ލަންކާގެ ކުރީގެ ރައީސް ގޯތާބާޔަ މިއަދު އެނބުރި ލަންކާއަށް ވަޑައިގަތުމުން ފުރިހަމަ ސެކިއުރިޓީއާ އެކު މޮޓޯކޭޑުގައި ވަޑައިގަންނަވަނީ. (ފޮޓޯ/އޭއެފްޕީ)

ސްރީ ލަންކާ

ގޯތާބާޔަ އެނބުރި ލަންކާއަށް: ކީއްވެ؟ ކުރިމަގު އޮތީ ކިހިނެއް؟

ލަންކާގެ ކުރީގެ ރައީސް ގޯތާބާޔަ ވަނީ ރޭ ފަތިހު އެނބުރި ކޮލަމްބޯއަށް ވަޑައިގެންފައި
3 ސެޕްޓެމްބަރު 2022

ގާތްގަނޑަކަށް ދެ މަސްދުވަސް ފަހުން އޭނާ އެނބުރި ގައުމަށް ވަޑައިގަތީ އެވެ.

ސްރީ ލަންކާގެ ކުރީގެ ރައީސް ގޯތާބާޔަ ރާޖަޕަކްސަ ވަނީ ރޭ ފަތިހު އެނބުރި ކޮލަމްބޯއަށް ވަޑައިގެންފަ އެވެ. މި ފިޔަވަޅުގެ ސަބަބުން އެ ގައުމުގައި އުފެދިފައިވާ ނުތަނަވަސްކަން އަލުން އިއާދަވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

ގޯތާބާޔަ އެއް އިރެއްގައި ލަންކާގައި ވެރިކަން ކުރެއްވީ ގޮށްމުށުގެ ބާރުންނެވެ. އެކަމަކު، މިދިޔަ ޖުލައި 13 ވަނަ ދުވަހު އޭނާއަށް މަޖުބޫރުވެވަޑައިގަތީ ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށެވެ. އެއީ، ލަންކާގެ ތާރީހުގައި ގައުމަށް ކުރިމަތިވި އެންމެ ބޮޑު މާލީ އަދި އިގްތިސާދީ ކާރިސާއާ ގުޅިގެން، އޭނާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ރުޅިގަދަވެފައި ތިބި ރައްޔިތުން ކުރި މުޒާހަރާތައް ކޮންޓްރޯލުން ނެއްޓުމުންނެވެ. މުޒާހަރާކުރި މީހުން ރިޔާސީ ގަނޑުވަރަށް ވަދެގަތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

އިގްތިސޯދީ އަދި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، އޭޝިއާގެ ތިން ގައުމަކަށް މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އޭނާ ދަތުރު ކުރެއްވީ ކީއްވެގެން ކަމެއް އަދި އޭނާ ވިދާޅެއް ނުވެ އެވެ. އެނބުރި ލަންކާއަށް ވަޑައިގަތީ ކޮން ވިސްނުމެއްގައި ކަމެއް ވެސް އަދި ހާމައެއް ނުކުރައްވަ އެވެ.

ލަންކާގެ ބައެއް އެކްޓިވިސްޓުން ގޯތާބާޔައަށް ޖިނާއީ ދައުވާތަކެއް އުފުލުމަށް ގޮވާލަމުން އަންނައިރު، އޭނާގެ އެކުވެރިން ވެރިކަމުގައި ތިބުމާ އެކު، އެއްވެސް ދައުވާއެއް ކުރުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި 22 މިލިއަން މީހުންގެ އާބާދީއެއް އޮތް ލަންކާއަށް އޭނާ އެނބުރި ވަޑައިގަތުމުން އެ ގައުމުގައި އިތުރު އިހުތިޖާޖުތައް އަލުން ފެށި، ގައުމު ހަލަބޮލިވެގެންދާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ.

ރާއްޖެ، ސިންގަޕޫރު އަދި ތައިލެންޑްގައި ވަގުތީ ގޮތުން މަޑުކުރެއްވުމަށް ފަހު، ގޯތާބާޔައަށް ހިމާޔަތް ދޭނެ ނުވަތަ އެތެރެވާން ހުއްދަ ދޭނެ ގައުމުތައް ހުސްވެފައިވާ ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ލަންކާގެ މަސްދަރަކާ ހަވާލާދީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޮޓަލުގެ ބޮޑު ސުއިޓެއް ހިފަން ޖެހުމާއި އަދި ސެކިއުރިޓީ ފޯރުކޮށްދިނުން ހިމެނޭ ގޮތަށް ގައުމުން ބޭރުގައި ގޯތާބާޔަގެ ދިރިއުޅުމުގެ ކަންކަން ބެލެހެއްޓުމުގެ ހަރަދު އެތައް ލައްކަ ޑޮލަރަކަށް ވަނީ އަރާފަ އެވެ.

ގޯތާބާޔަ އަކީ އެއް އިރެއްގައި ލަންކާގައި އެންމެ މަގުބޫލު އެއް ލީޑަރެވެ. އެތައް ޒަމާނެއް ވަންދެން ކުރި ދާހިލީ ހަނގުރާމަ ނިމުމަކަށް ގެންނަވައި "ހަނގުރާމަވެރި ރަސްކަލެއްގެ" ގޮތުގައި ގޯތާބާޔައަށް ގިނަ ބަޔަކު، ހާއްސަކޮށް ބައި ގިނަ ސިންހަޅަ ނަސްލުގެ މީހުން ތައުރީފުކުރި އެވެ. އެކަމަކު، އެ ދުވަސްތައް މާޒީވެ ގޮސް، އޭނާ އަކީ މިހާރު ލަންކާގެ އާންމުގެ ތެރޭގައި އެންމެ ބޮޑު ރުޅިވެރިކަމެއް އޮތް ލީޑަރެވެ.

"އޭނާގެ ވެއްޓުމަކީ އޭނާގެ އަމިއްލަ ނަފްސަށް ލިބޭނެ ބޮޑު ލަދެއް،" އިންސާނީ ހައްގުތަކުގެ ދާއިރާގައި މަސައްކަތް ކުރައްވާ ލަންކާގެ ވަކީލު އަދި އެ ގައުމުގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ކޮމިޝަނަރު އަބިކާ ސަތުކުނަތަން ވިދާޅުވި އެވެ.

"އޭނާއަށް ވަރަށް އުނދަގޫވި ދާއިމީކޮށް ނުވަތަ ވަގުތީ-ދާއިމީ ތަނެއް ހޯދަން. ހީކުރި ވަރަށް ވުރެ މާ އުނދަގޫކޮށް އެކަން ދިޔައީ. މިއީ އެއް އިރެއްގައި 'ކަލާނގެއެއް'ގެ ގޮތުގައި ބަޔަކު ދެކެމުން އައި ސިޔާސީ މީހެއް. ޖަވާބުދާރީ ވުމަކީ އޭނާ އެހެން ދަންނަ ކަމެއް ނޫން."

ފިއްލަވައިގެން އެއް ގައުމުން އަނެއް ގައުމަށް

ގޯތާބާޔަގެ ފުރަތަމަ މަންޒިލަކީ ލަންކާގެ ވެރިރަށް ކޮލަމްބޯ އިން ފުރައިގެން 90 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރާއްޖެ އެވެ.

އޭނާ ދަތުރުކުރެއްވި އަސްކަރީ މަތިންދާބޯޓު ޖައްސަން ރާއްޖޭން އެންމެ ފުރަތަމަ ހުއްދަ ނުދިން ކަމަށްވެ އެވެ. އެ ބޯޓު ޖެއްސުމުގެ ހުއްދަ ދިނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ދެމެދަށް ވަންނަވައި އެކަން މަގުފަހިކޮށްދެއްވުމުން ކަމަށް ލަންކާގެ ދިފާއީ އޮފިޝަލަކު ވިދާޅުވި އެވެ.

އެކަމަކު މާލޭގައި ތިބި ލަންކާ މީހުންގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ. ގިނަ ބަޔަކު ވަނީ އޭނާ އައުމުން އެކަމާ ދެކޮޅަށް މަގުތަކަށް ނުކުމެ އިހުތިޖާޖު ވެސް ކޮށްފަ އެވެ.

"އޭނާ މި ތަނުން ފޮނުވާލާ،" ލަންކާ މީހުން މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިއަކު ގެންގުޅުނު ބޯޑެއްގައި ލިޔެފައިވެ އެވެ.

"ލޮބުވެތި ދިވެހި ރަހުމަތްތެރިން؛ ކުށްވެރިންނަށް ހިމާޔަތް ނުދޭން ދިވެހި ސަރުކާރަށް އިލްތިމާސްކޮށްދީ،" އެހެން މީހަކު ގެންގުޅުނު ބޯޑެއްގައި ލިޔެފައިވެ އެވެ.

ލަންކާ ރައްޔިތުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: ދިވެހި ސަރުކާރުން 'ވަގުންނަށް' ހިމާޔަތް ނުދިނުމަށް އެ މީހުން ގޮވާލި. (ދައުރު ފޮޓޯ)

އޭގެ އެއް ދުވަސް ފަހުން ގޯތާބާޔަ ވަނީ ސައުދިއާގެ ފްލައިޓެއްގައި ރާއްޖޭން ސިންގަޕޫރަށް ވަޑައިގެންފަ އެވެ.

ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ޖުލައި 14 ވަނަ ދުވަހު ކަށަވަރުކޮށްދިން ގޮތުގައި، ގޯތާބާޔައަށް އެ ގައުމަށް އެތެރެވުމުގެ ހުއްދަ ދީފައިވަނީ "އަމިއްލަ ދަތުރެއް"ގެ ގޮތުގަ އެވެ.

"އޭނާ ހިމާޔަތަށް އެދިފައެއް ނުވޭ އަދި ހިމާޔަތް ދީފައެއް ވެސް ނުވޭ،" ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން އޭރު ބުންޏެވެ.

  • ލަންކާގައި ބަޔަކު ކައްކާ ގޭސް ހޯދަން ކިއޫގައި. (ފޮޓޯ/އޭއެފްޕީ)
  • ލަންކާގައި ބަޔަކު ތޮއްޖެހިފައިވާ ރޭލެއްގައި ދަތުރުކުރަނީ. (ފޮޓޯ/ރޮއިޓާސް)
  • ލަންކާގައި ބަޔަކު ކައްކާ ގޭސް ހޯދަން ކިއޫގައި. (ފޮޓޯ/އޭއެފްޕީ)

ގޯތާބާޔަ ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާނެ ކަމަށް ބައެއް ނޫސްތަކުން އޭރު ރިޕޯޓުކޮށްފައިވީ ނަމަވެސް އެ އެކަން ކުރައްވާފައެއް ނުވެ އެވެ.

އެއީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، 2020 ވަނަ އަހަރު ގޯތާބާޔަ ގެންގުޅުއްވި ސިޔާސަތެއް އެއީ އޭގެ ސަބަބަކަށް ވެދާނެ ބައެއް ތަޖްރިބާކާރުން އިޝާރާތް ކުރައްވަ އެވެ. ކޮވިޑް-19ގައި މަރުވާ މުސްލިމުން ވަޅުލުމުގެ ބަދަލުގައި އެންދުމަށް ގޯތާބާޔަ ގެންގުޅުއްވި ސިޔާސަތަށް ގިނަ ފަރާތްތަކަކުން އޭރު ފާޑުކިޔެވެ.

ސައުދީ އަރަބިއްޔާ ވެސް ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން މިދިޔަ ޑިސެމްބަރު މަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއީ "އިސްލާމީ ރިވެތި އުސޫލުތަކާ ފުށުއަރާ" އުސޫލެއް ކަމަށެވެ. އޯއައިސީން ވަނީ ގޯތާބާޔަގެ އެ ސިޔާސަތާ ކަންބޮޑުވުން ފާޅުކޮށް، "މުސްލިމުންގެ އަގީދާގައި މައްޔިތާ ވަޅުލުމަށް ދީފައިވާ އަހައްމިއްޔަތުކަމަށް އިހްތިރާމް ކުރުމަށް" ލަންކާ ސަރުކާރަށް ގޮވާލާފަ އެވެ.

އޭގެ ފަހުން ގޯތާބާޔަ އެ ސިޔާސަތު ބަދަލު ކުރެއްވި އެވެ. އެކަމަކު މުސްލިމުން ވަޅުލަން ހުއްދަ ދިނީ، އިސްލާމް ދީނުގައި އޮންނަ ކަށުކަމާކެމީގެ ކަންކަން ނުކުރެވޭ ގޮތަށް އަދި މައްޔިތާގެ އާއިލާއަށް ވެސް ނުވަދެވޭ ގޮތަށް، ވަރަށް ދުރު ހިސާބެއްގައި އޮންނަ ތަނެއްގަ އެވެ.

ގޯތާބާޔަ އިސްތިއުފާ ދެއްވީ ރާއްޖޭން ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު އެވެ.

އެއާ އެކު، ލަންކާގެ 26 އަހަރުވީ ދާހިލީ ހަނގުރާމަ 2009ގައި ނިމުމަކަށް ގެނައި އިރު ދިފާއީ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނަވައިގެން ގޯތާބާޔަ އިންސާނީ ހައްގުތަކަށް އަރައިގަތް ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ޖިނާއީ ތަހުގީގަކާ ކުރިމަތިވި އެވެ. ޖުލައި މަހުގެ 23 ވަނަ ދުވަހު އިންޓަނޭޝަނަލް ޓްރުތު އެންޑް ޖަސްޓިސް ޕްރޮޖެކްޓް (އައިޓީޖޭޕީ)ގެ ވަކީލުން ވަނީ ގޯތާބާޔަ ވަގުތުން ހައްޔަރުކުރުމަށް އެދި ސިންގަޕޫރުގެ އެޓާނީ ޖެނެރަލަށް ޖިނާއީ މައްސަލައެއް ހުށަހަޅާފަ އެވެ.

އދ. އިން 2011 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ލަންކާ ސަރުކާރުގެ ފައުޖުތަކުން ވަނީ، ގަސްތުގައި އާންމުންގެ ގަޔަށް ބަޑިޖަހައި މެރުމާއި އަންހެނުން ރޭޕްކުރުމާއި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމަށް ހުރަސްއެޅުން ފަދަ ހަނގުރާމައިގެ ޖަރީމާތައް ހިންގާފަ އެވެ. "އިތުބާރު ހުރި އެތައް މަސްދަރަކުން އަންދާޒާ ކޮށްފައިވާ ގޮތުގައި 40،000 އެއްހާ އާންމުން މަރުވެފައި"ވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އައިޓީޖޭޕީން ހުށަހެޅި މައްސަލަ ސިންގަޕޫރުގެ އެޓާނީ ޖެނެރަލްގެ އޮފީހަށް ލިބިފައިވާ ކަމަށް އެ އޮފީހުގެ ތަރުޖަމާނަކު ސީއެންއެންއަށް ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް، އެ މައްސަލައާ ގުޅޭ ގޮތުން އިތުރު އެއްޗެއް ވިދާޅުވާން އޭނާ ދެކޮޅު ހެއްދެވި އެވެ.

އައިޓީޖޭޕީގެ އެގްޒެކެޓިވް ޑިރެކްޓަރު ޔާސްމިން ސޫކާ ސޫކާ ވިދާޅުވީ ސިންގަޕޫރުގައި އެ މައްސަލަ ހުށަހެޅުމަކީ "ރަމްޒީ" ކަމެއް ކަމަށާއި އޭގެ ބޭނުމަކީ "ގޯތާބާޔައަށް މަގާމުގެ އިމްތިޔާޒުތައް ގެއްލުނު އިރު، އޭނާއަކީ ގާނޫނުގެ ކުރިމަތީގައި ހަމަހަމަ ބޭފުޅެއްކަން" ސާބިތުކޮށްދިނުން ކަމަށެވެ.

އެ މައްސަލަ ހުށަހަޅާފައި ވަނިކޮށް، މިދިޔަ މަހުގެ 11 ވަނަ ދުވަހު ގޯތާބާޔަ ވަނީ ޕްރައިވެޓް ޖެޓެއްގައި ސިންގަޕޫރުން ތައިލެންޑަށް ވަޑައިގެންފަ އެވެ.

ލަންކާގެ ކުރީގެ ރައީސް ގޯތާބާޔަ ސިންގަޕޫރުން ތައިލެންޑަށް ވަޑައިގެން، ބެންކޮކުގެ އެއާޕޯޓުން ނުކުމެވަޑައިގަންނަވަނީ. (ފޮޓޯ/ރޮއިޓާސް)

ތައިލެންޑުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވީ، ގޯތާބާޔަ ޑިޕްލޮމެޓިކް ޕާސްޕޯޓެއްގައި ދަތުރު ކުރައްވާފައި ވާތީ ވިސާއާ ނުލައި 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުންނެވުމުގެ ހައްގު އޭނާއަށް ލިބިގެންވާ ކަމަށެވެ. އެ ތަރުޖަމާނު ވިދާޅުވީ ގޯތާބާޔަ ސިޔާސީ ހިމާޔަތް ހޯއްދަވާފައިވާ ނުވާ ކަމަށެވެ.

ތައިލެންޑްގެ ބޮޑުވަޒީރު ޕްރަޔުތު ޗަން-އޯ-ޗާ ވިދާޅުވެފައިވާ ގޮތުގައި، ރާޖަޕަކްސަ ތައިލެންޑަށް އެތެރެވުމުގެ ހުއްދަ ދިނީ "އިންސާނީ" ސަބަބުތަކަށް ބަލާފަ އެވެ.

"އޭނާއަށް ހުއްދަ ދިނީ [ތައިލެންޑުގައި] މަޑުކުރައްވާނީ ވަގުތީ ގޮތުން ކަމުގެ ޔަގީންކަން ދެއްވުމުން. ހަމަ އެއާ އެކު، އެއްވެސް ތަނަކަށް ވަޑައިގަތުން އަދި އެއްވެސް ބޭފުޅަކާ ބައްދަލުކުރެއްވުން ވެސް [ވަނީ މަނާކޮށްފައި]" މިދިޔަ މަހުގެ 10 ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕްރަޔުތު ވިދާޅުވި އެވެ.

ގޯތާބާޔައަށް ތާއީދުކުރައްވާ އަދި އޭނާގެ ގާތް ބޭފުޅުން އޭރު ގެންދެވީ، ގޯތާބާޔައަށް ސަލާމަތުން އެނބުރި ގައުމަށް ވަޑައިގެންނެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވުމަށް އެދި އެ ގައުމުގެ އާ ރައީސް ރަނިލް ވިކްރަމަސިންހައަށް ޕްރެޝަރު ކުރަމުންނެވެ. 

ގާނޫނު ހަދާ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް އޮންނަ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނާ ޕާޓީ (އެސްއެލްޕީޕީ)ން ނެރުނު ބަޔާނެއްގައިވާ ގޮތުން، މިދިޔަ މަހުގެ 19 ވަނަ ދުވަހު ގޯތާބާޔަގެ ކޮއްކޮ އަދި ކުރީގެ މާލީ ވަޒީރު ބާސިލް ރާޖަޕަކްސަ ވަނީ، ގޯތާބާޔަ އެނބުރި ވަޑައިގަތުމުގެ ހުއްދައަށް އަދި ހިމާޔަތް ދެއްވުމަށް ސަރުކާރުގައި އެދިވަޑައިގެންފަ އެވެ.

އެ ބަޔާނުގައިވާ ގޮތުން، ރާޖަޕަކްސަ އާއިލާ އިން ކޮންޓްރޯލް ކުރާ އެސްއެލްޕީޕީގެ މައިގަނޑު ޑިމާންޑަކީ ގޯތާބާޔަގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ.

ދެން ވާނީ ކިހިނެއް؟

އިގުތިސޯދީ ހަމަޖެހުން ގާއިމް ކުރުމަށް ލަންކާ އިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ މުހިންމު ފިޔަވަޅެއް އަޅާފަ އެވެ. އެއީ 2.9 ބިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާ އެކު ވަގުތީ އެއްބަސްވުމަކަށް އާާދެވުމެވެ.

ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި އިގްތިސާދީ އިސްލާހީ ޕްރޮގްރާމްގެ މަގުސަދަކީ ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ ތަކެތީގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ގައުމުގައި ހަމަޖެހުން ގާއިމުކޮށް، ދައުލަތުގެ އާމްދަނީ އިތުރުކޮށް، ބޭރު ފައިސާގެ ރިޒާވް އަލުން ބިނާކުރުން ކަމަށް ލަންކާ އިން ބުނެ އެވެ.

ނަމަވެސް، އައިއެމްއެފުން އަދިވެސް މި ލޯނަށް ރުހުން ދީފައި ނުވާ އިރު، އިގުތިސޯދީ ހީނަރުކަމުން އަރައިގަތުމަށް ލަންކާ އިން ކަނޑައްތު ކުރަން ޖެހޭ ރާސްތާ ދިގެވެ. މިފަދަ ދަނޑިވަޅެއްގައި ގޯތާބާޔަ އެނބުރި ގައުމަށް ވަޑައިގަތުމުން އަނެއްކާވެސް ގައުމުގެ ހާލަތު އިތުރަށް ގޯސްވެގެން ދާނެކަން ނުވަތަ ނޫންކަން އަދި ސާފު ނުވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ރަނިލް މިދިޔަ ޖުލައި 21 ވަނަ ދުވަހު ރައީސް ކަމުގެ ހުވާ ކުރެއްވި ފަހުން، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިން ދުރުކޮށް، ބައެއް މީހުން ޖަލަށް ލާފަ އެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ ގާނޫނީ ވަކީލު ސަތުކުނާނަތަން ވިދާޅުވި ގޮތުގައި، ލަންކާގައި "ޔަގީނުން ވެސް ބިރުވެރިކަން" އެބަ އޮތެވެ.

"އިތުރު މުޒާހަރާތަކެއް ކުރާނެތޯ ބުނަން އަދި ދަތި. އެކަމަކު ދިރިއުޅުމުގެ ހަރަދުތައް އަދިވެސް ބޮޑުވެ، އިންފްލޭޝަން ދަނީ މަތިވަމުން."

  • ލަންކާގައި މުޒާހަރާ ކުރާ މީހުން މިދިޔަ ޖުލައި 9 ވަނަ ދުވަހު ރިޔާސީ ގަނޑުވަރުގެ ތެރޭގައި. (ފޮޓޯ/އޭއެފްޕީ)
  • ލަންކާގައި މުޒާހަރާ ކުރާ މީހުން މިދިޔަ ޖުލައި 9 ވަނަ ދުވަހު ރައީސް އޮފީސް ކައިރީގައި މުޒާހަރާ ކުރަނީ. (ފޮޓޯ/އޭޕީ)
  • ލަންކާގައި މުޒާހަރާ ކުރާ މީހުން މިދިޔަ ޖުލައި 9 ވަނަ ދުވަހު ރިޔާސީ ގަނޑުވަރުގެ ތެރޭގައި. (ފޮޓޯ/އޭއެފްޕީ)
  • ލަންކާގައި މުޒާހަރާ ކުރާ މީހުން މިދިޔަ ޖުލައި 9 ވަނަ ދުވަހު ރައީސް އޮފީސް ކައިރީގައި މުޒާހަރާ ކުރަނީ. (ފޮޓޯ/އޭޕީ)

ލަންކާގެ އެތައް މިލިއަން ބަޔަކަށް ކާބޯތަކެއްޗާއި ތެލުގެ އަގުތައް އަތް ނުފޯރާ ފަށުގައި ހުރި އިރު، ގޯތާބާޔަ އެނބުރި ވަޑައިގަތުމާ އެކު އޭނާއަށް ދޭން ފަށާފައިވާ ހިމާޔަތާއި ހިތްފަސޭހަ ދިރިއުޅުމުގެ ސަބަބުން އަނެއްކާވެސް ލަންކާގެ މަސްރަހު އިތުރަށް ހޫނުވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

"އެއީ ރައްޔިތުން މަގުތަކަށް ނުކުންނަން މަޖުބޫރުކުރާ އެއް ސަބަބު. އާންމުން އެހާ ރުޅި އަންނަނީ މި މުނާފިގުކަމުގެ ސަބަބުން،" ސަތުކުނާނަތަން ވިދާޅުވި އެވެ.

އައިޓީޖޭޕީގެ ސޯކާ ވިދާޅުވީ، ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތުތަކާ ގުޅިގެން ގޯތާބާޔަގެ މައްޗަށް ތަހުގީގެއް ހިންގުމަކީ ނާދިރު ކަމެއް ކަމަށެވެ.

"ސިޔާސީ ވެރިން އޭނާ ހިމާޔަތް ކުރާނެ. އޭނާ ފިލައިގެން ދިޔަ ނަމަވެސް، އޭނާގެ ބާރު އޮތް ދުވަސްވަރު އޭނާ ބަރޯސާވި ކަންކަމާއި ވަފާތެރިންނަށް ބަދަލެއް ނާދޭ. އާންމުންގެ އިހުތިޖާޖު މިހާރު އޮތީ ރޫޅިފައި އަދި އެ މީހުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ.

"އަދަބު ނުދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ގޯތާބާޔައަށް ހައްގު އަދަބު ދިނުމުން، އެއްވެސް މީހަކަށް ގާނޫނަށް ވުރެ މަތީގައި ނުހުރެވޭނެކަން މުޅި ދުނިޔެ އާއި ސްރީ ލަންކާއަށް ވެސް ފެނިގެންދާނެ."

ނޯޓް: މި ލިއުމުގައި ބޭނުންކޮށްފައި ވަނީ ސީއެންއެން އަދި ބީބީސީން ޝާއިއުކޮށްފައިވާ ރިޕޯޓުތަކެއްގައި ބޭނުންކޮށްފައިވާ އިންޓަވިއުތަކާއި މައުލޫމާތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް