އޭސީސީގެ އޮފީސް: މި މައްސަލައިގައި ފިޔަވަޅު އަޅާފައިވަނީ އޭސީސީގެ އެސިސްޓަންޓް އިންވެސްޓިގޭޓިވް އޮފިސަރެއްގެ މަގާމުގައި ހުރި އިބްރާހިމް އަލީއަށް. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ހައި ކޯޓު

އަމީރަށް ތުހުމަތުވާ ޗާޓު ހެދި މީހާއަށް އެޅި ފިޔަވަޅު ބާތިލުކުރުން މަޑުޖައްސާލަން އަންގައިފި

ހައި ކޯޓުން އެ ވަގުތު އަމުރު ނެރުނީ ޓްރައިބިއުނަލްގެ ނިންމުން އެ ކޯޓުގައި އިސްތިއުނާފް ކުރުމުން ބަލަމުން އަންނަ މައްސަލައިގައި ގޮތެއް ނިންމަންދެން
29 ސެޕްޓެމްބަރު 2022

ކޮވިޑުގެ ތެރޭގައި ވެންޓިލޭޓަރުތަކެއް ގަތުމުގައި ހިންގި ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައާ ގުޅުވައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކުރައްވާ ވިޔަފާރި ކަމަށް ބުނާ ވިޔަފާރިއެއްގެ ގުޅުން ދައްކުވައިދޭ ޗާޓެއް ތައްޔާރުކުރި ކަމުގެ ތުހުމަތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މުވައްޒަފަކަށް ފިޔަވަޅު އެޅީ ގޯސްކޮށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަނޑައެޅި ނިންމުން ތަންފީޒުކުރުން ފަސްކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މައްސަލައިގެ ފެށުން - 'އޮށްވަޅު' ކިޔާ ފޭސްބުކް ޕޭޖެއްގައި 9 މެއި 2020ގައި ލީކުކޮށްލި، އަމީރުގެ ވިޔަފާރި ކަމަށް ބުނާ ވިޔަފާރިއެއްގެ ގުޅުން ދައްކުވައިދޭ ޗާޓު ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވުނީ އޭސީސީގެ އެސިސްޓަންޓް އިންވެސްޓިގޭޓިވް އޮފިސަރެއްގެ މަގާމުގައި ހުރި އިބްރާހިމް އަލީ އަށެވެ. އޭރު އޭނާ ހުރީ އެ ކޮމިޝަންގެ އިންޓެލް ޔުނިޓް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެގެންނެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ޑިސިޕްލިނަރީ މައްސަލައެއް ބަލައި އިންޓެލް ޔުނިޓުން އަމަލު ކުރަން ޖެހޭ އުސޫލުތަކާ ހިލާފަށް އިބްރާހިމް އަލީ އަމަލުކޮށްފައިވާ ކަމަށް ކަނޑައަޅައި އޭނާއާ މެދު އިސްލާހީ ފިޔަވަޅު އަޅަން އޭސީސީން ނިންމި އެވެ. އެގޮތުން:

  • އޭނާގެ ވަޒީފާ އިންޓެލް ޔުނިޓުން އިންވެސްޓިގޭޝަން ޔުނިޓަށް ބަދަލުކުރި

  • އިންޓެލް ޔުނިޓުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއި އެ ޔުނިޓުގެ ވެރިޔާގެ ހައިސިއްޔަތުން އޭނާއަށް ދީފައި ހުރި އެކި ހުއްދަތައް ކަނޑަލާން ނިންމި

ވީ ކިހިނެއް؟ - އިބްރާހިމް އަލީގެ ފަރާތުން ވަނީ އޭސީސީގެ ނިންމުން ބާތިލު ކަމަށް ކަނޑައަޅައިދިނުމަށް އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ ޗާޓު ހަދާފައި ވަނީ އޭސީސީގެ 'ބޮލި' ޑޭޓާބޭސްއަށް އެކްސެސް ވެގެން ހޯދި މައުލޫމާތުގެ މައްޗަށް ކަމަށް އެ ކޮމިޝަނުން ބުނި ނަމަވެސް، އިބްރާހިމް އަލީ އެ ކަމަށް އިންކާރު ކުރި އެވެ.

ތަފްސީލް - އިބްރާހިމް އަލީ ބުނެފައި ވަނީ:

  • ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އަމީރުގެ ވިޔަފާރި ކަމަށް ބުނާ ވިޔަފާރީގެ ގުޅުން ދައްކުވައިދޭ ޗާޓެއް ތައްޔާރުކުރީ، ސިއްހީ އާލާތްތައް ފުޅާ ދާއިރާއެއްގައި ރާއްޖެ އެތެރެކޮށް ވިއްކާ މެޑްޓެކް މޯލްޑިވްސް އާއި އަމީރުގެ ވިޔަފާރީގެ ގުޅުން އޮންނަ ކަމަށް އިންފޯމަންޓަކު ދިން މައުލޫމާތަކާ ގުޅިގެން ކަމަށް 

  • އެ ޗާޓު ތައްޔާރުކުރީ ހަމައެކަނި އިންފޯމަންޓު ދިން މައުލޫމާތުގެ މައްޗަށް ކަމަށް 

  • އެ ޗާޓު ހަދަން 'ބޮލި' ޑޭޓާބޭސްއަށް ވަދެފައި ނުވާނެ ކަމަށް

ނަމަވެސް، އޭސީސީން ބުނީ އިންފޯމަންޓު މައުލޫމާތު ހިއްސާކުރި ތާރީހުގެ ފަހުން، އެ ޑޭޓާބޭސް މެދުވެރިކޮށް، ލީކުކޮށްލި ޗާޓުގައި ބަޔާންކޮށްފައިވާ ދެ ކުންފުންޏާއި މީހުންގެ ޕްރޮފައިލްތަކަށް އިބްރާހިމް އަލީ ވަދެފައި ވާކަން އެނގޭ ކަމަށެވެ.

އިބްރާހިމް އަލީ ބުނީ އޭނާ އެ މައުލޫމާތު ހޯދީ އޭސީސީގެ މުވައްޒަފެއްގެ ހައިސިއްޔަތުން ތަހުގީގުގެ ބޭނުމަށް ކަމަށެވެ.

ނަމަވެސް، އޭނާ ވަނީ އެ ޗާޓު ތައްޔާރުކުރުމަށް ފަހު އިންފޯމަންޓަށް އެ ޗާޓު ފޮނުވައިފަ އެވެ. އޭސީސީން ބުނީ އެ ޗާޓަކީ އެ ކޮމިޝަންގެ ރަސްމީ ލިޔުމެއް ކަމަށާއި އިންފޯމަންޓާ އެ ޗާޓު ހިއްސާކުރުމަކީ އިބްރާހިމް އަލީ ސޮއިކޮށްފައިވާ ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.

ޓްރައިބިއުނަލްގެ ނިންމުން - ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެ މައްސަލަ ނިންމީ އިބްރާހިމް އަލީއާ އެއްކޮޅަށެވެ. ޓްރައިބިއުނަލުން ނިންމީ:

  • އޭސީސީން އިބްރާހިމް އަލީއާ މެދު އިސްލާހީ ފިޔަވަޅު އެޅީ އެ ކޮމިޝަންގެ ގަވައިދާ ހިލާފަށް ކަމަށް 

  • އެ ފިޔަވަޅު ބާތިލުކޮށް، އޭނާއާ މެދު އެޅި އިސްލާހީ ފިޔަވަޅާ ގުޅޭ ހުރިހާ ލިޔުންތައް އިބްރާހިމް އަލީގެ ޕާސަނަލް ރެކޯޑުން އުނިކުރަން އަމުރުކުރި

ހައި ކޯޓުގެ އަމުރު - އޭސީސީން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި ހައި ކޯޓުން މައްސަލައިގައި ގޮތެއް ކަނޑައަޅަން ދެން ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ވެސް އެ ކޮމިޝަނުން އެދުނެވެ.

ހައި ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނީ، އޭސީސީން ހުށަހަޅާފައިވާ ސަބަބުތަކަށް ބަލާއިރު، ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުން ފަސްކުރަން ޖެހޭ ފަދަ ސަބަބެއް އޮތް ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން، ހައި ކޯޓުން މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން އެ ނިންމުން ތަންފީޒުކުރުން ފަސްކުރަން ވަނީ އަމުރުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް