Majlis 2024

މޭ 1994: ރާއްޖޭގެ އޭރުގެ ހާރިޖީ ވަޒީރު ފަތްހުﷲ ޖަމީލް ހަވީރުނެޓް ލޯންޗްކޮށްދެއްވުމަށް ފަހު ނޫހުގެ ޚަބަރުތައް ވިދާޅުވަނީ.

އިންޓަނެޓް

އިންޓަނެޓް ތައާރަފް ކުރުން: ނޫސްވެރިކަމުގެ އާ ދައުރެއްގެ ފެށުން

އިންޓަނެޓާ އެކު ރާއްޖޭގެ ނޫސްވެރިކަން އާ މަރުހަލާއަކަށް ބަދަލުވެ ކޮންމެ މީހަކަށް ވެސް އިންޓަނެޓްގައި ލިއުން ޝާއިއުކުރުމުގެ ފުރުސަތު ލިބުނު
14 އޮކްޓޯބަރު 2021

ރާއްޖެއަށް އިންޓަނެޓް 1990ގެ ތެރޭގައި ތައާރަފްކުރިއިރު ޓެކްނޮލޮޖީ އާއި އިންޓަނެޓާ ގުޅުން ހުރި ބޮޑެތި ބަދަލުތަކެއް ދުނިޔެއިން ވެސް ފެންނަމުން ދިޔަ އެވެ. ފާގަކޮށްލެވޭ މުހިންމު އެއް ކަމަކީ ވޯލްޑް ވައިޑް ވެބެވެ. އިންޓަނެޓް އެންމެ އާދައިގެ މީހާއަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެ ފުރުސަތު ފަހިވެގެންދިޔައީ ވޯލްޑް ވައިޑް ވެބް އުފެއްދުމުންނެވެ. އެއީ ރާއްޖޭގައި ވިޔަފާރިކުރާ މަދު ކޮމްޕިއުޓާ ކުންފުނިތަކަކުން އިސްނަގައިގެން ޓެކްނޮލޮޖީ ފެއާތައް، އަހަރަކު އެއް ފަހަރު، ބާއްވަމުން އައި ދުވަސްވަރެކެވެ. ރާއްޖޭގައި މައިކްރޮސޮފްޓް ވިންޑޯސް95 ލޯންޗްކުރީ މާލޭ ސޯޝަލް ސެންޓަރުގައި އޮތް އައިޓީ ފެއާގަ އެވެ. 

1995 - މާލޭގައި އޮތް ޓެކްނޮލޮޖީ ފެއާއެއްގައި ހަވީރުނެޓްގެ ސްޓޯލް. (ފޮޓޯ/އަލީ ރަފީގް)

އޮންލައިން ނޫސްވެރިކަމުގެ ފެށުން - ރާއްޖޭގެ އޮންލައިން ނޫސްވެރިކަމުގެ ފެށުން ކަމަށް ވާ'ހަވީރުނެޓް' ވެސް މި ފެއާގައި އާންމުންނަށް ދައްކާލުން އޮތެވެ. ކޮމްޕިއުޓަރަކާއި މޯޑަމެއް ބޭނުންކޮށްގެން، ނޫހުގެ އޮފީހުގައި ގާއިމްކޮށްފައިވާ ކޮމްޕިއުޓާ ސާވާ އަށް ވަދެ ރާއްޖެ އާއި ދުނިޔޭގެ ހަބަރުތައް ކިޔައިލުމުގެ ފުރުސަތު ލިބުމުން ގިނަ ބަޔަކަށް ޓެކްނޮލޮޖީގެ މި ކުރިއެރުމުން ހައިރާންކަމެއް ވެސް ލިބުނެވެ. ހަވީރުނެޓަކީ މޭ 1994ގައި ގާއިމްކުރި ސިސްޓަމެކެވެ. އިޝްތިރާކް ދައްކާ ފަރާތްތަކަށް ގޭގައި ތިބެގެން ޚަބަރުތައް ކިޔައިލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ގާއިމްކުރި ރާއްޖޭގެ ފުރަތަމަ އޮންލައިން ނިއުސް ޕޯޓަލް އެވެ. އެއިރު އިންޓަނެޓާ ގުޅިފައި ނެތް ނަމަވެސް ފޯނު މެދުވެރިކޮށް ޑައަލްއަޕް ކަނެކްޝަނުން މި ޕޯޓަލްއަށް ވަނދެ ޚަބަރު ކިޔައި، އަދި ބޭނުންކުރާ އެހެން ފަރާތްތަކާ ޗެޓް ވެސް ކުރެވެ އެވެ.

  • އެނގުން މުހިންމު - 1990ގެ ދުވަސްވަރަކީ ދުވަހު ނޫސްތަކާއި ހަފްތާ ނޫސް އަދި މަޖައްލާތައް ޗާޕްކޮށް ވިއްކި ދުވަސްވަރެވެ.  އެމޭޒަން، ސާޗް އިންޖީން ޔާހޫ އަދި އީބޭ އުފެއްދީ 1995ގަ އެވެ. ވެބް ބްރައުޒްކުރުމަށް މައިކްރޯސޮފްޓުން އިންޓަނެޓް އެކްސްޕްލޯރާ އުފެއްދީ ވެސް އެ އަހަރު އެވެ. އޭގެ ތިން އަހަރު ފަހުން ގޫގްލް -- މިހާރު ދުނިޔޭގެ އެންމެ ބޮޑު އެއް މީޑިއާ ކުންފުނި -- ވުޖޫދަށް އަ އެވެ. ދުނިޔޭގެ އޮންލައިން ނޫސްވެރިކަމަށް ބަލާއިރު، 1990 ގެ ކުރީކޮޅުން ފެށިގެން އެމެރިކާގެ މަދު ނޫސްތައް ކޮމްޕިއުސާވް، އެމެރިކާ އޮންލައިން ނުވަތަ އަމިއްލަ ބުލެޓިން ބޯޑް ސިސްޓަމް މެދުވެރިކޮށް ލިބެން ހުއްޓެވެ. މީގެ ތެރޭގައި ސީއެންއެން، ޝިކާގޯ ޓްރިބިއުން، ޓައިމް އޮންލައިން، ފޯބްސް މަޖައްލާ ހިމެނެ އެވެ. ނަމަވެސް އިންޓަނެޓްގައި ނޫސް ޝައިއުކުރަން ފަށާފައިވަނީ 1994 އިން ފެށިގެންނެވެ.

ހަވީރުނެޓް: 22 ޑިސެމްބަރު 1994ގައި މާލޭ ސްކޫލެއްގައި ބޭއްވި އައިޓީ ފެއާއެއްގައި.(ފޮޓޯ/އަލީ ރަފީގް)

ދިވެހިނެޓް - އޭގެ ދެ އަހަރު ފަހުން 14 އޮކްޓޫބަރު 1996 ގައި  ރާއްޖެއަށް ދިރާގުން 'ދިވެހިނެޓް'ގެ ނަމުގައި ޑައަލްއަޕް އިންޓަނެޓް ތައާރަފްކުރުން ވީ ރާއްޖޭގެ ނޫސްވެރިކަމުގެ އާ ދައުރެއްގެ ފެށުމަކަށެވެ. ޗާޕްކޮށްގެން ނޫސް ނެރުމަކީ ޚަރަދު ބޮޑު އަދި އެކި ސަބަބުތަކާ ހެދި މަދު ބަޔަކަށް ނޫނީ ކުރަން ދަތިކަމެކެވެ. ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުޑަވެފައި ސިޔާސީ ނުފޫޒުގެ ސަބަބުން ޗާޕްކޮށްގެން ނޫސް ނެރުމަކީ ފަސޭހަ ކަމެއް ވެސް ނޫނެވެ. ނޫސްތަކަށް ދަތިކޮށް އަދި ޗާޕްކޮށްފައި ހުންނަ މަޖައްލާތައް ހިފަހައްޓައި ނޫސްވެރިންނަށް އެކި ގޮތްގޮތަށް ބިރުދެއްކުމަކީ އެ ދުވަސްވަރު ދިމާވާ ކަންކަމެވެ.

1995 - މާލޭގައި އޮތް ޓެކްނޮލޮޖީ ފެއާއެއްގައި ހަވީރުނެޓްގެ ސްޓޯލް.(ފޮޓޯ/އަލީ ރަފީގް)
  • ފުރަތަމަ އިންޓަނެޓް ނޫސް - ނަމަވެސް އިންޓަނެޓާ އެކު ރާއްޖޭގެ ނޫސްވެރިކަން އާ މަރުހަލާއަކަށް ބަދަލުވާން ފެށި އެވެ. ކޮންމެ މީހަކަށް ވެސް އިންޓަނެޓްގައި ލިއުން ޝާއިއުކުރުމުގެ ފުރުސަތު ލިބުނެވެ. ނޫސްވެރިންގެ އިތުރަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް އޯލްޓަނޭޓިވް ނޫސްވެރިކަން ކުރަން ފެށި އެވެ. އެދުވަސްވަރު، ވަކި ޑޮމެއިންއެއް ހޯދައި، ވެބްސައިޓެއް ހެދުމަކީ ރާއްޖޭގައި އުޅޭ ބަޔަކަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. އެއީ އިންޓަނެޓް ތައާރަފްވިއިރު އެފަދަ ނިޒާމެއް ރާއްޖޭގައި ގާއިމްވެފައި ނެތީމަ އެވެ. އެ ދުވަސްވަރު ރާއްޖޭގެ އެންމެ ބޮޑު ނޫސް ހަވީރުން ނޮވެމްބަރު 1996ގައި އިންޓަނެޓްގައި ހަވީރު ޝައިއުކުރަން މަސައްކަތްކުރި އެވެ. އެންމެ ފުރަމަ ވެސް ދިމާވީ ޓެކްނިކަލް މައްސަލައަކަށް ވުރެ ބޮޑަށް ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވި ހުރަހެވެ. އިންޓަނެޓްގައި ނޫސް ނެރުމަކީ އާ ކަމެއް ކަމަށާއި އެކަމަށް ގަވާއިދެއް ހެދިގެން ނޫނީ ހުއްދަ ލިބެން ނެތް ކަމަށް ސަރުކާރުން އެންގި އެވެ. އޮންލައިން ނޫހެއް ނުރުމަކީ ހުއްދަ ހޯދަން ޖެހޭ ކަމެއް ކަމަށް ނުދެކޭތީ،  އޮންލައިން ނޫސް ލޯންޗްކުރުމުގެ ރަސްމިއްޔާތަށް ދުރާލާ ޗާޕްކުރި ދައުވަތު ކާޑުތައް ވެސް ޖެހުނީ އުކާލާށެވެ.

ހަވީރު އޮންލައިންގެ ހޯމްޕޭޖް ގެ ސްރީންޝޮޓެއް: ހަވީރު އިންޓަނެޓްގައި ޕަބްލިޝްކުރަންފެށީ 1 ޖެނުއަރީ 1997ގައި.
1998 - ބްރޭކިން ނިއުސް އޮންލައިންކޮށް ކަވަރުކުރުމުން ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް ވަގުތުން ޚަބަރާއި މައުލޫމާތު ލިބެމުންދިޔަ.

ކޮންމެއަކަސް އެކި ފަރާތްތަކާ ގުޅައިގެން، އިންޓަނެޓްގައި ނޫސް ޝާއިއުކުރުމުގެ ހުއްދަ އެންމެ ފަހުން ލިބުނީ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ. އިންޓަނެޓްގައި ޝާއިއުކުރަން ފެށި ރާއްޖޭގެ ފުރަތަމަ ނޫހުގެ ޝަރަފު ހަވީރު ނޫހުން ހޯދީ 1 ޖެނުއަރީ 1997ގައި 'ހަވީރު ޑެއިލީ އޮންލައިން' ލޯންޗްކުރުމާ އެކު އެވެ. ފުރަތަމަ ޑޮމެއިން އަކީ ހަވީރު.ކޮމް އެވެ. އެ ދުވަސްވަރު އިންޓަނެޓްގައި ބޭނުންކުރެވޭ ގޮަތަށް ތާނަ ފޮންޓެއް ހަދާފައި ނެތުމާ އެކު ޚަބަރުތައް ޖެހެނީ ސްކޭން ކޮށްފައި އެކި ވެބް ޕޭޖްތަކަށް އަޕްލޯޑްކުރާށެވެ. ނަމަވެސް 2000 ގައި ހަވީރު ޑެއިލީ އޮންލައިންގެ ޑިޒައިނަށާއި ބޭނުންކުރާ ޓެކްނޮލޮޖީއަށް ބޮޑު ބަދަލުތަކެއް ގެނަ އެވެ. ތާނަ ފޮންޓް ބޭނުުންކުރެވޭ ގޮތް ހަދަން ވެބްފޮންޓް ޕްލޭޔާއެއް ހިމެނުމާ އެކު، ޚަބަރުތައް ޑޭޓާބޭސްއެއް މެދުވެރިކޮށް ވެބް ޕޭޖްތަކުން ދައްކާ ގޮަތަށް ވެސް ބަދަލުކުރި އެވެ. ވެބް ޕޭޖްތައް ތައްޔާރުކުރަން އެންމެ ފުރަތަމަ ބޭނުންކުރީ މައިކްރޯސޮފްޓް ފްރޮންޓް ޕޭޖެވެ. 

1998 - ބްރޭކިން ނިއުސް އޮންލައިންކޮށް ކަވަރުކުރުމުން ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް ވަގުތުން ޚަބަރާއި މައުލޫމާތު ލިބެމުންދިޔަ.
  • ޚަބަރު ދުވަހުން ދުވަހަށް - ފުރަތަމަ ފަހަރަށް ރާއްޖޭގެ ޚަބަރުތައް އިންޓަނެޓް މެދުވެރިކޮށް ލިބެން ފެށުމަކީ ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ވަރަށް ބޭނުންތެރި ޚިދުމަތެއްގެ ފެށުމެކެވެ. ޗާޕްކުރާ ހަވީރު ނޫސް ގޭގެއަށް ބެހުމުގެ ކުރިން އޮސްޓްރޭލިއާ ނުވަތަ އިނގިރޭސިވިލާތުގައި ދިރިއުޅޭ މީހުންނަށް ކިޔާލަން ލިބެ އެވެ. އެއީ ނޫސްކިއުމުގެ މުޅިން އާ ތަޖުރިބާއެކެވެ. އަދި ޚަބަރުތައް ކިއުމަށް ކިއުންތެރިން ވެބްސައިޓް މެދުވެރިކޮށް ފޮނުވަމުންދިޔަ ތަފާތު ޚިޔާލުތަކާ އެކު އިންޓަރެކްޓިވް، އާންމުން ބައިވެރިވާ ނޫސްވެރިކަމެއް ވެސް ފަށަން މަގުފަހިވި އެވެ. ބައެއް ބޮޑެތި ހާދިސާތައް ވަގުތުން ކަވަރުކުރުމުގެ އިތުރަށް ފުޓްބޯޅަ ފަދަ ރާއްޖޭގައި މަޝްހޫރު ކުޅިވަރު މުބާރާތްތައް ވެސް ވަގުތުން ގެނެސްދިނެވެ.

  • 1999 - 8ވަނަ ސާފް ގޭމްސް އަށް ޚާއްސަކޮށް ހަދާފައިވާ ވެބް ޕޭޖް.
  • 2000 - އާއަހަރުގެ ޚާއްސަ ކަވަރޭޖް
  • 2003 - މިއަދު ނޫހުގެ ވެބްސައިޓްގެ ސްކްރީންޝޮޓެއް

އެދުވަސްވަރު ޗާޕްކޮށްގެން ނެރެމުން އައި ދެ ދުވަހު ނޫސް ކަމަށްވާ އާފަތިސް އާއި މިއަދު ނޫހުން ވެސް 1998ގައި އިންޓަނެޓްގައި ނޫސް ޝާއިއުކުރަން ފެށި އެވެ. އޭގެ ފަހުން ރާއްޖޭގައި އިންޓަނެޓާއި ފޯނުގެ ޚިދުމަށް ފުޅާވަމުން ދިޔަވަރަކަށް އިންޓަނެޓް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވި އެވެ. ހަމައެއާ އެކު އޮންލައިން ނޫސްތައް ބޭނުންކުރާ މީހުންގެ އަދަދު ވެސް އިތުރުވާން ފެށި އެވެ. ތިރީގައި މިވަނީ ހަވީރު ޑެއިލީ އޮންލައިންގެ ބައެއް މައުލޫމާތެވެ:

  •  1997 – 120,000 (ހިޓްސް/އެވްރެޖްކޮށް މަހަކު)

  •  2003 - 500,000 (ހިޓްސް/އެވްރެޖްކޮށް މަހަކު)

  • 2004 މޭ - 1 މިލިއަން ހިޓްސް

  • 2004 ޖޫން - 629،000 ހިޓްސް

  • 2004 ޖުލައި - 349،000 ހިޓްސް

  • 2009 މޭ - 4 މިލިއަން ހިޓްސް

ރާއްޖޭގެ މިޒަމާނުގެ މުވާސަލާތީ ޚިދުމަތުގެ ފެށުމަކީ އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔާލެސް އިން 7 މޭ 1977 ގައި މާލޭގައި ފެށި ހިދުމަތެވެ. އެކި ގައުމުތައް ކޭބަލް އެންޑް ވަޔާލެސްގެ އެކްސްޗޭންޖް ބޭނުންކޮށްގެން ގުޅުމުގެ ފުރުސަތު ފަހިވުމުގެ އިތުރަށް ރާއްޖޭގެ ޓެލެފޯން އެކްސްޗޭންޖް ވެސް ފުޅާވެ ފޯނުގެ ޚިދުމަށް ގިނަ ބަޔަކަށް ލިބެންފެށި އެވެ. އޭގެ 11 އަހަރު ފަހުން، 1 އޮކްޓޫބަރު 1988 ގައި ކޭބަލް އެންޑް ވަޔާލެސް އާއި ސަރުކާރުގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ގޮތަށް ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު) އުފެއްދި އެވެ. ދިރާގުން ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ފުޅާކުރަން ކުރަމުން އައި ބައެއް ކަންތައްތަކުގެ ތެރޭގައި ތިރީގައި މިވާ ޚިދުމަތްތައް ފާހަގަކޮށްލެވެ އެވެ.

  • 1991 - ޕޭޖަރުގެ ޚިދުމަތް ތައާރަފް ކުރުން

  • 1996 - އިންޓަނެޓްގެ ޚިދުމަތް ފެށުން

  • 1997 - މޯބައިލް ފޯނުގެ ޚިދުމަތް ފެށުން

  • 1999 - ރާއްޖޭގެ 200 ރަށަށް ފޯނުގެ ޚިދުމަތް ދިނުން

  • 1999 - މޯބައިލް ފޯނު ޖީއެސްއެމް ސިސްޓަމަށް ބަދަލުކުރުން

  • 2006 - އޭޑީއެސްއެލް ތައާރަފްކުރުން

  • 2006 - ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ސަބްމެރިން ކޭބަލުން ގުޅާލުން

  • 2010 - 3ޖީގެ ޚިދުމަތް ފެށުން

  • 2013 - 4ޖީގެ ޚިދުމަތް ފެށުން

  • 2014 - އަލްޓްރާފާސްޓް ބްރޯޑްބޭންޑް ތައާރަފްކުރުން

މިހާރު ދިރާގުގެ އިތުރަށް އިންޓަނެޓާއި މޯބައިލް ފޯނުގެ ޚިދުމަތް އުރީދޫން ވެސް ދެ އެވެ. އުރީދޫގެ ފެށުމަކީ މުވާސަލާތީ ޚިދުމަތުގެ އަގުހެޔޮކުރުމުގެ ގޮތުން ސަރުކާރުން ކަނޑައެޅި ސިޔާސަތުގެ ދަށުން އިތުރު ފަރާތަކަށް މުވާސަލާތީ ލައިސަންސް ދޭން 2004ގައި ނިންމި ނިންމުމެވެ. އޭގެ އެއް އަހަރު ފަހުން ގަތަރުގެ ވަތަނިއްޔާ ޓެލެކޮމް އިންޓަނޭޝަނަލް އިން ޖީއެސްއެމް މޯބައިލް މޯބައިލްގެ ހިދުމަތް ތައާރަފްކުރި އެވެ. އަދި އަތޮޅުތެރެއަށް ވެސް މޯބައިލް ފޯނުގެ ގުޅުން ފުޅާކުރި އެވެ. އަދި 2015ގައި ރާއްޖޭގެ ތިން ވަނަ އިންޓަނެޓް ސާވިސް ޕްރޮވައިޑާއަކަށް އުރީދޫ ވި އެވެ.

އިންޓަނެޓާއި މޯބައިލް ނެޓްވޯކް މުޅި ރާއްޖެއަށް ފުޅާވެގެން ދިޔަވަރަކަށް އޮންލައިން ނޫސްވެރިކަން ވެސް ދިޔައީ ފުޅާވަމުންނެވެ. ނޫސްވެރިކަމުގެ މަސައްކަތުގައި އިންޓަނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުން އިތުރުވެ އަދި އޮންލައިން ނޫސްތަކުން ޚަބަރު ކިޔާ އަދި ބަލާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ އެވެ. މިހާރު އެކި ފެންވަރުގެ އޮންލައިން ނޫސްތައް ރާއްޖޭގެ އެކި އަތޮޅުތަކުގައި ނެރެމުން އެބަ ދެ އެވެ. އިންޓަނެޓާއި މުވާސަލާތީ ޓެކްނޮލޮޖީ މިހާރު މިވަނީ އާންމުން ބާރުވެރިކުރުވައިފަ އެވެ. އަދި މިހާރު ލިބިފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާ އެކު ނޫސްވެރިކަން ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ.

ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ފުޓްބޯޅަ މެޗެއްގެ ލައިވް ކަވަރޭޖް ހަވީރު އޮންލައިން އިން ގެނެސްދެނީ.
info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް