ހުޅުމާލޭ މަގެއް: ޕާކިންގެ މައްސަލަ ހުޅުމާލޭގައި ވެސް މިހާރު ބޮޑު. (ދައުރު ފޮޓޯ)

ހުޅުމާލެ

ހެވީ ވެހިކަލް ޕާކު ކުރަން ހުޅުމާލެއިން ޖާގަ ދޫކުރަނީ

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހެވީ ވެހިކަލް ޕާކިން ޒޯނުގައި މުދާ އުފުލާ ބަރު އުޅަނދު ޕާކު ކުރުމަށް 19 ޖާގަ ދޫކުރާނެ

ހެވީ ވެހިކަލް ޕާކު ކުރުމަށް ބީލަމުގެ އުސޫލުން ހުޅުމާލެއިން ބިން ދޫކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެޗްޑީސީ އިން ބުނީ މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް އެ ކުންފުންޏާއި ސަރުކާރު ގުޅިގެން ކުރާ މަސައްކަތުގެ ދަށުން، ފައިސާ ދައްކައިގެން ހެވީ ވެހިކަލް ޕާކު ކުރުމަށް ބީލަމުގެ އުސޫލުން ޖާގަ ދޫކުރަން ނިންމާފައިވާ ކަމަށެވެ.

  • ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހެވީ ވެހިކަލް ޕާކިން ޒޯނުގައި މުދާ އުފުލާ ބަރު އުޅަނދު ޕާކު ކުރުމަށް 19 ޖާގަ ދޫކުރާނެ

  • ބީލަން އުސޫލުން ޖާގަ ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް މިއަދު އެ ފުރުސަތު ވަނީ ހުޅުވާލާފައި

  •  ޕާކު ކުރެވޭނީ ހަމައެކަނި %100 ދިވެހި ވިޔަފާރިއެއްގެ ނަމުގައި، މާލެ ސަރަހައްދުގައި ދުއްވުމަށް ރަޖިސްޓަރީ ކޮށްފައިވާ، ހުޅުމާލޭގެ ސިނާއީ މަސައްކަތުގައި ބޭނުންކުރާ ބަރު އުޅަނދު

ތަފްސީލް - އެޗްޑީސީ އިން ބުނީ ކުއްޔަށް ދޫކުރަނީ ހުޅުމާލެ އެމްޕީއެލް ސަރަހައްދު ކައިރީގައި އޮންނަ ހެވީ ވެހިކަލް ޕާކިން ޒޯނު ކަމަށެވެ. ކުއްޔަށް ދޫކުރާ ޕާކިން ޖާގަތަކުގެ ތެރޭގައި ހިމެނެނީ:

  • 40 ފޫޓު ޓްރެއިލާގެ ތިން ޖާގަ 

  • 20 ފޫޓު ޓްރެއިލާގެ ދެ ޖާގަ

  • ޑަމްޕްޓްރަކް ނުވަތަ ލޮރީ ފަދަ އުޅަނދުތަކަށް ހާއްސަ 10 ޖާގަ 

  • ކްރޭން ޕާކު ކުރުމަށް ހަތަރު ޖާގަ

އެޗްޑީސީ އިން ބުނީ އެ ޖާގަތައް ކުއްޔަށް ދޭނީ އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން ކަމަށެވެ.

  • ބީލަން ފެށޭ އަގަކީ އަކަ ފޫޓަކަށް މަހަކު 12.01ރ. 

  •  ޖާގަތައް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް

  •  މި ޖާގަތައް ކުއްޔަށް ދޫކުރާނީ މުދާ އުފުލާ ބަރު އުޅަނދުފަހަރު ޕާކްކުރުމަށް އެކަނި 

އެޗްޑީސީން ބުނިގޮތުގައި ޕާކިން މައްސަލަތަކަށް ހައްލު ހޯދުމަށް އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން، މިދިޔަ އަހަރުގެ އެޕްރީލް މަހު  ޕެއިޑް ޕާކިން ޒޯންތަކުން ބީލަމުގެ އުސޫލުން ދެ ޒޯނަކަށް ބަހާލައިގެން 70 ކާރު ޕާކް ކުރާނެ ޖާގަ ދޫކޮށްފައިވާ ކަމަށާއި ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރާތްކުރާ މީހުންނަށް ޕާކްކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުކޮށް، މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގައި ޕާކިން އިމާރާތެއް އަޅަން ދަމާސް ކޮމްޕެނީއާ މިދިޔަ މާޗު މަހު ހަވާލު ކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް