އޭޖީ އިބްރާހިމް ރިފްއަތު. (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ޖޭއެސްސީގެ ގާނޫނަށް އިސްލާހަކާ އެކު ރައިސް އޮފީހަށް 9 ބިލެއް ފޮނުވައިފި

މި ދައުރަށް 22 ބިލެއް މަޖިލީހަށް ފޮނުވަން ސަރުކާރުން ބޭނުންވޭ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހިމެނޭ ގޮތަށް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރަށް ހުށަހަޅަން ގަސްދުކުރާ ނުވަ ބިލެއް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް، އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ވަނީ ސަރުކާރުން ފޮނުވަން ގަސްދުކުރާ ބިލުތައް ހާމަކޮށްފަ އެވެ. އެ ލިސްޓުގައި 22 ބިލެއް ހިމެނެ އެވެ.

ތަފްސީލް - ސަރުކާރުން މި ދައުރަށް ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރޭގައި، މި އަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ގަސްތުކުރި 18 ބިލެއް ވެސް ހިމެނެ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު އާންމުކުރި ލިސްޓެއްގައިވާ ގޮތުގައި މި ދައުރަށް ސަރުކާރުން ހުށަހަޅާ ބިލްތަކުގެ ތެރެއިން އާ ބިލުތަކުގެ ގޮތުގައި ފާހަގަކުރެވެނީ:

  • ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓްގެ ބިލު

ބުނީ ކީކޭ؟ - އެ ބިލުތަކުގެ ތަފްސީލު އޭޖީ އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ. އެ އޮފީހުގެ ތަރުޖަމާނު ހުސައިން ހަސަން މިއަދު ވިދާޅުވީ އެ ލިސްޓުގައި ހިމެނޭ ނުވަ ބިލެއް މިހާރު ރައީސް އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ. އެ ބިލުތަކަކީ:

  • 1-

    ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 2-

    ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 3-

    ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 4-

    ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 5-

    ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 6-

    ކުނި ނައްތާލުމާއި މެނޭޖުކުރުމުގެ ބިލު

  • 7-

    ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 8-

    ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 9-

    ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު

ފާހަގަކޮށްލެވޭ ކަމެއް - ކޮންމެ ދައުރަކަށް ވެސް ސަރުކާރުގެ ފަރާތުން ގިނަ ބިލުތަކެއް މަޖިލީހަށް ހުށަހަޅަން ނިންމަ އެވެ. ނަމަވެސް، އޭގެ ތެރެއިން ފޮނުވެނީ މަދު ބިލެކެވެ. ބިލުތައް ލަސްވާކަމުގެ ޝަކުވާ މަޖިލީހުން ކުރުމުން، ސަރުކާރުން ބުނީ އެއީ ރަނގަޅަށް ޑްރާފްޓްކުރަން ނަގާ ވަގުތު ކަމަށެވެ.

އިތުރަށް ކިޔާލަން -

ހުށަހެޅޭނެ ކަމަށް ބަލަނީ ޖުޑީޝަރީގެ ބިލުތައް

ބުނީ ކީކޭ؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ދައުރަށް ސަރުކާރުން ހުށަހަޅަން ގަސްތުކުރާ ބިލުތަކުގެ ލިސްޓު ލިބިފައިވާ ކަމަށެވެ. 

  • ދެވަނަ ދައުރު ހިނގާނީ މެއި 16 ން ޖޫން 30 އަށް

ނަޝީދު ވިދާޅުވީ، މި ދައުރަށް ސަރުކާރުން ހުށަހަޅަން ގަސްތުކޮށްފައިވާ ބިލުތަކުގެ ތެރެއިން މިިހާތަނަށް ލިބިފައި ވަނީ ދެ ބިލު ކަމަށެވެ. އެއީ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި ކުނި ނައްތާލުމާއި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ. އެ ދެ ބިލުގެ ވެސް ފުރަތަމަ ކިޔުން އޮތީ އިއްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. (ފޮޓޯ/މަޖިލިސް)

މަޖިލީހަށް އަދި ނުލިބޭ 20 ބިލުގެ ތެރޭގައި ވަރަށް ފާހަގަކުރެވޭ، ހާއްސަ ބިލުތަކެއް ހުރި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މީގެ ތެރެއިން ބައެއް ބިލު މިއީ ތަކުރާރުކޮށް ހުށަހެޅުމަށް ސަރުކާރުން އުންމީދުކޮށްފައިވަ ބިލު. އެހެން ނަމަވެސް މަޖިލީހަށް ނުފޮނުވިފައިވާ ވަރަށް ގިނަ ބިލު،" އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ދައުރުގައި މަޖިލީހަށް ގެނެވިދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ޖުޑީޝަރީއާ ގުޅޭ ބިލުތައް."

ނަޝީދު ވިދާޅުވީ ޝަރުއީ ދާއިރާއާ ގުޅޭ ހަތަރު ބިލުގެ ސަބަބުން، އެ ދާއިރާ އިސްލާހުކުރަން މި ދައުރުގައި ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް