ކެންސަރާ ހަނގުރާމަ ކުރުމަށް އަދިވެސް ބޮޑަށް ދިރާސާ ކުރަންޖެހޭ

ސިއްހަތު

ކެންސަރު ބަލީގައި މަރުވާ މީހުން އެމެރިކާގައި މަދުވަނީ

ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވުން، ކެންސަރު އަވަހަށް ދެނެގަތުން، އަދި ބަލީގެ ކުރީކޮޅު ފަރުވާ ދިނުމަކީ ގިނަ ބަޔަކު ކެންސަރުން ސަލާމަތްވަމުން އަންނަ ސަބަބުތައް
24 ސެޕްޓެމްބަރު 2022

މުހިންމު ނުކުތާތައް

އެމެރިކާގައި ކެންސަރުން ސަލާމަތްވާ ރޭޓު 1970ގެ އަހަރުތަކުގައި ހުރީ %49ގައި، ނަމަވެސް 2011 އާއި 2017އާ ދެމެދު އެ ރޭޓް ވަނީ %70 އަށް އިތުރުވެފައި

މި ކުރިއެރުމުގެ އަސްލަކީ ކެންސަރު އިތުރަށް ދެނެގަތުމާއި އާ ފަރުވާތައް ހޯދުމުގެ ދިރާސާތަކަށް ކުރާ ހޭދަ

މާހިރުންގެ ލަފަޔަކީ ކެންސަރުގެ ސައިންސަށް ކުރާ އިންވެސްޓްމެންޓް އަދިވެސް އިތުރުކުރުން

މީގެ ކުރިން ސަލާމަތްވެފައިނުވާ މިންވަރަށް ކެންސަރު ބަލީގެ އެތައް ބަޔަކު އެ ބަލިން ސަލާމަތްވަމުން އަންނަ ކަމަށް އެމެރިކަން އެސޯސިއޭޝަން ފޯ ކެންސާ ރިސާޗު (އޭއޭސީއާރު)ގެ ރިޕޯޓެއްގައި ބުނެފި އެވެ.

އެ ޖަމްއިއްޔާގެ ކެންސާ ޕްރޮގްރެސް ރިޕޯޓުގައި ބުނިގޮތުގައި އެމެރިކާގައި ކެންސަރު ޖެހި ދުނިޔޭގައި ތިބި މީހުންގެ އަދަދު ވޭތުވެދިޔަ ތިން އަހަރު ތެރޭ ވަނީ މިލިއަނަކަށް ވުރެ މަތީ އަދަދަކުން އިތުރުވެފަ އެވެ. މިދިޔަ ޖެނުއަރީމަހާ ހަމައަށް އެމެރިކާގައި 18 މިލިއަން މީހުން ވަނީ ކެންސަރުން ސަލާމަތްވެފަ އެވެ. އަދި 2040ގެ ނިޔަލަށް އެ އަދަދު 26 މިލިއަނަށް އަރާނެ ކަމަށް ކެންސާ ރިސާޗު ޖަމްއިއްޔާ އިން އަންދާޒާކުރެ އެވެ.

އެއާ އަޅާބަލާއިރު، ކެންސަރު ބަލި ޖެހި އެ ބަލިން ސަލާމާތްވެފައި 1971 ވަނަ އަހަރު އެމެރިކާގައި ތިބީ އެންމެ ތިން މިލިއަން މީހުންނެވެ.

ހުރިހާ ވައްތަރެއްގެ ކެންސަރަށް ޖުމްލަކޮށް ބެލި އިރު ފަސް އަހަރުގެ ސަވައިވަލް ރޭޓް ވަނީ އިތުރުވެފަ އެވެ. ކުރިން 1970ގެ އަހަރުތަކުގެ މެދުތެރޭގައި އެ ރޭޓު ހުރީ %49ގަ އެވެ. ނަމަވެސް 2011 އާއި 2017އާ ދެމެދު، ސަލާމަތްވާ ރޭޓް ވަނީ ގާތްގަނޑަކަށް %70 އަށް އިތުރުވެފަ އެވެ. 

ކެންސަރު ބަލީގައި މަރުވާ މީހުންގެ ނިސްބަތް ދަށްވަމުންދާއިރު، 1991 އާއި 2019އާ ދެމެދު ގާތްގަނޑަކަށް 3.5 މިލިއަން މީހުންގެ ފުރާނަ ސަލާމަތްވެފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

މިދިޔަ ބުދަ ދުވަހު ނެރުނު 'އޭއޭސީއާރު ކެންސާ ޕްރޮގްރެސް ރިޕޯޓް'ގައި ފާހަގަކޮށްފައިވާ ގޮތުގައި ކެންސަރުން ގިނަ ބަޔަކު ސަލާމަތްވަމުންދަނީ ދުންފަތުގެ އިސްތިއުމާލު ކުރުން ދަށަށް ދިޔުމާއި ބަލީގެ ކުރީކޮޅު ކެންސަރު ދެނެގަނެ ފަރުވާ ދިނުން އިތުރުވުމުންނެވެ.

އޭއޭސީއާރުގެ ރައީސް ޑރ. ލީސާ ކޫސެންސް ވިދާޅުވި ގޮތުގައި މި ކުރިއެރުމުގެ އެއް ސަބަބަކީ ކެންސަރުގެ ފަރުވާއަށާއި ބަލި އިތުރަށް ދެނެގަތުމުގެ ދިރާސާތަކަށް ކުރާ އިންވެސްޓްމެންޓް އިތުރުވުމެވެ. 

"ޓާގެޓެޑް ތެރަޕީތައް، އިމިއުނޯތެރަޕީ، އަދި ފަރުވާދިނުމުގެ އެހެން ވެސް އާ ގޮތްތަކުގެ އަސްލަކީ ސައިންސްގެ ހޯދުންތައް. ކެންސަރުގެ ސައިންސަށް އިންވެސްޓް ކުރުމުގެ އިތުރުން ހުރިހާ ފެންވަރެއްގައި ސައިންސްގެ ތައުލީމަށް އެހީތެރިވުމަކީ ދެން އަންނަން ހުރި ހޯދުންތަކަށް މަގުފަހިކޮށް، ކުރިއެރުން ހަލުވިކުރުމަށް ކޮންމެހެން ބޭނުންތެރި ކަންކަން،" އޭނާ ވިދާޅުވި އެވެ.

ސައިންސްގެ ހޯދުންތަކުގެ ސަބަބުން ކެންސަރުގެ ފަރުވާގައި ބޮޑެތި ކުރިއެރުންތައް ވަނީ ލިބިފައި

ކެންސަރުގެ ދިރާސާއަށް އިންވެސްޓްކުރުމަކީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން އަހައްމިއްޔަތުކަން ދޭ ކަމެކެވެ.

ބައިޑެންގެ ދަރިކަލުން ބޯ ބައިޑެން ވަނީ ސިކުނޑީގެ ކެންސަރުގައި އުމުރުން 46 އަހަރުގައި އަވަހާރަވެފަ އެވެ. ބައިޑަން މި މަހު ވިދާޅުވެފައިވާގޮތުގައި ކުރިއަށް އޮތް 25 އަހަރު ތެރޭ އެމެރިކާގައި ކެންސަރުން މަރުވާ މީހުންގެ އަދަދު މަދުވެގެން ދެބައިކުޅަ އެއްބަޔަށް މަދުކުރުމަކީ އަމާޒެކެވެ.

އެމެރިކަން އެސޯސިއޭޝަން ފޯ ކެންސާ ރިސާޗުން ނެރުނު ރިޕޯޓުގައި ވަނީ "ކެންސަރު ނިމުމަކަށް ގެނައުމަށް" ބައިޑަން ކަނޑައަޅުއްވާފައިވާ އަމާޒަށް ފުރިހަމައަށް އިންވެސްޓްކޮށް އެކަމަށް ތާއީދު ކުރުމަށް ކޮންގްރެސް އަށް އިލްތިމާސްކޮށްފަ އެވެ.

ރިޕޯޓުގައި ބުނިގޮތުގައި ބައިޑަން އަލުން ފައްޓަވާފައިވާ 'ކެންސާ މޫންޝޮޓް' ކެމްޕެއިނަކީ ކެންސަރުން ސަލާމަތްވުމަށް މުހިއްމު އޮނިގަނޑެކެވެ. އެ ސިޔާސަތުގެ ދަށުން ކެންސަރަށް ސްކްރީން ކުރުމާއި ބަލި އަވަހަށް ދެނެގަތުން އިތުރުކޮށް، ކެންސަރު ބަލީގެ މީހުންގެ މެދުގައި ތަފާތުކުރުން މަދުކޮށް، ކެންސަރު ޖެހިފައިވާ މީހުންނަށް ފުރާނަ ސަލާމަތްކުރާ އާ ފަރުވާތައް ދިނުން ހިމެނެ އެވެ.

ރިޕޯޓުގައި ބުނެފައި ވަނީ އޭގެ ސަބަބުން "ކެންސަރަށް ދޭ ފަރުވާ ބަދަލުވެ، ސަލާމަތްވުން އިތުރުވެ، ކެންސަރުން ފުރާނައަށް ނުރައްކާވެފައިވާ އެތައް މިލިއަން ބަޔަކަށް ފުރާނަ ސަލާމަތްކޮށްދޭ ފަރުވާތައް ލިބިގެންދާނެ" ކަމަށެވެ.

އެމެރިކާގައި 1991-2019އާ ދެމެދު ގާތްގަނޑަކަށް 3.5 މިލިއަން މީހުން ކެންސަރު ބަލީގައި މަރު ނުވެ ސަލާމަތްވި ނަމަވެސް، މި އަހަރު ވެސް 600،000 އަށް ވުރެ ގިނަ މީހުން ކެންސަރު ޖެހިގެން މަރުވާނެ ކަމަށް ލަފާކުރެވޭކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ދިރިއުޅުމުގެ އާދަތައް ބައްޓަން ކުރާ ގޮތުން ކެންސަރު ޖެހޭ މީހުންގެ ނިސްބަތް %40 އަށް އަރާ

ރިޕޯޓުގައި އިތުރަށް ބުނި ގޮތުގައި އެމެރިކާގައި އެކަނި ވެސް ކޮންމެ އަހަރަކު އަލަށް ކެންސަރު ބަލި ހުރިކަން ފާހަގަކުރެވޭ މީހުންގެ އަދަދު 2040އާ ހަމައަށް އަންނަ އިރު 2.3 މިލިއަނަށް އަރާނެ ކަމަށް ބެލެވެ އެވެ.

އެމެރިކާގައި ކެންސަރު ޖެހޭ މީހުންގެ %40 އަކީ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ކެންސަރު ޖެހޭ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދުންފަތުގެ އިސްތިއުމާލު ކުރުން، މާ ގިނައިން ރާ ބުއިން، ސިއްހަތަށް ފައިދާ ހުރި ކާނާ ނުކެއުން، އެކަށީގެންވާ ވަރަށް ކަސްރަތު ނުކުރުން އަދި އާދަޔާހިލާފަށް ފަލަވުމެވެ.

މީގެ އިތުރުން އެކަށީގެންވާ ފަރުވާ ދިނުމުގައި ނަސްލީގޮތުން ތަފާތުކުރުމާއި ރަށްފުށު ސަރަހަައްދުތަކަށް ސިއްހީ އިންޝުއަރެންސްގެ ހިދުމަތްތައް ނުލިބުން ފަދަ ގޮންޖެހުންތައް ވެސް އެ ގައުމުގައި ބޮޑެވެ.

ކޮވިޑް-19ގެ އަސަރުތައް ނުސީދާ ގޮތަކަށް ކެންސަރު ބަލީގެ ހާލަތަށް ފޯރާފައިވެ އެވެ. މިގޮތުން 2020 ވަނަ އަހަރު 10 މިލިއަނެއްހާ މީހުންގެ އެކި ކަހަލަ ސްކްރީންތައް ހެދުން ކުރިއަށް ނުގެންދެވޭކަން ފާހަގަކޮށްފައިވެ އެވެ. ރިޕޯޓުގައި ވަނީ މިކަމުން އަރައިގަނެ ކުރިއެރުން ހޯދާނެ ގޮތުގެ ލަފާދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް