ޑިޓިއުން ގައުމީ އިނާމާ އެކު: މިއީ އެކުވެރިކަމުގެ ނަމޫނާ ބޭންޑެއް (ފޮޓޯ/ރައީސް އޮފީސް)

މިއުޒިކް

ޑިޓިއުން އެންމެ އުހަށް، އޭގެ ފަހަތުގައި ތަފާތު އެތައް ސަބަބެއް

ގައުމީ އިނާމު ލިބުނު ފުރަތަމަ މިޔުޒިކް ބޭންޑަށް ޑިޓިއުން ވީ ފެށުނީއްސުރެ ގެންގުޅުނު އެއްބައިވަންތަކަމާ ހެދި
29 އޮކްޓޯބަރު 2022

މުހިންމު ނުކުތާތައް

ޑިޓިއުންގެ ޑިސިޕްލިން އާއި ޓީމްވޯކަކީ ކާމިޔާބީގެ ހާއްސަ ސިފަތަކެއް

އެތައް ލަވަޔަކުން ދިވެހިންނަށް ގެނެސްދިނީ އުއްމީދު، ހިތްވަރު، އުފާ

މިރޭ އޮންނަ ޗަނާޗާގައި ވެސް ބޭންޑުން އޯޑިއަންސްގެ ރޫހު ދިރުވައިދޭނެ

ޑިޓިއުން ބޭންޑުން މި އަހަރު ވަނީ ތާރީހީ ވަރަށް ޚާއްސަ ކާމިޔާބީއެއް ހޯދައިފަ އެވެ؛ މުނިފޫހިފިލުވުމުގެ ދާއިރާއިން ގައުމީ އިނާމު ލިބުނު ފުރަތަމަ ބޭންޑަށް ވުމެވެ. މީގެ ކުރިން އެ އިނާމު ލިބެނީ ވަކިވަކި ފަންނާނުންނަށެވެ. އެކަމަކު ބޭންޑްގެ ހުރިހާ ފަންނާނުން ހިމެނޭ ގޮތަށް ޑިޓިއުންއިން ހާސިލްކުރި ގައުމީ އިނާމާ އެކު އެ ބޭންޑްގެ ތަފާތުކަން އެބަ އެނގެ އެވެ. 

މި އިންޓަވިއުގައި ބޭންޑްގެ ފަރާތުން ބައިވެރިވީ ބޭންޑްގައި ހުރި ހަމައެކަނި އަންހެން މެންބަރު ފާތިމަތު ފެޒްލީން (ފެޒޫ) އެވެ. ބޭންޑްގައި އޭނާގެ އިތުރުން ހިމެނެނީ އަހުމަދު ފުރްގާނާއި އަލީ ޝާފިއު އާއި އަހުމަދު އާސިފް އަދި ހަސަން ފާތިހު އެވެ. 

ޑިޓިއުން ބޭންޑަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގައުމީ އިނާމު ދެއްވަނީ (ފޮޓޯ/ރައީސް އޮފީސް)

ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީ އޮންނަ ގޮތުން ފަންނާނުންނަށް ފުލްޓައިމްކޮށް މިއުޒިކް ކުޅުގެން ދިރިއުޅުން ދެކޮޅުޖައްސަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. ލަވަޔާއި މިއުޒިކް އުފެއްދުމުގެ އިތުރުން ޝޯތައް ދިނުމާއި ރިސޯޓްތަކުގައި ބުރަކޮށް އުޅެގެންނެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކަތާތްތެރިވާ ޑިޓިއުންގެ މަގްސަދަކީ ޓޫރިސްޓުން ހިތްހަމަޖައްސައިދީ އުފާކޮޮށްދިނުން ކަމުން ' ޖޭޒް، ބުލޫޒް، ރޮކް އަދި ހުރިހާ ޖޮންރާއެއްގެ މިއުޒިކް ވެސް އަންނަނީ ކުޅެމުންނެވެ. 

ފެޒްލީން ސިފަކުރި ގޮތުގައި ޑިޓިއުން ބޭންޑުން ހާސިލްކުރި ގައުމީ އިނާމަކީ އަދި ފެށުމެވެ. މި ފެށުމުގެ ސަބަބުން އެހެން ބޭންޑްތަކަށް އާ ދޮރެއް ހުޅުވިއްޖެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ޑިޓިއުން ބޭންޑް ޝޯއެއްގައި މިއުޒިކް ކުޅެނީ (ފޮޓޯ/ޑިޓިއުން ފޭސްބުކް)

ބޭންޑް ފެށުނީއްސުރެ އުއްމީދަކީ، އަދި ދެކެމުން އައި ހުވަފެނަކީ މޮޅު ބަޔަކަށް ވުމެވެ.

"އެވޯޑް ލިބުމާ އެކު އެކަން ބަލައިގަތްކަމުގެ އިހްސާސް ކުރެވުނީ. އިންޑަސްޓްރީ ވެސް ކުރިއަރައިގެން ތަރައްގީވެގެން އަންނާނެ ކަމުގެ އުއްމީދެއް ލިބުނު،" ފެޒްލީން ބުންޏެވެ. 

ޑިޓިއުންގެ އަމިއްލަ އުފެއްދުންތައް އަންނަނީ މިއުޒިކުގެ ހުރިހާ ޖޮންރާއެއްގެ ރަހަ ވެސް ހިމަނައި، އަމިއްލަ ތަޖުރިބާގެ ތެރެއިންނެވެ. އެ ލަވަތަކުން އަބަދުވެސް ލިބެނީ މުހިއްމު މެސެޖެކެވެ. އުއްމީދެކެވެ. އުފާވެރި ކިކެވެ. ޑިޓިއުންގެ ލަވަތަކުގެ ތެރެއިން އާއްމުން އެންމެ ބޮޑަށް ބަލައިގެންފައިވާ އެއް ލަވައަކީ އުފާވެރި އަދި މަޖާ އިހްސާސެއް ގެނެސްދޭ 'ނަށާލާ' އެވެ. ބޭންޑަށް އެންމެ ކަމުދާ މަސައްކަތެއްގެ ގޮތުގައި ފެޒްލީން ފާހަގަކުރީ 'ހިޔަމަ' އާއި 'އަޗީޗީ' އެވެ.

އެއްބައިވަންތަކަމުގެ ރީތި މިސާލެއް

ޑިޓިއުން އުފެއްދީ 2006 ގަ އެވެ. ބޭންޑްގެ އެކަކު އަނެކެއްގެ މެދުގައި އޮންނަ ޕްރޮފެޝެނަލް ގުޅުމުގެ އިތުރުން ރަހުމަތްތެރިކަމުގެ ގުޅުން ވެސް އެހާމެ ފުރިހަމަ އެވެ. ރީތި ދިވެހި ރާގުތަކެއް އުފެއްދުމުގައި 16 އަހަރު އެކުގައި، އެއްވެސް ބަދަލެއް ނައިސް މަސައްކަތްކުރީ އެއްބައެއްގެ ގޮތުގަ އެވެ.

ފެޒްލީން ބުނީ އެއީ އެކީގައި މަސައްކަތްކުރާ ބަޔަކަށް ވުރެ ބޮޑަށް އާއިލާއެކެވެ.

"އަހަރެމެންނަކީ ފެމިލީއެއް. ބޭންޑަކީ މަޖާ ބޭންޑެއް. ވަރަށް އެކަކު އަނެކަކާ ގުޅޭނެ، އަރައިރުންވާނެ، ތަޅާ ވެސް ފޮޅާނެ، އެކަމަކު ކޮމްޕްރޮމަައިޒް ކުރޭ،" އޭނާ ބުންޏެވެ.

ގައުމީ އިނާމު ދޭން އޮތް ޖަލްސާގައި ފެޒްލީން ވާހަކަ ދައްކަނީ (ފޮޓޯ ރައީސް އޮފީސް)

ފަސް މީހުންނަކީ ފަސް މިޒާޖުގެ ބަޔަކަށް ވިޔަސް އެކީގައި ގިނަ ދުވަހު މަސައްކަތް ކުރުމުން އެކަކު އަނެކަކު ވަނީ ދަސްވެފަ އެވެ. ބޭންޑެއްގެ ގޮތުގައި މިހާ ގިނަ ދުވަހަށް ދެމިއޮތުމުގެ ސިއްރަކީ ވެސް އެއީ އެވެ.

ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ގިނައީ އަމިއްލައަށް މިއުޒިކް ކުޅެން ދަސްކޮށްގެން އަދި ތަޖުރިބާ އިން މިއުޒިކް އުފައްދާ ފަންނާނުންނެވެ. މި ދާއިރާ އިން ކިޔަވައިގެން ކުރިއަށް ދާ ފަންނާނުން މަދެވެ. ޑިޓިއުން ބޭންޑް އެއާ ތަފާތެވެ.

އެ މެންބަރުން މި ދާއިރާއިން ކުރިއަށް ދާން އަޒުމް އޮތްލެއް ބޮޑުކަމުން ޕްރޮފެޝަނަލް ތަމްރީންތައް ވަނީ ފުރިހަމަކޮށްފަ އެވެ.  އޮންލައިންކޮށް ކިޔެވުން އާއްމު ނޫން ޒަމާނެއްގައި ބޭންޑްގެ އެއްމެން އެއްކޮށް، އެމީހަކު ކުރިއަށް ދާން ބޭނުންވާ ދާއިރާއިން، އޮންލައިންކޮށް ކިޔެވީ އެވެ. އެމެރިކާގެ ބާކްލީ ކޮލެޖުން ތަމްރީންތައް ހާސިލްކޮށް މިއުޒިކާއި ފަންނުވެރިކަމުން ހާއްސަވީ އެވެ.

ޑިޓިއުން ބޭންޑްގެ ނަށާލާ ލަވަ

ޕްރޮފެޝެނަލްކޮށް މިއުޒިކު ކިޔެވުމުގެ ހިޔާލު ބޭންޑަށް ލިބުނީ އެމީހުން ދިން ފުރަތަމަ ޕާފޯމަންސް އަމިއްލައަށް ބެލުމަށް ފަހު އެވެ.

ފުލްޓައިމްކޮށް މިޔުޒިކް ކުޅެމުން އޮންލައިންކޮށް ނަމަވެސް ކިޔެވުމަކީ ބުރަ މަސައްކަތެކެވެ. ހަފްތާއަކު ހަ ރޭ ރިސޯޓްތަކުގައި މިޔުޒިކް ކުޅެ ނިންމާލާފައި ދެން އެންމެން އެކީގައި އިށީންނަނީ އެސަައިންމެންޓްތައް ހަދާށެވެ. ހުރިހާ އެންމެން ވެސް ބޭސިކް ތިއަރީ ފުރިހަމަކޮށް، އެމީހަކު ހާއްސާވާ ދާއިރާއަކުން ކުރިއަށް ދިޔައީ އެވެ.

ޑިޓިއުން ބޭންޑް: ފެށުނީއްސުރެ ފެންނަނީ އެއް މޫނުތަކެއް (ފޮޓޯ/ ޑިޓިއުން ފޭސްބުކް)

"ވަޒީފާ ދޫކޮށްލެވޭކަށް ނޯވޭ، ޓިއުޝަން ފީ އެހާ ބޮޑު. އެންމެން އެއްކޮށް ހޭލާ ތިބެ އެސައިންމަންޓްތައް ހަދާ ނިންމީ،" އެ ދުވަސްތަކުގެ ހަނދާންތައް އާކުރަމުން ފެޒްލީން ބުންޏެވެ.

އެ ކޯސް 2008 ގައި ފުރިހަމަކޮށް، ބޭންޑެއްގެ ގޮތުގައި ކުރިއަށް ދާން އެންމެން އެކީގައި ކަނޑައެޅި އަޒުމަކީ ވެސް ޑިޓިއުން މިއަދާ ހަމައަށް ވާސިލްވާން މެދުވެރިވި ސަބަބެކެވެ.  ބޭންޑްގެ ޑިސިޕްލިން ހިފެހެއްޓުމަށް ދިން ހާއްސަ ސަމާލު ކަަމަކީ ވެސް ބޭންޑުގެ ކުރިމަގަށް އެޅި މުހިއްމު ފިޔަވަޅެކެވެ.

"ކިތަންމެ މޮޅު ބަޔަކަސް ޑިސިޕްލިނެއް ނެތިއްޔާ އަދި މޮޅެއް ނުވޭ. ޑިޓިއުން އަބަދުވެސް އެ ޑިސިޕްލިން ހިފަހައްޓާ. ގަޑިއަށް ދާން ސަމާލުވޭ. އެކަކު އަނެކަކާ މެދު ބުނަން އޮތް އެއްޗެއް ޓްރާންސްޕޭރަންޓްކޮށް ބުނާނެ. އެކަމެއް ނިމުމުން އަނެއްކާވެސް ދަނީ ކުރިއަށް،" ފެޒްލީން ބުންޏެވެ.

އަނބުރާ ދިނުމުގެ ބޮޑު ރޫހެއް

ކޮންޓްރެކްޓަށް ރިސޯޓް މިއުޒިކު ކުޅުމުގައި މަސައްކަތް ކުރާ އިރު، އަހަރަކު ބްރޭކަށް ނަގާ 30 ދުވަހު މަސައްކަތްކުރަނީ އަމިއްލަ އަލްބަަމަށެވެ. ޑިޓިއުންގެ ފުރަތަމަ އަލްބަމް 'ވަން ޑައުން' ރެކޯޑްކުރީ ސްރީ ލަންކާގެ އެވެ. މިކްސް އެންޑް މާސްޓަރިން ހެދީ ސިންގަޕޫރުގަ އެވެ.  ރިސޯޓް މަސައްކަތާ އެކު އަމިއްލަ އުފެއްދުންތަކަށް ކުޑަ ވަގުތުކޮޅެއް ލިބުނަސް ޑިޓިއުންގެ އެންމެ ތަފާތު އެއް ކަމަކީ އެ މީހުންގެ ހުނަރު މުޖުތަމައުއަށް އަނބުރާ ދިނުމުގެ ބޮޑު ރޫހެވެ.

ބޭންޑްގެ ވިސްނުމަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ބޭންޑަށް ފުރުސަތެއް ދެންދެން މަޑުކުރުމެއް ނޫނެވެ. އެ ފުރުސަތު އަމިއްލައަށް އިސްނަގައިގެން ހޯދުމެވެ.

"އަމިއްލައަށް ސީއެސްއާރުގެ ދަށުން މުޖުތަމައުއަށް އަނބުރާ ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ މަޖުބޫރު ކަމެއްގެ ގޮތުގައި ދެކެނީ،" ފެޒްލީން ބުންޏެވެ. 

އެގޮތުން ކޮންމެ އަހަރަކު ދެ ކަމެއް ހިލޭ ސާބަހަށް ކަލަންޑަރު ކޮށްލަ އެވެ. އެއީ ގިގެއް ކުޅެން ވެސް ނުވަތަ އިވެންޓެއްގައި ބައިވެރިވުން ކަހަލަ ކަމެއް ކަމަށް ވިޔަސް މެ އެވެ.

ޕިންކްރިބަން ވޯކްގައި ޑިޓިއުން ބައިވެރިވަނީ (ފޮޓޮ/ ޑިޓިއުން ފޭސްބުކް)

"އެ ވަގުތު ހޯދަން. އަހަރެއްގެ ތެރޭ ދެ ދުވަހެއް މި ކަމަށް ހުސްކޮށްލުމަކީ އުނދަގޫ ކަމެއް ނޫން،" ފެޒްލީން ބުންޏެވެ.

މިހާތަނަށް ތަފާތު އެކި ޖަމިއްޔާތަކާ ގުޅިގެން ހޭލުންތެރިކަން ބޮޑުކުރަން ހާއްސަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ކެންސަރު ބައްޔާ ހަނގުރާމަކުރާ ކޮންމެ މީހެއް ބަލިން އަރައިގަތުމަށް ކަނޑައަޅާ އަޒުމުން ކައްސާލިޔަނުދީ ހިތްވަރު ދިނުމަށް 2018ގައި ހެދި ލަވަ 'އާފެށުން' އެއީ އެއް މިސާލެކެވެ.

ފެޒްލީން ބުނި ގޮތުގައި އެއީ ކޮންމެ ސަވައިވާއެއް ވެސް ބާރުވެރިކޮށްދޭނެ 'ފައިޓްއެއް' ހިމެނޭ ލަވައެކެވެ. އެ ލަވަ ހެދީ ކެންސަރު ބަލިމީހުންގެ ރޫހު މަތިކޮށްދީ ކެންސަރު އެ ބަލީގެ ތަދާއި ވޭން ތަހައްމަލުކޮށްލާ ކޮންމެ މީހަަކަށް ވެސް ހިތްވަރެއްދޭށެވެ.

ޑިޓިއުން ބޭންޑާއި ކެންސާ ސޮސައިޓީ ގުޅިގެން ކޮށްފައިވާ މަސައްކަތެއް

މީގެ އިތުރުން ޑިޓިއުން އިން ވަނީ އިމާދުއްދީން ސްކޫލާ ގުޅިގެން އޯޓިޒަމްއަށް ހޭލުންތެރިކުރަން ވެސް ހާއްސަ ލަވައެއް އުފައްދައިފަ އެވެ. ޖޭސީއައި ޖަމިއްޔާއާ ގުޅިގެން "ފީސް އިޒް ޕޮޒިބަލް" އަކީ ސުލްހަ އާއި ލޯބި ފެތުރުމުގެ އަޒުމާ އެކު އެކުލަވާލީ ލަވައެކެވެ.

މި ރާގުތައް ހިތްގައިމެވެ. މި ލަވަތައް ފުރިހަމަ އެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް ފެންނަނީ ޑިޓިއުން ބޭންޑްގެ ދީލަތި ހިތެވެ. އާންމުންގެ ހިތްތަކާ ކުޅެލާތީ އެވެ. ލަވަތައް އުފެއްދުމުގެ އެންމެ ބޮޑު ބަޔަކީ ލަވަ ބިނާކުރާ މީހުންގެ ތަޖުރިބާ އަހަން ބޭންޑުގެ މެމްބަރުން ދޭ ސަމާލުކަމެވެ. 

ފަތުރުވެރިކަމުގެ ދާއިރާއަށް ހިދުމަތްކޮށްފައިވާ ފަރާތްތައް އަގުވަޒަން ކުރުމުގެ ގޮތުން ދިން ހާއްސަ އިނާމް ވަނީ ޑިޓިއުން ބޭންޑަށް ލިބިފައި

"ގާތުން މަސައްކަތް ކުރުމަށް، މިއުޒިކް އުފެއްދުމަށް އެމީހުންގެ އިހްސާސްތައް ދެނެގަންނަން އިށީނުމަކީ މުހިއްމު ކަމެއް،" ފެޒްލީން ބުންޏެވެ.

"ކެންސާ ޕޭޝަންޓުންނާ އެކު އިށީނދެ އެމީހުންނާ ވާހަކަ ދައްކާ އެމީހުންގެ ޖާނީ އަޑުއަހާ، އެމީހުންގެ ސަވައިވަލް ސްޓޯރީސް އަޑުއަހާ އެ ޖަޒްބާތުތައް ލަވަޔަކަށް މި ގެންނަނީ. ފައިޓް ސޯންގެއް 'އާފެށުމެއް' އެ ލަވައަކީ."  

 އޯޓިޒަމް ހުންނަ ކުދިންނާ މެދު ދެކޭ ގޮތް ބަަދަލުކުރަން މަސައްކަތް ކުރީ ވެސް ހަމަ އެގޮތަށެވެ. 

"ބެލެނިވެރިންނާއި ޓީޗަރުންނާއި ކުދިންނާ އެކު ވަގުތު ހޭދަކުރަނީ،" ފެޒްލީން ކިޔައިދިނެވެ. 

ޖަމިއްޔާތަކުގެ އިތުރުން އެމްއެންޑީއެފް، އެސްޓީއޯ، އެމްޑަބްލިއުއެސްސީ ފަދަ ކުންފުނިތަކާ އެކު ވެސް ޑިޓިއުންއިން ވަނީ މަސައްކަތްކޮށް ލަވަ އުފައްދައިފަ އެވެ. ދިރާގުގެ ބްރޭންްޑް އެމްބެސެޑަރަކަށް ވުމަކީ  ޑިޓިއުންއަށް ލިބުނު ޝަރަފެކެވެ.

ޑިޓިއުން ވަނީ ބޭރުގައި ރާއްޖެ ތަމްސީލުކޮށްފައި

ޓޫރިޒަމް ދާއިރާއަށް ޑިޓިއުންއިން ކޮށްދިން މަސައްކަތުގެ އަގު ވެސް މި ފަހުން ވަނީ ވަޒަންކޮށްފަ އެވެ. ޓޫރިޒަމްގެ ރަން ޔޫބީލްގެ ތެރޭގައި ހިމެނުނު 'ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑު' ބޭންޑަށް ދެއްވީ ވެސް ރައީސް އިބްރާހިމް ސޯލިހުގެ އަތްޕުޅުންނެވެ.

ރާއްޖެއިން ބޭރަށް ގޮސް މިއުޒިކް މެދުވެރިކޮށް ރާއްޖެ ތަމްސީލް ކުރާކުރުމާ މެދު ވެސް ޑިޓިއުން ފަހުރުވެރިވެ އެވެ. އައިޓީބީގައި އޮންނަ މޯލްޑިވިއަން ނައިޓްގައި މިއުޒިކް ކުޅޭ އިރު ދިވެހި ފަންނާނުންނަށް ކުރާ ތައުރީފުގެ އަޑުއިވުމަކީ، ފެޒްލީން ބުނި ގޮތުގައި، ވަރަށް ހާއްސަ ޝަރަފެކެވެ. އެއީ ބޭންޑެއްގެ ގޮތުން ކުރެވޭ އެންމެ އުފާވެރި ތަޖުރިބާ ކަމަށް ވެސް އޭނާ ބުންޏެވެ.

ހިނގަހިނގާ ހުރި ދިވެހި ލޭ

ކޮވިޑް-19ގެ ދުވަސްކޮޅު މުޅި ދުނިޔެއަށް ހުއްޓުން އެރި ގޮތަށް ރާއްޖެ ވެސް ހުއްޓުނީ އެވެ. ރިސޯޓްތައް ބަންދުވެ މިއުޒިކް ގިގްތައް ކެންސަލްވި އެވެ. އެ ވަގުތު ޑިޓިއުންއަށް ސަމާލުކަން ލިބުނީ ތަފާތު ކަމެއް ކޮށްގެންނެވެ. ހުރިހާ އެންމެން މަހަށް ގޮސް ފަރުމަސް ބާނާ، ތާޒާކޮށް އެ މަސް ވިއްކާ ބަޔަކަށް ބޭންޑް ބަދަލުވި އެވެ.

"ޑިޓިއުންގައި މަހަށް ދާން ދެވިހިފާފައި ތިބީ ފެޒޫ އާއި ބޭސިސްޓް. އެހެން މީހުން ވެސް މަހަށް ދާ ހިތްވާ ބައެއް. ބައެއް މީހުން ބުނާނެ ފެޒޫ އާއި ދިމާލަށް ފެޒޫއަކީ ކެޔޮޅެކޭ ވެސް،" ފެޒްލީން ބުންޏެވެ.

ކެޔޮޅެކޭ ބުނުމަކީ އޭނާއާ ދިމާއަށް އެއްލައިލާ ދެރަބަހެއް ނޫނެވެ. އުފަލެކެވެ. އާމްދަނީ ހޯދާނެ އިތުރު މަގެކެވެ.

ކޮވިޑް-19ގެ ކުރިން ވެސް ބޭންޑް މެންބަރުން މަސް ދަތުރު ދާން ލޯބިކުރި އެވެ. އެކަމަކު ކުއްޔަށް ލޯންޗެއް ހިފައިގެން  މަސް ބާނަން ދާއިރު، އަލާ ނުކެނޑެނީސް އަނބުރާ އަންނަން ޖެހުމަށް ހޯދި ހައްލަކީ މަހަށް ދާން ކުޑަ ސްޕީޑް ލޯންޗެއް ގަތުމެވެ. 

އެކީގައި މަހަަށް ގޮސް ކޮވިޑް-19ގެ ދުވަސްކޮޅު އާމްދަނީ ހޯދި 

"އާއްމުންނަށް ނޭނގުނަސް އޭރު ވެސް ޑިޓިއުންއަކީ މަސް ބާނާ ބަޔަކު ކަން އެނގޭ މީހުން ތިބޭ. [އަހަރެމެންގެ އަތުން] ބަރާބަރަށް އާދޭ [މަސް] ގަންނަން،" ފެޒްލީން ބުންޏެވެ

ބާނާ މަސް ރައްކާތެރިކަމާ އެކު ބަހައްޓަން ސްޓޫޑިއޯއަށް ޑީޕް ފްރީޒަރެއް ވެސް ހޯދި އެވެ.

ކޮވިޑްއާ އެކު ރިސޯޓް މިއުޒިކް ކުޅުން ހުއްޓި އާމްދަނީ ލިބޭ ބަންދުވި އެވެ. އެކަމަކު ލޯންޗާއި ޑީޕް ފްރީޒަރު ހޯދާފައި ހުރުން ވީ އެ ވަގުތަށް ލިބުނު ވަރަށް ބޮޑު މުދަލަކަށެވެ. 

ޑިޓިއުން ބޭންޑް މަސްދަތުރެއްގައި: މިއީ ވަރަށް ތަފާތު ގްރޫޕެއް

"އެއީ ހަމަ ސަވައިވަލް އޭރު، މުޅި ދުނިޔެ އެއްކޮށް ލޮކްޑައުންކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަކަށް ނޫން ތިބީކީ،" ފެޒްލީން ބުންޏެވެ.

އެ ދުވަސްވަރު ޑިޓިއުން އާމްދަނީ ހޯދީ މަހަށް ގޮސްގެންނެވެ.

އާއްމުންނަށް އެ ބޭންޑް ވަރުގަދަކޮށް ފެންނަނީ އެފަދަ ތަޖުރިބާތަކުގެ ސަބަބުންނެވެ. ބޭންޑްގެ ޓިއުން ވެސް އެކަކު އަނެކަކާ ދިމާވެ އެވެ. ދެން ނުކުންނަނީ ހިތްގައިމު ރާގުތަކެކެވެ.

ޗަނާޗާއާ މެދު ބުނަނީ؟

ޑިޓިއުން ބޭންޑް ޗަނާޗާގައި ކުޅެން ބައިސްކޯފާ އެކު ސޮއިކުރަނީ

ދެން އޮތީ މިއަދު ހަވީރުން ފެށިގެން މިރޭ 12 ޖަހަންދެން ހުޅުމާލޭ ޓްރެކް ދަނޑުގައި އޮންނަ ބޮޑު މިޔުޒިކް ޝޯ ޗަނާޗާ އެވެ. ޝޯގައި ޑިޓިއުންގެ އަމާޒަކީ އެންމެންނަށް އުފާވެރި ވައިބެއް ގެނެސްދިނުމެވެ. 'ނަށާލާ' ކުޅޭނެ އެވެ. އެ ލަވައިން އޯޑިއަންސަށް ދިރުން ގެނެސްދޭނެ އެވެ.

ފެޒްލީން ބުނި ގޮތުގައި ޗަނާޗާ ވާނީ ދިވެހި އުފެއްދުންތެރިކަމާއި ދިވެހި ފަންނާނުންގެ ގާބިލިއްޔާތު ފެންނާނެ ބޮޑު ޕްލެޓްފޯމަކަށެވެ. ކޮންމެ ލަވަކިޔުންތެރިޔަކާ އެކު ޕާފޯމްކުރާ ކޮންމެ ފަންނާނަކީ ވެސް ހުނަރުން ފުރިގެންވާ ބަޔަކެވެ. ކޮންމެ ބޭންޑެއްގެ ވެސް ބޮޑު ފޭން ބޭސްއެއް އޮވެ އެވެ. ދިވެހި ފަންނުވެރިންގެ މަތީ ހުނަރު ދައްކައިދޭނެ އެވެ.

"ބައިސްކޯފުން އެ ދެނީ އެ ފުރުސަތު. މިއީ އެންމެ ބޮޑު ޝޯ. ރެސްޕެކްޓް ކުރަން ކޮންމެ ބޭންޑަކަށް. އެހާ ބޮޑު ފޭން ބޭސްއެއް އޮވޭ ކޮންމެ ބަޔަކުގެ. ގާބިލިއްޔަތުކަން ތިބި އާޓިސްޓުންތަކެއް އެ އަރަނީ. ބައިސްކޯފުން ދިން އެ ފުރުސަތު އެޕްރިޝިއޭޓް ކުރެވޭ،" ފެޒްލީން ބުންޏެވެ.

"ކޮންމެ މީހަކު ވެސް އެމީހެއްގެ ގޮތުގައި މޮޅުވާނެ. ޔޮހާނީ ކަހަލަ އާޓިސްޓަކު ޕާފޯމް ކުރާ އިރު އޭނާގެ ހުށަހެޅުން ވެސް ބަލަން އެންމެން ބޭނުންވާނެ. އޭނާއަށް އެ ހިސާބަށް އާދެވުނީ ވަރަށް މަސައްކަތްކޮށްގެން. މިލިއަނަކުން ލަކީ އެކަކު އޭނާ އަކީ."

އެކަމަކު ފެޒްލީން އޮތީ އެންމެ މެސެޖެކެވެ.

"ޔޮހާނީއަށް އެދޭ ލޯބި ރާއްޖޭގެ އާޓިސްޓުންނަށް ދޭށޭ. ވަރަށް މޮޅެތި ފަންނާނުން އެބަ ތިބި. ވަރަށް ބުރަކޮށް ގިނަ މަސައްކަތްތަކެއް ކޮށްގެން ބައިވަރު ކަންކަން ދަސްކޮށްގެން ހުނަރު ދައްކާލަން އަރާ އެނާޖެޓިކް ބޭންޑްތަކެއް މި އަރަނީ،" އޭނާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް