އަފްގާނިސްތާނުގެ ޓީވީ ޕްރެޒެންޓަރަކު މޫނު ނިވާކޮށްގެން ހަބަރު ކިޔަނީ. (ފޮޓޯ/ އޭޕީ)

އަފްގާނިސްތާން

އަފްގާނިސްތާނުގައި އަންހެން ޓީވީ ޕްރެޒެންޓަރުން މޫނު ނިވާކުރަން މަޖުބޫރުކޮށްފި

ހަ ވަނަ ގްރޭޑަށް ފަހު އަންހެން ކުދިން ތައުލީމު އުގެނުން ވެސް ތޯލިބާނުން ވަނީ މަނާކޮށްފައި

އަފްގާނިސްތާނުގައި ވެރިކަން ކުރާ ތޯލިބާނުން ނިންމާފައިވާ ގޮތަށް، އެ ގައުމުގެ ޓީވީތަކަށް އަރާ ޕްރެޒެންޓަރުން މޫނު ނިވާކުރަން މަޖުބޫރު ކުރި ގަވައިދަށް އަމަލުކުރޭތޯ ސަރުކާރުން ބަލަން ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަމަލު ކުރަން ފެށި ގަވައިދަށް އެ ދުވަހު އަމަލު ކުރީ ދެ ބައިކުޅަ އެއްބައި ޓީވީތަކުންނެވެ. ނަމަވެސް އިއްޔެ ޓީވީތަކަށް ޕްރެޒެންޓަރުން އެރީ ސަރުކާރުގެ ގަވާއިދާ އެއްގޮތަށް މޫނު ނިވާކޮށްގެންނެވެ.

އަފްގާނިސްތާނުގެ އިންފޮމޭޝަން އެންޑް ކަލްޗާ މިނިސްޓްރީން ބުނީ ސަރުކާރުގެ އެ ނިންމުމަކީ "އެންމެ ފަހުގެ ނިންމުން" ކަމަށާއި "އެކަމާ މެދު އިތުރަށް މަޝްވަރާ ނުކުރެވޭނެ" ކަމަށެވެ.

އަފްގާނިސްތާނުގެ ޓީވީ ޕްރެޒެންޓަރުން ބުނީ މޫނު ނިވާކޮަށްގެން އުޅުމުގެ ސިޔާސަތަކީ ބޭރުގައި އުޅެންވީ ގޮތުގެ ސަގާފަތެއް ކަމަށާއި ޓީވީއަށް އަރާއިރު މޫނު ނިވާ ކުރުމުން ޕްރޮގްރާމްތައް ހުށަހެޅުމުގައި މައްސަލަތައް ދިމާވާނެ ކަމަށެވެ. އެ މީހުން ބުނީ މޫނު ނިވާކޮށްގެން ޕްރޮގްރާމް ހުށަހެޅުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަދި އަންހެނުން މޫނު ނިވާ ކުރުމަށް އިސްލާމް ދީން މަޖުބޫރު ނުކުރާ ކަމަށް ވެސް އެ މީހުން ބުންޏެވެ.

"މިއީ ހުރިހާ އިސްލާމީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުން ވެސް ދެކޮޅު ހަދާ ގަރާރެއް،" ޓޯލޯ ނިއުސްގެ ޕްރެޒެންޓަރު ސީނިއާ ނިއާޒީ ބުންޏެވެ.

ތޯލިބާނު ސަރުކާރުން ބުނީ އަންހެން ޕްރެޒެންޓަރުން މޫނު ބުރުގާގެ ބަދަލުގައިި މެޑިކަލް މާސްކް ވެސް އެޅިދާނެ ކަމަށެވެ.

ނިއާޒީ ބުނީ އެ ނިންމުމުގެ ސަބަބުން އޭނާއަށް އިހްސާސް ވަނީ އޭނާ ބަނދެވިފައިވާ ކަމަށެވެ. އޭނާ ބުނީ އެފަދަ ގަރާރުތައް އަންހެނުންގެ މައްޗަށް ނެރުމުން ވާ ގޮތަކީ އަންހެނުން މުޖުތަމައުން އިތުރަށް ބާކީވުން ކަމަށެވެ.

އަންހެން ނިއުސް ޕްރެޒެންޓަރުންނާ ބައިވެރިވުމުގެ ގޮތުން ޓީވީތަކަށް އަރާ ފިރިހެން ޕްރެޒެންޓަރުން ވެސް އަރަނީ މާސްކުން މޫނު ނިވާކޮށްގެންނެވެ. ރޭގަނޑުގެ އެންމެ ޕްރައިމް ގަޑީގެ ހަބަރަށް އަރަނީ ވެސް އެހެންނެވެ. 

އަފްގާނިސްތާނުގެ މީޑިއާ ސްޓޭޝަނެއްގެ އޮފިޝަލަކު އަލްޖަޒީރާއަށް ވިދާޅުވީ މިދިޔަ ހަފުތާގައި ސަރުކާރުން ނެރުނު ގަރާރަށް އިއްޔެއިން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ. އަދި އެ ގަރާރަކީ އެއާ މެދު ބަހުސް ކުރުމުގެ ފުރުސަތު ނެތް އެއްޗެއް ކަމަށް ސަރުކާރުން ބުނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާޒީ އަނބުރާ ގެނައުން

ތޯލިބާނުން 1996 -2001 އަށް އަފްގާނިސްތާނުގައި ވެރިކަން ކުރި އިރު ވެސް ވަނީ އަންހެނުންނާ ދޭތެރޭ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން، އަންހެނުންގެ މުޅި ހަށިގަނޑު، މޫނާ އެކު ނިވާކުރަން މަޖުބޫރު ކުރުމުގެ އިތުރަށް، އަންހެނުން އާންމުގެ ތެރެއަށް ނުކުތުމާއި އަންހެން ކުދިން ތައުލީމް ހާސިލު ކުރުމަށް މަނާކުރި އެވެ.

މިދިޔަ އޯގަސްޓް މަހު ދެ ވަނަ ފަހަރަށް ތޯލިބާނުން ސަރުކާރު ހިންގަން ފެށި އިރު ގެންގުޅުނީ ތަންކޮޅެއް ތައްކަތު ސިޔާސަތުތަކެކެވެ. އަދި އޭރު އަންހެނުންގެ ހެދުމަކަށް ވެސް ވަކި ކޯޑެއް ނެތެވެ. 

ނަމަވެސް މިދިޔަ ހަފުތާއަށް ފަހު ވަނީ ހުރިހާ ކަމެއް ކުރިއެކޭ އެއްގޮތަށް ބަދަލުވެފަ އެވެ. ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްކަށް ވަނީ ބިރުވެރިކަމާ ކުރިމަތިލާން ޖެހިފަ އެވެ.

މި މަހުގެ ކުރީކޮޅު ތޯލިބާނުން އިއުލާނު ކުރީ އަންހެނުންނަށް ބޭރުގައި އުޅެވޭނީ ބޮލުން ފެށިގެން ފައިގެ ބޮޑުވާއިނގިއްޔާ ހަމައަށް ފޮރުވައިގެން ކަމަށާއި ބޭރަށް ފެންނަން ޖެހޭނީ ދެ ލޯ އެކަނި ކަމަށެވެ. އެ ގަރާރުގައި ބުނެފައި ވަނީ އަންހެނުން ބޭރަށް ނުކުންނަން ޖެހޭނީ ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި އެކަނި ކަމަށެވެ. އަންހެނުން އަޅަން ބުނެފައިވާ ހެދުމާ ހިލާފަށް އެ މީހުން ބޭރުގައި އުޅޭ ނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެ މީހެއްގެ އާއިލާ އިން ކަމަށާއި އެ ގަވާއިދާ ހިލާފު ވެއްޖެ ނަމަ ޝަރީއަތްކޮށް ޖަލަށް ލެވޭނެ ކަމަށް ވެސް ތޯލިބާނުން ބުންޏެވެ.

ހަ ވަނަ ގްރޭޑަށް ފަހު އަންހެން ކުދިން ތައުލީމު އުގެނުން ވެސް ތޯލިބާނުން ވަނީ މަނާކޮށްފަ އެވެ. އެއީ ކުރީގެ ނިންމުން، ހުރިހާ އުމުރެއްގައި ވެސް ކިޔެވޭނެ ކަމަށް ނިންމި ނިންމުން ބަދަލުކުރުމަށް ފަހު އެވެ. 

އަފްގާނިސްތާނުގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ފައުޒީ ކޫފީ ވިދާޅުވީ މި ފަހުން ނެރުނު ގަރާރުގައި "އެއްވެސް އަސާސެއް ނެތް" ކަމަށެވެ.

އޭނާ ވިދާޅުވީ ތޯލިބާނުން ވެރިކަމާ ހަވާލުވުމާ އެކު އަންހެނުންގެ ހަގުތައް ހަނިކުރުމަށް ވަރަށް ގިނަ ގަރާރުތައް ނެރެފައިވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް