ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން

ޔޯގާ ހަމަނުޖެހުން: ހައި ކޯޓުން ނިންމީ 60 ދުވަހަށް ބަންދުކުރީ ރަނގަޅަށް ކަމަށް

އެގޮތަށް ނިންމީ އެ ހަމަނުޖެހުމާ ގުޅިގެން 60 ދުވަހަށް ބަންދު ކުރި މުހައްމަދު ހުސެއިންގެ މައްސަލައިގައި
31 ޖުލައި 2022

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ވަދެގަނެ، ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރި މީހަކު 60 ދުވަހަށް ބަންދު ކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މައްސަލައިގެ ފެށުން - ގަލޮޅު ދަނޑަށް ވަދެ، ހަމަނުޖެހުން ހިންގައި އެ ތަނުގައި ތިބި މީހުންނަށް އިންޒާރު ދީ، ތަކެއްޗަށް ގެއްލުން ދިން މައްސަލައިގައި ދީނީ އިލްމުވެރިންތަކަކާ އެކު 21 މީހުން މީގެ ކުރިން ހައްޔަރުކޮށްފައިވެ އެވެ. އަދި އޭގެ ތެރޭގައި، މުހައްމަދު ހުސެއިން، ގްރީންހައުސް، ހއ. ތުރާކުނު ހިމެނެ އެވެ. ހަމަނުޖެހުމުގެ ތެރެއިން ހައްޔަރު ކުރި މުހައްމަދު ހުސެއިން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ޖެހީ 60 ދުވަހެވެ. 

  • މުހައްމަދު ހުސެއިން ބަންދު ކުރީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގައިވާ ކުށްތަކެއްގެ ތުހުމަތުކޮށް އެ ގާނޫނޫގެ ދަށުން

  • ޝަރީއަތް ނިމެންދެން ބަންދު ނުކޮށް، ކުށެއްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހަކު އެހާ ދިގު މުއްދަތަކަށް އާންމުކޮށް ބަންދެއް ނުކުރޭ

އެ ބަންދު އަމުރު އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށް ބުނީ، އޭނާ ބަންދު ކުރަން ނިންމީ ގޯސްކޮށް ކަމަށާއި 60 ދުވަހަށް ބަންދު ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. 

ވީ ކިހިނެއް؟ - ހައި ކޯޓުން ބެލި އެ މައްސަލައިގައި ބަންދުގެ މުއްދަތާ މެދު ފަނޑިޔާރުންގެ މެދުގައި ހިޔާލު ތަފާތުވި އެވެ. އެގޮތުން އަގުލަބިއްޔަތު ލިބުނީ ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ ރައުޔަށެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މާއްދާއެއް މާނަކޮށް ނިންމާފައިވާ ނިންމުމެއްގައި، ގާނޫނުގައި ޝަރީއަތް ނިމެންދެން ބަންދު ކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮތަސް އެ ނޫން ވަކި މުއްދަތެއް ފަނޑިޔާރަށް ޖެހޭނެ ކަމަށް ނިންމާފައި އޮތުމުން އޭނާއަށް ފެނިވަޑައިގަތީ މި މައްސަލައިގައި ވެސް 60 ދުވަސް ޖެހޭނެ ކަމަށެވެ. ހުޒެއިފާގެ ރައުޔަށް ފަނޑިޔާރު ހުސެއިން ޝަހީދު ތާއީދު ކުރެއްވި އެވެ.

ރިޔާސަތު ބެލެހެއްޓެވި އިސް ފަނޑިޔާރު ހާތިފް ހިލްމީ ދެކެވަޑައިގަންނަވާ ގޮތުގައި ސުޕްރީމް ކޯޓުގެ އެ ނިންމުން މި މައްސަލައަށް ތަތުބީގެއް ނުކުރެވޭނެ އެވެ. އަދި އޭނާއަށް ފެނިވަޑައިގަތީ ބަންދު ކުރެވޭނީ ތޫނު ހަތިޔާރާއި ބިރުދެއްކުން މަނާ ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ތަހުގީގު ނިމެންދެން ނުވަތަ ޝަރީއަތް ނިމެންދެނެވެ.

އެނގުން މުހިންމު - ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި ބައެއް މީހުން 60 ދުވަހަށް ބަންދު ކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ބައެއް ގާނޫނީ ވަކީލުން ދެކެ އެވެ. އެކަމަކު، ހައި ކޯޓުގެ މި ނިންމުމާއެކު، މި މައްސަލައާ އެއްގޮތަށް 60 ދުވަހަށް ބަންދު ކުރި އެންމެންގެ ބަންދު ޖެހީ ރަނގަޅަށް ކަމަށް ކަނޑައެޅިގެންދާނެ އެވެ.

ހައި ކޯޓުން އެ މައްސަލަ ބަލައި މިއަދު ކުރި ހުކުމުގައި ވަނީ، މުހައްމަދު ހުސެއިންގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ކުރި ބައެއް ތުހުމަތުތައް ކުރެވޭނެ ކަމަށެވެ. އަދި އޭނާ ބަންދު ކުރަން އަމުރު ކުރީ ރަނގަޅަށް ކަމަށް ވެސް ނިންމާފައިވެ އެވެ.

ހެއްކަށް ބަލައި ހައި ކޯޓުން ނިންމީ އޭނާ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުން ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުން ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމުގެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުން ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުން ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމުގެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް