އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދުގެ ކެމްޕެއިން ނިންމާލުމަށް ބޭއްވި ހިނގާލުން. (ފޮޓޯ/އަބްދުﷲ އިޔާން)

ސިޔާސީ

މިވަގުތުގެ ބޮޑު ސުވާލު: ނަޝީދު ދެން ހައްދަވާނީ ކިހިނެއް؟

އިންތިހާބުގެ ނަތީޖާއާ ގުޅޭ ގޮތުން ނަޝީދު އެއްވެސް ވާހަކައެއް ވިދާޅު ނުވެ، އިހުތިޔާރު ކުރައްވާފައި ވަނީ ހަނު ހުންނެވުން
29 ޖެނުއަރީ 2023
4

އެމްޑީޕީގެ ތާރީހުގައި ވެސް ބޭއްވި އެންމެ ވާދަވެރި ރިޔާސީ ޕްރައިމަރީ އިއްޔެ ނިމި، ނަތީޖާ މިހާރު ސާފުވެފައި ވާއިރު، މިއަދު ކުރިމަތީ އޮތް އެންމެ ބޮޑު ސުވާލަކީ، އިންތިހާބުން ބަލިވި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދެން ކުރިއަށް ވަޑައިގަންނަވާނީ ކިހިނެއް ހެއްޔެވެ؟ ސިޔާސީ ކުޅިބައިގައި އެ މަނިކުފާނު ދެން އަރުއްވާނީ ކޮން ގޮޅިއަކަށް ހެއްޔެވެ؟

އިންތިހާބުން މޮޅުވެ 2023ގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލީހަށް ލިބުނުކަން ޔަގީންވުމާ އެކު އެ މަނިކުފާނު އެންމެ ފުރަތަމަ ވެސް ވާދަވެރިޔާ ނަޝީދަށް ދައުވަތު ދެއްވީ އެ މަނިކުފާނުގެ ޓީމާ ގުޅިވަޑައިގަތުމަށެވެ. އިންތިހާބުގެ ތެރޭގައި ހިނގި ކަންކަން ހަނދާން ނައްތާލައި އެކުގައި ތިބެން ރައީސް ސޯލިހު ސުލްހައިގެ ދައުވަތެއް ނަޝީދަށް ދެއްވި ނަމަވެސް، ނަޝީދު ހައްދަވާނެ ގޮތް އޮތީ އަދި ނޭނގުމެއްގެ ތެރޭގަ އެވެ. އަދި ގިނަ ބަޔަކު ޖަވާބު ހޯދަން މިހާރު ބޭނުންވާ ސުވާލަކީ ވެސް ނަޝީދު ދެން އަމަލު ކުރައްވާނެ ގޮތެކެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ސާފުވިތާ 12 ގަޑިއިރު ފާއިތުވެގެން ދިޔައިރު ވެސް ނަޝީދު އެއްވެސް ވާހަކައެއް އިންތިހާބުގެ ނަތީޖާއާ ގުޅޭ ގޮތުން ވިދާޅު ނުވެ، އިހުތިޔާރު ކުރައްވާފައި ވަނީ ހަނު ހުންނެވުމެވެ. ރައީސްގެ ދައުވަތަށް ވެސް އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓް ގުނުމުގެ މަސައްކަތް ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ނަޝީދުގެ ކެމްޕޭން އޮފީހުން ހަމައެކަނި ނެރެފައި ވަނީ ވަރަށް ކުރު ބަޔާނެކެވެ. އެ ބަޔާނުގައި ނަޝީދުގެ ޓީމުން ބުނެފައި ވަނީ، ގިނަ ވޯޓް ފޮށިތަކުން ނަޝީދު އޮތީ ކުރީގައި ކަމަށެވެ. ނަމަވެސް، ނަތީޖާއާ މެދު ޝައްކު އުފެދޭ މޭރުމަކުން ބުނެފައި ވަނީ ވާދަވެރިޔާ ކުރި ހޯދާފައިވަނީ އާދަޔާ ހިލާފަށް ވޯޓުލާފައިވާ ވަކި، މަދު ފޮށިތަކެއްގެ ސަބަބުންކަން ފާހަގަކުރެވޭ ކަމަށެވެ. އެ ވާހަކަތަކުން ވެސް އެނގެނީ ނަޝީދާއި ޓީމް ތިބީ ބަލި ގަބޫލުކޮށް، ނަތީޖާ އެހާ ފަސޭހައިން ގަބޫލުކުރާ ގޮތަކަށް ނޫން ކަމެވެ. 

އެހެންވީއިރު، އެމްޑީޕީގެ އެތެރޭގެ ސިޔާސީ ކަންކަން ދެން އެނބުރޭނީ ކިހިނެއް ހެއްޔެވެ؟

ނަތީޖާ އިން ފެންނަނީ 2 ލީޑަރުން އެކުވާ މަންޒަރު

ޕްރައިމަރީ ނިމުނު ނަމަވެސް، އެމްޑީޕީގެ ދެ ލީޑަރުންގެ މެދުގައި އޮތް ސިޔާސީ ވާދަވެރިކަން އަދިވެސް ނިމުމަކަށް އަންނާނެ ކަމަށް ނުބެލެވޭތީ، އެމްޑީޕީގެ އެތެރޭގެ ސިޔާސީ ކަންކަމާ ގުޅޭ ގޮތުން އެ ޕާޓީގެ ބައެއް ބޭފުޅުން، ނަން ހާމަކޮށްގެން ވާހަކަދައްކަވަން ބޭނުންފުޅެއް ނުވެ އެވެ. އެގޮތަށް ޝަރުތުކޮށް، އެމްޑީޕީގެ އެތެރޭގެ ސިޔާސީ ކަންކަން ދެން ވެދާނެ ގޮތެއް ލަފާކުރައްވައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ދެ މެންބަރަކު މިއަދު 'ދައުރު'އާ ވާހަކަދެއްކެވި އެވެ.

އެއް މެންބަރު ވިދާޅުވީ ނަޝީދުގެ މައްޗަށް ރައީސް ސޯލިހު ހޯއްދެވި %21ގެ ކުރިއެރުމަކީ ނަޝީދަށް ލިބުނު ވަރަށް ބޮޑު ފިލާވަޅެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ނަތީޖާ އައުމާ ހަމައަށް ވެސް ގިނަ މީހުންނަށް ހީވެފައި އޮތީ މޮޅުވާ ބޭފުޅަކު މޮޅުވާނީ ވަރަށް ކުޑަ ތަފާތަކުން ކަމެވެ. އެކަމަކު ނަޝީދު ބަލިވީ 8،859 ވޯޓްގެ ތަފާތަކުންނެވެ. ނަޝީދަށް ލިބިވަޑައިގަތީ %39 އެވެ. ރައީސް ސޯލިހު ކާމިޔާބު ހޯއްދެވީ %61ގެ ތާއީދުންނެވެ.

މިދިޔަ އޮގަސްޓުގައި ސޯޝަލް ބޭއްވި އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ރައީސް ސޯލިހާއި ނަޝީދު. (ދައުރު ފޮޓޯ/އެމްޑީޕީ)

އެ ނަތީޖާއަށް ބަލާއިރު، ނަޝީދަށް ދެން އޮތް ޗޮއިސްތައް ވަރަށް މަދު ކަމަށް އެ މެންބަރު ގަބޫލުކުރައްވަ އެވެ.

"ދެތިން ހާސް ވޯޓުން ބަލިވި ނަމަ ނަޝީދު، ރައީސްއާ ދެކޮޅަށް ނިކުންނަވަން ވިސްނެވީސް. އަދި އެއީ ނަޝީދަށް ވެސް ލިބޭ ވަރަށް ބޮޑު ކާމިޔާބެއް އެކަހަލަ ސިޗުއޭޝަނެއް އައި ނަމަ. އެކަމަކު މިހާ ބޮޑު ތަފާތެއް އުޅުނީމާ ނަޝީދު ވެސް ވިސްނަވާނެ ރައީސްއާ ދެކޮޅަށް ނިކުންނަން. އަޅުގަނޑަށް ބެލެވެނީ ދެ ބޭފުޅުން އެކުގައޭ ފަހު ވަގުތު ތިއްބަވާނީ،" އެ މެންބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައީސް ސޯލިހާ ދެކޮޅަށް މިވަގުތު ނުކުންނެވުމަކީ ނަޝީދަށް ޕާޓީ ވެސް ގެއްލިދާނެ ކަމެކެވެ. އެހެންވެ، އެފަދަ ފިޔަވަޅެއް ނަޝީދު އަޅުއްވަފާނެ ކަމަށް އެ މެންބަރު ލަފައެއް ނުކުރައްވަ އެވެ.

"ޕާޓީ ގެއްލުމާ ހަމައަށް ދިޔުން، އެ އެކްސްޓެންޓަށް ދާން ނަޝީދަށް ވޯތެއް ނުވާނެ މިވަގުތު. އެހެން ވީމާ ކަން ނޭނގެ ވިސްނަވަން ނަޝީދު އެ ވަގުތު ނަންގަވަނީ،" އެ މެންބަރު ވިދާޅުވި އެވެ.

ދެން ވާހަކަ ދެއްކެވި މެންބަރު ވެސް ވިދާޅުވި ގޮތުގައި، ނަޝީދު ރައީސް ސޯލިހުގެ ފަހަތަށް ނާރުއްވާ ނަމަ، އެ މަނިކުފާނުގެ ސިޔާސީ ކުރިމަގު އޮތީ ވަރަށް ބޮޑު ޝައްކެއްގެ ތެރޭގަ އެވެ. އެ މަނިކުފާނު ވެސް މިވަގުތުގެ ސިޔާސީ ހަގީގަތް ގަބޫލުކުރައްވަން ޖެހޭ ކަމަށް އެ މެންބަރު ގަބޫލުކުރައްވަ އެވެ. އަދި އެމްޑީޕީ ފަޅިފަޅިވެގެން ދާނެ ފަދަ ނިންމުމެއް ނަޝީދު ވެސް ނަންގަވާނެ ކަމަށް އެ މެންބަރު ވެސް ގަބޫލެއް ނުކުރައްވަ އެވެ.

"ނަޝީދަކީ އަބަދުވެސް އެމްޑީޕީގެ ބޭފުޅެއް. ސިޔާސީ ވާދައިގައި ކެމްޕޭނެއްގެ ތެރެއިން ކަންކަން ހިނގާފައި ހުރި ނަމަވެސް، ނަޝީދު މުޅި ޕާޓީ ހަލާކުވާނެ ފަދަ ކަމެއް ކުރައްވަފާނޭ ކަމަށް ނުބެލެވޭ،" އެ މެންބަރު ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން އެ ދެ ބޭފުޅުން އެކުގައި މަސައްކަތް ނުކުރެއްވެ ހިސާބަކަށް ދިޔަ ކަމަކަށް އަދި ބުނެވޭކަށް ނެތް. އެއަށް ވުރެ ބޮޑެތި ވާދަވެރިން އެބަހުރި ރާއްޖޭގައި ވެސް ސިޔާސީ ގޮތުން އެއްބައިވެ، މަސައްކަތްކޮށްފައި."

'ޕާޓީއެއް ހެދުން: ނުކުރައްވާނެ ކަމެއް'

ޕްރައިމަރީގެ ނަތީޖާއަށް ފަހު ނަޝީދު ހަނު ހުންނެވުމުން އެމްޑީޕީގެ ބައެއް އާންމު މެންބަރުން އެކަން ސިފަކުރައްވަނީ ނަޝީދު ބަލި ގަބޫލުނުކުރެއްވުމެވެ. އަދި އެ ހަނު ހުންނެވުން ބައެއް މެންބަރުން ނަގަނީ ރައީސް ސޯލިހާ އެކު މަސައްކަތް ނުކުރައްވާނެކަން ނަޝީދު ދެއްކެވުމެވެ.

ކުރިން ވާހަކަދެއްކެވި ދެ މެންބަރުން ވެސް ވިދާޅުވި ގޮތުގައި، ރައިސް ސޯލިހާ އެކު ނަޝީދު މަސައްކަތް ނުކުރެއްވުމުގެ ފުރުސަތަކީ ނެތް ފުރުސަތެއް ނޫނެވެ. އެއް މެންބަރު ވިދާޅުވި ގޮތުގައި، ނަޝީދު ގަބޫލުކުރައްވަނީ ރައީސް ސޯލިހު ވަރަށް ބޮޑަށް ސިޔާސީ ގޮތުން "ބޭވަފާތެރިވެފައި"ވާ ކަމަށެވެ. އެހެންވެއްޖެ ނަމަ، ނަޝީދު ރައީސް ސޯލިހަށް މާފު ނުކުރައްވަފާނެ އެވެ.

އެފަދަ ދަނޑިވަޅެއްގައި ނަޝީދު ދެ ގޮތެއް އިހުތިޔާރު ކުރައްވަފާނެ ކަމަށް އެ މެންބަރު ގަބޫލުކުރައްވަ އެވެ. އެގޮތުން، އޭނާ ވިދާޅުވީ އެއް ގޮތަކީ ރައީސް ސޯލިހަށް ކެމްޕޭން ނުކުރައްވައި ނަޝީދު ހަނު ހުންނެވުމެވެ. އަދި މަޖިލީހުގެ ތެރެއިން ސަރުކާރަށް ޕްރެޝަރު ކުރުމާއި ފާޑުވިދާޅުވުން ކުރިއަށް ގެންދިޔުމެވެ. އެހެން ވެއްޖެ ނަމަ، ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު ފަސޭހައެއް ނުވާނެ އެވެ. އެއީ ރައީސް ސޯލިހުގެ ކުރިމަތީގައި އޮތް އުނދަގޫ ރާސްތާއަކަށް ވާނެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވޯޓުލައްވަނީ. (ފޮޓޯ/އަބްދުﷲ އިޔާން)

ދެން އަނެއް ގޮތަކީ، ރިޔާސީ އިންތިހާބުގައި ނިކުންނަ އެހެން ކެންޑިޑޭޓަކަށް ނަޝީދުގެ ތާއީދު އޮތްކަން ހާމަކުރައްވައި ރައީސް ސޯލިހު ބަލިކުރައްވަން އެހެން ބޭފުޅަކާ އެކު މަސައްކަތް ކުރެއްވުމެވެ. އެ މަގުން ނަޝީދު ހިންގެވުން ގާތް ކަމަށް އެއް މެންބަރު ވިދާޅުވި އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އެމްޑީޕީގެ ބާރުވެރިކަން އަލުން ހޯއްދެވުމަށް ނަޝީދަށް އޮތް ގޮތަކީ ސިޔާސީ ގޮތުން ރައީސް ސޯލިހު ބަލިކޮށްލުމެވެ. އެ މަނިކުފާނުގެ ބާރުވެރިކަން ދުއްވާލުމެވެ. އެކަން ކުރެވެން އޮތީ ރިޔާސީ އިންތިހާބުން ރައީސް ސޯލިހު ބަލިކޮށްގެންނެވެ.

"ނަޝީދު ޕާޓީއެއް ހެއްދެވުން އެއީ ހައްދަވާނެ ގޯހެއް. އެ ގޯސް ހިއެއް ނުވެ ހަދާނޭހެން. އެހެނެއް ނޫން، ރައީސް ބަލިކުރައްވަން ނަޝީދު ސިއްރާއި ފާޅުގައި މަސައްކަތް ކުރައްވަފާނެ. އެ މަގުން ހިންގެވުން ވަރަތް ގާތް،" އެ މެންބަރު ވިދާޅުވި އެވެ.

'ނަޝީދު، ރައީސްގެ ފަހަތަށް އަރުއްވާނީ ޑީލަކަށް'

އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވި ގޮތުގައި، މި ނަތީޖާއަކީ ނަޝީދަށް ވެސް ހައިރާން ކަމަކަށް ވާނެ އެވެ. އެކަމަކު ނަޝީދު ރައީސް ސޯލިހާ އެކު މަސައްކަތް ކުރައްވާނީ "ސިޔާސީ ޑީލެއް"ގެ ދަށުން ކަމަށް ބެލެވެ އެވެ. އެގޮތުން، ނަޝީދު ޑިމާންޑް ކުރައްވަފާނެ ކަމަށް އޭނާއަށް ގަބޫލުކުރެއްވޭ ބައެއް ކަންކަމަކީ، އަންނަ ރިޔާސީ އިންތިހާބާ އެކު ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅާލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމާއި ނައިބު ރައީސްއަކަށް ނަޝީދު އެންޑޯސްކުރައްވާ ބޭފުޅަކު ހަމަޖެއްސެވުން ފަދަ ކަންކަމެވެ.

"ނަޝީދަށް ވެސް 15،000 ވޯޓް ލިބިވަޑައިގަތް. އެހެންވީއިރު ނަަޝީދުގެ ސިޔާސީ އެޖެންޑާއަށް ވެސް ޖާގަ ލިބޭ ގޮތަށް ޑިމާންޑްތަކެއް ކުރެއްވުން ގާތް. އެކަަހަލަ ސިޔާސީ ޑީލަކަށް އާދެވޭތޯ ދެ ބޭފުޅުން މަސައްކަތް ކުރައްވަފާނެ،" އެ މެންބަރު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި ނަޝީދު ބޭއްވެވި ބޮޑު ޖަލްސާ. (ފޮޓޯ/އަބްދުﷲ އިޔާން)

އެކަމަކު ސިޔާސީ ވާދަވެރިކަން ގޮސްފައި އޮތް ހިސާބުން ނަޝީދަށް ބާރު ލިބޭ ފަދަ ގޮތަކަށް ރައީސް ސޯލިހު ހިންގަވަފާނެތޯ އެއީ އޮތް ސުވާލެކެވެ. ނަމަވެސް، ރައީސް ކަމުގެ ދެވަނަ ދައުރެއް ކަށަވަރުކުރަން ރައީސް ސޯލިހަށް ނަޝީދަކީ ބާރަކަށް ވާނަމަ، އެ މަނިކުފާނު ވެސް މެދުމިނުގެ ސިޔާސީ ޑީލަކަށް ނަޝީދާ އެކު ވަޑައިގަތުން ކައިރި އެވެ. 

"ވަރަށް އުނދަގޫ ކަމެއް ނަޝީދާ އެކު ސޯލިހު މަސައްކަތް ކުރެއްވުމަކީ ވެސް، މީގެ ކުރިން ކަންކަން ވެފައި އޮތް ގޮތަށް ބަލާއިރު. އިތުބާރުގެ މައްސަލަ އަންނާނެ،" މެންބަރަކު ވިދާޅުވި އެވެ.

ޔަގީންވާ ކަމަކީ އެމްޑީޕީގެ އެތެރޭގެ ސިޔާސީ ކަންކަން ދެން ތަރުތީބު ވާނީ ނަޝީދު ނިންމަވާ ގޮތެއްގެ މައްޗަށް ކަމެވެ. އެ ނިންމުމަށް މުޅި ޕާޓީ އޮތީ އިންތިޒާރުގައި ބަލަބަލަ އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ސޯލިހު ވެވަޑައިގަތަސް، ރާއްޖޭގެ ރައީސްކަން ދިފާއުކުރައްވަން އެ މަނިކުފާނަށް އޮތް މަގުގެ އުނދަގޫ ކަމާއި ފަސޭހަކަން ވެސް ލަފާކޮށްލެވެން އޮތީ ނަޝީދުގެ ނިންމެވުމެއްގެ މައްޗަށެވެ. 

އެކަމަކު ނަޝީދުގެ ކަންކަން ހުންނަ ގޮތުން އެމަނިކުފާނުގެ ނިންމުން ލަފާކޮށްލަން ވެސް ބައެއް ފަހަރު އުނދަގޫވެ އެވެ.

"ނަޝީދަކީ ކުއްލި ކުއްލިއަށް ނިންމުންތައް ނިންމާ ބޭފުޅެއް. އެހެން ވީމާ ވަރަށް އުނދަގޫ ބޭފުޅެއް ޕްރިޑިކްޓްކުރަން ވެސް،" އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.

ކޮމެންޓް (4)

މުޙައްމަދު

30 ޖެނުއަރީ 2023
މަގުމަތީގައި އުޅުއްވާނީ
0 0

އަބްދުﷲ

29 ޖެނުއަރީ 2023
5 ކުޅި ކުރިއަށް ކުޅެލާ ބޭފުޅެއް
0 0

ޢަލީބެ

29 ޖެނުއަރީ 2023
ނަޝީދު އަށް ކެމްޕޭނުކޮށްދިން ގިނަ މެމްބަރުން ތިބީ ކަނޑާލާފަ. ޥޯޓެއް ނުލެވުން.
4 1

ހަސަނު

29 ޖެނުއަރީ 2023
ހައްދަވާނެ ގޮތް އޮތީ ކުރިން ބުނެފަ ދޯ.... އެކަމަކު މިއީ ދުވަހަކުވެސް ދައްކާ ވާހަކަޔަކާ އަމަލާ ދިމާވި ބޭފުޅެއް ނޫންކަންވެސް ދިވެހި ހުރިހާ ރައްޔިތުން މިހާރު ދަނޭ ދޯ؟
10 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް