އުމުރާ އެކަށީގެންވާ ކޮންޓެންޓުން ބޭރުވާ ނަމަ ގޯނާ އަށް ހުށަހެޅޭ

ކުދިން އޮންލައިންކޮށް ހޭދަކުރާ ވަގުތުތަކުގައި ގޯނާއަށް ހުށަހެޅޭ

އުމުރާ އެކަށީގެން ނުވާ ގޭމްތަކާއި ކޮންޓެންޓުން ކުދިންނަށް ނޭދެވޭ އަަސަރު ކުރޭ

ދިރާސީ އަހަރު ނިމި، ބޯމަތިވެފައި މި އޮތީ މި އަހަރުގެ ބޮޑު ޗުއްޓީ އެވެ. ސްކޫލް ބަންދުވެގެން ލިބޭ ހުސް ވަގުތުތަކުގައި ދަރިން އޮންލައިންކޮށް ވަގުތު ހޭދަ ކުރުމާ މެދު ސަމާލުވާންވީ ކަންކަން އެބަހުއްޓެވެ.

ސްކްރީން ބަލަން ދަރިން މަޑުމަޑުން ތިބުމުން ބެެލެނިވެރިންނަށް ހީވެފައި އޮންނަނީ ދަރިން ތިބީ ރައްކާތެރިކޮށް ކަމުގަ އެވެ. ދަރިން ބަލަނީ ކޯއްޗެއް ކަމެއް ނޭނގެ އެވެ.

ނަމަވެސް އޮންލައިންކޮށް ފެންނަ ވީޑިއޯތަކުގެ ސަބަބުން ކުދިން ބިރުގަތުން އެކަށީގެންވެ އެވެ. އަދި ވީޑިއޯތަކުން ފެންނަ މަންޒަރުތަކުގެ ސަބަބުން ކުދިންނަށް ދާއިމީ ނަފްސާނީ ގެއްލުންތަކެއް ލިބުން ވެސް އެއީ އެކަށީގެންވާ ކަމެކެވެ.

 އިނގިރޭސިވިލާތުގައި 180 ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރަކު ބުނެފައިވާ ގޮތުގައި އުމުރާ އެކަށީގެން ނުވާ ގޭމްތައް ކުދިން ކުޅުމުގެ ސަބަބުން ބައެއް ފަހަރު ކުދިންނަށް ނިދަން އުނދަގޫވެ، ބޭސް ދީގެން ނިންދަވަން ޖެހޭ ހާލަތަކަށް ވަނީ ގޮސްފަ އެވެ. އެކަމާ މެދު ކަންބޮޑުވާން ޖެހޭކަން ފާހަގަކޮށް، އޭނާ އިތުރަށް ބުނެފައިވަނީ ބައެއް ކުދިން ސްކޫލަށް އަންނަ އިރު ފިލާވަޅުތަކަށް ދޭންވާ ސަމާލުކަން ކުޑަ ކަމަށެވެ. ސަބަބަކީ ކުދިން ފޯނާއި ޓެބްލެޓް ފަދަ ޑިވައިސްތަކާ ކުޅުމަށް ހޭލާ ތިބުމެވެ.

މިފަހުން އިނގިރޭސިވިލާތުގައި ކުދިންގެ މެދުގައި އެންމެ ގިނަ އިރު ވަންދެން ނުނިދާ ހުރެވެނީ ކާކަށްތޯ ބެލުމަށް ވަޓްސްއެޕް ގުރޫޕްތަކުގައި މެސެޖު ކުރުމުގެ ފޯރިއެއް ވެސް އޮތެވެ. މޮޅުވާ ކުއްޖަކު ބަލަނީ ފަތިހު 4 ޖަހާއިރު މެސެޖެއް ފޮނުވުމުންނެވެ.

ކުދިން އިންޓަނެޓް ބޭނުން ކުރުމުގައި ބަލަންވީ އުމުރާ އެކަށީގެންވާ ކޮންޓެންޓްތޯ

އުމުރާ ނުގުޅޭ ކޮންޓެންޓް ބެލުމާއި ނުނިދާ ސްކްރީން ބެލުމުގައި ވަގުތު ހޭދަކުރުމުގެ އިތުރުން ކުދިންނަށް ދެން އެންމެ ބޮޑަށް އޮތް ބިރަކީ ކުޑަކުދިންނަށް ގޯނާ ކުރާ މީހެއްގެ ޝިކާރައަކަށް ވުމެވެ.

އޮންލައިންކޮށް ކުދިންނަށް ކުރާ ގޯނާ ތަހުގީގް ކުރުމުގެ މަސައްކަތް ކުރާ ރޭޗަލް އޯކޮނާ ބުނެފައިވާ ގޮތުގައި ކުދިންނަށް ގޯނާ ކުރާ މީހުން އެންމެ ބޮޑަށް ޓާގެޓް ކުރަނީ އެކުވެރިން މަދު ކުދިންނަށެވެ.

ދަރިން ވަންނަ ވެބްސައިޓުތަކަކީ ނުވަތަ ބޭނުންކުރާ އެޕްލިކޭޝަންތަކަކީ ކޮބާކަމެއް ބައެއް ބެލެނިވެރިންނަކަށް ނޭނގެ އެވެ. އަދި ބައެއް ބެލެނިވެރިންނަށް ޑިޖިޓަލްކޮށް ބެލެނިވެރިކަން ކުރާކަށް ނޭނގެ އެވެ. ކުދިންނަށް ގޯނާ ކުރާ މީހުންގެ ޓާގެޓަކަށް އެފަދަ ކުދިން ވެގެންދިޔުން ވަރަށް ފަސޭހަ އެވެ. އުމުރާ އެކަށީގެން ނުވާ ވެބްސައިޓެއް ބަލަން އުޅުމުގެ ތެރެއިން ވެސް އެފަދަ މީހެއްގެ ޓާގެޓަކަށް ވެދާނެ އެވެ. އެހެންކަމުން ވަންނަނީ ކޮންކަހަލަ ވެބްސައިޓުތަކަކަށްތޯ އަދި އުމުރާ ނުގުޅޭ ވެބްސައިޓުތަކަށް ވަދޭތޯ ބަލަންވާނެ އެވެ.

ވެބްސައިޓުތަކަށް ލޮގިން ކުރާ އިރު ކުދިންނާ ގުޅޭ ޒާތީ މައުލޫމާތެެއް ހާމަކުރަން ނުޖެހޭ ގޮތަށް 'ޒީރޯ ޑޭޓާ'ގެ އުސޫލު ގެންގުޅުން މުހިއްމުކަން ރޭޗަލް ފާހަގަ ކުރެ އެވެ.

ކުއްޖަކު ސްކްރީން ބަލަނީ

އިނގިރޭސިވިލާތުގެ ސްކޫލްތަކުގައި ބެލެނިވެރިންނަށް ދަނީ ކުދިން އޮންލައިންކޮށް ހޭދަ ކުރާ ވަގުތަކީ ރައްކާތެރި ވަގުތުތައް ކަމަށް ހެދުމަށް ވޯކްޝޮޕްތައް ބާއްވަމުންނެވެ. ސޭފްޓީ އެޕްސް އަދި ޕޭރެންޓަލް ކޮންޓްރޯލް ހެދުމަށް ބެލެެނިވެރިންނަށް މި ވޯކްޝޮޕްތަކުން ދަސްކޮށްދެ އެވެ.

މިފަދަ ބައްދަލުވުންތަކަށް ބެލެނިވެރިންގެ ފަރާތުން ދޭންވާ އެއްބާރުލުން އަދި ނުލިބޭ ކަމުގައި ސްކޫލްތަކުން ފާހަގަ ކުރެ އެވެ. ނަމަވެސް އޮންލައިންކޮށް ހޭދަ ކުރާ ވަގުތަކީ ރައްކާތެރި ވަގުތެއް ކަމަށް ހެދުމަށް، ކުއްޖާ ބޭނުން ކުރާ ޑިވައިސްތަކުގައި ސޭފްޓީ އެޕްސް މުހިއްމު ކަމުގައި ސްކޫލް ޓީޗަރު ފާހަގަ ކުރި އެވެ.

އިނގިރޭސިވިލާތުގައި 2019 ވަނަ އަހަރު އެކުލަވާލި ރިޕޯޓެއްގައި ބުނާގޮތުން އުމުރުން 12 އަދި 15 އަހަރުގެ ކުދިން ހަފްތާއަކު 20 ގަޑި އިރު އޮންލައިން ގޭމް ކުޅުމުގައި ހޭދަ ކުރެ އެވެ. ރެގިއުލޭޓަރު، އޮފްކޮމް އިން ބުނެފައިވާ ގޮތުގައި  ކުދިންގެ އޮންލައިން ތަޖުރިބާއަށް ބަލާއިރު %79 ކުދިން އެއް ފަހަރު ނަމަވެސް އޮންލައިންކޮށް ގޯނާ އާއި ނުރައްކަލަށް ހުށަހެޅިފައިވެ އެވެ.

އިނގިރޭސި ޕާލިމަންޓުން މިހާރު ދަނީ އޮންލައިން ސޭފްޓީ ބިލެއްގެ މަަސައްކަތް ކުރަމުން އެވެ. މީގައި، ކުދިން އޮންލައިންކޮށް ހޭދަ ކުރާ ވަގުތު ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އެކުލެވިގެންވެ އެވެ. މިގޮތުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭން އޮތީ އުމުރާ އެކަށީގެން ނުވާ ކޮންޓެންޓުން ކުދިން ރައްކާތެރި ކުރުމަށެވެ.

އިނގިރޭސިވިލާތުގެ ޓެކްނޮލޮޖީ އަދި ޑިޖިޓަލް އިކޮނޮމީ މިނިސްޓަރު ކްރިސް ފިލިޕް ބީބީސީއަށް ވިދާޅުވިގޮތުގައި އޮންލައިން ޕްލެޓްފޯމްތައް ހިންގާ ފަރާތްތަކަށް މުސްތަގުބަލުގައި އޮންނާނީ ހަރުކަށި މާހައުލެކެވެ.

"އޮންލައިން ހިދުމަތްތައް ކުދިން ބޭނުން ކުރާއިރު ކުދިންނަށް ގެއްލުންވާ ކަހަލަ ކޮންޓެންޓް އަދި އުމުރާ އެކަށީގެން ނުވާ ކޮންޓެންޓުން ރައްކާތެރިކުރަން ޖެހޭނެ. އަދި ބޮޑެތި މީހުންނަށް ހާއްސަ ކުރާ ވެބްސައިޓުތަކަށް ހަގު އުމުރުގެ ކުދިންނަށް ވަދެވޭ ގޮތަށް ހުރެގެން ނުވާނެ،" ފިލިޕް ވިދާޅުވި އެވެ.

ކުދިންނަށް އޮންލައިންކޮށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް ސްކޫލްތަކާއި ބެލެނިވެރިން ކުރާ މަސައްކަތަށް ސަރުކާރުގެ ފަރާތުން ފުރިހަމަ ސަޕޯޓް ލިބޭނެ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން ކަނޑައަޅާ އުސޫލްތަކާ ހިލާފަށް ހިދުމަތް ދޭ ވެބްސައިޓުތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ބްލޮކް ކުރާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް