އެމްޑަބްލިއުއެސްސީން ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ ޖަލްސާގައި އެ ކުންފުނީގެ ބައެއް މުވައްޒަފުން. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެމްޑަބްލިއުއެސްސީގައި އަންހެން މުވައްޒަފުން އިތުރުކުރަން ރައީސް އެދިވަޑައިގެންފި

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް އެ ކުންފުނިން މިހާރަށް ވުރެ އިތުރަށް ވަޒީފާ ހަމަޖައްސައިދިނުމަށް ރައީސް އެދިވަޑައިގެންނެވި

އެމްޑަބްލިއުއެސްސީގައި ވަޒީފާ އަދާކުރާ އަންހެނުންގެ ނިސްބަތް މާ މަދު ކަމަށާއި އެ އަދަދު އިތުރުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްޑަބްލިއުއެސްސީއަށް 27 އަހަރު ފުރުން ފާހަގަކުރަން ރޭ ކްރޮސްރޯޑްސްގައި ހާއްސަ ޖަލްސާއެއް ވަނީ ބާއްވައިފަ އެވެ. އެ ޖަލްސާގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން، އެމްޑަބްލިއުއެސްސީގެ ވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި އެވެ.

އެމްޑަބްލިއުއެސްސީގެ އަހަރީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ބުނީ ކީކޭ؟ - އެ ޖަލްސާގައި، އެމްޑަބްލިއުއެސްސީން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ރިއާޔަތްކުރައްވައި ރައީސް ސޯލިހް ވިދާޅުވީ:

  • އެ ކުންފުނީގައި ޖުމްލަ 1،275 މުވައްޒަފުން އެބަތިބި

  • އޭގެ ތެރެއިން އަންހެނުންގެ އަދަދަކީ އެންމެ 112

"އަޅުގަނޑަށް މި އަދަދު މާ މަދު،" އެ މަނިކުފާނު ވިދާޅުވި އެވެ.

"އަންހެނުން ބާރުވެރިކުރުމަށްޓަކާ ވެސް، ރައްޔިތުންގެ އިތުބާރު ހޯދާފައިވާ މިފަދަ ކުންފުންޏެއްގައި އަންހެނުންގެ ނިސްބަތް މިއަށް ވުރެ މަތިކުރަން އެބަ ޖެހޭ. އެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖްމަންޓުން ވިސްނަވައި ގޮތްތަކެއް ހޯއްދަވާނެ ކަމަށް އުންމީދު ކުރަން."

އެމްޑަބްލިއުއެސްސީގެ އަހަރީ ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު) 

ރައީސްގެ ވާހަކަފުޅުގައި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން އިތުރު ވަޒީފާތައް ހަމަޖައްސައިދިނުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

"ހާއްސަ އެހީއަށް ބޭނުންވާ ބޭފުޅުން ވެސް ކޮންމެވެސް ވަރަކަށް މި ކުންފުނީގައި [އެމްޑަބްލިއުއެސްސީގައި] އެބަ ވަޒީފާ އަދާކުރައްވާ. އެއީ ޖުމްލަ 18 ބޭފުޅުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

"އަދި އިތުރު ތިން ބޭފުޅަކަށް ވަޒީފާ ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް އެބަދޭ."

ހިންގުމުގެ ދާއިރާ އާއި މުވައްޒަފުންގެ ހިތްހަމަޖެހުމަށް ބަލާއިރު، އެމްޑަބްލިއުއެސްސީ އަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުންފުނީގެ މަސައްކަތް ފުޅާވަމުން ދާއިރު، އިތުރު ވަޒީފާތަކަށް މީހުން ނެގުމުގައި މި ދެންނެވި ކަންކަމަށް ކުންފުނީގެ ވިސްނުން އަމާޒުކުރެއްވުމަކީ ކުންފުނީގެ ކުރިމަގު އިތުރަށް އުޖާލާވާނެ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެނގުން މުހިންމު - އެމްޑަބްލިއުއެސްސީގެ އަހަރީ ޖަލްސާގައި އެކި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން، އެކި ދާއިރާތަކުން މުވައްޒަފުންނަށް ވަނީ އެވޯޑު ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ސްޕެޝަލް ރިކޮގްނިޝަން އެވޯޑު

  • މޮސްޓް ޕްރޮމިސިން އެމްޕްލޯއީ އެވޯޑު

  • މޮސްޓް ޕްރޮޑަކްޓިވް އެމްޕްލޯއީ އެވޯޑު

  • އެމްޕްލޯއީ ފޮ ޓީމްވޯކް އެވޯޑު

  • އެކްސްޕެޓްރިއޭޓް އެމްޕްލޯއީ އޮފް ދި އިޔާ އެވޯޑު

  • އެގްޒެކެޓިވް މެނޭޖްމަންޓް ޓީމްގެ ސްޕެޝަލް ރިކޮގްނިޝަން އެވޯޑު

  • ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ އެވޯޑް ފޮ އެކްސެޕްޝަނަލް ކޮލިޓީ މެނޭޖްމަންޓް

  • މެނޭޖިން ޑިރެކްޓާސް އެވޯޑު

  • ޔުނީކް ޕާފޯމާސް އެވޯޑު

  • ޗެއާމަންސް އެވޯޑް ފޮ އެކްސެލެންސް

  • އެމްޑަބްލިއުއެސްސީގެ އަހަރީ ޖަލްސާގައި އެ ކުންފުނީގެ މުވައްޒަފުންނަށް އެވޯޑު ދީފައި. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
  • އެމްޑަބްލިއުއެސްސީގެ އަހަރީ ޖަލްސާގައި އެ ކުންފުނީގެ މުވައްޒަފުންނަށް އެވޯޑު ދީފައި. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
  • އެމްޑަބްލިއުއެސްސީގެ އަހަރީ ޖަލްސާގައި އެ ކުންފުނީގެ މުވައްޒަފުންނަށް އެވޯޑު ދީފައި. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
  • އެމްޑަބްލިއުއެސްސީގެ އަހަރީ ޖަލްސާގައި އެ ކުންފުނީގެ މުވައްޒަފުންނަށް އެވޯޑު ދީފައި. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އިތުރު އާޓިކަލް

އިތުރު އާޓިކަލް