ރައީސް ސޯލިހް ބޮމްބޭ ސްޓޮކް އެކްސްޗޭންޖަށް ވަޑައިގެން އެ ތަނުގެ ރަނގަބީލު ޖައްސަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރާއްޖޭގެ ހިއްސާގެ ބާޒާރު ކުރިއަރުވަން އެހީވާން ބޮމްބޭ ސްޓޮކް އެކްސްޗޭންޖުން ޝައުގުވެރިވެއްޖެ

ރައީސް ސޯލިހް ވަނީ ބީއެސްއީއަށް މިއަދު ޒިޔާރަތްކުރައްވައި ރާއްޖޭގެ ހިއްސާގެ ބާޒާރުތައް ކުރިއެރުވުމާ ގުޅޭ ގޮތުން އެ ތަނުގެ ވެރިންނާ މަޝްވަރާކުރައްވާފައި

ރާއްޖޭގެ ހިއްސާގެ ބާޒާރު ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާގެ އެންމެ ބޮޑު ހިއްސާގެ ބާޒާރު ކަމަށްވާ ބޮމްބޭ ސްޓޮކް އެކްސްޗޭންޖް (ބީއެސްއީ)ގެ ވެރިންނާ މިއަދު މަޝްވަރާކުރައްވައިފި އެވެ. އަދި ބީއެސްއީގެ ވެރިން ވަނީ އެ ކަމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް މިދިޔަ ހޯމަ ދުވަހު އިންޑިއާއަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ބީއެސްއީއަށް މިއަދު ޒިޔާރަތްކުރައްވައި ރާއްޖޭގެ ހިއްސާގެ ބާޒާރުތައް ކުރިއެރުވުމާ ގުޅޭ ގޮތުން އެ ތަނުގެ ވެރިންނާ މަޝްވަރާކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ މި ޒިޔާރާތުގައި ބީއެސްއީގެ ބޯޑު މެންބަރުންނާއި އެ ކުންފުނީގެ މެނޭޖްމަންޓްގެ ބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށެވެ. މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި ރާއްޖޭގެ ވަފުދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ސޯލިހް ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގައި. (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލު - ރައީސް އޮފީހުން ބުނި ގޮތުގައި، މި ބައްދަލުވުމުގައި:

  • އިންވެސްޓްމަންޓް އަދި ކެޕިޓަލް މާކެޓް ތަރައްގީކުރުމުގެ ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި 

  • ރާއްޖޭގެ ހިއްސާގެ ބާޒާރުތައް ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ މަގުތައް ހޯދުމުގެ ޝައުގުވެރިކަން ބީއެސްއީން ފާޅުކުރި

އޭގެ އިތުރުން، ރައީސް ބީއެސްއީއަށް ކުރެއްވި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ:

  • ބީއެސްއީގެ ޗެއާމަން ޝްރީ އެސްއެސް މުންޑްރާއާ އެކު، އެ ތަނުގެ ނެޓްވޯކް އޮޕަރޭޝަން ސެންޓަރަށާއި ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވާފައި 

  • ހިއްސާގެ ބާޒާރުގެ ރަނގަބީލު ރަމްޒީކޮށް ޖެހުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ރަނގަބީލު ޖެއްސެވި؛ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިއްސާގެ ބާޒާރުތަކުގައި ރަނގަބީލު ބޭނުން ކުރަނީ ދުވަހުގެ ހިއްސާގެ މުއާމަލާތްތައް ފެށުމާއި ނިންމުން އަންގައިދިނުމަށް

ރައީސް ސޯލިހް ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގައި. (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިންމު - ބީއެސްއީ އަކީ އޭޝިއާގެ ފުރަތަމަ ހިއްސާގެ ބާޒާރެވެ. އެގޮތުން، 1875ގައި ގާއިމްކުރި ބީއެސްސީގައި މިހާރު 5،000އަށް ވުރެ ގިނަ ކުންފުނި ލިސްޓްކޮށްފައިވެ އެވެ.

ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާދަމާ ރާއްޖެ ވަޑައިގަންނަވާއިރު، އެ މަނިކުފާނު ވަނީ މިއަދު އިންޑިއާގެ ވިޔަފާރިވެރިންނާ ވެސް މިއަދު މުމްބާއީގައި ބައްދަލުކުރައްވާފަ އެވެ. އަދި އިއްޔެ ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީއާ އެކު ރަސްމީ މަޝްވަރާތައް ވެސް ބާއްވަވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް