Majlis 2024

މީހަކު މާލޭގެ ލޯކަލް މާރުކޭޓް ސަރަހައްދުގައި ބާޒާރު ކުރަނީ: ރާއްޖޭގެ އިންފްލޭޝަން ވަނީ ވަރަށް ބޮޑުތަން އުފުލިފައި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އިންފްލޭޝަން

ރާއްޖޭގެ އިންފްލޭޝަން މިދިޔަ 6 އަހަރު ތެރޭ ނުދާ ވަރަށް މައްޗަށް ހިނގައްޖެ

ރާއްޖޭގެ އިންފްލޭޝަން މި ވަނީ ލަފާކުރި ވަރަށް ވުރެ ވެސް މާ ބޮޑަށް މައްޗަށް ގޮސްފައި
1 އޯގަސްޓު 2022

ތަކެތީގެ އަގުތައް ބޮޑުވުން ނުވަތަ އިންފްލޭޝަން މިދިޔަ ހަ އަހަރު ތެރޭގައި މައްޗަށް ނުދާ ވަރަށް މައްޗަށް ގޮސް ރާއްޖޭގެ އިންފްލޭޝަން ރޭޓު %5.2އަށް އަރައިފި އެވެ.

ތަފްސީލް - ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ނެރެފައިވާ، އިންފްލޭޝަން މައްޗަށް ދާ ވަރު މިނެކިރާ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، %2.5ގައި ހުރި ރާއްޖޭގެ އިންފްލޭޝަން ވަނީ މިދިޔަ ޖޫން މަސް ނިމުނު އިރު %5.2އަށް ބޮޑުވެފަ އެވެ. އެއީ މޭ މަހާ އަޅާ ބަލާއިރު %2.7 މަތިވުމެކެވެ. 

މި އަހަރު ފެށުނު އިރު ރާއްޖޭގެ އިންފްލޭޝަން ހުރީ %0.2ގައި ހިފެހެއްޓިފަ އެވެ. އެހެންކަމުން އަހަރުގެ ހަ މަސް ފާއިތުވީ އިރު ރާއްޖޭގެ އިންފްލޭޝަން މި ވަނީ ވަރަށް ބޮޑުތަނުން މައްޗަށް ގޮސްފަ އެވެ.

އިންފްލޭޝަންގެ މުހިންމު ބައިތައް:

  • އެންމެ ބޮޑަށް އަގު މައްޗަށް ދިޔައީ ކުއްޔާއި ޔުޓިލިޓީ ބިލްތައް އަދި ތެލުގެ ބައިން؛ އެ ބައިގެ އިންފްލޭޝަން ވަނީ %12.9އަށް އަރާފައި

  • ދެން އަގުތައް އެންމެ މައްޗަށް ދިޔައީ ދަތުރުފަތުރުން؛ އެ ބައިގެ އިންފްލޭޝަން %9.2އަށް ވަނީ އަރާފައި

  • މަހުގެ އަގުތައް ވަނީ %7.9 ބޮޑުވެފައި 

  • ކާބޯތަކެތީގެ އަގުތައް ވަނީ %5.4 ބޮޑުވެފައި

  • އަގުތައް ދަށަށް ދިޔައީ މުވާސަލާތީ ދާއިރާ އާއި ތައުލީމީ ދާއިރާ އިން؛ މުވާސަލާތީ ބައިން %7.1އަށް އަގުތައް ދަށްވެ ތައުލީމީ ދާއިރާ އިން %0.6އަށް ވަނީ ދަށްވެފައި

  • ރާއްޖޭގައި އިންފްލޭޝަން މައްޗަށް ދާން ފެށީ މާޗު މަހުން ފެށިގެން

އެނގުން މުހިންމު - މިދިޔަ ހަ އަހަރާ އަޅާބަލާއިރު ވެސް ރާއްޖޭގެ އިންފްލޭޝަން އެހާ މައްޗަށް ދިޔަ މިއީ ފުރަތަމަ ފަހަރެވެ. މިދިޔަ ހަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން އެންމެ މަތިވެފައި ވެސް ވަނީ %3.3 އަށެވެ. އެއީ ކޮވިޑަށް ފަހު އިގްތިސާދު އަލުން ރަނގަޅުވާން ފެށި މިދިޔަ އަހަރުގެ އެޕްރީލް މަހު އެވެ. އާންމު ގޮތެއްގައި ރާއްޖޭގެ އިންފްލޭޝަން އެވްރެޖު ގޮތެއްގައި ހުންނަނީ %1ގައި ނުވަތަ އެއަށް ވުރެ ވެސް ދަށުގަ އެވެ.

ލަފާކުރި މިންވަރަށް ވުރެ ވެސް ބޮޑުވެއްޖެ

ފާހަގަކޮށްލެވޭ ކަމެއް - ފިނޭންސް މިނިސްޓްރީން ލަފާކޮށްފައި ވަނީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން އެންމެ ބޮޑަށް ވެސް މައްޗަށް ދާނީ %3އަށް ކަމަށެވެ. ނަމަވެސް މިހާރު އިންފްލޭޝަން ހުރި ހިސާބަކީ ލަފާކުރި މިންވަރަށް ވުރެ ވެސް މަތީ އަދަދެކެވެ.

އަންނަ އަހަރު ޖީއެސްޓީ ބޮޑުކުރުން ފަދަ ކަންތައްތަކާ ހުރެ މި އަހަރުގެ ކުރިއަށް އޮތް ތަނުގައި ވެސް އިންފްލޭޝަން އިތުރަށް މައްޗަށް ދާނެ ކަމަށް މިހާރު ވަނީ ލަފާކުރެވިފަ އެވެ. އެގޮތުން، ފިނޭންސް މިނިސްޓްރީން ލަފާކޮށްފައި ވަނީ ޖީއެސްޓީ ބޮޑުކުރުމުން ވެސް އިންފްލޭޝަންއަށް %0.5ގެ ބޮޑުވުމެއް އަންނާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް