ޝައިހު މުހަންމަދު ބިން ޒައިދު: އެ މަނިކުފާނަކީ މުޅި ދުނިޔޭގައި ވެސް ނުފޫޒު ގަދަ ލީޑަރެއް. (ފޮޓޯ/ ރޮއިޓާސް)

ޔޫއޭއީ

ޔޫއޭއީގެ ރައީސަކަށް ޝައިހު މުހަންމަދު ބިން ޒައިދު ހޮވައިފި

އިއްޔެ އަވަހާރަވި ރައީސް އަދި ޝައިހު މުހަންމަދުގެ އެއްބަފާ ބޭބެ، ހަލީފާ ބިން ޒައިދު އަލް ނަހުޔާން އާލަސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، ޔޫއޭއީ ހިންގަވުން އައީ ޝައިހު މުހަންމަދު

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް އަވަހާރަވިތާ އެއް ދުވަހުގެ ތެރޭގައި، އެ ގައުމު މިފަހުން ހިންގަވަމުން ގެންދެވި ވަލީއަހުދު ޝައިހު މުހަންމަދު ބިން ޒައިދު އަލް ނަހުޔާން ރައީސް ކަމަށް މިއަދު އިންތިހާބުކޮށްފި އެވެ.

ޝައިހު މުހަންމަދު އެ މަގާމަށް އިންތިހާބު ކުރީ ފެޑެރަލް ސުޕްރީމް ކައުންސިލުންނެވެ. ކުރީގެ ރައީސް އަދި ޝައިހު މުހަންމަދުގެ އެއްބަފާ ބޭބެ، ހަލީފާ ބިން ޒައިދު އަލް ނަހުޔާން އާލަސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، ޔޫއޭއީ ހިންގަވުން އައީ ޝައިހު މުހަންމަދެވެ.

ޔޫއޭއީގެ ހަތް އެމިރޭޓުގެ ވެރިން ހިމެނިވަޑައިގަންނަވާ ފެޑެރަލް ކައުންސިލްގެ ބައްދަލުވުމަކުން ނިންމީ ޔޫއޭއީގެ އާ ރައީސަކީ ޝައިހު މުހަންމަދު ކަމަށެވެ. ޝައިހު ހަލީފާ އިއްޔެ އަވަހާރަވީ އުމުރުން 73 އަހަރުގަ އެވެ.

ޔޫއޭއީގެ ދައުލަތުގެ ނިއުސް އެޖެންސީ، ޑަބްލިޔުއޭއެމްއާ ހަވާލާދީ އަލް-ޖަޒީރާއިން މިއަދު ބުނީ ޔޫއޭއީގެ ކައުންސިލުން އެ މަނިކުފާނަށް ތާއީދު ކުރެއްވީތީ އެ ބޭފުޅުންނަށް ޝައިހު މުހަންމަދު ޝުކުރު އަދާކުރެއްވި ކަމަށެވެ.

މުހަންމަދު ރައީސް ކަމަށް އިންތިހާބު ކުރީ ޔޫއޭއީގެ ހަތް އެމިރޭޓުގެ ވެރިންގެ އިއްތިފާގުންނެވެ. އޭގެ ތެރޭގައި ދުބާއީގެ ވެރިޔާ ވެސް ހިމެނެ އެވެ.

ޝައިހު މުހަންމަދަކީ ދުނިޔޭގައި ވެސް ނަން ހިނގާ ވަރުގަދަ ލީޑަރެވެ. އެ މަނިކުފާނު ތައުލީމް ހާސިލު ކުރެއްވީ އިނގިރޭސި ރޯޔަލް މިލިޓަރީ އެކަޑަމީއަކުންނެވެ. އަދި އެ މަނިކުފާނު އަމުރު މައުރޫފު ހިންގަވާ އަސްކަރިއްޔާއަކީ މުޅި މެދުއިރުމަތީގައި ވެސް އެންމެ ޒަމާނީ ހަތިޔާރުން މުއްސަނދި އަސްކަރިއްޔާ އެވެ.

ފަރުދާގެ ފުރަގަހުގައި ހުންނަވައިގެން ހަގީގަތުގައި ޔޫއޭއީ ހިންގަވަމުން އައި ޝައިހު މުހަންމަދު، 61، ވަނީ ޔޫއޭއީއަކީ ހައި ޓެކް އަސްކަރިއްޔާއެއްގެ ގައުމަކަށް ހައްދަވައިފަ އެވެ. އަދި ބައިނަލްއަގުވާމީ ދުނިޔެ ބަލައިގަންނަ ތަނަކަށް ޔޫއޭއީ ހައްދަވައިފަ އެވެ.

ޝައިހު މުހަންމަދު ޔޫއޭއީ ހިންގަވަން ފެއްޓެވީ އެ މަނިކުފާނުގެ ބޭބެ، ޝައިހު ހަލީފާއަށް 2014ގައި ސްޓްރޯކެއް ޖެހުމާ ގުޅިގެންނެވެ. މަޑުމައިތިރިކަމާ އެކު މުހަންމަދު ހުންނަވައިގެން، ޔޫއޭއީއިން ވަނީ މީހަކު ޖައްވަށް ފޮނުވައިފަ އެވެ. އަދި އެ ގައުމުން ވަނީ ފުރަތަމަ ނިއުލިއާ ރިއެކްޓަރު ވެސް ހުޅުވައިފަ އެވެ.

ކޮމެންޓް (1)

މުހައްމަދު

14 މޭ 2022
މަރުހަބާ މުހައްމަދު، ވަރަށް އުފާ ވެއްޖެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް