް ފުރިފައި (ފޮޓޯ/އޭއެފްޕީ)

ދެން އޮތީ ރާއްޖެ އެވެ. ވޯލްޑް ކަޕަށް ރާއްޖެ ކޮލިފައިއެއް ނުވާނެ އެވެ. އާނއެކެވެ. އަދި އެ ފެންވަރެއް ނެތެވެ. ނަމަވެސް ދިވެހިންގެ ކުޅިވަރުގެ ލޭ އޮތީ ފުޓްބޯޅައާ ގުޅިފަ އެވެ. ރާއްޖޭގެ އެއްވަނަ ކުޅިވަރު ވެސް މެ އެވެ. އެހެންކަމުން ރާއްޖެ ވާނީ ފުޓްބޯޅާގައި އެންމެ ފޯރި ނަގާ އެއް ގައުމަށެވެ.

ވޯލްޑް ކަޕާ އެކު މާލެ އާއި ރަށްރަށުގައި އެންމެން އެއްތަންވެ ވަގުތުން މެޗުތައް ބެލޭނެ ގޮތް އޮތީ ހަމަޖައްސައިފަ އެވެ. މާލޭގެ ބައެއް މަގުތަކުގައި ވެސް ހުރީ ބޮޑު ސްކްރީން ބަހައްޓައިފަ އެވެ.

ވޯލްޑް ކަޕްގެ ފޯރި އެވެ. ފުޓްބޯޅައިގެ ފޯރި އެވެ.

މާލޭ އާޓިފިޝަލް ބީޗުގައި ބަހައްޓާފައި ހުރި ބޮޑު ސްކްރީންއަކުން ވޯލްޑް ކަޕް މެޗު ބަލަނީ(ދައުރު ފޮޓޯ / އަބްދުﷲ ރިޒާ)
ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ބޮޑު ސްކްރީންއަކުން ވޯލްޑް ކަޕް މެޗު ބަލަން މީހުން ޖަމާވެފައި (ދައުރު ފޮޓޯ / އަބްދުﷲ ރިޒާ)
ގޭގައި ހުރެ މެޗެއް ބެލުމަށް ވުރެ ގިނަ ރައްޓެހިންނާ އެކު ބޭރުގައި ބަލައިލަން ބައެއް މީހުން ހިތްހަމަޖެހޭ - އާޓިފިޝަލް ބީޗް (ދައުރު ފޮޓޯ / އަބްދުﷲ ރިޒާ)

އިތުރު އާޓިކަލް

އިތުރު އާޓިކަލް