ވެބްގައި ހަރުކޮށްފައިވާ އާލާތްތަކުން ނަގާފައިވާ ފޮޓޯގެ ކޮލިޓީ. (ފޮޓޯ/ ނާސާ)

ސައިންސް

ވެބް ޓެލެސްކޯޕު އެންމެ ފަހުގެ ތައްޔާރީ މަރުހަލާގައި

ވެބްގެ މަސައްކަތް ފެށުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ އެންމެ ފަހު މަރުހަލާގެ ތައްޔާރީތަކަށް ދެ މަސްދުވަސް ވަރު ހޭދަވާނެ

ފުރިހަމަ އޮޕަރޭޝަނަލް ގާބިލިއްޔަތުކަމާ ހަމައަށް ވާސިލުވުމަށް ޖޭމްސް ވެބް ޓެލެސްކޯޕުން އަނެއްކާ ވެސް މުހިންމު ހަރުފަތެއް ގިރާކޮށްފި އެވެ.

ޖުމްލަ 10 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހަބްލް ޓެލެސްކޯޕުގެ ފަހުލަވާނަކަށް އުފެއްދި ޖޭމްސް ވެބް ޓެލެސްކޯޕު މިހާރު ވަނީ ފުރިހަމައަށް އަމާޒުކޮށް، ސެޓުކޮށްފަ އެވެ. ވެބްގައިވާ ލޯގަނޑުތަކަށް އަލި އެޅުމުން، އެ ޓެލެސްކޯޕުގައިވާ ހަތަރު އާލާތް ބޭނުންކޮށްގެން އެހާމެ ސާފު ފޮޓޯތައް ނެގޭނެ އެވެ.

މިހާރު ހަމައެކަނި ޔަގީންކުރަން ޖެހޭ ކަމަކީ މި ހަތަރު އާލާތް އެންމެ ފުރިހަމައަށް ކެލިބެރޭޓް ކުރެވިފައިވޭތޯ އާއި އެ އެއްޗެހިން ބޭނުންވާ ގޮތަށް އަދި ދެނެގަނެވިފައިވާ ގޮތަށް މައުލޫމާތު ފޮނުވައިދޭތޯ ބެލުމެވެ.

އެކަން ކޮށް ނިންމާލަން ދެ މަސްދުވަސް ވަރު ނަގާނެ އެވެ. އެހާ ހިސާބުން، ފާއިތުވެދިޔަ 30 އަހަރުގެ ތެރޭގައި ހަބްލް ޓެލެސްކޯޕުން ފޮނުވަމުންދިޔަ އަހަރެމެން ހައިރާންކޮށްލާ ފަދަ ފޮޓޯތައް ޖޭމްސް ވެބް ޓެލެސްކޯޕުން ވެސް ފޮނުވަން ފަށާނެ އެވެ.

"ޓެލެސްކޯޕު އެލައިންމަންޓު (ސެޓުކުރުމުގެ) ހަރުފަތް ނިމިފައި މި ވަނީ. ބަރާބަރަށް އަމާޒުކޮށް، އަހަރެމެން މި ވަނީ ފޮޓޯތައް ހަތަރު ސައިންސް އިންސްޓްރޫމަންޓަށް ފޮނުވާފައި،" ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ސީނީއާ ސައިންސް އެޑްވައިޒާ ޕްރޮފެސާ މާކް މެކޯގްރީއަން ވިދާޅުވި އެވެ.

ވެބް ޕްރޮޖެކްޓުގައި އިސް ދައުރެއް އަދާކުރާ އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ވަނީ ވެބްގެ އިންޖިނިއަރިން ފޮޓޯތަކެއް މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފަ އެވެ. މި ފޮޓޯތަކުން، ވެބްގެ ހުރިހާ ބައިތަކެއް މަސައްކަތްކުރަން ޖެހޭ ގޮތަށް ބަރާބަރަށް މަސައްކަތް ކުރާކަން ދައްކުވައިދެ އެވެ.

ނާސާއިން އާންމުކުރި ވެބްގެ އިންޖިނިއަން ފޮޓޯއެއް. (ފޮޓޯ/ ނާސާ)

މި ފޮޓޯތަކުން ދައްކުވައިދެނީ އަހަރެމެންގެ ގެލެކްސީ، މިލްކީވޭގެ ކައިރީގައިވާ ކުޑަ ގެލެކްސީއެއްގެ ފޮޓޯތަކެވެ. އަދި މި ފޮޓޯތަކުން ވެބްގެ އިންސްޓްރޫމަންޓުތައް އެކަތި އަނެކައްޗާ ގުޅިލާމެހިގެން ފުރިހަމައަށް މަސައްކަތް ކުރާކަން ވަނީ ޔަގީންކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް