9 ނޮވެމްބަރު 2022 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަނދައި ހުލިވި މ. ނިރުފެހިގެ ތަޅާލުމަށްފަހު އެއްކޮށް ސާފުކޮށްފައި. (ދައުރު ފޮޓޯ/ އަބްދުﷲ ރިޒާ)

އަލިފާނާއި ގުޅިގެން ހާލުގައި ޖެހުނު މީހުން ދާއިމީ ހިޔާތަކަށް ބަދަލުކޮށްފި

ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 33 ފަރާތަކަށް އެންޑީއެމްއޭ އިން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި

މ. ނިރުފެހި ގޭގައި ހުރި ގަރާޖެއްގައި ރޯވެގެން މި މަހުގެ 10ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)ގެ ވަގުތީ ބޯހިޔާވަހިކަމުގެ ދަށުގައި މިހާރު އެއްވެސް އާއިލާއެއް ނެތް ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 33 މީހަކަށް އެންޑީއެމްއޭ އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވެއެވެ. އެއީ 18 ދިވެހިންނާއި 15 ބިދޭސީންނެވެ.

މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އިން ބޯހިޔާވަހިކަން ފޯރުކޮށްދިން މީހުންގެ ތެރޭގައި ހިމެނެނީ އަނދާ ހުލިވި ނިރުފެހި ގޭގައި ދިރިއުޅެމުން ދިޔަ މީހުންނާއި އެ ގެއާ އިންވެގެން ހުރި ގެތަކުގައި ދިރިއުޅެމުން ދިޔަ ބައެއް މީހުންނެވެ.

ބުނީ ކީކޭ؟ - ހާދިސާއާއި ގުޅިގެން އެންޑީއެމްއޭއިން މިއަދު ޓްވީޓް ކުރި އަޕްޑޭޓްގައި ވާގޮތުން:

ނިރުފެހިގެ ހިމެނޭހެން ހަ ގޭބިސީއަކަށް ބޮޑެތި ގެއްލުން ލިބިފައިވޭ؛ އެއީ މ. ވާދީގެ ހަތަރު ގޭބިސީ އަދި މ. ސޭންޑް ރޯސް ގެ އެއް ގޭބިސީ

އޭގެ ތެރެއިން ފަސް ގޭބިސީއެއްގައި ކުއްޔަށް އުޅުނު އާއިލާތަކަށް އެހެން ތަނެއް ހިފުމަށްޓަކައި 15 ދުވަހުގެ މުއްދަތެއް ދީފައިވޭ؛ އެ މުއްދަތުގެ ތެރޭގައި ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމަށް ފައިސާ ހަމަޖައްސައިދިން

އެ އާއިލާތައް އެހެން ތަނެއް ކުއްޔަށް ހިފުމަށް ދެ މަހުގެ އެޑްވާންސާއި އެއް މަހުގެ ކުލީގެ ފައިސާ ހަމަޖައްސައި ދިން

ނިރުފެހި ގޭގައި ދިރިއުޅުނު ބިދޭސީންގެ ތެރެއިން ނުވަ ފަރާތެއްގެ ދިރިއުޅުން އާންމު ހާލަތަކަށް ބަދަލުވުމަށް ދޭން ޖެހޭ އެހީތެރިކަން ދިވެހި ރެޑް ކްރެސެންޓްގެ އެހީއާއެކު ދަނީ ފޯރުކޮށްދެމުން

އެންޑީއެމްއޭ އިން އިތުރަށް ބުނިގޮތުގައި އަލިފާނުގެ ހާދިސާގައި އަސަރު ކޮށްފައިވާ ގޭގެއަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ އެހީތެރިކަމާއެކު މިހާރު ވަނީ ނިންމާލެވިފަ އެވެ.

"މި ވަގުތު ކުރިއަށްދަނީ ގެއްލުންތަކުގެ އަގުމަގު ކުރުމާއި އެސެސްމެންޓް ރިޕޯޓުތައް ތައްޔާރު ކުރުމުގެ މަސައްކަތް،" އެންޑީއެމްއޭއިން ބުންޏެވެ.

އެނގުން މުހިއްމު - މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާގައި ނިރުފެހި ގޭގައި އުޅުނު މީހުންގެ ތެރެއިން 10 ބިދޭސީއަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝްގެ ދެ ރައްޔިތެކެވެ. އެ ހާދިސާގައި އަނިޔާވި ބިދޭސީ ފިރިހެނަކަށް އައިސީޔުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފަ އެވެ.

ކޮމެންޓް

Placeholder

ނިރުފެހި އަލިފާނުގެ ހާދިސާ

ނިރުފެހި އަލިފާނުގެ ހާދިސާ