Majlis 2024

ނާއިޝާގެ އަމިއްލަ ނަމުގައި ހުޅުވި ބުޓީކް. (ފޮޓޯ/ނާއިޝާޒް އެޓެލިއާ)

ފެޝަން

މަޝްހޫރު ފެޝަން ޑިޒައިނަރު ނާއިޝާގެ ބްރައިޑަލް ބުޓީކް 'ނާއިޝާޒް އެޓެލިއާ' ހުޅުވައިފި

ބްރައިޑަލް ވެއާއަށް މަޝްހޫރު ފާތިމަތު ނާއިޝާގެ ބުޓީކް އަލުން ހުޅުވީ މުޅިން ތަފާތު ގޮތަކަށް

ފާތިމަތު ނާއިޝާ އަކީ ރާއްޖޭގެ ފެޝަން ދާއިރާއަށް އާ ނަމެއް ނޫނެވެ. މި ދާއިރާގައި 12 އަހަރަށް ވުރެ ގިނަ ދުވަހު  ފެޝަން ޑިޒައިނަރެއްގެ ގޮތުގައި ހިދުމަތް ކޮށްފައިވާ ނާއިޝާ ވަނީ އެކި ވައްތަރުގެ ކައިވެނިތަކަށް އެކަށީގެންވާ ބްރައިޑަލް ގައުން، ބްރައިޑްސްމެއިޑުންގެ ހެދުން، ފްލާވާ ގާލްސްގެ ހެދުމުގެ އިތުރުން ރެޑީ-ޓު-ވެއާގެ ގޮތުގައި އެކި މުނާސަބަތުތަކަށް ގުޅޭ ހެދުން ވެސް ފަރުމާ ކޮށްފަ އެވެ.

މީގެ އަހަރުތަކެއް ކުރިން ނާއިޝާ ހިންގި ފެޝަން ބުޓީކް 'ކްލޮޒެޓް' އަކީ ވެސް ގިނަ ދިވެހިންގެ ތެރޭގައި މަގުބޫލުވި، އެންމެ ޒަމާނީ ހެދުމާއި އެކްސެސަރީޒް ވިއްކި ފިހާރައެކެވެ. އަނެއްކާ ވެސް އަހަރުތަކަކަށް ފަހު ނާއިޝާގެ އަމިއްލަ ނަމުގައި ބުޓީކެއް މި ވަނީ ހުޅުވާފަ އެވެ.

ނާއިޝާގެ އަމިއްލަ ނަމުގައި ހުޅުވި ބުޓީކް. (ފޮޓޯ/ނާއިޝާޒް އެޓެލިއާ) 

'ނާއިޝާޒް އެޓެލިއާ' ހުޅުވުމަށް ހާއްސަ ހަފްލާއެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ބާއްވާފަ އެވެ. އެ ރޭ 8 އިން 10އަށް ކުރިއަށް ގެންދިޔަ ހަފްލާގައި، ނާއިޝާގެ އާއިލާގެ މެމްބަރުންނާއި ގާތް ރަހުމަތްތެރިންގެ އިތުރުން، ފެޝަން ދާއިރާގައި މަސައްކަތްކުރާ އެހެން ފަންނުވެރިންނާއި މޮޑެލް އަދި ލަވަކިއުންތެރިން ވެސް ބައިވެރިވި އެވެ.

ލިލީ މަގުގައި ހުންނަ 'ނާއިޝާޒް އެޓެލިއާ' ފަރުމާކޮށްފައި ވަނީ ވަރަށް ހިތްގައިމު ޑިޒައިނަކަށެވެ. ސާފު ހުދުކުލައިގެ އިންޓީރިއާއެއްގައި ކަޅު ކުލައިގެ ފަރުނީޗަރާއި ބޮކި ޖަހާފައި ހުއްޓެވެ. ކުޑަދޮރު ކުރިމަތީގައި ބަހައްޓާފައިވަނީ ސްޓޭޓްމެންޓް ވެޑިން ގައުނެކެވެ. ނާއިޝާގެ އަމިއްލަ ޑިޒައިންތައް ނަލަކޮށް ދައްކާލާފައިވެ އެވެ.

ނާއިޝާގެ ހުނަރާއި ފަންނުވެރިކަން އޭނާގެ ސްޓޫޑިއޯއިން ފެނެ އެވެ. ސްޓޫޑިއޯއަށް ދާ ކަސްޓަމަރުން ޑިޒައިނަރާ ވާހަކަދައްކާލައި ހިޔާލު ހޯދަން ބޭނުން ނަމަ މަޑުކޮށްލާނެ ޗާލު ސީޓިން އޭރިއާއެއް ރާވާލާފައިވެ އެވެ. އަދި ފިޓިން ހަދާއިރު ކޮންމެ ކޮޅަކުން ފެންނާނެ ގޮތަށް ފާރުގައި ބިއްލޫރި ހަރުކޮށްފައިވެ އެވެ. 

ނާއިޝާގެ އަމިއްލަ ނަމުގައި ހުޅުވި ބުޓީކް ހުޅުވުމުގެ ހަފްލާގެ ތެރެއިން. (ފޮޓޯ/ނާއިޝާޒް އެޓެލިއާ) 

ނާއިޝާ ފަރުމާކުރާ ހުރިހާ ވެޑިން ޑިޒައިނެއްގައި ވެސް ވަރަށް ޒަމާނީ، ލަތީފީ އަދި ހިތްގައިމު ސްޓައިލެއް އަބަދު ވެސް ގެންގުޅެ އެވެ. ނާއިޝާގެ ފަރުމާކުރުމުގެ ސްޓައިލަކީ ހަމަ ގައިމު ވެސް ރާއްޖޭގެ ބްރައިޑަލް ގައުންތަކަށް ބޮޑު ބަދަލެއް ގެނެސްދިން ސްޓައިލެކެވެ.

ކޮމެންޓް (1)

މުޙައްމަދު

18 މޭ 2022
މަރުހަބާ ނާއިޝާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް