Majlis 2024

'ތަފާތު' ފުޑް ޓްރަކްގެ ޓީމް: ރައުނަގު (ވ)، ރިލްވާން (ކ) އޭނާގެ ދަރިފުޅު އުރާލައިގެން އަދި ފަހަތުގައި (ކ-ވ) ނަޝްފާ، ރައުލާ އަދި އަމާނަތު

ފުޑް

ރައުނަގުގެ 'ތަފާތު' ފުޑް ޓްރަކުން އައްޑު އަށް ސްޓްރީޓް ފުޑް

އައްޑޫގައި ތަފާތު ވިޔަފާރިއެއް ކުރުމުގެ ވިސްނުމުގައި ރައުނަގު އާއި އޭނާގެ އާއިލީ ބައެއް މީހުން ފެށި ފުޑް ޓްރަކްގައި އެކި އަވަށްތަކަށް ގޮސް ދެމުން އަންނަ ހިދުމަތަށް ތަރުހީބު ބޮޑު
25 ޖުލައި 2022

ސިވިލް އިންޖިނިއަރެއް ކަމަށްވާ ރައުނަގު މުހައްމަދު، ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމުގައި އަވަދިނެތި އުޅުނަސް، އެހެން އުއްމީދެއް އަބަދުވެސް ގެންގުޅުނެވެ. އަމިއްލަ ވިޔަފާރިއެއް ފެށުމެވެ. އޭނާގެ އެ ހުވަފެނުގައި، އަނބިމީހާ ނަޝްފާ ނާޝިދު އާއި އާއިލާގެ އެހެން މީހުންގެ އެހީތެރިކަމާ އެކު، މިހާރު ވަނީ ކުލަޖައްސައިފަ އެވެ.

އެކި ދާއިރާތަކުގައި މަސައްކަތްކުރާ އެ އެންމެން ޝައުގުވެރިވާ އެއް ކަމަކަށްވީ ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމެވެ. އެއީ އާބާދީ ބޮޑު އައްޑޫގައި އަބަދުވެސް ޑިމާންޑް އޮންނާނެ ހިދުމަތެއް ކަމަށް ބަލައި ސިންގަޕޫރުން ފުޑް ޓްރަކެއް ގެނެސް، އެ ސިޓީގައި  'ތަފާތު'ގެ ނަމުގައި ވިޔަފާރިއެއް ވަނީ ފަށައިފަ އެވެ. ހަފްތާއަކު ފަސް ދުވަހު އައްޑޫގެ އެކި އަވަށްތަކަށް ގޮސް ހިދުމަތް ދޭ ފުޑް ޓްރަކްގައި ކާބޯތަކެތި ތައްޔާރުކޮށް ހެދެ އެވެ. ގްރިޑްލް، މައިކްރޮވޭވް އަވަން އަދި ޖޫސް ތައްޔާރުކުރެވޭނެ އިންތިޒާމް ހުރެ އެވެ.

ތަފާތު ފުޑް ޓްރަކް، ރައުނަޤު އާއި އޭނާގެ ޓީމުން ސިންގަޕޫރުން ގެނައި ފުޑްޓްރަކް

ރައުނަގު، 29، ބުނިގޮތުގައި ޓީމުގެ އެންމެންގެ ވެސް ޕްލޭނަކަށް ވީ ތަފާތެެއް ދެއްކުމެވެ. ތަފާތު ކަމެއް ކުރުމެވެ. އެހެންކަމުން ފުޑް ޓްރަކަށް ނަމެއް ހޯދުމަށް ކުރި ދިގު މަޝްވަރާތަކުގައި އެންމެ ފަހުން 'ތަފާތު' ކިޔަން ނިންމީ އެވެ.

"ދުވަސްވެއްޖެ ވިޔަފާރިއެއް ފަށަން އުޅޭތާ. ފަށާނެ ކަމަކާ މެދު ވަރަށް ބޮޑަށް ވިސްނިން. ވަޒީފާ ދޫކޮށްލާފައި ކަމެއް ފެށުން ވަރަށް ރިސްކީ. ދެން ވަޒީފާގައި އުޅެމުން ކަމެއް ފަށަން ވެސް އުނދަގޫ. ވަޒީފާގައި އުޅުނަސް ކަމެއް ފަށާ ވަރަކަށް ސޭވްއެއް ނުކުރެވޭ. ކޮވިޑް ތެރޭ އެއް ބަޔަކު ފްރީވީ. ދެން އެންމެންނާ އެކުވެގެން މިކަން ކުރަން ނިންމީ،" ރައުނަގު ބުންޏެވެ.

މިދިޔަ ދެ އަހަރެއްހާ ދުވަހު ހެދި ޕްލޭނޭންތައް ހަގީގަތަށްވެ، ހިތަދޫގެ މި ޒުވާނުން މި މަހުގެ 8 ވަނަ ދުވަހު ފުޑް ޓްރަކުން ހަތަރު ބާވަތެއްގެ ކާއެއްޗެހި ވިއްކަން ފެށި އެވެ.

"ސެޓް މެނޫއެއް އެބަ އޮތް. އެކަމަކު ފަށައިގަންނަ އިރު ހުރިހާ ބާވަތެއް ހަދަން އަދި އުނދަގޫ،" ރައުނަގު ބުންޏެވެ.

މިހާރު ލިބެން ހުންނަނީ ޗިކަން ބާގާ، ބީފް ބާގާ، ހޮޓް ޑޯގް އަދި ސޮފްޓް ޝެލް ޓާކޯސް އެވެ. އޭގެ އިތުރުން ތިން ބުއިމެއް ލިބެ އެވެ. ކުރިއަށް އޮތީ މެނޫ އަށް އިތުރު ބާވަތްތައް ތައާރަފް ކުރުމެވެ.

'ތަފާތު ފުޑް ޓްރަކް'ގެ ބާގާ: މެނޫ އަށް އިތުރު ބާވަތްތައް ތައާރަފްކުރަން އޮތީ ވިސްނާފައި

ރައުނަގުގެ އާއިލާ ތެރެއިން މި މަސައްކަތުގައި ބައިވެރިވީ ތަފާތު ދާއިރާތަކުގައި އުޅޭ މީހުންނެވެ. ޓީޗަރެއް ކަމަށްވާ، ދައްތަ ރައުލާ މުހައްމަދު އާއި އައިޓީ އަދި މެނޭޖްމަންްޓް ދާއިރާގައި މަސައްކަތް ކުރާ ބޭބޭ ރިލްވާން މުހައްމަދެވެ. ރިލްވާންގެ އަންހެނުން އަމާނަތު ރަޝީދު މަސައްކަތް ކުރަނީ އެކައުންޓްސް ދާއިރާގަ އެވެ. މި އެންމެންނަކީ ރައުނަގުގެ ވިޔަފާރީގެ ޕާޓްނަރުންނެވެ.

ކާބޯތަކެތީގެ ވިޔަފާރި ކުރުމުގެ ޕްރޮފެޝެނަލް މިންގަނޑަށް ކެއްކުމަށް މާ ބޮޑު ތަޖުރިބާއެއް އެ ޓީމަކު ނެތެވެ. އެކަމަކު މިއީ އެމީހުންގެ ކުރަން ކަނޑައެޅި މަސައްކަތް ކަމުން ޕްރޮފެޝަނަލް ޝެފެއްގެ އެހީތެރިކަން ހޯދި އެވެ. މެނޫ ތައްޔާރުކުރީ މާލޭގެ ކެފޭތަކަށް މެނޫ ތައްޔާރުކޮށް އަދި ކޮންސަލްޓަންސީ މަސައްކަތް ކުރާ ޝެފެއް ކަމުގައިވާ ނަޖްފާ މުހައްމަދުގެ އެހީގަ އެވެ.

ރައުނަގު ބުނިގޮތުގައި މުސްތަގުބަލުގައި އިތުރު އައިޓަމްތައް މެނޫ އަށް އިތުރުކުރާނެ އެވެ. ހާއްސަ ފްރައިޑް ރައިސް އަކާއި ބާގާއެއް ލިބޭނެކަން އޭނާ ފާހަގަކުރި އެވެ. 

ވިޔަފާރީގައި ރައުނަގުގެ ޓީމުން ދައްކާ ތަފާތަކީ ހުރިހާ މަސައްކަތެއް އަމިއްލައަށް ކުރުމެވެ. ބިދޭސީ މަސައްކަތްތެރިއަކު ނުގެންގުޅެ އެވެ. ފިޔާ ނޮޅުމުން ފަށައިގެން ގޮސް ހުރިހާ ކަމެއް ކުރުމުގައި ހަރަކާތްތެރިވަނީ އެ ޓީމުންނެވެ. ހަފްތާއަކު ފަސް ދުވަހު އެކި ތަންތަނަށް ގޮސް ހިދުމަތް ދިނުމަށް ފަހު އަނެއް ދެ ދުވަހަކީ ސަޕްލައި ހޯދުމަށާއި ކުރިއަށް އޮތް ހަފްތާއަށް ތައްޔާރުވުމަށް ހޭދަކުރާ ވަގުތެވެ.

ޕްލާސްޓިކް ފުޅީގައި ފެން ވިއްކުމުގެ ބަދަލުގައި ފުޑް ޓްރަކްގައި ކޫލަރު ބަހައްޓާފައި

ކުޑަ ވިޔަފާރިއެއް ކަމުގައިވިޔަސް ރައުނަގު އާއި އޭނާގެ ޓީމުން ގަބޫލް ކުރާ ގޮތުގައި ތަފާތު ދެއްކި ދާނެ އެވެ. އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފެން ފުޅިއެއް އެ މީހުންގެ ފުޑް ޓްރަކަކުން ނުވިއްކަ އެވެ. އޭގެ ބަދަލުގައި ބެހެއްޓީ ކަސްޓަމަރުން ފެން ބޯން ބޭނުން ނަމަ ފުޅިއަށް ފެން އެޅޭނެ ފެން ކޫލަރެކެވެ.

"ބޭނުންވަނީ ކޮމިއުނިޓީ އެންޖޭޖްމަންޓް، ވަރަށް ބޭނުން ސޯޝަލް ކަންކަން ކުރަން. ފުޑް ޓްރަކްގެ ހިދުމަތް ދެނީ ސޯޝަލް ގެދަރިންތަކުގައި. އެހެންކަމުން ސިންގަލް ޔޫސް ވޭސްޓް މަދުކުރެވޭނެ ގޮތެއްގައި އާއްމުން ވެސް އަމަލީ ގޮތުން ބައިވެރިކުުރުވުން ބޭނުމަކަށްވީ،" ރައުނަގު ބުންނެވެ.

'ތަފާތު' ފުޑް ޓްރަކް ހިންގަނީ ޒުވާން ޓީމަކުން: ރައުނަގުގެ އަންހެނުން ނަޝްފާ (ކ) އޭނާގެ ކޮއްކޮ ރައުލާ (މ) އަދި ފަހަރި އަމާނަތު

މި ވިޔަފާރީގައި ތިމާވެއްޓާ ރައްޓެހިކޮށް ކުރާ އަނެއް ކަމަކީ ކަރުދާސް ބޭނުންކުރުމުގެ ބަދަލުގައި ޑިޖިޓަލްކޮށް އޯޑަރު ނެގުމެވެ.

ބިން ބޮޑު އައްޑޫގެ އެއްފަސް ހުރިހާ އަވަށަކަށް ފުޑް ޓްރަކް މިހާރު ވަނީ ގޮސްފަ އެވެ. ދެން ދާން އޮތް ތަނެއް ސޯޝަލް މީޑިއާގައި ދުރާލާ އިއުލާންކުރުމަށް ފަހު ކޮންމެ ދުވަހަކު ވެސް ޓްރަކަށް އަރައިގެން ނައްޓާލަނީ އެ ދުވަހެއްގެ އަމާޒު ހާސިލް ކުރުމަށެވެ. ރައުނަގު ބުނިގޮތުގައި ހުރިހާ އަވަށަކުން ވެސް ހީ ވެސް ނުކުރާހާ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. ހާއްސަކޮށް ފާއިތުވި ބޮޑު އީދުގެ ދުވަސްތަކުގަ އެވެ.

މިފަހަރު އީދުގައި އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އިވެންޓްތައް ބޭއްވި ސަރަހައްދުތަކުގައި ފުޑް ޓްރަކް ވަނީ ހިންގާފަ އެވެ. 

"ފޯކާސްޓް ކުުރި ވަރަށް ވުރެ ޑިމާންޑް ބޮޑު. ޑިމާންޑަށް ކޭޓަ ކުރުމަށް މި މަސައްކަތް ކުރަނީ. އަހަރެމެންގެ ޑިމާންޑް ބޭސްވެފައި އޮންނަނީ އެ ދުވަހެއްގައި ދިޔަ ތަނަކަށް. މިސާލަކަށް ފޭދު އަށް ގޮސްފިއްޔާ ކިހިނެއްތޯ ވާނީ. މަރަދު އަށް ގޮސްފިއްޔާ ކިހިނެއްތޯ ވާނީ. އަދި މިއުޅެނީ ދަސްކުރުމުގެ މަރުހަލާގައި،" ރައުނަގު ބުންޏެވެ.

ރައުނަގުގެ ފުޑް ޓްރަކް ކައިރީ މީހުން އެއްވެފައި

ތަރުހީބު ބޮޑަސް، ފުޑް ޓްރަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިވާކަން ރައުނަގު ފާހަގަ ކުރެ އެވެ.

"ބައެއް އެއްޗެހި ލިބޭ. ކޮލިޓީ ބައެއް ތަކެތި ލިބުމަށް އުދަނގޫތަކެއް އެބަހުރި. ބައެއް ބާވަތްތައް މާލެއިން ގެންނަނީ. އަދި ރާއްޖެއިން ބޭރުން ވެސް ގެންނަން. މިސާލަކަށް ލެޓިއުސް ކަހަލަ އެއްޗެހި އައްޑޫން ހޯދަން އުނދަގޫ،" އޭނާ ބުންޏެވެ.

'ތަފާތު' ފުޑް ޓްރަކް: ރައުނަގު އާއި އޭނާގެ އާއިލީ މީހުން ފެށި ވިޔަފާރިއެއް

ރައުނަގު ބުނިގޮތުގައި ވަރަށް ގިނަ މީހުން މިފަދަ ކަމެއް ފެށުމަށް ކިތަންމެ ބޭނުންވިޔަސް ގިނަ ފަހަރަށް އަޑު އިވޭނީ ކުރަން އުޅޭ ކަމެއް ނުވާނެ ނުވަތަ ނުކުރެވޭނެ ކަމަށް ބުނާ އަޑެވެ. އެކަމަކު އޭނާ ދެކޭ ގޮތުގައި "ކޮންސިސްޓަންސީ އަދި ޕާސިސްޓެންސީ އަދި ޑްރައިވް" ހުރެއްޖެ ނަމަ ކޮންމެ ކަމެއް ވެސް ކުރެވޭނެ އެވެ. ސާބިތުކަމާ އެކީ އަޒުމް ކަނޑައަޅައިގެން ކުރިމަތިލައިފި ނަމަ އެއްވެސް ކަމެއް ނުވެއެއް ނޯންނާނެ އެވެ. ގޮންޖެހުން ކުރިމަތިވާނެ އެވެ. އެކަމަކު ވެސް ކުރިއަށް ދާންވީ އެވެ.

'ތަފާތު' ފުޑް ޓްރަކަކީ ދިވެހި ކޮންސަލްޓަންޓެއްގެ އެހީގައި އެކުލަވާލި މެނޫއަކާ އެކު ތަައާރަފު ކުރި ވިޔަފާރިއެއް

"ވަރަށް އުފާވޭ އެކި ވަޒީފާތަކުގައި ތިބި އެކި މީހުން، އެންމެން އެއްކޮށް އަމިއްލަ މަސައްކަތެއްގައި މި ގޮތަށް ހަރަކާތްތެރިވާތީ. އަމިއްލަ ކޮމްޕެނީގައި އަމިއްލަ މަސައްކަތުން ރަށުގައި ކުރެވޭ ކަމަކަށް ވާތީ،" ރައުނަގު ބުންޏެވެ.

ކޮލިޓީ އުފެއްދުންތަކަކާއި މީރު ރަހަތަކެއް އާއްމުންނާ ހަމައަށް ގެނެސްދިނުމުގައި ތަފާތު ގޮތަކަށް ކުރިއަށް ދިއުމަކީ މި ޓީމުގެ އުއްމީދެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް