Majlis 2024

މާޒިޔާގެ ހަމްޒާ (މ) އާއި އެހެން ކުޅުންތެރިން ގޯލް ޖެހުމަށް ފަހު އުފާފާޅުކުރަނީ: އޭނާ ހަތަރު ގޯލް ޖެހި. (ފޮޓޯ/މާޒިޔާ)

މާޒިޔާ އަތުން 13-0 އިން ބަލިވެ ވެލެންސިއާގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓިއްޖެ

މިއީ ރާއްޖޭގެ މަތީ ފަންތީގެ ކްލަބެއް މިހާތަނަށް އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ އަތުން 13-0 އިން ބަލިވެ ވެލެންސިއާގެ ކާމިޔާބު ތާރީހުގައި ކަޅު ލައްގަނޑެއް ޖެހިއްޖެ އެވެ.

މިއީ ރާއްޖޭގެ މަތީ ފަންތީގެ ކްލަބެއް މިހާތަނަށް އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ. އެކަމަކު މާޒިޔާ އިން ފުރަތަމަ ޑިވިޝަނުގެ މެޗެއްގައި މިއަށް ވުރެ ބޮޑު ތަފާތެއް މީގެ ކުރިން ނެރެފައިވެ އެވެ.

ދިވެހި ފުޓްބޯޅައިގެ ރަން ޒަމާނުގެ ގަދަބާރުތަކުގެ ތެރެއިން، މިވަގުތު މަތީ ފަޑީގައި އޮތް ހަމައެކަނި ކްލަބް ކޮޅަށް މިރޭ ވަން ލަނޑުގެ އަދަދުން އެ ކްލަބުގެ މިވަގުތުގެ ހާލަތު ވަޒަންކުރެވެ އެވެ.

މިދިޔަ ހަފުތާގައި އެ ޓީމުގެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީއަށް އެރީ ފައިސާ ނެތިގެން، އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން ދެވެން ނެތުމުންނެވެ. އެ ކްލަބް އިތުރަށް ލަދުގަންނަން ޖެހުނީ، ސްޕޯޓްސް މިނިސްޓްރީން ފައިސާ ދޭން ބެލިއިރު ބޭންކް އެކައުންޓެއް ވެސް ނެތުމުންނެވެ.

މުސާރަ ނުދޭތީ ގޯލްކީޕަރު މުހައްމަދު ފައިސަލް ވެސް ވަނީ ކްލަބާ ދުރަށް ގޮސްފަ އެވެ. ބިދޭސީ ކުޅުންތެރިން ވެސް ކުޅެން މުޅިން ގަބޫލެއް ނޫނެވެ. އެކަމަކު މިރޭ އެ ކުޅުންތެރިން ކުޅުނެވެ.

މިރޭގެ ނަތީޖާއަކީ މާލީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރޭ އޮތް ވެލެންސިއާގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުމެވެ.

އަނެއްކޮޅުން މި މޮޅަކީ، މިހާރު ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ކްލަބް ކަމަށްވާ މާޒިޔާގެ ފެންވަރު ވަޒަންކޮށްދޭ ކާމިޔާބެކެވެ. މި މެޗު އެ ޓީމުގެ ތާރީހުގެ ތެރެއިން ވަރަށް ހާއްސަ ޖާގައެއް ހޯދާނެ އެވެ.

މި މޮޅާ އެކު އެ ޓީމު ވަނީ 24 ޕޮއިންޓް ހަމަކޮށް ތާވަލުގެ އެއް ވަނަ އަށް އަރައިފަ އެވެ. ތާވަލުގެ ދެ ވަނައިގައި އޮތީ 22 ޕޮއިންޓާ އެކު ކްލަބް އީގަލްސް އެވެ. ވެލެންސިއާ އޮތީ 13 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.

މި މެޗުގައި މާޒިޔާގެ ތަރިއަކަށްވީ ހަތަރު ގޯލް ޖެހި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އެ ޓީމުގެ ޒުވާން އަނެއް ފޯވާޑް ނާއިޒް ހަސަން (ދާދު) ތިން ގޯލް ޖަހައި ހެޓްރިކެއް ހެދި އެވެ. ކޮނޭލިއަސް ސްޓެވާޓް އާއި ޕެޑްރޯ، ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖެހިއިރު، އިބްރާހިމް އައިސަމް އެއް ގޯލް ޖެހި އެވެ. އަނެއް ގޯލަކީ ވެލެންސިއާގެ ސަމްދޫހު މުހައްމަދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް