ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. (ދައުރު ފޮޓޯ)

މިއަހަރު އައި ފަތުރުވެރިންގެ އަދަދު 6 ލައްކަ ހުރަސްކޮށްފި

މިދިޔަ ދެ ހަފްތާގެ ތެރޭގައި އެކަނި ވެސް 67،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައި

މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމުލަ އަދަދު ހަ ލައްކަ ހުރަސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 11 މެއިގެ ނިޔަލަށް މިއަހަރު 628،709 ފަތުރުވެރިން ވަނީ އައިސްފަ އެވެ. އޭގެ ތެރެއިން މެއި 1-11 އަށް އައި ފަތުރުވެރިންގެ އަދަދަކީ 51،919 އެވެ.

ތަފްސީލު - ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުތަކަށް ބަލާއިރު، އޭޕްރީލް މަސް ނިމުނުއިރު މާކެޓުތައް ހުރި ގޮތަށް މި މަހުގެ މިހާތަނަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. އޭޕްރީލް ނިމުނުއިރު އަދި މިހާރު ވެސް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުންނެވެ.

ފަތުރުވެރިން އެންމެ ގިނައިން އަންނަ ފަސް ގައުމު

އިނގިރޭސިވިލާތް - 80،102

އިންޑިއާ - 79،562

ރަޝިއާ - 60،533

ޖަރުމަންވިލާތް - 54،006

އިޓަލީ - 42،793

ދުވާލަކު އެވަރޭޖުކޮށް 4،800 ފަތުރުވެރިން؛ 7 ދުވަސް ހޭދަކުރޭ

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުވާލަކު އެވަރޭޖުކޮށް އައި ފަތުރުވެރިންގެ އަދަދު، މިދިޔަ މަހާ އަޅާބަލާއިރު ކުޑަކޮށް ވަނީ އިތުރުވެފަ އެވެ. އެގޮތުން:

އޭޕްރީލް 27ގެ ނިޔަލަށް: ދުވާލަކު 4،795 ފަތުރުވެރިން

މެއި 11ގެ ނިޔަލަށް: ދުވާލަކު 4،799 ފަތުރުވެރިން

ސީޒަން ދުވަސްވަރު ނިމުމާ އެކު ރާއްޖެ އައިސް އެވަރޭޖުކޮށް ހޭދަކުރާ ދުވަސްތަކުގެ އަދަދު ވަނީ ދަށްވެފަ އެވެ. މިދިޔަ މަސް ނިމުނުއިރު އެވަރޭޖުކޮށް 8.1 ދުވަސް ހޭދަކުރި ނަމަވެސް މި މަހު އެ އަދަދު ވަނީ 7.3 ދުވަހަށް ދަށްވެފަ އެވެ.

ކޮމެންޓް

Placeholder

ފަތުރުވެރިން އަންނަ އަދަދު

ފަތުރުވެރިން އަންނަ އަދަދު