ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާގެ ރިޔާސަތުގައި. (ފޮޓޯ/މަޖިލިސް)

ޖަލްސާ ފެށީ 22 މެންބަރުންނާ އެކު؛ '80،000ރ. ނަގައިގެން ހާޒިރުނުވުމަކީ ހިތާމައެއް'

އެ މަނިކުފާނު ވިދާޅުވީ، މެންބަރުން ބަހުސްގައި ބައިވެރިވެވަޑައިގެން، އެ މެންބަރަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވާހަކަދައްކަވައި ހިޔާލު ފާޅުކުރައްވައި ހެއްދެވުމަކީ މަޖިލީހުގެ އަސާސީ މަގްސަދު ކަމަށް

ޖުމްލަ 80،000ރ.އަށް ވުރެ ބޮޑު މުސާރައެއް ނަންގަވައިގެން މެންބަރުން ޖަލްސާތަކަށް ހާޒިރުނުވުމަކީ ކަންބޮޑުވުމެއް ކަމަށާއި ރައްޔިތުންގެ ވަކީލުންގެ ގޮތުގައި ތިއްބަވާ ބަޔަކު އެގޮތަށް އަމަލު ކުރުމަކީ ހިތާމައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މެންބަރުންގެ ހާޒިރީ ދަށްކަމުން މިއަދުގެ ޖަލްސާ ފަށަން ޖެހުނީ 5 މިނެޓެއްހާ ލަހުންނެވެ. އެގޮތުން:

  • ޖަލްސާ ފެށި ވަގުތު ތިއްބެވީ އެންމެ 22 މެންބަރުން

  • ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ މެންބަރުންނަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައި

ޖަލްސާ ފެށިއިރު، މަޖިލީހުގައި ތިއްބެވި މެންބަރުން: ހާޒިރީ ދަށްވުމުން ނަޝީދު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައި. (ފޮޓޯ/މަޖިލިސް)

ބުނީ ކީކޭ؟ - "އެއީ ވަގުތު ފަހަނަ އަޅާ ދިއުމަށް ފަހު، ރަނގަބީލު ޖެހުމަށް ފަހު ވެސް ހާޒިރުވި މެންބަރުންގެ އަދަދު [22 މެންބަރުން]. އެނގިވަޑައިގަންނަވާނެ މިއީ، 87 މެންބަރުންގެ މަޖިލީހެއް. އަދި ކޮންމެ އިއްޒަތްތެރި މެންބަރަކަށް ވެސް އިންތިހާއަށް މުސާރަ ލިބިވަޑައިގަންނަވާ. ކޮމިޓީ އެލަވަންސް އެހާމެ ގިނައިން ލިބިވަޑައިގަންނަވާ. މެންބަރެއްގެ މުސާރައެއްގެ ގޮތުގައި 80،000އަށް ވުރެ ގިނަ ރުފިޔާ އެބަ ގެއަަށް ގެންދަވާ. އަދި މެންބަރުން އިންތިހާބު ވަޑައިގެންފައި ތި ތިއްބަވަނީ، ރައްޔިތުންގެ ވަކީލުންގެ ގޮތުގައި މި ތަނުގައި ތަމްސީލު ކުރުމަށް. މި ތަނަށް ވަޑައިނުގަންވާ ކަމީ ވަރަށް ބޮޑު ހިތާމައެއް،" ނަޝީދު ވިދާޅުވި އެވެ.

އެޖެންޑާގައި ހުރި ކަންކަން އިއުލާންކުރެއްވުމަށް ފަހު، ރިޔާސަތުން އަންގާ އެނގުމެއްގެ ގޮތުގައި ވެސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވީ، މެންބަރުން ޖަލްސާއަށް ހާޒިރުނުވާ މައްސަލައިގައި އެވެ.

"އަޅުގަނޑު ރިޔާސަތުން ވެސް އަންގަން އޮތް ހަމައެކަނި ކަމަކީ މިއަދު، މި މަޖިލީހަށް، މި މަޖިލިސް އޮންނަ ދުވަސް ދުވަހު، މި މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ވަޑައިގަތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ޖަލްސާ ފެށިއިރު، މަޖިލީހުގައި ތިއްބެވި މެންބަރުން: ހާޒިރީ ދަށްވުމުން ނަޝީދު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައި. (ފޮޓޯ/މަޖިލިސް)

އެ މަނިކުފާނު ވިދާޅުވީ، މެންބަރުން ބަހުސްގައި ބައިވެރިވެވަޑައިގެން، އެ މެންބަރަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވާހަކަދައްކަވައި ހިޔާލު ފާޅުކުރައްވައި ހެއްދެވުމަކީ މަޖިލީހުގެ އަސާސީ މަގްސަދު ކަމަށެވެ.

އެނގުން މުހިންމު - މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މެންބަރުންގެ %25 އެވެ. އެއީ 22 މެންބަރުންނެވެ. އެހެންކަމުން، މިއަދުގެ ޖަލްސާގައި ތިއްބެވީ ހަމައެކަނި ކޯރަމްއަށް ބޭނުންވާ އަދަދެވެ. މަޖިލީހުގެ ގިނަ ޖަލްސާތައް މިހާރު ނިންމާލަން ޖެހެނީ ބިލްތަކަށް ވާހަކަ ދައްކާނެ މެންބަރުން ނެތިގެންނެވެ.

ކޮމެންޓް (3)

ޖައިލަމް

23 ނޮވެމްބަރު 2022
އެއް ލައްކައަށް ހަދާލަން މަށަށް ފެންނަނީ
0 0

އިބުރާހިމް

23 ނޮވެމްބަރު 2022
އަދިވެސް އަދަދު ބޮޑު ކޮށްލަބަލަ. އޭރަށް އަންނަ މެންބަރުން ތިއަށް ވުރެ މަދު ވާނެ
1 0

ހަސްނާ

23 ނޮވެމްބަރު 2022
މަނިކުފާނަށް އަދި ތޯ ތި އެނގިލެއްވީ؟ އަހަރުމެން ތި ވާހަކަ ދައްކާ ތާ ކޮން ޒަމާނެއް؟ އަހަރުމެން ކިއިީމައި ގޯސް ވާނީ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް