ސިއެރަ ލިއޯނުގެ ފުޓްބޯޅަ މެޗެއްގައި ބަޔަކު ސަޕޯޓްކުރަނީ. --ފޮޓޯ/ ބީބީސީ

ފުޓްބޯޅަ

ސިއެރަ ލިއޯނުގެ މެޗެއްގައި 90 އަށް ވުރެ ގިނަ ގޯލް

މި މައްސަލަ ވަނީ ތަހުގީގުކުރަން ފަށާފައި

ސިއެރަ ލިއޯންގެ ދެ ވަނަ ޑިވިޝަނުގެ ފުޓްބޯޅަ މެޗުތަކެއްގައި އާދަޔާހިލާފަށް ތަފާތު ބޮޑު ނަތީޖާތަކެއްގެ ނުކުތް މައްސަލަ އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާން ކުޅުނު މެޗެއްގައި ކަހުންލާ ރޭންޖާސް އިން ލުމްބެބޫ ޔުނައިޓެޑް އަތުން މޮޅުވީ 95-0 އިންނެވެ. އަދި ގަލްފް އެފްސީ އިން ކޮކުއިމާ ލެބަނަން އަތުން މޮޅުވީ 91-1 އިންނެވެ.

ދެ ޓީމަށް ވެސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެވެން އޮތީ ލަނޑުގެ ތަފާތުން ކުރި ހޯދައިގެންނެވެ.

މި މެޗުތަކުގެ ފުރަތަމަ ހާފުގައި އޮތީ 2-0 އާއި 7-1 ގެ ނަތީޖާއަކަށް ވާތީ މެޗުގެ ފުރިހަމަ ނަތީޖާ ގަބޫލުނުކުރަން ވަނީ ނިންމައިފަ އެވެ.

ބީބީސީ ސްޕޯޓްސް އެފްރިކާ އަށް ދެއްވި އިންޓަވިއުއެއްގައި އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ތޯމަސް ޑެޑީ ވިދާޅުވީ މިފަދަ ލަދުވެތި ކަންކަމަށް އަދަބު ނުދީ ނުތިބެވޭނެ ކަމަށެވެ. އެހެންވެ ވަގުތުން ވަގުތަށް ތަހުގީގެއް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

 ކަހުންލާގެ ޗީފް އެގްޒެކެޓިވް ވަނީ މިއީ ކުޅިވަރުގެ ރޫހާ ހިލާފު އަމަލެއް ކަމަށް ވިދާޅުވެ މިކަން ކުށްވެރިކުރައްވައިފަ އެވެ. އެކަމަކު ލުމްބެބޫގެ ޖެނެރަލް މެނޭޖަރު ވަނީ އެއްވެސް ކަހަލަ އޮޅުވާލުމެއް ހިނގި ކަން ނޭގޭ ކަމަށް ވިދާޅުވެފަ އެވެ.

ރަސްމީ ފުޓްބޯޅަ މެޗެއްގައި މިހާތަނަށް އެންމެ ތަފާތު ބޮޑު ނަތީޖާއެއް ނެރުނީ 2001 ވަނަ އަހަރު އެމެރިކަން ސަމޯއާ އަތުން 31-0 އިން މޮޅުވެ އޮސްޓްރޭލިއާ އިންނެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި ދެ ޓީމަށް ކިތަންމެ ފަރަގު ބޮޑުވިޔަސް ފުޓްބޯޅަ މެޗެއްގައި ނިސްބަތުން ތިރީހަކަށް ލަނޑަށް ވުރެ އިތުރަށް ނުޖެހޭނެ އެވެ.

އެހެންވެ ސިއެރަ ލިއޯނުގައި 90 ގޯލަށް ވުރެ ގިނައިން ޖެހުމަކީ ރާވައިގެންކޮށްފައިވާ ކަމަށް ޔަގީންކުރެވޭ ކަމަށް މީޑިއާތަކުން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް