ޖަޕާނު ކުޅުންތެރިން ޖާމަނީ ކޮޅަށް ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޖަރުމަނަށް ވެސް އާޖެންޓީނާއަށް ވީ ވަރު: ޖަޕާނަށް ހަމަ ހައްގު ކާމިޔާބެއް

ފަހަތުން އަރައި ކުރި ހޯދުމަކީ ވޯލްޑް ކަޕެއްގައި ޖަޕާނަށް މީގެ ކުރިން ކުރެވުނު ކަމެއް ނޫން

ފުޓުބޯޅައިގެ އެންމެ ގަދަ އެއް ޓީމު އަދި ހަތަރު ފަހަރަށް ވޯލްޑް ކަޕްގެ ތަށި އުފުލާފައިވާ ޖަރުމަން ބަލިކޮށް ޖަޕާނުން ވެސް މިރޭ ދުނިޔެ ސިއްސުވާލައިފި އެވެ. މިއީ ވޯލްޑް ކަޕް މުބާރާތެއްގައި ޖަޕާނާއި ޖަރުމަންގެ ފުރަތަމަ ކުރިމަތިލުމެވެ.

ގަތަރު ވޯލްޑް ކަޕްގެ ގްރޫޕް އީގެ މެޗު ޖަޕާނުން ކާމިޔާބުކުރީ ފަހަތުން އަރައި 2-1ގެ ނަތީޖާއަކުންނެވެ.

ޖަޕާނުން އަށް ވަނަ މިނެޓުގައި ޖަރުމަންގެ ގޯލު ފޫއަޅުވާލި ނަމަވެސް، ކުޅުންތެރިޔާ އޮފްސައިޑް ވުމުން އެ ގޯލު ބަލައެއް ނުގަތެވެ.

މި މެޗާއި އިއްޔެ ސައުދީން އާޖެންޓީނާގެ މައްޗަށް ކުރި ހޯދި މެޗުން އެއްގޮތް ކަންތައްތަކެއް ވަނީ ފާހަގަވެފަ އެވެ. އެގޮތުން މި މެޗުގައި ޖަރުމަނަށް ވެސް ލީޑު ނެގީ ލިބުނު ޕެނަލްޓީ އަކުން ގޯލެއް ޖަހައިގެންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ގޯލެއް ޖެހި ނަމަވެސް، އޮފްސައިޑްވުމުގެ ސަބަބުން އެ ގޯލު ބަލައެއް ނުގަތެވެ.

އާޖެންޓީނާއިން ވެސް ސައުދީ ކޮޅަށް ގޯލް ޖެހީ ޕެނަލްޓީއަކުންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރަށް ޖެހި ތިން ގޯލު އޮފްސައިޑުގެ ސަބަބުން ބަލައެއް ނުގަތެވެ.

ސަައުދީއާ އެއްގޮތަށް ޖަޕާނުން ވެސް މެޗުގެ ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގެ ތެރޭގަ އެވެ. ތަފާތަކީ، ސައުދީން އެކަން ކުރީ ދެ ވަނަ ހާފުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި ކަމަށް ވުމެވެ. ޖަޕާނުން ދެ ގޯލު ޖެހީ ދެ ވަނަ ހާފުގެ ފަހު 25 މިނެޓުގެ ތެރޭގަ އެވެ. ނަތީޖާ އެއްވަރު ކުރުމަށް ފަހު ޖަޕާނުން ނަތީޖާ އަނބުރާލަން ނެގީ އެންމެ އަށް މިނެޓެވެ.

ވޯލްޑް ކަޕްގައި މިއަދު ޖާމަނީ އާއި ޖަޕާން ބައްދަލުކުރި މެޗުގައި ޖާމަނީގެ ތޯމަސް މުލާ ހިފަހައްޓަން ޖަޕާނުގެ ދެ ކުޅުންތެރިން މަސައްކަތް ކުރަނީ.

ގޯލްތަކުގެ ޓައިމްލައިން:

33 ވަނަ މިނެޓު - ޖަރުމަނަށް ޕެނަލްޓީއެއް، ގޯލު ޖެހީ އިލްކޭ ގުންޑޮގާން

75 ވަނަ މިނެޓު - ޖަޕާނުން ނަތީޖާ އެއްވަރު ކުރި، ގޯލު ޖެހީ ރިޓްސޫ ޑޮއާން

83 ވަނަ މިނެޓު - ޖަޕާނުން ލީޑު ނެގި، ގޯލު ޖެހީ ޓަކޫމާ އަސަނޯ

ފުރަތަމަ ހާފުގައި ޖަޕާނަށް އެކަށީގެންވާ ހަމަލާއެއް ނުއުފެއްދުނު ނަމަވެސް، ދެ ވަނަ ހާފުގައި ކޯޗު ގެނައި މުހިންމު ބަދަލުތަކާ އެކު ޓީމުގެ ކުޅުން އަވަސްވި އެވެ. ނަތީޖާއެއްގެ ގޮތުން ތަޖުރިބާކާރު ޖަރުމަނުގެ ކުޅުންތެރިންނަށް، ދުވެލި ބާރު ޖަޕާނު ކުޅުންތެރިން ހިފަހައްޓާލުން ވީ އުނދަގޫ ކަމަކަށެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި (ބޯލް ޕޮސެޝަންގެ %74)، ގިނަ ހަމަލާ އުފެއްދީ ވެސް ޖަރުމަނުންނެވެ. އެގޮތުން، މުޅި މެޗުގައި ޖަރުމަނުން ހެދި 26 ޝޮޓުގެ ތެރެއިން ނުވަ ޝޮޓު ގޯލާ އަމާޒުވިއިރު، ޖަޕާނުން ހެދި 12 ޝޮޓުގެ ތެރެއިން ގޯލާ އަމާޒުވީ އެންމެ ހަތަރު ޝޮޓެވެ.

ޖަޕާނުގެ ޓީމުގައި ޖަރުމަންގެ ބުންޑަސްލީގާގެ ކުލަބުތަކަށް ކުޅޭ އަށް ކުޅުންތެރިން ތިބުމާ އެކު ކުރިން ވެސް، މަދު ބަޔަކު ވިޔަސް ޖަޕާނަށް މި މެޗު ކާމިޔާބު ކުރެވޭނެ ކަމަށް ލަފާކުރި އެވެ.

ސައުދީއަށް ފަހު ޖަޕާނުން ވެސް މި ވަނީ ވޯލްޑް ކަޕްގައި އޭޝިއާ ފަހުރުވެރިކޮށްލާފަ އެވެ. 

މީގެ ކުރިން 2018ގެ ވޯލްޑް ކަޕްގައި ގްރޫޕް ސްޓޭޖުން، ގްރޫޕުގެ ފުލުގައި އޮވެ ޖަރުމަން އެ މުބާރާތާ ވަކިވިއިރު، މިއަދުގެ ނަތީޖާއާ އެކު އަނެއްކާވެސް އެކަން ތަކުރާރުވެދާނެ ކަމުގެ ބިރު އެ ޓީމަށް އެބަ އޮތެވެ.

ކޮމެންޓް

Placeholder

ގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑް ކަޕް 2022