Majlis 2024

ތ. ފުނައްޑޫ: އެ ރަށް ސަރުކާރަށް ގަނެ މިފްކޯއާ ހަވާލުކުރި އިރު ހާލަތު ވަނީ ދަށްވެފައި.

މިފްކޯ

ފުނައްޑޫ ތަރައްގީކުރަން ފައިސާ ހަމަނުޖެހި، ބޮޑު އޮޅުންގަނޑެއްގެ ތެރެއަށް

އެ ރަށް އޮޕަރޭޝަނަށް ގެންނަން ބޭނުންވާ 157 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދޭނެކަމުގެ ޔަގީންކަމެއް ނެތްް
28 ނޮވެމްބަރު 2022
1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ލޯނެއް ނުދައްކައިގެން ވިއްކާލަން އިއުލާންކުރުމުން ފިޝަރީޒް މިނިސްޓްރީން ގަތުމަށް ފަހު ތަރައްގީކުރަން މިފްކޯއާ ހަވާލުކުރަން ނިންމާފައިވާ ތ. ފުނައްޑޫ މަސް ޕްރޮސެސިން ފެކްޓްރީ ތަރައްގީކުރަން ފައިސާ ހަމަނުޖެހި، އެ މަޝްރޫއާ މެދު ބޮޑެތި އޮޅުންތަކެއް އަރައިފި އެވެ.

މައްސަލައިގެ ފެށުން - ފުނައްޑޫ ވިއްކާލަން ބީއެމްއެލްއިން އިއުލާން ކުރީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ހިއްސާވާ ކުންފުންޏަކުން ނެގި ލޯނަކަށް ފައިސާ ނުދައްކައިގެންނެވެ. ފުނައްޑޫ ސަރުކާރަށް ގަނެ، މިފްކޯއާ ހަވާލުކުރަން ނިންމި އިރު، އެ ރަށް ވަރަށް ބޮޑަށް ހަލާކުވެފައި ވުމުން، އެ ރަށުގެ އޮޕަރޭޝަން ފަށަން 10.2 މިލިއަން ޑޮލަރު (157.3 މިލިއަން ރުފިޔާ) މިފްކޯއަށް ހޯދަން މަސައްކަތް ކުރާ ކަމަށް ފިޝަރީޒް މިނިސްޓްރީއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ވީ ކިހިނެއް؟ - އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލަން ފަށާފައި ވާއިރު، އެކަމާ ގުޅިގެން މައުލޫމާތު ސާފުކުރަން މިފްކޯއަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ ކުންފުނިން ކޮމިޓީއަށް ފޮނުވި ޖަވާބުގައި ބުނެފައި ވަނީ، ފުނައްޑޫ ގަތުމުގެ މުއާމަލާތް އަދި މުޅިން ނިމިފައި ނުވާ ކަމަށެވެ. މީގެ އިތުރަށް، އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިގެން ނޫނީ މަޝްރޫއު ފެށެން ނެތް ކަމަށް ވެސް އެ ސިޓީގައި މިފްކޯ އިން ބުނެފައިވެ އެވެ.

އެ ސިޓީގައި މިފްކޯ އިން ފާހަގަކުރި ކަންކަމަކީ:

  • ފުނައްޑުއަކީ އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާ ރަށަކަށް ވާތީ، އެ ރަށުގެ ލީސް ރައިޓްސް ނޫނީ މިލްކުވެރިކަން މިނިސްޓްރީން އަދި މިފްކޯއާ ހަވާލެއް ނުކުރޭ

  • ފުނައްޑޫގެ އޮޕަރޭޝަންތައް ފެށުމަށް 236.04 މިލިއަން ރުފިޔާ ބޭނުންވި ނަމަވެސް، އެ ވަރުގެ ބޮޑު އަދަދެއްގެ ފައިސާ ހޯދޭނެ ކެޕޭސިޓީއެއް ނެތް

  • ފުނައްޑޫ ބަނދަރު ހަދަން 145.9 މިލިއަން ރުފިޔާ ބޭނުންވޭ؛ ބަނދަރު ޕީއެސްއައިޕީ ބަޖެޓްގެ ތެރެއިން ހަދައިދިނުމަށް ވަނީ އެދިފައި 

  • ސަރުކާރުން ފައިސާ ހަމަޖައްސައިދިނުމުން އެ މަޝްރޫއު ފަށަން މިފްކޯ ތައްޔާރު

ތަފްސީލް - އެ މައްސަލަ ދިރާސާކުރަން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ މިފްކޯ އިން ފޮނުވި ސިޓީގައިވާ ވާހަކަތަކާއި ފިޝަރީޒް މިނިސްޓްރީން ދިން މައުލޫމާތާ ދިމާނުވާ މައްސަލަ އެވެ. އެގޮތުން، ފިޝަރީޒް މިނިސްޓްރީން ކޮމިޓީއަށް މައުލޫމާތު ދީފައި ވަނީ: 

  • ފުނައްޑޫ މިހާރު މިފްކޯއާ ހަވާލުކޮށްފައިވާ ކަމަށް އަދި ކުރަމުން ދަނީ ފައިނޭންސް ހޯދުމުގެ މަސައްކަތް ކަމަށް

  • އެ ރަށް އޮޕަރޭޝަނަށް ގެންނަން ބޭނުންވަނީ 157.3 މިލިއަން ރުފިޔާ ކަމަށް މިނިސްޓްރީން އަންދާޒާ ކުރި ނަމަވެސް މިފްކޯ އިން ބުނާ އަދަދު އެއަށް ވުރެ ބޮޑު

  • ޖޫންއަށް ފައިސާ ހަމަޖެހޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އެ ފައިސާ ހަމަޖެހޭނެ ދުވަހެއް މިހާރު ނޭނގޭ

ބުނީ ކީކޭ؟ - އެސްއޯއީ ކޮމިޓީގެ މެންބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ ފިޝަރީޒް މިނިސްޓްރީން ފޮނުވި ސިޓީ އާއި މިފްކޯ އިން ދިން ޖަވާބުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން، އެ މަޝްރޫއު ހިންގަން ކުރަން ޖެހޭ ހަރަދުގެ އަންދާޒާ ވެސް ތަފާތު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ފުނައްޑޫ ކުރިން ގެންގުޅުނު، ރާއްޖޭން ސިންގަޕޫރަށް މިހާރު ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ތަސްމީން އަލީގެ ކޮއްކޮ ނާޝިޒު އެދިވަޑައިގަތީ އިތުރު މައުލޫމާތު ދެ ފަރާތުން ވެސް ސާފުކުރުމަށެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ، މިފްކޯއަށް ނުއުފުލޭ ވަރުގެ ބުރައެއް ސަރުކާރުން އެ ކުންފުންޏާ މަތިކޮށްފައި ވާތީ، އެކަމަކީ އެ ކުންފުނީގެ ބޯޑުން ނިންމައިގެން ކުރި ކަމެއްތޯ ސުވާލު އުފައްދަވައިފަ އެވެ. އޭނާ ވިދާޅުވީ އެ ރަށް ވެސް މިފްކޯއާ އަދި ހަވާލުނުކުރާއިރު އެ ރަށުގެ މިލްކުވެރިކަން ވެސް އޮތީ މުޅިން ސާފުނުވެ ކަމަށެވެ. އަދި މި މަޝްރޫއަކީ މިފްކޯ އިން ބައެއްގެ ދަރަނި ދައްކައިދިނުމުގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"ކޮން ބައެއްގެ ދަރަންޏެއްތޯ ސަރުކާރުން މި ދައްކައިދޭން މި އުޅެނީ. އަދި ރަށް ވެސް ހަވާލުކުރެވުނީ ވެސް ނޫން. އެހެން ވީމާ މި މަޝްރޫއުގައި ވަރަށް ބޮޑަށް އޮޅުން ބޮޅުންތަކެއް އެބަ އުޅޭ. ދެ ފަރާތުން ދައްކާ ވާހަކައިގައި ވެސް ތަފާތުތައް އެބަހުރި،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

އެނގުން މުހިންމު - މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ކޮމިޓީން ނިންމީ އެ މަޝްރޫއާ ގުޅޭ ގޮތުން މިފްކޯ އާއި ފިޝަރީޒް މިނިސްޓްރީން އިތުރު މައުލޫމާތު ސާފުކުރުމަށް ފަހު މައްސަލަ އިތުރަށް ދިރާސާ ކުރާށެވެ.

ކޮމެންޓް (1)

ކިއްލި

28 ނޮވެމްބަރު 2022
މީހުން ތިބެނީ ހަމައެއް ލަމައެއް ނެތިފައި. ދެން އޮންނާނި ކޮންމެ ކަމެއް ވެސް އޮޅުން ބޮޅުންވެ ބޮއްސުންލާފައި
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް