ގަމީރާ އަންހެނުންފުށީގައި އޭނާ ހައްދާ މިރުސް ދަނޑެއްގައި: ގަމީރާއަށް މި އަހަރުގެ ރޯދަމަސް ތިޔާގިއެއް ނޫން (ފޮޓޯ/ގަމީރާ)

ދަނޑުވެރިކަން

ގަމީރާއަށް މި ރޯދަ މަހު ބަދުނަސީބު؛ އަންހެނުންފުށީގެ ފެން ލޮނުވެ ގަސްތައް ހަލާކުވެއްޖެ

އޭނާ މިހާރު ލަފާކުރަނީ މި މަހުގެ 15ގެ ފަހުން ކޮންމެވެސް ވަރަކަށް ވާރޭ ވެހި، އޭނާގެ ދަނޑުތައް ތިޔާގިވާނެ ކަމަށް
3 އޭޕްރީލު 2022
1

ބ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ އަންހެނުންފުށީގައި އެކަނިމާ އެކަނި ދަނޑުވެރިކަން ކުރާ ގަމީރާ އަލީ ކޮންމެ އަހަރަކު ވެސް ރޯދަ މަހަށް ތައްޔާރުވާން ފަށަނީ ވަރަށް ބޮޑެތި އުންމީދުތަކާ އެކު އެވެ. މި އަހަރު ވެސް ރޯދަ މަސް އައުމުގެ މަހެއްހާ ދުވަސް ކުރިން ތަކެތި ހެއްދުމަށް އޭނާގެ ދަނޑުތަކުގައި ގަސްތައް ޖަހައި ތައްޔާރުވި އެވެ. އެކަމަކު މި ފަހަރު އޭނާއަށް ކުރިމަތިވީ ބޮޑު ބަދުނަސީބަކާ އެވެ. އޭނާގެ ދަނޑުތައް ތިޔާގިވާ ގޮތެއް ނުވި އެވެ. 

"ރޯދައަށް ހެއްދި ގިނަ ގަސްތައް މަރުވެގެން ދިޔައީ. އިރުވައި މޫސުން ދިގުލައިގެން ދިޔައިމާ ރަށުގެ ފެން ލޮނުވީ. އެހެންވެ ހަމަ ނުހެދުނު ގިނަ ތަކެތި،" މި އަހަރުގެ ރޯދައަށް އަންހެނުންފުށިން ބާޒާރަށް ނެރޭ ބާވަތްތަކާ މެދު ސުވާލުކޮށްލަން ގުޅާމުލުން ގަމީރާ ބުންޏެވެ.

"އަޅުގަނޑު ކަނޑައެޅި ޓާގެޓުގެ ތިން ބައިކުޅަ އެއްބައި ވަރު މި ލިބުނީ މި އަހަރު."

އަންހެނުންފުށީގައި ހެއްދި ފަޅޯތަކެއް އެ ރަށުގައި މަސައްކަތް ކުރާ ބަޔަކު ބިދެގެން ގާޑިޔަލަކަށް އަރުވަނީ. (ފޮޓޯ/ގަމީރާ)

ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމާ އެކު ދޭތެރެ ދޭތެރެއިން އަންހެނުންފުށީގެ ފެން ލޮނުވުމުގެ އުނދަގުލާ އޭނާއަށް ކުރިމަތިލާން ޖެހެ އެވެ. ސަބަބަކަށް ވަނީ އެ ރަށަކީ ފެން ފަށަލަ ތުނި ރަށަކަށް ވުމުގެ އިތުރަށް، ކުޑަ ވެސް ރަށަކަށް ވާތީ އެވެ. މި އަހަރުގެ އިރުވައި މޫސުމާއި ރޯދަ މަހާ ދިމާވިއިރު، ގަމީރާ ބުނީ އެ ރަށަށް އެއްވެސް ވަރަކަށް ވިއްސާރަ ނުވެހޭތާ މިހާރު ތިން މަސް ވެދާނެ ކަމަށެވެ. އެހެންވުމުގެ ސަބަބުން މި ފަހަރު ރަށުގެ ފެން މާ ބޮޑަށް ލޮނުވީ ކަމަށް ގަމީރާ ބުންޏެވެ.

ރަށުގެ ފެން ލޮނުވާ ދުވަސް ވަރަށް ތައްޔާރުވުމަށް އެ ރަށުގައި ވާރޭފެން ރައްކާކޮށްފައި ބެހެއްޓި ނަމަވެސް، މި ފަހަރު އިރުވައި މޫސުން ދިގުލައިގެން ދާތީ ވާރޭ ފެން ވެސް އެ ރަށުން ވަނީ ހުސްވެފަ އެވެ. އެހެންވެ، ދަނޑުތައް ހެއްދޭ ވަރަށް އޭނާއަށް ފެނެއް ނުލިބުނެވެ. ގަމީރާ ބުނީ ފަތްޕިލާވެލީގެ ބާވަތްތައް އޭނާ ހައްދަނީ މުޅިން ވެސް ވާރޭ ފެން ޖަހައިގެންނެވެ. ނަމަވެސް ކަރާ، ބަރަބޯ އަދި ފަޅޯ ފަދަ ތަކެތި ހައްދަނީ ރަށުގެ ބިމުން ނަގާ ފެން ބޭނުންކޮށްގެންނެވެ. 

"ބޮޑަށް ފަޅޯ މި ފަހަރު ހެއްދިފައި މި ހުރީ. ގާތްގަނޑަކަށް ހަފްތާއަކު 2،000 ކިލޯ ފަޅޯ ނެރެވޭނެ. ދެން ޓޮމާޓޯ، ބަށި، ކަރާ ކަހަލަ އެއްޗިހި މަދުން އެބަހުރި،" ގަމީރާ ބުންޏެވެ.

ގަމީރާ އަންހެނުންފުށީގައި ދަނޑުހެއްދުމުގެ މަސައްކަތުގައި. (ފޮޓޯ/ގަމީރާ)

ބިމުން ނަގާ ފެން ބޭނުންކޮށްގެން ހައްދާ ތަކެތީގެ ތެރެއިން އެހެން އަހަރުތަކާ އަޅާބަލާއިރު އަންހެނުންފުށިން މި އަހަރު ބާޒާރަށް ނެރެވެނީ ވަރަށް ވެސް މަދު އަދަދެކެވެ. ގަމީރާ ބުނި ގޮތުގައި، އެހެން އަހަރުތަކުގައި 15-20 ޓަނުގެ ކަރާ ބާޒާރަށް ނެރެވޭ އިރު، މި އަހަރު ނެރެވޭނީ އެންމެ ފަސް ވަރަކަށް ޓަނުގެ ކަރަލެވެ. ފެނުގެ ލޮނުކަމާ ހެދި ކޮޕީފަތާއި މިރުސް އެއްވެސް ވަރަކަށް ބާޒާރަށް ނުނެރެވޭ ކަމަށް އޭނާ ބުންޏެވެ. ފަތުގެ ބާވަތްތަކުގެ ތެރެއިން އެ ރަށުން ބާޒާރަށް ނެރެވެނީ ލެޓިއުސް އެކަންޏެވެ.

"މި ގޮތަށް ދިމާވީމާ ވަރަށް ބޮޑު ގެއްލުމެއް މި ވަނީ. މިވެސް ހަމަ ހިސާބު ޖަހައިގެން ކުރާ ވިޔަފާރިއެއް. ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ ތިންބައިކުޅަ އެއްބައި މި ލިބެނީ،" ގަމީރާ ބުންޏެވެ.

ކޮވިޑާ ގުޅިގެން މިދިޔަ ދެ އަހަރަކީ ގަމީރާއަށް ވެސް ފަސޭހަ ދެ އަހަރެއް ނޫނެވެ. ކޮވިޑާ އެކު ރިސޯޓްތައް ވެސް ބަންދުކޮށް، އޮޕަރޭޝަންތައް ރަނގަޅަށް ނުފެށި އޮތުމުން އޭނާގެ ދަނޑުވެރިކަމުގެ ވިޔަފާރި ވެސް އޮތީ މަޑުޖެހިފަ އެވެ. އެހެންވެ، މި އަހަރުގެ ރޯދަ މަހު ރަނގަޅު އާމްދަނީއެއް ނެރެވޭނެ ކަމަށް އޭނާ ހުރީ އުންމީދުކޮށްގެންނެވެ. އެކަމަކު، ފެން ލޮނުވުމުގެ މައްސަލަ ދިމާވެ އޭނާގެ ނަސީބު އަތުގާ ހިފާ ގޮތެއް ނުވި އެވެ.

އަންހެނުންފުށީގައި ހައްދާފައި ދަނޑެއް: އެ ރަށުގެ ފެން ލޮނުވެ، ދަނޑު ހެއްދުމަށް ވަނީ ހުރަސް އެޅިފައި
އަންހެނުންފުށީގައި ހައްދާފައިވާ ބައެއް ތަކެތި މާލެ ފޮނުވަން ތައްޔާރުކޮށްފައި

ނަމަވެސް، ގަމީރާ އުންމީދު ކަނޑައެއް ނުލަ އެވެ. އޭނާ މިހާރު ލަފާކުރަނީ މި މަހުގެ 15ގެ ފަހުން ކޮންމެވެސް ވަރަކަށް ވާރޭ ވެހި، އޭނާގެ ދަނޑުތައް ތިޔާގިވާނެ ކަމަށެވެ. އޭރުން ރޯދަ މަހުގެ ފަހު ދިހައިގައި ތަންކޮޅެއް ގިނައިން ބާޒާރަށް ތަކެތި ނެރެވިދާނެ ކަމުގެ އުންމީދެއް އޭނާގެ އެބަ އޮތެވެ.

"ކުރިއަށް މި އޮތް ދުވަސްތަކުގައި ވިއްސާރަކޮޅެއް ވެހިއްޖެއްޔާ [މި މަހުގެ] 15ގެ ފަހުން ތަންކޮޅެއް ރަނގަޅުވެދާނެ. އެއީ އޮތް އުންމީދަކީ މިހާރު،" ގަމީރާ ބުންޏެވެ.

އޭނާ ބުނާ ގޮތުގައި، އަންހެނުންފުށީގެ ފެން ލޮނުވެ އޭނާގެ ދަނޑުވެރިކަމަށް ހުރަސް އެޅޭ މައްސަލައަށް ދާއިމީ ހައްލެއް ގެނެވެން އޮތީ އެ ރަށުގައި ސާފު ފެން އުފައްދާ ޕްލާންޓެއް ބަހައްޓައިގެންނެވެ. އެ ރަށުގައި މީގެ ކުރިން އެފަދަ ޕްލާންޓެއް ބަހައްޓަން މަސައްކަތް ވެސް ކުރި އެވެ. އެކަމަކު އެ މަސައްކަތް އަދި މުޅިން ނިންމައެއް ނުލެވެ އެވެ.

އޭގެ އިތުރުން، ފެން މަދުން ބޭނުންވާނެ ގޮތަށް ގްރީންހައުސްގައި ތަކެތި ހައްދަން ފެށުމަކީ ވެސް ގަމީރާ ގެންގުޅޭ ވިސްނުމެކެވެ. އޭރުން ފެން ބޭނުން ކުރަން ޖެހޭ ވަރު މަދުވެ، އަވަހަށް ތަކެތި ހެދޭނެ ކަމަށް އޭނާ ބުންޏެވެ.

ގަމީރާ ބުނަނީ ހުރަސްތަކާ އެކު ވެސް އޭނާ ދަނޑުވެރިކަން ހުއްޓާނުލާނެ ކަމަށެވެ.

"އެއްވެސް މީހަކު ހިތްފުރޭ ވަރެއް ނުވާނެތާ. ދެން ދަށްވާ މޫސުމާ މިކަހަލަ ހުރަސްތައް އަންނަ ފަހަރު ފަހަރު އަންނާނެ،" އިންޓަވިއު ނިންމާލަމުން ގަމީރާ ބުންޏެވެ.

ކޮމެންޓް (1)

ހަސަނު

3 އޭޕްރީލު 2022
އަދި ފަހުން ރަގަޅުވާނެ. އިންޝާ ﷲ
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް