އދ. އަތޮޅު

ފެންފުށީ މީހުންގެ ފަހުރު: އެތައް ގަރުނެއް ވީ ރީތި، މި ކުޑަ މިސްކިތް

މިހާރު ހިމާޔަތްކޮށްފައިވާ މިސްކިތުން ފެންފުށީ މީހުންގެ ގަލުވަޑާމުގެ ހުނަރު ފެނޭ

އދ. ފެންފުށި - އުމުރުން 74 އަހަރުގެ އުމަރު އުސްމާންގެ ކުޑައިރުގެ އެންމެ ރީތި ހަނދާންތައް ގުޅިފައިވަނީ، އެތައް އަހަރެއް ވެފައިވާ މި ތާރީހީ މިސްކިތާ އެވެ. މިސްކިތުގެ ދެކުނު ފަރާތުގައި ހުންނަ ދެ މާހާނައިގައި ޖަހާފައި ހުރި ބޮޑު ދެ ގަލަކީ، އެ މީހުން ކުޑައިރު އިސްކޮޅުން ދިގުވާ މިންވަރު ބަލަން ބޭނުން ކުރި އެއްޗެކެވެ. މިސްކިތަށް އަރާ ކޮންމެ ފަހަރަކު، ކޮންމެ ކުއްޖަކު ވެސް ގަލުގެ ކައިރީގައި ހުއްޓި، ދިގުވާ މިންވަރު ބަލަން ފާހަގަ ޖަހާ ހެދި އެވެ. މިސްކިތުގެ ގޯތި ތެރޭގައި އޮންނަ ވެވަކީ، އެއް އުމުރުގެ ރައްޓެހިންނާ އެކު އައިސް، ފަތަން ދަސްކޮށް ހެދި ތަނެވެ.

އުމަރު ގަބޫލުކުރާ ގޮތުގައި އޭނާގެ ބައްޕަ އާއި ކާފަ އާއި މުނިކާފަގެ ވެސް ކުޑައިރުގެ ހަނދާންތައް މި މިސްކިތާ ގުޅިފައި އޮންނާނެ އެވެ. އދ. ފެންފުށީގެ މި ހުކުރު މިސްކިތަށް އެހާ ވެސް ދުވަސް ވެއްޖެ އެވެ. 

ފެންފުށީ މިސްކިތުގެ ދެކުނު ފަރާތުގައި ހުންނަ ދެ މަހާނަ އާއި ފެންވަޅު: އެ ފެންވަޅު މިހާރު ވެސް އެ ރަށުގެ މީހުން ބޭނުން ކުރޭ (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)
ފެންފުށީ ހުކުރު މިސްކިތު ބޭރުން ނަގާފައިވާ ފޮޓޯއެއް. މިއީ މިހާރު ސަރުކާރުން ހިމާޔަތްކޮށްފައިވާ ތަނެއް (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

މިހާރު ސަރުކާރުގެ ހިމާޔަތުގެ ދަށަށް ގެނެސްފައިވާ މި މިސްކިތަކީ ރާއްޖެއިން މަދުން ނޫނީ ނުފެންނަ ވަރުގެ ރީތި މިސްކިތެކެވެ. މިސްކިތުގެ ކޮންމެ ތަނަކުން ވެސް، ފެންފުށީ މީހުންގެ ހުނަރުވެރިކަމާއި މަސައްކަތްތަކަށް ބެހެއްޓި ފަރުވާތެރިކަން ފެނެ އެވެ. ފެންފުއްޓަށް ކުރި ޒިޔާރަތުގައި މިސްކިތް ދެކިލުމުގެ ޝައުގުވެރިކަން އުފެދުނީ ވެސް، މިތަނުގެ މަޝްހޫރުކަން މާ ކުރިން އެނގިފައި އޮތުމުންނެވެ.

ބޮޑެތި ހިރިގަލުން ހަދާފައިވާ މި މިސްކިތުގައި، އެކި ކުރެހުންތައް ގަލުގަ އާއި ލަކުޑީގައި ކަނޑާނަގާފައި ހުރެ އެވެ. މިސްކިތުގެ ބެރިތަކާއި ތަނބުތަކާއި އަރިމަތީ ފިލާ ހުރީ ލާފެންކޮށް ލިޔެފަ އެވެ. ކީރިތި ގުރުއާނުގެ އާޔަތްތަކާއި ރަސޫލާގެ ހަދީސްފުޅުތައް، މަތިވަޑާންގަނޑުގައި ކަނޑާލިޔެފައި ވެ އެވެ.

ފެންފުށީ ހުކުރު މިސްކިތަށް ވަންނަ ދޮރު (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)
ހިރިގަލުން ހަދާފައިވާ މިސްކިތުގެ ބައެއް (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

ހާހެއްހާ މީހުން ދިރިއުޅޭ މި ރަށު މީހުންނަށް، މި މިސްކިތަކީ އެ މީހުންގެ ފަހުރެވެ. ރަށަށް ކޮންމެ މީހަކު އެރިޔަސް، މި މިސްކިތުގެ ވާހަކަ އެ މީހުން ކިޔައިދެނީ ޝައުގުވެރިކަމާ އެކު އެވެ. މިސްކިތާ ބެހޭ ގޮތުން އުމަރާ ސުވާލުކުރުމާ އެކު ވެސް، ހަމަ އެ އުމުރުގެ އޭނާގެ އެކުވެރިން އެތަނަށް އެއްވެ، މިސްކިތާ ގުޅޭ ގޮތުން އެ މީހުންނަށް އެނގޭ އެއްޗެއް ކިޔައިދިނެވެ.

ފެންފުށީގެެ މީހުންގެ މައުލޫމާތަށާއި ސަރުކާރުގެ ބައެއް ލިޔެކިޔުންތަކަށް ބަލާއިރު:

  • މިއީ ކަޅުކަމަނާފާނުގެ ދެމަފިރިން، މީލާދީ ގޮތުން 1701 ވަނަ އަހަރު ބިނާކުރި މިސްކިތެއް

  • އެ ތާރީހުން ބަލާކަމަށް ވާ ނަމަ، މިސްކިތަށް 300 އެތައް އަހަރެއް ވެދާނެ، އެކަމަކު ފެންފުށީގެ މީހުން ބުނާ ގޮތުން މިސްކިިތަށް 800 އަހަރެއްހާ ގިނަ ދުވަސް ވެދާނެ

  • މިސްކިތުގެ ދެކުނު ފަރާތުގައި ހުންނަ ބޮޑު ދެ މަހާނައަކީ، އަލްވަޒީރުލްހާއްޖު ހަސަން އާއި އޭނާގެ އަނބިކަނބަލުންގެ މަހާނަ ކަމަށް ބުނޭ، ވަޒީރުގެ އަނބިކަނބަލަކީ ރަސްކަލެއްގެ ދަރިކަނބަލެއް ކަމަށް ވޭ

ހުކުރު މިސްކިތަށް ވަންނަ ދޮރު: ގަލާއި ލަކުޑީގެ ހުނަރުވެރި މަސައްކަތްތަކެއް (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

މިސްކިތުގެ ދެކުނު ފަރާތުގައި ހުންނަ ފެންވަޅަކީ، ފެންފުށީ މީހުންގެ ދިރިއުޅުމުގައި އަދިވެސް ބޭނުން ކުރާ ތަނެކެވެ. އަށް ކަނަށް ވާ ގޮތަށް ހަދާފައި ހުރި އެ 'އަށްކަން' ވަޅުގެ ފެން ރަށު މީހުން ބޮއެ އުޅުނެވެ. އެކަމަކު މިހާރު އެ ވަޅުގެ ފެން ބޭނުންކުރަނީ، އެ ރަށު މީހުން ބުނާ ގޮތުން، ކޮންމެ ރޯދަމަހެއްގައި ބަތްޕެން ކެއްކުމަށެވެ.

"ރޯދަމަހު ބަތްޕެން ނުކައްކާނެ ވާރޭ ފެނެއް ނޫނީ އެހެން ފެނެއްގައެއް. ހުރިހާ އެންމެން ވެސް ބަތްޕެން ކައްކަން ފެން ނަގާނީ އަދިވެސް މި ވަޅުން،" އުމަރު ކިޔައިދިނެވެ.

ހިރިގަލުން ހަދާފައިވާ އެ ވަޅުގެ އެތެރެ ވަރަށް ސާފެވެ. ވަޅަށް އެއްޗެއް ވެއްޓިދާނެތީ ވަޅުގެ މަތި ޖަހާފައި ހުރި އިރު، ކައިރީގައި ދާނިތައް ބަހައްޓާފައި ހުއްޓެވެ. 

  • ހިރިގަލުން މިސްކިތުގެ ބޭރު ޑިޒައިންކޮށްފައި: މި މިސްކިތުން ފެންފުށީ މީހުންގެ ހުނަރުވެރިކަން ފެނޭ (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)
  • ހިރިގަލުގެ މި މިސައްކަތަކީ ނަމޫނާއެއް (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)
  • ހިރިގަލުން މިސްކިތުގެ ބޭރު ޑިޒައިންކޮށްފައި: މި މިސްކިތުން ފެންފުށީ މީހުންގެ ހުނަރުވެރިކަން ފެނޭ (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

އެތަނާ މާ ދުުރު ނޫން ހިސާބުގައި ދެން އޮތީ ބޮޑު ވެވެކެވެ. އެއީ އިހުގައި މީހުން ވުލޫކޮށް، ފެންވަރާ ހެދި ތަނެކެވެ. އެ ފެންގަނޑަށް ފޭބުމަށް ސިޑިބަރިއެއް ހަދާފައި ހުރީ ވެސް ހަމަ ހިރިގަލުންނެވެ.

އުމަރު ކިޔައިދިން ގޮތުގައި، އެ މީހުން ކުޑައިރު، ދަތް އުނގުޅައި ހަދަން އަންނާނީ ވެސް އެ ވެވަށެވެ. ހިރިގަލުން އެ ވެވު ހަދާފައި ހުންނަނީ، ކައިރި ފަށުގައި އިށީނދެވޭ ގޮތަށެވެ. ގާތްގަނޑަކަށް ހަތަރު ވަރަކަށް ފޫޓު ފުންމިން ހުންނަ އެ ފެންގަނޑަށް އުމަރު އާއި އޭނާގެ އެކުވެރިން އެރެނީ ފަތަން ދަސްކުރަން ކަމަށް އޭނާ ބުންޏެވެ. 

މިސްކިތުގެ އެތެރޭގެ މަތިވަޑާންގަނޑާއި ތަނބުތައް، ލަކުޑީގައި ކަނޑާނަގާފައި (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)
ލަކުޑީގެ މަސައްކަތްތައް ވެސް ރީތިކަމުން ދިވެހިންނަކީ ހުނަރުވެރި ބައެއްކަން އެނގޭ (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

"އެއީ މޫދަށް ދިޔުމުގެ ކުރިން އަޅުގަނޑުމެން ފަތަން ދަސްކުރަން އައި ތަން. ތަންކޮޅެއް ބޮޑެތި ކުދިން އަޅުގަނޑުމެން ކުޑަކުދިންނަށް އެތަނުގައި ފަތަން ދަސްކޮށްދޭނެ،" މީގެ 60 ވަރަކަށް އަހަރު ކުރީގެ ހަނދާންތައް އާކުރަމުން އުމަރު ކިޔައިދިނެވެ.

އޭނާ އެހެން ބުނުމާ އެކު، ކައިރީގައި ހުރި އުމަރުގެ ރަހުމަތްތެރިޔާ ހޭންފެށީ، އެއީ ހަމަ "ސްވިމިން ޕޫލެކޭ" ބުނަމުންނެވެ.

މިސްކިތުގެ އެހެން ތަންތަނެކޭ އެއްގޮތަށް ވެވު ވެސް މިހާރު ހުންނަނީ މަތި ހިޔާކޮށް، ވަށައިގެން ފާރުބުރިއެއް ރާނައި ހިމާޔަތްކޮށްފަ އެވެ. ފެންގަނޑުގައި މަދިރި އާލާވެދާނެތީ، މިހާރު އެތަނަށް މަސް އަޅާފައި ހުރެ އެވެ.

މިސްކިތު ބޭރުގައި އޮންނަ ވެވު. މިއީ ކުރިން މީހުން ވުލޫކޮށް، ފެންވަރަން ބޭނުންކޮށް ހެދި ތަނެއް (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)
މި ވެވަަށް އެރި ފަތަން ދަސްކުރަން ވެސް އޭރުގެ ބައެއް ޒުވާނުން އުޅުނު (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

އާސާރީ އެ މިސްކިތުގެ ތެރެއިން ދެން އަހަރެންގެ ސަމާލުކަން އަތުލީ، ވަގުތު ބަލާ ގާ ނުވަތަ 'ވަގުތުގާ' އެވެ. އެއީ އިހުގައި ނަމާދު ވަގުތު ދެނެގަންނަން ބޭނުންކުރި ގަލެވެ. މިސްކިތުގެ ކުރިމަތީގައި، ތަންކޮޅެއް ދުރުގައި އުސްކޮށް ރާނާފައި ހުރި ތަންކޮޅެއްގެ މަތީގައި، ހިމަދިގުކޮށް ހުރި ގާގަނޑު ބަހައްޓާފައި ހުރި އިރު، އޭރުގެ މީހުން މެންދުރު ނަމާދާއި އަސުރު ނަމާދުގެ ވަގުތު ދެނެގަންނަނީ އެ ގަލުގެ ހިޔަންޏަށް ބަލައިގެންނެވެ. ގާގަނޑު ބަހައްޓާފައި ހުރި ތަނުގައި، ދިގަށް ރޮނގުތަކެއް ދަމާފައި ހުންނައިރު، ވަގުތު ބަލަނީ އެ ރޮނގުތަކަށް ހިޔަނި އެޅޭ ގޮތްގޮތަށް ބިނާކޮށެވެ.

"ދެން ފަތިސް ނަމާދު ބަންގި ގޮވާނީ ފަޖުރުލީމަތާ،" އެހެން ނަމާދުތަކުގެ ވަގުތާ ގުޅޭ ގޮތުން ސުވާލުކުރުމުން އުމަރު ކިޔައިދޭން ފެށި އެވެ.

"އިރުއޮއްސި ރަތްވިލާ ލުމުން މަޣްރިބް ނަމާދު ވަގުތު ޖެހޭއިރު، އިޝާ ނަމާދުގެ ވަގުތު ދެނެގަންނަނީ އަނދިރިކަން ވެރިވެ ހަމަޖެހުމުން."

ނަމާދު ވަގުތު ބެލުމަށް ބޭނުން ކުރި 'ވަގުތުގަޑި'. ނަމާދު ވަގުތު ދެނެގަންނަނީ ގަލުގެ ހިޔަންޏަށް ބަލައިގެން (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)
ގަޑި ނުހުންނަ އިރު ދިވެހިން ނަމާދު ވަގުތު ދެނެގަންނަނީ މިފަދަ ވަސީލަތްތަކުން (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

ފެންފުށީ ހުކުރު މިސްކިތުގެ ގަބުރުސްތާނަކީ ވެސް ރާއްޖެއިން މަދުން ނޫނީ ނުފެންނަ ފަދަ ތަނެކެވެ. ބޮޑެތި މަހާނަގާތަކުން އެތަން ފުރިފައިވާ އިރު، ކޮންމެ ގަލެއްގައި ވެސް ހުންނަނީ ކުރެހުންތަކާއި އެ މީހެއްގެ ނަމާއި މަރުވި ތާރީހު ކަނޑާ ނަގާފަ އެވެ. އަންހެނުންނާއި ފިރިހެނުންގެ މަހާނަގާ ހުންނަނީ ވަކި ގޮތަކަށެވެ. މަހާނަތައް ހަދާފައި ހުރީ ވަކި ތަރުތީބަކުން، ސަފުސަފަށެވެ.

އުމަރު ކިޔައިދިން ގޮތުގައި އެތަނުގައި އެންމެ ފަހުން މީހުން ވަޅުލާފައި ވަނީ އޭނާ ކުޑައިރު، ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގަ އެވެ. އެތަނުގައި މީހުން ވަޅުލުން މަނާކުރަން ވެސް އެންގެވީ ނާސިރު އެ ރަށަށް ވަޑައިގެން ކަމަށް އޭނާ ބުންޏެވެ.

ފެންފުށީގެ މީހުންނަކީ، ގާ ކަނޑައިގެން ކުރެހުން އެޅުމަށް ނުވަތަ ގަލުވަޑާމަށް ރާއްޖޭގައި އެންމެ މަޝްހޫރު މީހުންނެވެ. މިހާރު ވެސް އެ ރަށުގެ ދުވަސްވީ އިމާރާތްތަކުން އެ ޗާލުކަން ފެނެ އެވެ. މާލޭގެ މިސްކިތްތަކާއި ބޮޑެތި ގެތަކުގައި ކުރެހުން އެޅުމަށް ވެސް ފެންފުށީގެ މީހުން ގެންދެ އެވެ. އެއީ އެ ރަށުގެ މީހުން އާމްދަނީ ހޯދަން އޭރު ކޮށް އުޅުނު މަސައްކަތް ނަމަވެސް، މިހާރު އެ މަސައްކަތް އެ ރަށުގައި ވަނީ ހުއްޓިފަ އެވެ.

ހުކުރު މިސްކިތުގެ ގަބުރުސްތާނު: ކޮންމެ މަހާނަ ގަލެއްގައި ވެސް ކުރެހުންތައް ކަނޑާނަގާފައި ހުރޭ (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

ފެންފުށީގައި އެންމެ ފަހުން، އެ މަސައްކަތްކޮށް އުޅުނު މޫސާ މުހައްމަދުގެ އާއިލާއާ އަހަރެން ބައްދަލުކޮށް، އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެ މީހުން ބުނީ، މަހާނަ ގަލުގައި ކުރެހުން ހުއްޓާލީ، އެއީ ދީނީ ގޮތުން ރަނގަޅު ކަމަކަށް ނުވާތީ ކަމަށެވެ.

"ބައްޕަ އެ މަސައްކަތް ކުރި ސާމާނު އަދިވެސް ހުންނާނެ. އެކަމަކު އަޅުގަނޑުމެން އެކަމެއް ނުކުރަން،" މޫސަގެ ފިރިހެން ދަރި، އަލީ މޫސާ ބުންޏެވެ.

ތޮށިމަތިން ގާނެގުން މަނާކުރުމަކީ ވެސް، އެ މަސައްކަތް އުވިގެން ދިޔަ އަނެއް ސަބަބެވެ.

ތާރީހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، ފެންފުށީގެ ހުކުރު މިސްކިތް މީގެ ކުރިން ވެސް ވަނީ މަރާމާތުކޮށްފަ އެވެ. މިސްކިތަށް ވަންނަ ދޮރުގެ ދެ ފަރާތުގައި ހުންނަ އަށްކަން ސިއްކައަކީ، ލަފާކުރެވޭ ގޮތުން، ދެއްވަދޫ ރަސްގެފާނު، އައްސުލްތާން މުހައްމަދު އިބްނު އަލްހާއްޖު އަލީ ތުއްކަލާގެ ސިއްކައެކެވެ. އެހެންވެ، އެތަން ދެ ވަނަ ފަހަރަށް މަރާމާތުކޮށް، މިހާރު ހުރި ގޮތަށް މިސްކިތް ބިނާކޮށްފައި ހުރީ ދެއްވަދޫ ރަސްގެފާނު ކަމަށް، ތާރީހު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރެ އެވެ.

ފުރާޅު ބަދަލުކޮށް، މިސްކިތުގެ ގޯތިތެރޭގައި ހިމެނޭ އާސާރީ އެހެން ތަންތަން ހިޔާކޮށް، މިހާރު އެތަންތަން ހުރީ ގިނަ ދުވަހަށް ދެމިގެންދާނެ ގޮތަށް ޒަމާނީ ފަރުވާތައް ދީ، އާބާތުރަ ފިލުވާފަ އެވެ. 

ފެންފުށީ މިސްކިތަކީ ދިވެހިންގެ އިހުގެ ހުނަރު ފެންނަ ތަނެކެވެ. މަސައްކަތުގެ ހުނަރާއި ފަރުވާތެރިކަމާއި ދީނަށް ބެހެއްޓި ލޯތްބާއި ޝައުގުވެރިކަން ފެނެ އެވެ.

މިސްކިތް ރީއްޗެވެ. އެހެންކަމުން ރަށަށް އަރާ މެހެމާނުންނާއި ޓޫރިސްޓުންގެ ޝައުގުވެރިކަން ދަމައިގަންނަ ތަނަކަށް އެތަން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް