ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ މީހުންނަށް އިމިގްރޭޝަނުން ހިދުމަތް ދެނީ. (ފޮޓޯ/އިމިގްރޭޝަން)

ޓޫރިޒަމް

'އިމުގާ' ޑިކްލަރޭޝަން ފޯމް އުވާލުމުގެ ވިސްނުމެއް އަދި ނުގެންގުޅެން: އިމިގްރޭޝަނުން

ކޮވިޑްގެ ސަބަބުން ތައާރަފުކުރި ޑިކްލަރޭޝަން ފޯމު ގިނަ ގައުމުތަކަކުން މިހާރު ވަނީ އުވާލާފައި
23 ނޮވެމްބަރު 2022
4

ރާއްޖެއަށް ދަތުރުކުރުމަށް ނުވަތަ ރާއްޖެއިން ބޭރަށް ދިއުމަށް ފުރަން ޖެހޭ 'އިމުގާ' ޑިކްލެރޭޝަން ފޯމު އުވާލުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ކޮވިޑްގެ ސަބަބުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދުނިޔޭގެ ގިނަ ގައުމުތަކަށް އެތެރެވެ ބޭރުވާއިރު ޑިކްލަރޭޝަން ފޯމެއް ހުށަހަޅަން ޖެހެ އެވެ. ދަތުރުވެރިޔާގެ ޒާތީ މައުލޫމާތާއި ދަތުރުގެ ތަފްސީލީ މައުލޫމާތު އެ ފޯމުގައި ހިމެނެ އެވެ.

ނަމަވެސް، އެ ފޯމު ފުރުމަކީ ގިނަ ދަތުރުވެރިންނަށް ތަކުލީފަކަށް ވާތީ، އާންމު ހާލަތަކަށް ދިރިއުޅުން ރުޖޫއަވުމާ އެކު ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ އެ ފޯމު ފުރުން މިހާރު އުވާލާފަ އެވެ.

ތަފްސީލް - ކޮވިޑާ އެކު ރާއްޖޭގައި ވެސް ޑިކްލެރޭޝަން ފޯމު ފުރުން ތައާރަފުކޮށްފައިވެ އެވެ. އެ ފޯމު ފުރަން ނުޖެހޭ ގޮތް ހެދުމުގެ އެެއްވެސް ވިސްނުމެއް އަދި ނެތް ކަމަށް އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު މިފްތާހު މުހައްމަދު މިއަދު 'ދައުރު'އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • ކޮވިޑްގެ ހާލަތާ ގުޅިގެން ތައާރަފްކުރި 'އިމުގާ ޓްރެވެލާ ޑިކްލެރޭޝަން' ފޯމަކީ ރާއްޖޭގައި ބޭނުންކުރާ އެމްބާކޭޝަން/ޑިސްއެމްބާކޭޝަން ކާޑު

  • ފޯމު ފުރުން ލުއިކޮށްދިނުމުގެ ގޮތުން މިދިޔަ ޖޫން މަހު ފޯމަށް ބަދަލު ގެނެސްފައިވޭ؛ މިހާރު ޕީސީއާރު ޓެސްޓް އަޕްލޯޑް ކުރާކަށް ނުޖެހޭ އަދި ސިއްހީ ތަފްސީލްތައް ފުރާކަށް ނުޖެހޭ

  • ފޯމު ފުރުން އުވާލުމުގެ ވިސްނުމެއް ނުގެންގުޅެނީ ފަހަތަށް ފިޔަވަޅެއް ނޭޅުމުގެ ގޮތުން

  • ފޯމު ފުރާ ގޮތަށް އޮތުމުން ބޮޑަށް ފަސޭހަވާނެ؛ ދަތުރުވެރިންނާ ބެހޭ މައުލޫމާތުތައް ލިބުން މުހިއްމު

  • އިމިގްރޭޝަންގެ ވެބްސައިޓުން އޮންލައިންކޮށް ފަސޭހަކަމާ އެކު ފޯމު ފުރޭނެ

އެނގުން މުހިއްމު - ކޮވިޑާ އެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޑިކްލަރޭޝަން ފޯމު ފުރުން ތައާރަފުކުރި ގައުމުތަކުގެ ތެރެއިން ޔޫރަޕްގެ ހުރިހާ ގައުމަކުން މިހާރު ވަނީ ފޯމު ފުރުން ނިމުމަކަށް ގެނެސްފަ އެވެ. މި ސަރަހައްދުގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިންޑިއާ އިން ވެސް ވަނީ އިއްޔެއިން ފެށިގެން އެ ގައުމަށް އެތެރެވާ ފަސިންޖަރުން ޑިކްލެރޭޝަން ފޯމު ފުރަން ނުޖެހޭ ގޮތް ހަދާފަ އެވެ.

ކޮމެންޓް (4)

ދޯހަޅި

24 ނޮވެމްބަރު 2022
މިއީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ނަމޫނާ އެއް. ދަތުރުވެރިން ނާއި ފަތުރުވެރިންނަށް ފަސޭހަކޮށްދިނުމުގެ ބަދަލުގައި ދަތިކުރުން. ރާއްޖެއަށްވުރެ ސަލާމތީ ކަންތައްތަކަށް ސަމާލުކަންދޭ ބޮޑެތި ގައުމުތަކުންވެސް އެރައިވަލް އަދި ޑިޕާޗާ ފޯމް ފުރާކަށް ނުޖެހޭ. މީގެ ކުރިން ކުރަންޖެހޭ ކަމެއް ނޫން ޑިޕާޗާ ފޯމް ފުރުމަކީވެސް. ދެން ޖެހޭނީ ކެބިނެޓުން ނުވަތަ މަޖިލިހުން މިކަމާ ބަހްސުކޮށް މިފަދަ ހުރަސްތައް ނައްތާލަން މަސައްކަތްކުރަން. އިތުރު ލިޔެ ކިއުންތައް ފުރުމަކީ ފަސޭހަކަމެއް ނޫން. ވިސްނާބަލަ، ޓުރިސްޓު މީހާ އާއިލާގެ 5 މީހުނާއކު ފުރަން ދިޔާމަ ޗެކިންގަ މި ބުނަނީ އިމުގަ އެޕްރޫވަލް ކޮބާހޭ. ދެން ތެޅިގަނެގެން މި ޖެހެނީ އެއްކަލަ އިމުގަ ފުރަން. ބައެއް ފަހަރަށް އިމުގެ ސިސްޓަމް ހުންނަނީ ޑައުންވެފަ.
2 0

ހަސަންދީ

24 ނޮވެމްބަރު 2022
ދަތުރުކުރާ މީހުންނަށް އުދަގޫވާނެ ކޮންމެ ކަމެއް ކުރާތި! ދުނިޔޭގެ އެހެން ގައުމުތަކުން ކޮވިޑާ ގުޅިގެން ކުރަން އެންގި ކަންތައް އުވާލާއިރު މިރާއްޖެއަށް އެކަން ނުކުރެވެންވީ ކީއްވެބާ؟
2 0

ާއާންމުމީހާ

23 ނޮވެމްބަރު 2022
އިމިގްރޭޝަނަކީވެސް ވަކި ސަރުކާރެއް. ދަތުރުކުރާ މީހުނަށް އުނދަގޫވާ ކޮންމެ ކަމެއް ކުރާނެ. މިއީ ފަހަތަށް އެޅި 4 ފިޔަވަޅު. ގިނަ ގައުމުތަކުން މިފަދަ އުނދަގޫކުރުންތައް ހުއްޓާލާފައިވާ އިރު މިއީ ހަމަ ޖެއްސުމުގެ ސިޔާސަތެއް. ޓުރިޒަމް ޕްރޮމޯޓް ކުރާ ފަރާތްތަކުން ބުނަނީ ކީކޭބާ.
5 0

އިބުރާ

23 ނޮވެމްބަރު 2022
ތިޔައީ ހާދަ އުނދަގޫ ފޯމެކޭ! ތިޔަކަހަލަ ބޭކާރު ފޯމުތައް ނައްތާލުމުގަ ކުރިން ރާއްޖެއަކީ ލާމަސީލު ގައުމެއް، އެހެން ނަމަވެސް މިފަހަރު މިވީ އެހެންގޮތެއް
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް