Majlis 2024

ބިންހެލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމުގެ އެއްވެސް ހަބަރެއް އަދި ނެތް (ފޮޓޯ/ގެޓީ އިމޭޖެސް)

ސޮލޮމޮން އައިލެންސްޑްސް އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ސޮލޮމޮން އައިލެންޑްސް އަށް ބިންހެލުމެއް އައިސްފައި މިވަނީ އިންޑޮނީޝިއާގެ ޖާވާއަށް ވެސް އިއްޔެ ބާރުގަދަ ބިންހެލުމެއް އައިސްފައި ވަނިކޮށް

ސޮލޮމޮން އައިލެންޑްސް އަށް ރިކްޓާ މިންގަނޑުން 7.0ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ސޮލޮމޮން އައިލެންޑްސްގެ ހުޅަނގު ދެކުނު މަލަންގޯ ސަރަހައްދަށް އައި މި ބިންހެލުމުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކު މަރުވެ ނުވަތަ އަނިޔާއެއް ލިބިފައިވާ ހަބަރެއް  އަދި ރިޕޯޓުކޮށްފައެއް ނުވެ އެވެ. ނަމަވެސް ވެރިރަށް ވެރިރަށް ހޮނިއާރާއަށް ވެސް ބިންހެލުމުގެ އަސަރު ވިއްސަކަށް ސިކުންތު ވަންދެން ވަރަށް ބޮޑަށް ކުރިކަމަށް ހަބަރުތައް ވަނީ ރިޕޯޓުކޮށްފަ އެވެ. 

އަދި ސުނާމީއެއް އަރާފާނެކަމުގެ ބިރާ އެކު އާންމުން އުސް ސަރަހައްދުތަކަށް ވަގުތުން ދިޔުމަށް ބޮޑުވަޒީރު އޮފީހުން ވަނީ އިންޒާރު ނެރެފަ އެވެ. ނަމަވެސް ސުނާމީގެ މި އިންޒާރު ފަހުން ވަނީ އުވާލާފަ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ދައްކާގޮތުން ސޮލޮމޮން އައިލެންޑްސް އަށް މެންދުރު 1 ޖަހާކަންހާއިރު އައި މި ބިންހެލުން އައިސްފައި ވަނީ  ސޮލޮމޮން އައިލެންޑްސްގެ ރަށްތަކާ 18 ކިލޯމީޓަރު ދުރުން ހުޅަނގު ދެކުނުގެ ކަނޑުގެ 15 ކިލޯމީޓަރު އަޑިން ނެވެ. 

މި ބިންހެލުމުގެ ސަބަބުން ވެރިރަށް ހޮނިއާރާއިން ކަރަންޓު ކެނޑި ގިނަ ބަޔަކު ވަނީ ސަލާމަތް ވާން ވެެގެން އިމާރާތްތަކުން މަގުމައްޗަށް ނުކުމެފަ އެވެ. 

"އިމާރާތް ދިޔައީ ވަރުގަދައަށް ތެޅެމުން. މީހާ ވެސް ދެއަތަށް ތަޅުވާލާހާ ބާރުގަދަ،" އޭއެފްޕީ ނޫހަށް މައުލޫމާތު ދެއްވި ހޮޓަލެއްގެ މެނޭޖަރެއް ވިދާޅުވި އެވެ.

މި ބިންހެލުމަށް ފަހު އިތުރު ތިން އާފްޓަޝޮކް ހެލުންގަނޑު ވެސް ހަމަ އެސަރަހައްދަށް ވަނީ އައިސްފަ އެވެ. އަދި މީގެ ތެރެއިން އެންމެ ބާރުގަދަ އާފްޓަޝޮކުގެ ބާރުމިން ހުރީ ރިކްޓާ މިންގަނޑުން 6.0ގަ އެވެ.  

އާންމުން އާފްޓަޝޮކްތަކަށާއި އުސް ތަންތަން ކައިރީގައި ތިބޭ ނަމަ ސަމާލުވެ ތިބުމަށް ސޮލޮމޮން އައިލެންޑްްސްގެ މިޓިއޮރޮލޮޖިކަލް ސާވިސްގެ  ޑޭވިޑް ހީބާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

(ފޮޓޯ/އަލްޖަޒީރާ)

ސޮލޮމޮން އައިލެންޑްސް އަށް ބިންހެލުމެއް އައިސްފައި މިވަނީ އިންޑޮނީޝިއާގެ ޖާވާއަށް އިއްޔެ ބިންހެލުމެއް އައިސް އެތައް ބަޔަކު މަރުވެ އެތައް ސަތޭކަ މީހުންނަށް އަނިޔާވެފައި ވަނިކޮށެވެ.

ސޮލޮމޮން އައިލެންޑްސް އާއި އިންޑޮނީޝިއާ ދެގައުމު ވެސް އޮންނަނީ އާންމުކޮށް ބިންހެލުންތައް އަންނަ ޕެސިފިކްގެ "ރިންގް އޮފް ފަޔާ" ސަރަހައްދުގަ އެވެ. 

ކޮމެންޓް (2)

އަސްމާ

22 ނޮވެމްބަރު 2022
ގިޔާމަތް ކައިރި ވެއްޖެ ކަމުގެ އަލާމާތްތަކުގެ ތެރޭގައި އިނދޭ ބިންހެލުންތައް އާންމު ވާނެ ކަމަށް ވެސް ދޯ
0 0

ފަރޫ

22 ނޮވެމްބަރު 2022
ސުނާމީއަކަށް ނުވާނެ އިރާދަ ކުރެއްވިއްޔާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް